ކުންނު އާއި ވާދީ – 6 ވަނަ ބާބު

11791724_10152974268235423_992826649_n

ފަސްވަނަ ބާބު

ހަވަނަ ބާބު: ހޯދައިގަނެވުން

އުނދަގޫ ކަމާއި ވަރުބަލި ކަމާއެކު އޭނާ ދެކެފަރިތަ ނޫން ވާދީގެ ތެރެއިން ޒުވާނާ ހިނގަމުން ދިޔައެވެ. ވެހެމުން ދިޔަ ވާރޭ އޭނާގެ މޫނު ތެތްމަމުން ދިޔައެވެ. ހިޔާކޮޅެއް ފެނޭތޯ ބެލި ނަމަވެސް ނުހޯދުނެވެ. އޭނާ ހީކުރި ވަރަށް ވުރެ ވެސް އެ ދަތުރު ދަތި ކަމަށް ސާބިތު ވާން ފެށިއެވެ. ފުރަތަމައިން އޭނާ ދަތުރަށް ފެށި އިރު، މި ވާދީ އެހާ ފުން ކަމަަކަށް ނުދައްކައެވެ.

“ކީއްވެތަ މިހެން ކަންތައްތައް ދިމާވާންވީ؟” ހިތްހަމަ ނުޖެހިގެން ޒުވާނާއަށް މަޑުމަޑުން ބުނެވުނެވެ. “ހަޔާތުގައި އަހަރެމެން ތިބެން ޖެހޭނީ އަބަދުވެސް އުފަލުގައެއް ނޫންތަ؟ އަސްލު ކީއްވެތަ އަހަރެމެންނަށް ވާދީތަކެއް ބޭނުންވަނީ؟”

އޭނާގެ ދެ ފައި ވަނީ އެއްކޮށް ތެމިފައެވެ. އަދި ފިނިކަމުން ގޮސް ހީވީ ހަށިގަނޑުގެ އެތެރެއިން ކަށިތައް ވެސް ހީކާރުވާހެންނެވެ. އޭނާ ހުރީ ވަރަށް ބޮޑު ހިތްހަމަ ނުޖެހުމެއްގެ ތެރޭގައެވެ.

ދަތްތައް ތުރުތުރުލަމުން އޭނާ ބުނެލިއެވެ: “ކޮންމެވެސް ދުވަހަކުން ފަހުން އަހަރެންނަށް މި ކަންތައްގަނޑު ހަނދާވެފައި ހިނިއަންނާނެ.”

ބުނެވުނު އެ ވާހަކައާމެދު އޭނާ ވިސްނާލިއެވެ. އަދި އިތުރު ކޮށްލިއެވެ: “ކީއް ކުރަން ފަހަށް މަޑު ކުރަން ވީ؟ މިހާރު ވެސް ހަމަ ހީނުގަންނަންވީ ކީއްވެ؟”

އޭނާ އަޑުގައި ނެތް ތަނަށް ހީނގަތެވެ. އަދި އެ ކަމުން ކުޑަކޮށް ހިތްހަމަޖެހުމެއް ލިބުނެވެ. ދެން އޭނާގެ ހިނިގަނޑުގެ ފަހަތުން ގަދަފަދަ ގުގުރިއެއް ޖެހި އަޑު އައެވެ. ހާސް ވެފައި އޭނާ މައްޗަށް ބަލައިލިއެވެ. އަދި ހޮނު އެޅުމަކުން ސަލާމަތް ވެ ހުރެވޭނެ ކަމަށް އޭނާ އުއްމީދު ކުރިއެވެ.

އޭނާގެ ފައިގައި ރިއްސިއެވެ. އަދި ތޫނު ގާތަކުގެ މަތިން ހިނގުމުން ފައިތިލަ ޒަހަމްވެފައިވެއެވެ. އޭނާ ހަނދާން ވީ މުސްކުޅިޔާ ބުނި ވާހަކައެކެވެ: “ތިބާގެ ދެން އޮތް ކުންނަށް ދެވުން ބިނާވެފައި އޮންނާނީ މިހާރު ހުރި ވާދީއާމެދު އަމަލު ކުރާ ގޮތަކުންނެވެ.”

މި ވާދީ އެހާ ރަނގަޅަށް މެނޭޖް ކުރެވޭ ކަމަކަށް ޒުވާނާ އަށް އިހުސާސެއް ނުކުރެވުނެވެ.

އެންމެ ފަހުން ވާދީގެ އެންމެ ފުން ސަރަހައްދަށް އޭނާއަށް އާދެވުނެވެ. އަދި މަޑުކޮށްލިއެވެ.

އޭނާ ހިނގަމުން އައި މަގު އޮތީ ވާރެއިން އެއްކޮށް ގިރާލައިފައެވެ. ހަނި ނަމަވެސް ގަދަފަދަ ކޯރެއް ފިޔަވާ އެކައްޗެއް ވެސް އޭނާގެ ކުރިމަތިން ފެންނާކަށް ނެތެވެ. އަދި ބަލާބެލުމަށް އެ ކޯރު ހުރަސް ކުރުމަކީ ކުރެވޭނެ ކަމެއް ކަމަކަށް ނުފެނެއެވެ.

“އަހަންނަކަށް ނުވާނެ،” ޒުވާނާ ބާރަށް ބުނެލިއެވެ. “އޮއިވަރު މާ ގަދައީ. ލާކިހެއް ނޫން އަނެއް ފަރާތަށް ހުރަސް ކުރާކަށް.”

ފޭލި ވި ކަން ޒުވާނާ އަށް އިހުސާސް ކުރެވުނެވެ.

އޭނާ އަށް ދެން ޖެހޭނީ އައި މަގުން އެނބުރި ދާށެވެ. އެކަމަކު އެ މުސްކުޅިޔާ އަށް ދެން ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ހުދު އަމިއްލަ ނަފުސަށް ވެސް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟

ޗަކަގަނޑުގެ ތެރޭގައި ޒުވާނާ އިށީނދެލިއެވެ. އަދި ކޯރާ ދިމާއަށް ނަޒަރު ހުއްޓާލިއެވެ. އޭނާ ބިރުގަތީ ހުރަސް ކުރަން ކޯރަށް އެރޭ ވަގުތު އެ އޮއިގަނޑުގައި ޖެހި އަޑިއަށް ދަމައިގެންފާނެތީއެވެ. އޭނާގެ ހިޔާލަށް އައީ ފެން ބޮވި އޭނާ ގަރަގު ވެގެން ދާނެ ގޮތެވެ.

އޭނާ ތުރުތުރުއަޅައިގަތެވެ. އަދި އަމިއްލަ ނަފުސާ ސުވާލު ކޮށްލިއެވެ: “ވާދީއެއްގައި ހުރުން އެހާ ވޭން ބޮޑު ކަމަކަށް ވަނީ ކީއްވެ؟”

އަދި ދެން އޭނާ އަމިއްލައަށް އޭނާގެ ސުވާލަށް ޖަވާބު ދިނެވެ. މުސްކުޅިޔާ ބުނި ވާހަކައެއްގެ މަތިން ހަނދާން ވެފައެވެ:

–          ވާދީއެއްގައި ތަހައްމަލު ކުރެވޭ ވޭނަކުން ތިބާ އިހުމާލުވެފައިވާ ހަގީގަތަކަށް ހޭލައްވާލާނެއެވެ –

އެހެންވީއިރު، އޭނާއަށް ފުރަގަސްދެވިފައިވަނީ ކޮން ހަގީގަތްތަކަކަށް ހެއްޔެވެ؟

ދުރުން ފެންނަން ހުރި އެ އުސް ކުންނާ ދިމާއަށް އޭނާ ބަލައިލިއެވެ.

އޭނާގެ ހިތަށްއެރިއެވެ: “އަހަރެންނަށް އެނގޭހާވެސް އެއްޗަކީ އެ ކުންނުގައި ހުރުމަށް އަހަރެން ވަރަށް ބޮޑަށް ބޭނުންވިކަން.”

މުސްކުޅިޔާގެ ކުންނުގައި ހުރި އޭނާގެ ގެ ކުރިމަތީގައި އޮތް ފަދަ ރީތި ފެންގަނޑެއް މި އާ ކުންނުމަތީގައި ވެސް އޮވެދާނެ ބާވައޭ ޒުވާނާގެ ހިތަށް އެރިއެވެ. ފަހަރެއްގައި މި އާ ކުންނުގައި އޮންނާނެ ފެންގަނޑު މާ ޗާލު ވެސް ވެދާނެއެވެ.

އާ ކުންނު މަތީގެ ތާޒާ ވައި މޫނުގައި ޖެހުމުން ކުރެވޭނީ ކޮން ކަހަލަ އިހުސާސްތަކެއްތޯ ޒުވާނާ ހިތަށް އަރުވާލިއެވެ.

ދެން ޒުވާނާ ވިސްނާލީ ‘ބުއްދިވެރި އަމާޒެއް’ ކަނޑައަޅައިގެން ތިމާގެ ދެން އޮތް ކުންނަށް ފޯރުމަށް މުސްކުޅިޔާ ބުނި ވާހަކައާމެދުއެވެ. ހުރިހާ ފަސް ހިއްސެއް ބޭނުން ކޮށްގެން ކުރިއަށް ވުރެ ވެސް ރަނގަޅު ކުރިމަގެއްގެ ސިފަ އާއި މަންޒަރު ހިތާއި ސިކުނޑީގައި ކުރަހާލައިގެންނެވެ.

ޒުވާނާއަށް ރޭކާލީ ދާދި ދެންމެއަކު އޭނާގެ ހިތުގައި ބިރުވެރި އަމާޒެއް ކުރަހާލެވުނު ގޮތެވެ؛ ކޯރުގެ ތެރެއަށް ގެނބި އޭނާ ގަރަގު ވާނެ ގޮތެވެ.

“ބިރުވެރި އަމާޒެއް”ގެ ވާހަކައެއް މުސްކުޅިޔާއެއް ނުބުނެއެވެ. އެކަމަކު ޒުވާނާގެ ސިކުނޑިއަށް ދެންމެ ފެނުނީ އެ ކަހަލަ މަންޒަރެކެވެ.

ޒުވާނާގެ ހިތަށްއެރިއެވެ: “އެނގި ހުރެ ނުވަތަ ނޭނގި ހުރެ ނަމަވެސް ތިމާ އަބަދުވެސް ކުރާ ކަމަކީ ތިމާގެ ކުރިމަގާމެދު ހިޔާލު ކުރުން ކަންނޭނގެ. އެއީ ބިރުވެރި ނުވަތަ އުފާވެރި ކުރިމަގެއް ވިޔަސް. އަދި މުހިންމީ މި ތަނުން ކުރެ ކޮން އަމާޒެއްތޯ ހިޔާރު ކުރާނީ.”

އަދި ދެން އޭނާއަށް ބުނެވުނެވެ:”އަޅޭ! އެއީ ދޯ!”

ދެން ދުލަށް އައި ބަސްތައް އޭނާ ބޭރުކޮށްލީ ވާރެއާއި ގުގުރީގެ ތެރެއަށް ވަރަށް އަޑުގަދަކޮށެވެ:

–          އަހަރެންގެ ވާދީއަކީ ހަގީގަތުގައި ބިރުގަތުމުގެ އިހުސާސެވެ –

އޭނާ ވިސްނާލިއިރު ތަފާތު ބާވަތްތަކުގެ ވާދީތައް ވެއެވެ. އޭގެ ތެރޭގައި ބައްޔެއް ޖެހުން، ގާތް މީހަކު މަރުވުން، ބިކާރީ ވުން، ނުވަތަ އެހެނިހެން ވެސް މި ކަހަލަ ކަންތައްތައް ހިމެނެއެވެ. މި ބާވަތުގެ ކަންތައްތަކަކީ އޭނާގެ ބާރުގެ ދަށުގައިވާ ކަންތައްތަކެއް ނޫނެވެ. އަދި މި ބާވަތުގެ ވާދީތަކުގެ އަސްލަކީ ކަންކަމާ ބިރުގަތުމެއް ނޫނެވެ.

ނަމަވެސް، ކުރިން ރޭކާލި ނުވަތަ ރޭކާ ނުލި ނަމަވެސް، އޭނާއަށް މިހާރު ވިސްނުނީ އޭނާގެ ގިނަ ވާދީތައް އޭނާ އުފައްދާފައިވަނީ ކަންތައްތަކާމެދު އޭނާ ގަންނަ ބިރެއްގެ ސަބަބުން ކަމެވެ.

ތިމާގެ ވާދީތަކަކީ ތިމާގެ އަތުގައި ތިމާ ބޭނުންވާ އެއްޗެއް ނުވަތަ ކަމެއް ނެތުން ނަމަ، މި ފަދަ އެއްޗެއް ނުވަތަ ކަމެއް ނުލިބިދާނެތީ ނުވަތަ އަތުން ބީވެގެން ގޮސް އަލުން އެނބުރި ނުލިބިދާނެތީ އޭނާ ބިރުގަންނަނީ ބާވައޭ އޭނާގެ ހިތަށްއެރިއެވެ.

އޭނާއަށް އެނގުނު ގޮތުގައި ނުބައި ތަޖުރިބާއެއް ދެމިގެން ހިނގައިދާނެއެވެ. ނަަމަވެސް ގަންނަ ބިރު އެއްކިބާ ކުރެވިއްޖެ ނަމަ، ހަމަޖެހުމުގެ އިހުސާސް ދާދި އަވަހަށް ކުރެވެއެވެ.

މިހާރު ވެސް އޭނާ އެ އިނީ ވާދީއެއްގެ ފުލުގައި ކިސަޑުގަނޑު ތެރޭގައި ތެމިފޯވެގެންނެވެ. އެކަމަކު ވެސް، ބިރު ކަނޑާލެވުމުން ހިތްހަމަޖެހުމުގެ އިހުސާސް ކުރެވެން ފެށިކަމަށް އޭނާއަށް އިއުތިރާފު ވެވުނެވެ.

އޭނާގެ ހަޔާތުގައި ބައެއް ވާދީތައް އުފެއްދުމުގެ ޒިންމާ ނަގަން ޖެހޭނީ އޭނާ ކަމުގެ ހަގީގަތަށް އޭނާ ވަރަށް ގިނައިން ފުރަގަސް ދިން ކަން އޭނާއަށް އެނގެއެވެ.

އޭނާގެ ކުންނުތައް ދިގުދެމިގެން ދިއުމަށް ހަގީގަތުގައި އޭނާ އެދުނެވެ. މިހާރު، ފަސްއެނބުރި ބަލައިލުމުން، އޭނާއަށް ފެނުނީ އޭނާގެ މާޒީގެ ދިރިއުޅުމާއި ވަޒީފާގެ ކުންނުތައް މާ ގިނަ ދުވަހަކު ދެމި ނުއޮތް ކަމެވެ. އޭނާގެ ވާދީތައް ވެސް އެހާ ދިގު ނުދެމުމަށް އޭނާއަށް އެދެވުނެވެ.

ދެން އޭނާ ހީނގަތެވެ: “ނަސީބު ވަޅެއް އަހަރެންގެ އޮންނާނެ ނަމަ… އެއިރުން ނަސީބު ލޯލާރިތަކެއް އެއަށް ވައްޓާލުމުން މި ކޯރުގެ އަނެއް ފަރާތަށް އަހަރެންނަށް ދެވޭނެ ނަމަ.”

އަނެއްކާވެސް އޭނާ ހީނގަތެވެ. އަދި އިތުރު ހަމަޖެހުމެއް އިހުސާސް ކުރެވުނެވެ. އަމިއްލަ ނަފުސާ ދިމާއަށް ހީނގަތުމުގެ ގާބިލުކަން ހުރުމަކީ ރަނގަޅު ކަމެއް ކަން އެނގޭތީއެވެ.

ދެން އޭނާ ހަނދާންވީ އޭނާ ގާތުގައި މުސްކުޅިޔާ ބުނަން މަސައްކަތް ކުރި ވާހަކައެކެވެ. ޖީބުން ނޯޓް ފޮތް ނެގުމަށް ފަހު އޭގައި ޒުވާނާ ލިޔެލިއެވެ:

–          ކުންނެއްގައި ހުންނައިރު ކަންތައްތައް ހަގީގަތުގައި އެ ހުންނަ ރަނގަޅު މިންވަރަށް ވުރެ މާ އިތުރަށް ރަނގަޅު ކަމަށް ދެކުން ހުއްޓާލާށެވެ. ނުވަތަ ވާދީއެއްގައި ހުންނައިރު ކަންތައްތައް ހަގީގަތުގައި އެ ހުންނަ ނުބައި މިންވަރަށް ވުރެ މާ އިތުރަށް ނުބައި ކަމަށް ދުށުން ވެސް ހުއްޓާލާށެވެ. ހަގީގަތަކީ ތިބާގެ ރަހްމަތްތެރިޔާ ކަމުގައި ހަދާށެވެ –

ޒުވާނާ އަނެއްކާވެސް އެއްކަލަ އުސް ކުންނާ ދިމާއަށް ބަލައިލިއެވެ. އަދި އެ ތާނގެ މަތީގައި ކާމިޔާބު ކަމާއެކު ހުރެވުމުން ލިބޭނޭ އުފާވެރިކަމުގެ އިހުސާސް ހިތަށް ގެނެސްލިއެވެ.

މުސްކުޅިޔާ ބުނެފައިވާ ގޮތުގައި އެންމެ އަވަހަށް ވާދީއަކުން އަރައިގަނެވި ދެން އޮތް ކުންނަށް ދެވޭނޭ އެންމެ އަވަސް މަގަކީ ‘ބުއްދިވެރި އަމާޒެއް’ގެ ފަހަތުން ދިއުމެވެ.

އެހެންކަމުން ޒުވާނާ އޭނާގެ އަމިއްލަ ބުއްދިވެރި އަމާޒެއް ކަނޑައަޅަން ފެށިއެވެ. ލޯ މަރާލުމަށް ފަހު ހިތުގައި މަންޒަރު ސިފަ ކުރަން ފެށިއެވެ. ހަގީގަތުގައި ވެސް ވާސިލު ވެވިދާނެ އަދި ބުއްދި ގަބޫލު ކުރެވޭ ކަހަލަ ތަފުސީލުތަކާއެކުއެވެ. އެ އުސް ކުންނުގައި އޭނާއަށް ތަޖުރިބާ ކުރެވޭނެ ކަންތައްތަކުގެ މަންޒަރެވެ.

އޭނާގެ ސިކުނޑިއަށް އައީ އެ ހިތްގައިމު މަންޒަރެވެ. ކަޅުބޯވިލާތަކުގެ މަތީގައި އެ ކުންނުގައި ހުންނައިރު އެ ހިތްގައިމު ހޫނު އަވީގެ ދޯދިތައް އޭނާގެ މޫނުގައި ބޮސް ދޭނެ ގޮތެވެ. އެ ތާނގައި އޮވެދާނެ ފެންގަނޑުގެ ބިއްލޫރިކޮޅެއްހާ ސާފު ފެންފޮދުގެ ރަހަ ލީ ފަދައެވެ. އެ ތާނގެ ދިގު ޕައިން ގަސްތަކުން ދުވާނެ ވަސް އިހުސާސް ކޮށްލިއެވެ. އަދި ބާޒެއްގެ އަޑު ވެސް އިވުނު ކަހަލައެވެ.

އެއްވެސް ބިރުވެރިކަމެއްގެ އިހުސާސް ކުރެވުނު ކަމެއް ނޭނގެއެވެ. އޭނާއަށް އިހުސާސް ކުރެވުނީ އަމާންކަމެވެ.

ލޯ ހުޅުވާލުމަށް ފަހު އެ ކުންނާ ދިމާއަށް އަލުން ބަލައިލިއެވެ. އެ ތާނގެ މަތީގައި ހުންނައިރު ކުރެވޭނެ އުފާވެރިކަމުގެ އިހުސާސްތައް އަދިވެސް ސިކުނޑީގައި ކުރަހަމުންނެވެ. އޭނާގެ ބުއްދިވެރި އަމާޒުގައި ހިފުމުން ހީވީ ކޮންމެވެސް ބާރަކުން އޭނާ އަށް އޭނާގެ ފައިމައްޗަށް އަލުން ތެދުވެވުނު ހެންނެވެ.

ކޯރުގެ އަނެއް ފަރާތުގައި އޮތް ގަސްގަނޑަކާ ދިމާއަށް އޭނާ ބަލައިލިއެވެ. އޭނާގެ ސިކުނޑީގައި ރޭވުމެއް ކުރެހެން ފެށިއެވެ.

އޭނާގެ ދަބަހުން ރޯނެއް ނެގުމަށް ފަހު މަޅިއެއް ޖެހިއެވެ. ދެން ކޯރުގެ އަނެއް ފަރާތަށް އެއްލިއެވެ. ނަމަވެސް އެ ގަހުގައި އެ މަޅި ލައްވައެއް ނުލިއެވެ.

ވަރަށް ގިނަ ފަހަރު މަތިން އޭނާ މަޅި އެއްލިއެވެ. ނަމަވެސް ރޯނު ތެމި، އޭތި ބަރުވެ، އަދި އެއްލަން އުނދަގޫ ވާން ފެށިއެވެ.

ކަކޫ މައްޗަށް އޭނާ ތިރިވިއެވެ. ލޯ މަރާލިއެވެ. އަދި އޭނާގެ އަތާއި ބުރިކަށީގައި ވިންދު ޖަހަމުން ދިޔަ ތަދު އިހުސާސް ކުރެވުނެވެ.

ހުއްޓާލާފައި ދިއުމާމެދު އޭނާ ސީރިއަސްކޮށް ވިސްނާލިއެވެ.

ނަމަވެސް އޭނާ އަލުން އެ އުސް ކުންނާ ދިމާއަށް ބަލާލައި އަނެއްކާވެސް އޭނާގެ ބުއްދިވެރި އަމާޒުގެ މަތިން ހަނދާންވިއެވެ.

ކޯރުގެ އަނެއް ފަރާތަށް ޒުވާނާ ބަލައިލިއެވެ. އަދި އެ ގަސްގަނޑު ފިޔަވާ ދުނިޔޭގައި މި ވަގުތު އެހެން އެއްވެސް އެއްޗެއް ނުވާހެން އޭނާ އެއާ ދިމާއަށް ބަލަމުން ގެންދިޔައެވެ. އަދިވެސް އެ ގަސްގަނޑާ ދިމާއަށް ނަޒަރު އަމާޒުކޮށްގެން ހުރެ އޭނާ އެ މަޅި އެއްލިއެވެ. އަދި މި ފަހަރު ރަނގަޅަށް އެ ގަސްގަނޑުގައި އެ މަޅި އެޅުނެވެ. މަޅި އެޅިފައި ހުރީ ރަނގަޅަށްތޯ ކަށަވަރު ކުރުމުގެ ގޮތުން އޭނާ އެތައް ފަހަރަކު ރޯނަށް ދަމާލިއެވެ.

ދެން އޭނާ އެ ހަލަބޮލި ކޯރުގެ ތެރެއަށް އެރި، ވަލުގައި ހިފައިގެން ދަމަމުން ކޯރުގެ އަނެއް ފަރާތަށް ދެވޭތޯ މަޑުމަޑުން މަސައްކަތް ފެށިއެވެ.

ދެ ފަހަރަކު އޭނާ އަޑިއަށް ދަމައި ނުގަތީ ކިރިޔާއެވެ. ނަމަވެސް ކޯރުގެ ދެ ފަރާތުގައި ހަރުކުރެވިފައިވާ އެ ވަލުގައި ހިފައިގަނެގެން އޭނާ ކުރިއަށް ދިޔައެވެ. އެހެންވެ އޭނާގެ ފުރާނަ ސަލާމަތްވިއެވެ.

އެންމެ ފަހުން އޭނާއަށް ކޯރުގެ އަނެއް ފަރާތަށް ދެވިއްޖެއެވެ. އަދި ވަރުބަލިކަމާއެކު އައްސޭރިފަށަށް އެރިއެވެ.

އެ ތާނގައި އޭނާ ކޮޅަށް ހުއްޓުނެވެ. އަދި ބޯ މައްޗަށް ދެ އަތް ނަގާ، ހަޅޭއްލަވައިގަތެވެ: “އާނހ!”

އޭނާ ހީނގަތެވެ. އޭނާ އަށް އަދިވެސް ހުރެވުނީ ވާދީގައި ކަމަށް ވިޔަސް އޭނާ އަށް އިހުސާސް ކުރެވުނީ ކުންނު މަތީގައި ހުރެވުނު ފަދައިންނެވެ.

އަދި ‘ޒާތީ ކުންނު’އަކީ ކޮބައިކަން އޭނާއަށް ކުއްލިއަކަށް ފަހުމްވިއެވެ:

–          ޒާތީ ކުންނަކީ ބިރުގަތުމުގެ މައްޗަށް ކާމިޔާބު ހޯދައިގަތުމެވެ –

އޭނާ އިށީނެވެ. އަދި ހެވިދިއްލުނެވެ. އޭނާގެ ހިތުގައި އޮތް ބިރުވެރިކަމުގެ މައްޗަށް ގަދަވެގަނެވުމުން ވަރަށް ބޮޑު އުފާވެރިކަމެއް އިހުސާސް ކުރެވުނެވެ! އެ އުސް ކުންނަށް މިސްރާބު ޖެހުމުގެ ކުރިން ކުޑަކޮށް އަރާމު ކޮށްލުމަށް އޭނާ ނިންމިއެވެ.

ރަނގަޅު ކުރިމަގަކަށް ހަމައެކަނި “އެދިއެދި ހުރުމާއިި” ބުއްދިވެރި ކުރުމަގެއްގެ ފަހަތުން ހަގީގަތުގައި “ދިއުމާ” ދެމެދު ހުރި ފަރަގާ މެދު ޒުވާނާ ދެން ވިސްނާލިއެވެ. ދެން އޭނާއަށް ރޭކާލީ އެއީ އަމަލު ކުރުމާއި އަމަލު ނުކުރުމުގެ ތަފާތެއް ކަމެވެ.

“ހަމައެކަނި ކަމަކަށް އެދިއެދި ހުރުމަކީ އަމަލީ ސިފައެއް އަންނާނެ ކަމެއް ނޫން. ތިމާ އަމަލު ކުރަން ފަށާނެ ގޮތެއް ނޫން،” ޒުވާނާގެ ހިތަށްއެރިއެވެ. “އެކަމަކު، ތިމާގައި އޮތް ބުއްދިވެރި އަމާޒެއްގެ ފަހަތުން ހަގީގަތުގައި ހިނގަން ފަށައިފި ނަމަ، އެ ލަނޑުދަނޑި ހާސިލު ކުރެވޭނެ ހުރިހާ ކަމެއް ކުރުމަށް ތިމާ ބޭނުންވާނެ. އެ ގޮތަށް އަމަލު ކުރުމަށް ތިމާ ތިމާގެ ނަފުސަށް ގަދަބާރުން މަޖުބޫރު ނުކުރި ނަމަވެސް، އެ ކަމަކަށް އެދެވޭލެއް ބޮޑުކަމުން، ނޭނގި ހުރެ ނަމަވެސް އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި، ކުރިން ތިމާގައި ނެތް ކަމަށް ހީކުރި ގާބިލު ކަންކަން ވެސް ކުރެވެން ފަށަނީ.”

ހަޔާތުގެ އަމާޒަށް ވާސިލު ވުމަށް “ހަގީގަތުގައި” އެ މަގުން ހިނގުމޭ މުސްކުޅިޔާ ބުނި ބަހުގެ މާނަ ޒުވާނާއަށް ދޭހަ ވާން ފެށިއެވެ. އޭގެ މާނައަކީ ތިމާ ބޭނުންވާ ކަންތައްތަކުގައި ދެމިހުރުމެވެ. އަދި އެ އަމާޒުތަކަށް ދިއުމަށް ކުރަން ޖެހޭ ކަންތައްތައް ހަމަ ހަގީގަތުގައި ވެސް ކުރުމެވެ. މި ހަގީގަތް ދެނެގަތުމެވެ!

އޭނާއަށް ވިސްނެން ފެށީ ބިރަކީ ކަންތައްތަކަށް ހުރި ހުރަހެއް ކަމެވެ. އަދި “ހަގީގަތު”ގައި ހިފެހެއްޓުމަކީ ކާމިޔާބީގެ ތަޅުދަނޑި ކަމެވެ.

އޭނާ ހިނިތުންވެލިއެވެ. އަދި އަނެއްކާވެސް އެ އުސް ކުންނާ ދިމާއަށް ބަލައިލިއެވެ. ދާދި އަވަހަށް އާ ޖޯޝެއް އައިސް، ކޮޅަށް ތެދުވެ، އޭނާގެ ދަތުރައިގެން ކުރިއަށް ދާން ފެށިއެވެ. އޭނާއަށް ރޭކާލީ އޭނާގެ ބުއްދިވެރި އަމާޒުގެ ފަހަތުން ހިނގަން ފެށުމުން އިތުރު ހަކަތަ އާއި ނަފުސުގެ ޔަގީންކަން ލިބުނު ކަމެވެ.

އުހަށް އެރި ވަރަކަށް، ބައެއް ގާކޮޅުކޮޅުގައި ފައި އެޅިފައި ފުރޮޅާލައިގެން އޭނާ ތިރިއަށް ވެއްޓޭ ގޮތް ވެސް ވިއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް އޭނާ އަލުން ތެދުވެ، މައްޗަށް އެރުމައިގެން ކުރިއަށް ދިޔައެވެ.

ކުރިއަށް ދެވުނު ވަރަކަށް އޭނާއަށް ހިނިތުންވުން ވެރިވިއެވެ. އޭނާ މިސްރާބު ޖަހާފައިވަނީ ކުރިއަށްވުރެ އުސް ކުންނަކަށެވެ.

ވަރަށް ގިނައިރުތަކެއް ވީހެން ހީވި ފަހުން އޭނާއަށް އިރުގެ އަލިކަމަށް ނުކުމެވުނެވެ. އަދި ހުރެވުނީ ފަރުބަދައިގެ ކުންނު މަތީގައެވެ.

އޭނާއަށް ހުރެވުނީ ވަރަށް ވެސް ނަލަ ފެންގަނޑެއްގެ ކައިރީގައެވެ. އެ ތަނުގެ ވަށައިގެން ބޮޑެތި ގަސްތައް ހުއްޓެވެ. އަދި ތާޒާ ވައިގެ އިހުސާސް ކުރެވުނެވެ.

ދެން އޭނާ އެނބުރި ބަލައިލީ އޭނާ ކަޑައްތު ކުރި ވާދީއާ ދިމާއަށެވެ. އެއީ ކިހާ އުނދަގުވި ކަމެއްކަން އޭނާއަށް އެނގުނެވެ. އެކަމަކު އެހެންވެގެން މި ކާމިޔާބު މާ އުފާވެރި ކަމަށް ވެސް އިހުސާސް ކުރެވުނެވެ.

އޭނާގެ ވާދީގައި ހުރި ގެއާއި އޭނާގެ ކުރީގެ ހަޔާތާއި ވަޒީފާގެ މަތިން އޭނާ ހަނދާން ކޮށްލިއެވެ.

އޭނާގެ މައިންބަފައިންނާއި ރަހްމަތްތެރިންނާއި އެއްކަލަ އަންހެންކުއްޖާގެ މަތިން ހަނދާންކޮށްލިއެވެ. އޭނާ ހަނދާންވީ ކަންތައްތަކާ އޭނާ ބިރުގަތް މިންވަރެވެ. ބިރުގަތްކަން ގިނަ ފަހަރު ރޭކާވެސް ނުލާ ހުރެއެވެ.

އޭނާ ބިރުގަތީ އޭނާގެ ރަހްމަތްތެރިންގެ މެދުގައި އޭނާ މަގުބޫލު ނުވެދާނެތީއެވެ. ބިރުގަތީ އޭނާގެ ބައްޕަ އޭނާއަށް އިހުތިރާމް ނުކޮށްފާނެތީއެވެ. ބިރުގަތީ އެ އަންހެންކުއްޖާ އޭނާގެ މަތިން ފޫހިވެދާނެތީއެވެ. ބިރުގަތީ ވަޒީފާ ގެއްލިދާނެތީއެވެ. ބިރުގަތީ އޭނާއަކީ ފޭލިވެފައިވާ މީހެއް ކަމަށް މުޖުތަމައުން ދެކިދާނެތީއެވެ. އަދި އެހެން ކަންތައްތަކާމެދު ވެސް އޭނާ ބިރުގަނެފައިވުން އެކަށީގެންވެއެވެ.

ބިރުތަކާހުރެ އޭނާގެ ހަޔާތް ބަރުބާދު ވީ ކަމީ އޭނާގެ މޮޔަ ކަމެވެ. ހަގީގީ މަންޒަރު އޮޅުވާލުމުގެ ފުރުސަތު އޭނާގެ “ބިރަށް” އޭނާއަށް ދެވުނީ އޭނާގެ ބުއްދިގޯސްކަމުންނެވެ.

އެންމެ ފަހުން އޭނާއަށް އިހުސާސް ކުރެވެން ފެށީ ކުންނުތަކާއި ވާދީތަކުގެ ފަލްސަފާއާ އެއްގޮތަށް އޭނާގެ ދިރިއުޅުން ބައްޓަން ކުރެވެން ފެށި ކަމެވެ. އެ ނަޒަރިއްޔާތާމެދު އޭނާ ދުށީ އެއީ “ހުނަރުތަކެއްގެ ފަލްސަފާ”އެއް ގޮތަށެވެ.

“އެއީ ކަންތައްތަކާމެދު ދެކެވިދާނެ ގޮތެއް. އަދި އެހެންމެ، އަމަލު ކުރެވިދާނެ ގޮތްތަކެއް ވެސް މެ،” އޭނާގެ ހިތަށްއެރިއެވެ.

“ހަގީގަތަކީ ތިމާގެ ރަހްމަތްތެރިޔާ ކަމުގައި ހަދާށޭ” މުސްކުޅިޔާ ބުނެފައިވެއެވެ. މުސްކުޅިޔާ އެ ބުނި ވާހަކަ ޒުވާނާގެ ހަޔާތަށް މާނަވީ ގޮތެއްގައި މަންފާ ކޮށްފާނެ ގޮތްތަކެއް ޒުވާނާއަށް އިހުސާސް ކުރެވެން ފެށިއެވެ.

އެ ވާދީގައި އޭނާ ތަހައްމަލު ކުރި ވޭނުގެ ސަބަބުން، އޭނާ ކުރިން ކަނުލޮލެއް ދީފައިވާ ހަގީގަތްތަކަކަށް ހަގީގަތުގައި ވެސް އަލުން ލޯ ހުޅުވުނުކަން އޭނާއަށް އިހުސާސް ކުރެވުނެވެ.

އޭނާއަށް އެނގުނު ކަމަކީ، ހަގީގަތާ ކުރިމަތިލުމުގެ އިތުރުން، އެ ހަގީގަތްތައް ބަލައިގަތުމުން އޭގެ ފައިދާ މާބޮޑަށް ކުރާ ކަމެވެ.

ދެން އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ: “އެހެންވެގެން މުސްކުޅިޔާ މާގިނަގިނައިން ‘ހަގީގަތުގައި’ މި ބަސް ބޭނުން ކުރަމުން އައީ. އޭނާ މާނަކުރީ ކޮންމެ ކަމެއް ވެސް އޭގެ ހަގީގީ ގޮތުގައި ބަލައިގަތުން!”

ޒުވާނާ އުއްމީދު ކުރީ މީގެ ފަހުން އަބަދުވެސް ކޮންމެ ކަމެއްގައި ވެސް ހުރި ހަގީގަތަކީ ކޮބައިތޯ ބަލާނެ ކަމެވެ. ހަމައެކަނި ބޭރުފުށުން ފެންނަ އެއްޗަކަށް ނޫނެވެ. އޭނާއަށް ރޭކާލީ ކުރިމަގު ބިނާ ކުރުމަށްޓަކައި ހަގީގަތުގެ މައްޗަށް ބަރޯސާ ވެގެން މާ ވަރުގަދަ ބިންގަލެއް އެޅިދާނެ ކަމެވެ.

އޭނާއަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ‘ބުއްދިވެރި އަމާޒެއް’ ކަނޑައަޅައި އޭގެ ފަހަތުން ދިއުމުގެ ގަދަފަދަ ބާރެވެ. މުސްކުޅިޔާ ބުނެފައިވާ ފަދައިން، ޒުވާނާ އޭނާގެ ބުއްދިވެރި އަމާޒުގެ ފަހަތުން ދިއުމުން، ހުދު ޒުވާނާއަށް ވެސް ހައިރާންކަން ލިބުނު ގޮތްގޮތަށް އެ މިސްރާބަށް ކަންތައްތައް ކުރެވުނެވެ.

ޒުވާނާ އަށް ވިސްނުނީ ބުއްދިވެރި އަމާޒެއްގެ ފަހަތުން ދިއުމަކީ ޗާޓެއް ބެލުން ކަހަލަ ކަމެއް ކަމެވެ. ތިމާ ބޭނުންވާ މަންޒިލަށް ވާސިލު ވެވޭނެ މަގުތައް ދައްކައިދޭ ޗާޓެކެވެ.

އެ އުސް ކުންނަށް އެރުމުގެ ހިޔާލުގެ ސަބަބުން އޭނާގެ ހިތުގައި އުފެދިފައިވާ ބިރުތައް ފުހެވިގެންދިޔައެވެ. އަދި ކުރަން ޖެހޭ ކަންތައްތައް ސާފުކޮށް ދޭހަވެ، އެކަމަށް ބާރު ލިބުނެވެ.

“އެއީ ‘ހަގީގަތު’ގައި ވެސް އަލުން ބޭނުން ކުރަން ރަނގަޅު ގޮތެއް!” ހިނިތުންވުމަކާއެކު ޒުވާނާ ބުނެލިއެވެ. ދެން އޭނާ ނޯޓު ފޮތް ނަގައި، އޭނާއަށް ނޯޓު ކުރެވޭ ވަރަށް މުހިންމު ނުކުތާއެއްގެ ގޮތުގައި ލިޔެލިއެވެ:

–          ތިމާގެ ބުއްދިވެރި އަމާޒުގެ ފަހަތުން ހަގީގަތުގައި ހިނގާ ނަމަ، ތިމާއަށް ކުންނެއް ބިނާ ކުރެވޭނެއެވެ. މިހެންވުމުން، ތިމާގެ ބިރުތައް ނެތިގެން ގޮސް، ތިމާއަށް ހަމަޖެހުމާއި ކާމިޔާބު ލިބޭ ގޮތްވެއެވެ –

އޭނާ މަޑުމަޑުން އިށީނދެލައިގެން އިނެވެ. ކުންނު މަތީގައި ހުރި ގަސްތަކުގައި ވައި އަޅަމުން ދިޔަ މަޑު އަޑު އަހަމުންދިޔައެވެ. ފެންގަނޑުގެ އައްސޭރީގައި ބޮސްދެމުން ދިޔަ މަޑުމައިތިރި ބާނިތަކުގެ އަޑު އަހަމުން ދިޔައެވެ. އޭނާ ކުރިން ހީކުރި ގޮތަށް ނުވަތަ އެއަށް ވުރެވެސް ބޮޑަށް މި އާ ކުންނު މާ ރަނގަޅެވެ.

ކުރިން ދުވަހަކުވެސް އިހުސާސް ނުކުރެވޭ ވަރުގެ މިނިވަންކަމަކާއި އަމިއްލަވަންތަކަމެއް ޒުވާނާއަށް އިހުސާސް ކުރެވުނެވެ. އޭނާ ލޯބިވާ އަދި އަޅާލާ މީހުންނާ މި އިހުސާސް ހިއްސާ ކުރެވޭނެ ކަމަށް އޭނާ އުއްމީދު ކުރިއެވެ.

އޭނާގެ އަމިއްލަ ވާދީއާ ދިމާއަށް ބަލައިލެވުމާއެކު އޭނާއަށް އިހުސާސް ކުރެވުނީ އަލުން އަނބުރާ ގެއަށް ދިއުން ރަނގަޅު ވާނެ ކަމަށެވެ.

ނަމަވެސް، އޭގެ ކުރިން އެ މުސްކުޅިޔާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ޒުވާނާ ބޭނުންވިއެވެ. މުސްކުޅިޔާގެ ކުންނުގައި އޭނާއާއެކު އަލުން ހުރުމަކީ ކޮން ކަހަލަ ކަމެއްތޯ ޒުވާނާ އޭނާގެ ސިކުނޑީގައި ތަފުސީލުކޮށް ކުރަހާލައި ހިޔާލުކޮށްލިއެވެ.

“ޒުވާން އުމުރުގައި ހަޔާތަށް ބަދަލުތަކެއް ގެނެވުނީތީ ތިމަންނަ ކިހާ ނަސީބު ގަދަހޭ!” ޒުވާނާގެ ހިތަށްއެރިއެވެ. އޭނާއަށް ރޭކާލި ގޮތުގައި ބުއްދިވެރިވާކަށް ކޮންމެހެން މުސްކުޅި ވާކަށް ނުޖެހެއެވެ.

ދެން، ވާދީއާ ދިމާއަށް ބަލައިލުމުން، ކުރިން ނުފެނުނު ޝޯޓްކަޓެއް ނުވަތަ މުސްކުޅިޔާގެ ކުންނަށް އެރިދާނެ އަވަސް މަގެއް ޒުވާނާއަށް ފެނުނެވެ.

ޒުވާނާގެ ހިތަށްއެރިއެވެ: “މާ މަތީގައި ހުރެގެން ބަލާއިރު މާ ބޮޑަށް ކަންތައްތައް ފެންނާތީ ހައިރާންވޭ. އަހަރެންނަށް ހީވާ ގޮތުގައި، ވާންވީ ގޮތަކީ، ވާދީއެއްގައި ހުންނައިރު ވެސް، ކުންނެއްގައި ހުރެގެން ކަންތައްތަކަށް ބަލާ ގޮތަށް ބަލަންވީ.”

ވާދީގައި އާ ކަންތައްތަކެއް ހޯދިދާނެކަމުގެ ޝައުގުވެރިކަން އޭނާގެ އުފެދުނެވެ. އޭގެ ސަބަބުން އޭނާއަށް ދެން ކުރިމަތިވާނެ ވާދީގެ ވޭން ކުޑަ ކުރުމަށްޓަކައެވެ. ނޫނީ އޭގެން ފައިދާތަކެއް ވެސް ހޯދުމަށްޓަކައެވެ.

މުސްކުޅިޔާއާ ބައްދަލުކުރަން އެނބުރި ދާ މަގުމަތީގައި އެއްކަލަ ޝޯޓްކަޓް މަގުން ދާން ޒުވާނާ ނިންމިއެވެ. “މާ ރަނގަޅު މަގެއް މިހާރު އޮތް ކަން އަހަރެންނަށް އެނގުމުން، ވާދީގައި ދެން އެހާ ވޭން ގަދައެއް ނުވާނެ،” ޒުވާނާގެ ހިތަށްއެރިއެވެ.

އޭނާގެ މުސްކުޅި ރަހްމަތްތެރިޔާ އަލުން ދެކިލަން ކެތްމަދުވިއެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.