ކުންނު އާއި ވާދީ – 7 ވަނަ ބާބު

11791724_10152974268235423_992826649_n

 

ހަވަނަ ބާބު

ހަތްވަނަ ބާބު: ހިއްސާ ކުރުން

މުސްކުޅިޔާގެ ކުންނަށް ޒުވާނާއަށް ދެވުނީ މެންދުރުފަހުއެވެ. މުސްކުޅިޔާ ހަމަ ފެނުމާއެކު ޒުވާނާ ދުވެފައި ގޮސް އޭނާގެ ގައިގައި އޮޅުލައިގަތެވެ.

މުސްކުޅިޔާ ހީނގަތެވެ: “ހާދަ ވަރުގަދަ ސަލާމެއް. މަށަށް ނުވެސް އެނގުނު ތިޔައީ ތިބާކަމެއްް. އެ ރޭ ފުރަތަމަ މި ތަނަށް އައި ޒުވާނާއާ ތިބާ މިހާރު ވައްތަރެއް ނޫން. އެއީ ގަދަފަދަ ދަތުރެއް، އެހެންނު؟”

“އާނހ، ހަމަ އެހެން،” ޒުވާނާ ބުންޏެވެ. “އެ އުސް ކުންނަށް ދާން އަހަރެން ހީކުރި ވަރަށް ވުރެ ގިނަ ވަގުތު ނެގި.”

“އަހަރެން މި ބުނީ ހަޔާތަކީ ގަދަފަދަ ދަތުރެކޭ،” މުސްކުޅިޔާ ބުންޏެވެ.

“އާނހ، ހަމަ ޔަގީނުން ވެސް،” ޒުވާނާ ބުންޏެވެ.

މުސްކުޅިޔާގެ ކުންނު ދޫކޮށްލާފައި ދިޔަ ހިސާބުން ފެށިގެން ވީ ހުރިހާ ކަމެއް ޒުވާނާ ދެން ކިޔައިދިނެވެ.

މުސްކުޅިޔާ ސުވާލު ކުރިއެވެ: “އެހެންވީމާ، ތިބާއަށް ހޯދައިގަނެވުނު އެންމެ މުހިންމު ކަންތައްތައް ކަމަށް ތިބާއަށް އިހުސާސް ކުރެވެނީ ކޮން ކަންތައްތަކެއް؟”

ޒުވާނާ ބުންޏެވެ: “އަހަރެންނަށް ދަސްވި ގޮތުގައި ކުންނާއި ވާދީ ފަލްސަފާ ހަމައެކަނި ސިކުނޑީގައި ބޭއްވުމަކުން ނޫނީ އެއާމެދު ހަމައެކަނި ވާހަކަ ދެއްކުމަކުން ނުފުދޭ. ފުރަތަމަ ފަހަރަށް އަހަރެންގެ ވާދީއަށް އެނބުރި ދިޔައިރު ވީ ގޮތަށް. ތިމާއަށް ޖެހޭނީ ކުންނާއި ވާދީގެ ފަލްސަފާގައި ދިރިއުޅެން. އަދި އެހެން އުޅުނު ވަަރަކަށް އިތުރު ކަންތައްތައް ދަސްވެ ތިބާ ތަރައްގީވޭ. އަދި އިތުރު ހަމަޖެހުމާއި ކާމިޔާބު ވެސް ލިބޭ. އަހަރެންނަށް އަދި އެނގުނު ގޮތުގައި އަހަރެންގެ ހަޔާތުގެ ރަނގަޅު އަދި ގޯސް ތަޖުރިބާތަކަކީ ވެސް ހަގީގަތުގައި ހަދިޔާއެއް. އަދި އެއިން ކޮންމެ ތަޖުރިބާއެއް ރަނގަޅަށް މެނޭޖް ކުރެވިއްޖެ ނަމަ އެއިން ކޮންމެ ތަޖުރިބާއެއް ވެސް ވަރަށް އަގުހުރި. އެ އުސް ކުންނު މަތީގައި އަހަރެން އެކަނި ހުރި ވަގުތު ހަގީގަތްތަކަކީ ކޮބައިތޯ ބަލަން އަހަރެން ވަރަށް ގިނަ ވަގުތު ހޭދަ ކުރިން. އަހަރެންނަށް ވީ އެންމެ ރަނގަޅަކަށް އެކަން ކުރެވޭތޯ ބެލިން. މިހާރު އަލުން އަހަރެންގެ ރަހްމަތްތެރިންނާއި އާއިލާއާ ބައްދަލު ކުރާހިތްވެއްޖެ. އަހަރެންނަށް ރޭކާލި ގޮތުގައި އެ މީހުންގެ ފަރާތުން ވެސް އަހަރެންނަށް ދަސްވެދާނެ ކިތައްމެ ކަންތައްތަކެއް އެބަހުރި.”

މުސްކުޅިޔާ ހިނިތުންވެލިއެވެ: “އަހަރެންނަށް ފެންނަފެނުމުގައި ތިބާއަށް އިތުރު ކަމެއް ވެސް ދަސްވެއްޖެ.”

“ތި ބުނީ ކީކޭ؟” ޒުވާނާ އެއްސެވެ.

މުސްކުޅިޔާ ބުންޏެވެ: “ހިތްތިރި ކުރަން ތިބާއަށް ކޮންމެވެސް ވަރަކަށް ދަސްވެއްޖެ. އެކަމާ އަހަރެން އުފާވޭ. ސަބަބަކީ ދެން ތިބާއަށް ތިބާގެ ކުންނުތަކުގައި ދެމިހުރުމުގެ ފުރުސަތު ބޮޑު.”

ޒުވާނާ ހެވިދިއްލުނެވެ.

މުސްކުޅިޔާ ބުންޏެވެ: “އަހަރެމެން ދެ މީހުން ފުރަތަމަ ބައްދަލުވީއިރު، ތިބާގެ ވާދީގައި ދިރިއުޅެނީ ކިހާ ހިތާމައެއްގައި ކަމާއި، އެ ތާނގައި ތިބާއަށް އެއްވެސް ކަމެއް ރަނގަޅަށް ނުދާ ކަމަށް އަހަރެންގެ ގާތުގައި ތިބާ ބުނި ހަނދާން އެބަހުރިތަ؟”

“އާނހ،” ކުޑަކޮށް ލަދުގަތްފައި ޒުވާނާ ބުނެލިއެވެ. “ސަބަބަކީ އެއިރު އަހަރެންނަކަށް ނޭނގޭ އަހަރެންގެ ވާދީއަކީ އަހަރެން ތަރައްގީ ވުމަށް އޮތް މަގެއް ކަމެއް، އަހަރެންގެ ހަޔާތް އިތުރަށް ރަނގަޅު ކުރުމަށް ލިބުނު ފުރުސަތެއް ކަމެއް. އަހަރެން އެއިރު އުޅުނީ އަހަރެންގެ ވާދީން ސަލާމަތް ވާންވެގެން، އޭގެން ފިލާވަޅެއް ލިބިގަންނާކަށް ނޫން. އަހަރެންނަށް މިހާރު އެނގުނު ގޮތުގައި އަހަރެންގެ ބޭރުން ކަންތައްތަކަށް ބަލާލައިފި ނަމަ، އަދި އެ ވާދީގައި ފޮރުވިފައިވާ ހަދިޔާ ހޯދަން އުޅެފި ނަމަ، އެ ކަމުން އަހަރެންނަށް އާ އަދި މާ ރަނގަޅު ހިސާބަކަށް ހަޔާތުގައި ދެވޭނެ.”

މިހެން ބުނެފައި ޒުވާނާ އިތުރަށް ވިސްނާލިއެވެ. އަދި އިތުރުކޮށްލިއެވެ: “މިއީ ރަނގަޅު ވާހަކައެއް ކަމެއް ޔަގީނެއް ނޫން، އެކަމަކު އަހަރެންނަށް ހީވަނީ ކުންނަކީ ހަޔާތާމެދު އުފާ ކުރުމަށް އޮތް މަރުހަލާއެއްހެން. އަދި ވާދީއަކީ ހަޔާތަކީ ކޮން އެއްޗެއްކަން ދަސްކުރަން އޮތް މަރުހަލާއެއްހެން.”

މުސްކުޅިޔާ ހިނިތުންވެލިއެވެ: “ތިޔައީ ރަނގަޅު ވާހަކައެއް. ތިބާގެ ލޮލުގެ ސާފު ކަމުން އަހަރެންނަށް މިހާރު ފެންނަނީ ތިބާއަށް ކުންނާއި ވާދީގެ ފަލްސަފާއާ ބެހޭ ގިނަ ހަގީގަތްތަކެއް ތިބާއަށް ދޭހަވެއްޖެހެން.”

ޒުވާނާ ބުނެލިއެވެ: “ތިބާއަށް އެ ހުރިހާ ކަމެއް ހަމަ ފެނޭތަ؟”

މުސްކުޅިޔާ ހީނގަތެވެ: “އެއީ އެހާ އުނދަގޫ ކަމެއް ނޫން! ބުނެބަލަ، އެ ވާދީގެ އެންމެ ފުލަށް ދެވުމުން ކިހިނެތް އިހުސާސް ކުރެވުނީ؟ އެއީ ހަމަ ހަގީގަތުގައި ވެސް ވަރަށް ފުން ވާދީއެއް.”

ޒުވާނާ އެ ދިމާ ތިރިއަށް ބަލައިލިއެވެ. ކުރިން އެ ތަޖުރިބާ ކުރި ކަންތައްތައް ހަނދާންވިއެވެ. ދެން ބުންޏެވެ: “އަހަރެންނަށް އާދެވުނީ ހުރަސް ކުރަން ނުުރައްކާ ކޯރެއް ކައިރިއަށް. އަނބުރާލާފައި އަހަރެން ނައީ ކިރިޔާ. އަހަރެން ބިރުގަތީ އަހަރެން ފޭލި ވެދާނެތީ. ނަމަވެސް ދެން އަހަރެން ހަނދާންވީ އަހަރެމެންގެ ކަސްތޮޅަކީ އަހަރެމެންގެ ބިރުގަތުންކަން. އެއަށްވުރެ ވެސް މުހިންމީ، ބިރުގަތުން އެއްކިބާކޮށް، އަހަރެންގެ ބޭރުން ކަންތައްތަކަށް ބަލާލައިފި ނަމަ، ވާދީއެއް ކުންނަކަށް ހަގީގަތުގައި ވެސް ބަދަލު ކޮށްލެވިދާނެކަން އަހަރެންނަށް އެނގިގެންދިޔަ.”

“ކިހިނެތް؟” މުސްކުޅިޔާ ޝައުގުވެރިވިއެވެ. “ތިބާ ކީއް ކުރީ؟”

ޒުވާނާ ޖަވާބު ދިނެވެ: “އަހަރެންގެ ހަނދާނަށް އައީ ދެން އޮންނަ އަހަރެންގެ ކުންނަކަށް ދިއުމަށް މޮޅުއިތުރު ގޮތަކީ ‘ބުއްދިވެރި އަމާޒެއް’ ކަނޑައަޅައި އޭގެ ފަހަތުން ދިއުންކަން. އެ އަމާޒަކީ އަހަރެންނަށް ބުއްދި ގަބޫލު ކުރެވޭ އަދި އަހަރެން އެ ކަމަށް އެވަރަށް ބޭނުން ވެއްޖެ ނަމަ ހަމަ ހަގީގަތުގައި ވެސް ހާސިލު ކުރެވިދާނެހެން އަހަރެންނަށް ގަބޫލު ކުރެވޭ އަމާޒެއްކަން. އަހަރެންގެ ފަސް ހިއްސު ބޭނުންކޮށްގެން އަހަރެންގެ ހިޔާލަށް ގެނައިން އެ މާ އުސް ކުންނުގައި އަހަރެން ހުރެ އޭގެ އުފާ ލިބިގަންނާނެ ގޮތް. އަހަރެންނަށް ފެންނާނެ، އަތް ލެވޭނެ، ރަހަ ބެލޭނެ، ވަސް ގަނެވޭނެ އަދި އަޑު އެހޭނެ ކަންތައްތަކަކީ ކޮބައިތޯ ހިޔާލަށް ގެނައިން. އެ ގޮތަށް ކަންތައް ކުރުމުން، އަހަރެންގެ ބިރު ނެތިގެންދިޔަ. އަދި މިހެންވެގެން އަހަރެންނަށް އާރޯކަމާއި ޝައުގުވެރިކަން ލިބުނު އެ މަންޒިލަށް ދަތުރު ކުރަން. ދެން އެ ތަނަށް ދެވޭނެ މަގެއް ފެންނަން ދެން އަހަރެން ހިޔާލު ކޮށްލައި އިހުސާސް ކޮށްލީ އަހަރެންގެ ‘ބުއްދިވެރި އަމާޒު’. އަހަރެންގެ އަތުގައި އޮތް ރޯނުގައި މަޅިއެއް ޖަހައި، ކޯރުގެ އަނެއް ފަރާތުގައި އޮތް ގަސްގަނޑެއްގައި އޭތި އަޅުވާލައި އަހަރެން ހުރަސް ކުރީ.”

އަސްލު އެއީ ކިހާ އުނދަގޫ ކަމެއްކަން ޒުވާނާގެ ބަހުރުވައިން ނުކިޔައިދެއެވެ. “ކޯރު ހުރަސް ކޮށްފައި އަނެއް ފަރާތަށް ގޮސް އެ ކުންނު މައްޗަށް އެރީ.”

މުސްކުޅިޔާ ސުވާލު ކުރިއެވެ: “އެ މާ އުސް ކުންނު ކިހިނެތް؟”

ޒުވާނާގެ ލޯ ދިއްލައިލިއެވެ. “އެއީ…އަޖައިބެއް!”

މުސްކުޅިޔާ ހީނގަތެވެ: “އަޖާބެއް އެއީ ކޮން ގޮތަކުން؟”

ޒުވާނާ އެ އުސް ކުންނާ ދިމާއަށް ނަޒަރު ހިންގާލިއެވެ. “ސަޅި! އަހަރެން ހުރަސް ކުރި ވާދީ ދުށިން. އަދި މި ކުންނު ވެސް އެ ކުންނުން ފެނޭ.”

ޒުވާނާ އެނބުރި މުސްކުޅިޔާއާ ދިމާއަށް ބަލައިލިއެވެ: “އެކަމަކު އަހަރެންނަށް ފެނުނު އެންމެ ބޮޑު ހަގީގަތަކީ ތިބާ އެހާ ގިނައިން ‘ހަގީގަތުގައި’ މި އިބާރާތް ބޭނުން ކުރަނީ ކީއްވެގެންކަން. މިސާލަކަށް، ހަމަ ‘ހަގީގަތުގައި’ ވެސް ތިމާގެ ރަނގަޅު ތަޖުރިބާތައް މެނޭޖްކޮށް އެ ތަޖުރިބާއާމެދު ޝުކުރުވެރިވުމާއި އަދި ހަމަ ‘ހަގީގަތުގައި’ ފިލާވަޅުތަކާއި އިބްރަތްތައް ލިބިގަނެ ތިމާގެ ގޯސް ތަޖުރިބާތައް ރަނގަޅުކުރުން. ތިބާ އެ ބުނި އިބާރާތުގެ މާނައަކީ ކޮންމެ ކަމެއްގެ ވެސް ހަގީގަތް ބެލުން! އަހަރެން އެދޭ ގޮތް ނުވަތަ ބިރުގަންނަ ގޮތެއް ނޫން. ހަގީގަތުގައި އަހަރެންގެ ރަނގަޅު އަދި ނުރަނގަޅު ތަޖުރިބާތަކުގެ ވެސް ހަގީގަތަކީ ކޮބައިކަން ހޯދައިގަތުން. މިހާރު އަހަރެން މި އުއްމީދު ކުރަނީ އަހަރެންގެ ކުރިމަގުގެ ކުންނުތަކާއި ވާދީތައް ތަޖުރިބާ ކުރެވޭނީ އޭގެ ހަގީގަތްތައް ހޯދުމަށް ޝައުގުވެރިކަމާއެކު ކަމަށް. އަހަރެން އަމިއްލަ ނަފުސާ މި ސުވާލު ކުރާނަން: ‘މިހާރު މި ތަޖުރިބާ ކުރެވޭ ކަންތައްތަކުގެ ހަގީގަތަކީ ކޮބާ؟'”

މުސްކުޅިޔާ ބުންޏެވެ: “ހީ ބިހި ގޮތަށް ‘ހަގީގަތް ބިހި’ އަހަރެންގެ ގައިގައި ނަގަން ފަށައިފި. އަހަރެންނަށް މިހެން ދިމާވަނީ ހަގީގަތެއް އެނގޭ ކޮންމެ ފަހަރަކު.”

ޒުވާނާ ހީނގަތެވެ. އަދި މުސްކުޅިޔާއަށް ޝުކުރު އަދާކުރިއެވެ. ޒުވާނާގެ ވާދީގައި ހުރި ގެއަށް ދާން ނައްޓާލަން ވަންދެން ދެ މީހުން ވާހަކާގައި ތިއްބެވެ.

އަލްވަދާއު ކިއި ވަގުތު ދެ މީހުން ދެން ދުވަހަކު ވެސް ބައްދަލު ނުވާނެ ކަމެއް ދެ މީހުންނަކަށް ވެސް ނޭނގެއެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.