ހޭންޑް ފުޓް އެންޑް މައުތު ޑިޒީޒް

ވައިރަސްގެ ޒަރީއާ އިން ޖެހޭ ގައިން ގަޔަށް އަރާ ބަލިތަކަކީ ދުވަސް ދުވަސްކޮޅުން ރާއްޖޭގައި ފެތުރޭ ބަލިތަކެކެވެ. އެގޮތުން ހޭންޑް ފުޓް އެންޑް މައުތު ޑިޒީޒް އަކީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި ފެތުރުނު ބައްޔެކެވެ. ކުޑަކުދިންނަށް ގިނައިން ޖެހޭ މި ބަލި މި ދުވަސްވަރު ކޮންމެވެސް ވަރަކަށް މިރަށުގެ ތެރެއިން ފެންނަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ޕަބްލިކް ހެލުތުން ޔުނިޓުން ބުނެއެވެ.

މި ބަލީގެ އަލާމަތްތައް:

މި ބަލީގެ އެއް އަލާމާތަކީ ހަންގަނޑު ރަތްވެ ބިހި ނެގުމެވެ. އަދި ހުން އައިސް އަރިދަފުސް ރޯގާ ޖެހިފައި ހަންގަނޑު ރަތްވުމަކީވެސް މި ބަލީގެ އަލާމާތެކެވެ.

ބަލި ފެތުރޭ ގޮތް:

ހޭންޑް ފުޓް އެންޑް މައުތު ޑިޒީޒް ފެތުރެނީ ބޮޑުކަމުދާ އެއްޗެހިންނާއި ބަލި ޖެހިފައިވާ ކުދިންގެ ކުޅުންނާއި ބަލި ޖެހުމުން އަތާއި އަނގަ އަދި ފައިގައި ނަގާ ބިހިތައް ފަޅައިގެން ދިޔުމުން ނުކުންނަ ދިޔައިގެ ޒަރީއާއިންނެވެ. ބަލީގެ ނުރައްކާ އެންމެ ބޮޑުވަނީ ބަލީގެ އެންމެ ކުރީ ކޮޅުގަ އެވެ. އަދި ހަށިގަނޑުން ބިހިތަކުގެ އަސަރު ނެތިގެންދާތާ އެތައް ދުވަހެއް ވަންދެން ވައިރަސް ފެތުރެ އެވެ.

ބަލި ޖެހުމުންވާ ގޮތްތައް:  

އާންމުކޮށް ދެ ހަފުތާގެ މުއްދަތަށް ދިގު ދެމިގެން ދާ މި ބަލި ޖެހުމުން އަތާއި ފައި އަދި އަނގައިގައި ބިހި ނަގައި ފޮޅަށް ބަދަލުވެއެވެ. ބަލިޖެހޭ ކުދިންނަށް އެންމެ ބޮޑުވަރުވަނީ އަނގައިގެ ތެރޭގައި، ކޮލުގައި ފާރު ހެދުމާއި ދުލުގެ ދެ ފަރާތުގައި ރަތް ބިހި ނަގައި އެތަންތަން ފަޅައިގެން ގޮސް ފާރު ހެދުމުގެ ސަބަބުން އެއްޗެހި ކައިބޮއި ނޫޅެވޭތީ އެވެ. އަދި މި ގޮތަށް ނަގާ ފޮޅުތައް ފަޅައިން ދިޔުމަކީ ބަލީގެ އެންމެ ނުރައްކާވާ ހިސާބު ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

މި ބަލިން ރައްކާތެރިވުމަށްޓަކައި އެންމެ ރަނގަޅު އެއް ފަރުވާ އަކީ ގިނައިނައިން އަތް ދޮވުމެވެ. އަދި ކެއްސައި ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމާއި ކުޑަކުދިން ކުޅޭ ތަކެއްޗާއި ކުދިންގެ ކުޅު އުނގުޅިދާނެ ކަމަށް ބެލެވޭ އެހެން ތަންތަން ރަނގަޅަށް ދޮވެ ސާފުކުރުމާއި ހުން އަންނަ ނަމަ ނުވަތަ އަނގައިގައި ފާރު އުފެދިފައިވާ ނަމަ އެހެން ކުދިންގެ ތެރެއަށް ނުނެރުމާއި ސްކޫލަށް ނުފޮނުވުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން އެޅުން މުހިއްމު ފިޔަވަޅުތަކެވެ.

އަތާފައި އަދި އަނގައިގެ ބައްޔަކީ ނުރައްކާތެރި ބައްޔެއް ނޫނެވެ. ނަމަވެސް މި ބައްޔަކީ ރައްކާތެރިނުވެއްޖެނަމަ ހަލުއިކަމާއެކު ފެތުރިގެންދާ ބައްޔެކެވެ.

(މައުލޫމާތު ހަވީރު އޮންލައިން)

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.