ހަމްޕުއަށް ޕޮޕޯފް ތައުރީފު އޮއްސާލައިފި

PresCup14Hampu-Goal

ގައުމީ ޓީމުގައި ހިމެނޭ ބ. އޭދަފުށީގެ ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު)އަށް ކޯޗު ވެލިޒާ ޕޮޕޯފް ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ.

އޭނާ އަށް އޮތީ ދެ ގޮތް ކަމަށާއި އެއީ ގައުމީ ފުޓްބޯޅަ ޓީމު ބަދަލުކޮށް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ދިވެހި ފުޓްބޯޅަ ކުރިއެރުވުން ނޫނީ ކޮންޓްރެކްޓް އުވާލާފައި އެނބުރި ގައުމަށް ދިއުން ކަމަށް ޕޮޕޯފް ބުނި ކަމަށް ހަވީރުގައިވެއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކުޅުނު ފުރަތަމަ މެޗުން މެޔޯޓް އަތުން 3-1 އިން ބަލިވުމުން ސީނިއާ ކުޅުންތެރިންނަށް ޕޮޕޯފް ފާޑުކީއިރު، އާދީއްތަ ދުވަހުގެ ރޭ ޓީމު ވަނީ ސީޝެލްސް އަތުން 2-1 އިން މޮޅުވެފަ އެވެ. ފުރަތަމަ މެޗަށް ފަހު އޭނާ ބުނީ ބައެއް ސީނިއާ ކުޅުންތެރިން އިސްކަންދެނީ ސޯޝަލް މީޑިއާގައި ފޮޓޯ ޖެހުމާއި އަންހެން ކުދިންނަށް ކަމަށެވެ. އެހެންވެ ބައެއް ސީނިއާ ކުޅުންތެރިންނަށް ދެން ގައުމީ ޓީމުން ފުރުސަތު ނުދޭނެ ކަމަށް އޭނާ ބުންޏެވެ.

“ދެ އޮޕްޝަން އޮތީ. ފުރަތަމަ ގޮތަކީ ޓީމު ބަދަލުކޮށް ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ ދިވެހި ފުޓްބޯޅަ ކުރިއެރުވުން. ނޫނީ ހަފުތާއެއް ފަހުން އެނބުރި މާލެ ގޮސް ކޮންޓްރެކްޓް އުވާލުން،” ޕޮޕޯފް ބުންޏެވެ.

އޭނާ ބުނީ ޒުވާން ކުޅުންތެރިން ހާއްސަކޮށް ނިއު ރޭޑިއަންޓުގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) ފަދަ ކުޅުންތެރިން އާދީއްތަ ދުވަހުގެ ރޭގެ މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު، ދިވެހި ފުޓްބޯޅައިގެ ކުރިމަގު އުޖާލާ ކަމަށެވެ.

“މިރޭ މި ފެނިގެންދިޔައީ އަހަންނަށް ގައުމީ ޓީމު ކުޅުނު އެންމެ މޮޅު މެޗު. ޒުވާން ކުޅުންތެރިން ހާއްސަކޮށް ހަމްޕު އާއި އާއްކޮގެ ކުޅުން ވަރަށް ރަނގަޅު،” ޕޮޕޯފް ބުންޏެވެ. “އެ ކުޅުންތެރިންނާ އެކު ކާމިޔާބީ ހޯދޭނެ.”

އޭނާ ބުނީ ޓީމު މޮޅުވެއްޖެ ނަމަ ކުޅުންތެރިންނަށް އޭގެ ކްރެޑިޓް ދޭނެ ކަމަށާއި އެކަމަކު ބަލިވެއްޖެ ނަމަ ޒިންމާ ނަގާނީ އޭނާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.