ކުންނު އާއި ވާދީ – 8 ވަނަ ބާބު

11791724_10152974268235423_992826649_n

ހަތްވަނަ ބާބު

އަށްވަނަ ބާބު: ކުންނުތަކާއި ވާދީތަކުގެ ފަލްސަފާ ބޭނުންކުރުން

ޒުވާނާ އެނބުރި އޭނާގެ ވާދީއަށް ރުޖޫއަ ވީއިރު އޭނާއަށް ހުރީ ބޮޑެތި ބަދަލުތަކެއް އައިސްފާކަން އޭނާގެ އާއިލާއަށާއި ރަހްމަތްތެރިންނަށް ފާހަގަ ކުރެވުނެވެ. އޭނާއާއެކު ވަގުތު ހޭދަ ކުރަން މިހާރު އެ އެންމެން ވެސް ޝައުގުވެރިވެއެވެ. ނަމަވެސް އެއީ ކީއްވެކަމެއް ސީދާ އެ މީހުންނަކަށް ނޭނގެއެވެ.

ކުންފުނި މިހާރު އޮތީ ވަރަށް ބޮޑަށް އަޑިއަޅާލައިފައެވެ. އަދި މާލީ ގޮތުން ވަމުން ދިޔަ ގެއްލުންތައް އިތުރުވެފައެވެ.

ކުރިން އެ ކުންފުނީގެ ތިޔާގި ދުވަސްވަރުގައި އެ ކުންފުންޏާ ގުޅުނު ހަނދާން ޒުވާނާގެ ހިތަށް އައެވެ. އަދި މިހާރު ކަންތައްތައް އެހާ ބޮޑަށް ބަދަލު ވެފައިވަނީ ކީއްވެ ކަމާމެދު އޭނާ ވިސްނިއެވެ.

ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ދާއިރާތައް ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންތައްތައް ހޯދައިގަތުމުގައި އެއިރު ހުރި ޝައުގުވެރިކަން އޭނާގެ ހަނދާނަށް އައެވެ. ގިނަ ފަހަރަށް މުވައްޒަފުން އެ މީހުންގެ އަމިއްލަ ނަފުސާ އެތައް ސުވާލުތަކެއް ކުރިއެވެ. އަދި ހުރިހާ ޖަވާބެއް އަމިއްލައަށް އެނގޭ ކަމަށް ހެދިގެނެއް ނޫޅެއެވެ. ކަންތައްތަކާމެދު ޝުކުރުވެރިވުމާއި އަޅާލުން ކުޑައެއް ނުކޮށްލައެވެ.

ނަމަވެސް، ލިބުނު ހުރިހާ ކާމިޔާބެއް އެ އެންމެންގެ “ބޮލަށް ވަނީ”އެވެ. ކާމިޔާބު ލިބުނު ސަބަބުތަކުގައި ހިފައިގެން އެ މަގުން ކުރިއަކަށް ނުދިޔައެވެ. އެ މޭރުމުން އެ މީހުންގައި ހުރި ޝައުގުވެރިކަމާއި އާރޯކަން ބޮއްސުންލައިގެން ދިޔައީއެވެ.

އޭގެ ބަދަލުގައި، ކަންތައްތައް ގޯސް ވުމުން، ގިނަ ބަޔަކު ހާސް ވެ، އަދި ރުޅިގަދަ ވެސް ވިއެވެ. މައްސަލަތައް ހައްލު ކުރުމުގައި އެ މީހުންގެ ހަކަތަތައް ބޭކާރު ކޮށްލީ ނުބައި މިސްރާބުތަކަށެވެ. އަނެކުންގެ ބޮލުގައި އިލްޒާމް އަޅުވައި އަދި އަމިއްލަ ނަފުސު ދިފާއު ކުރުމުގައެވެ.

އެހެެންކަމުން، އެ ކުންފުންޏަށް އެ ކުންފުނީގެ ވާދީގެ ތެރެއިން ނުނިކުމެވިގެން އުޅޭތީ ހައިރާން ވާކަށް ނުޖެހެއެވެ. ސަބަބަކީ، މާ ގިނަ މުވައްޒަފުންގެ ވިސްނުންތަކާއި އަމަލުތައް ހުރީ އެ ވާދީ އިތުރަށް ފުޅާކޮށް ފުންކުރުމަށް މިސްރާބު ޖެހިފައެވެ.

ދެން އެއް ދުވަހަކު، ވަރަށް ސަރަކާތް ހަބަރެއްހެން ހީވި ހަބަރެއް ހުރިހާ މުވައްޒަފުންނަށް ލިބުނެވެ.

އެ ކުންފުންޏަކީ އެހެން ކުންފުނިތަކުން ނުއުފައްދާ، އަދި ވަރަށް އަގުހުރި، މުދަލެއް ތައްޔާރު ކުރާ ކުންފުންޏެކެވެ. ލިބުނު އާ ހަބަރަކީ، އެ ކުންފުންޏަށް ވުރެ މާ ބޮޑު ކުންފުންޏެއް މި ދާއިރާއަށް ވަންނަން އުޅޭ ވާހަކަ އާއި، އެ މުދާ މާ ހެޔޮ އަގުގައި ލިބޭނެ ގޮތް ހަދަން އުޅޭ ކަމެވެ.

މާ ބޮޑު މާކެޓިން ޑިޕާޓްމަންޓެއް އޮތުމާއެކު މާ ރަނގަޅަށް އިޝްތިހާރުކޮށް، ޒުވާނާގެ ކުންފުނި ބަނގުރޫޓު ކޮށްލުމަކީ ނުހަނު ފަސޭހަ ކަމަކަށް ވާނެއެވެ.

ޒުވާނާގެ ކުންފުނިން އާ މާކެޓިން ރޭވުމެއް ރާވައިލިއެވެ. ނަމަވެސް އެ ޕްލޭން އާމެދު މުވައްޒަފުންގެ މާބޮޑު އުއްމީދެއް ނެތެވެ.

ޒުވާނާ އޭނާގެ ޑިޕާޓްމަންޓްގެ މުވައްޒަފުންނާ ބައްދަލު ކޮށްލިއެވެ. އަދި ދެ ސުވާލަކަށް ހުރިހާ އެންމެންގެ ފޯކަސް އަމާޒު ކޮށްލުމަށް ބުންޏެވެ: “މި ތަޖުރިބާގެ ފަހަތުގައިވާ ހަގީގަތަކީ ކޮބާ؟ މި ނުބައި ތަޖުރިބާގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުން ފައިދާ ނެގޭނެ ގޮތަކީ ކޮބާ؟”

ކޮންމެ މުވައްޒަފަކު ވެސް އެ މީހަކަށް ވިސްނުނު އެންމެ މޮޅު ޖަވާބުތައް ހިފައިގެން އަނެއް ދުވަހު ހެދުނަށް ހަމަޖެއްސި ކުއްލި ބައްދަލުވުމަކަށް އައުމަށް ޒުވާނާ އެދުނެވެ.

އަނެއް ދުވަހު ހެދުނު ހެދުނާ މީޓިން ފެށުމާއެކު އެއް އަންހެން މުވައްޒަފަކު ބުނެލިއެވެ: “މި ބާވަތުގެ މުދަލާ ބެހޭ ގޮތުން މި ކުންފުންޏަށް އެނގޭ މިންވަރަށް އެހެން ކުންފުނިތަކަކަށް ނޭނގޭނެ. އަހަރެމެންގެ މި ޕްރޮޑަކްޓް މާ ގިނަ ދުވަހު ބޭނުން ކުރަމުން އަންނަ މާ ގިނަ ކަސްޓަމަރުން އެބަތިބި.”

ދެން އެހެން މުވައްޒަފަކު އިތުރު ކޮށްލިއެވެ: “ހަގީގަތަކީ އަނެއް ކުންފުނީގައި އެބައޮތް ބޮޑު މާކެޓިން ބަޖެޓެއް. އެ ކުންފުންޏަށް ވުރެ ރަނގަޅަށް އަހަރެމެންގެ ކުންފުނިން ކުރެވިދާނެ ކަމަކަށް އަހަރެމެން ސަމާލުކަން ދޭންވީ.”

މުޅި ޓީމްގެ ހުރިހާ މުވައްޒަފުން ވެސް އެ ދެ ނުކުތާ އާމެދު އެއްބަސްވިއެވެ.

ދެން ޒުވާނާ ސުވާލު ކޮށްލިއެވެ: “އެހެންވީމާ، މި ގޯސް ތަޖުރިބާގެ ފަހަތުގައި ފޮރުވިފައި އޮތް އަހަރެމެންނަށް ފައިދާ ނެގިދާނެ ހަގީގަތަކީ ކޮބާ؟”

އެއް މުސްކުޅި ފިރިހެން މުވައްޒަފަކު ބުންޏެވެ: “އަނެއް ކުންފުނިން ތައްޔާރު ކުރާ ޕްރޮޑަކްޓް އަށްވުރެ ފެންވަރު ރަނގަޅު ޕްރޮޑަކްޓެއް އަހަރެމެން އުފައްދައިގެން އެ މީހުންގެ މައްޗަށް ކުރި ހޯދުން ކިހިނެތް؟”

ދެން ކުއްލިއަކަށް ޒުވާނާގެ މުޅި ޓީމަށް މި ފޮރުވިފައިވާ ހަގީގަތް ރޭކާލިއެވެ: އެ ވާދަވެރި ކުންފުނީގެ ބޮޑު މާކެޓިން މަޝްރޫއުގެ ސަބަބުން ގިނަ ރައްޔިތުންނަށް މި ޕްރޮޑަކްޓް ތައާރަފު ވާނެއެވެ. ނަމަވެސް އެއިރުން ވާނެ ގޮތަކީ މީގެ އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓް އޮންނާނީ ޒުވާނާގެ ކުންފުނީގެ އަތުގައެވެ!

އެހެން ގޮތަކަށް ބުނަނީ ނަމަ، ޒުވާނާގެ ކުންފުނީގެ މާކެޓިން ކަންތައްތައް ކުރިއަށް ގެންދާނީ އެއްކަލަ ވާދަވެރި ކުންފުނިންނެވެ!

‘ބުއްދިވެރި އަމާޒެއް’ ކަނޑައަޅައިގެން އޭގެ ފަހަތުން ދިއުމަށް އެދޭތޯ އޭނާގެ ޓީމްގެ ގާތުން ޒުވާނާ އެހިއެވެ. އެ ޓީމަށް ބުއްދި ގަބޫލު ކުރެވޭ ކުރިމަގުގެ އަމާޒެއް ހިޔާލަށް ގެނެސް ސިފަކޮށްލައިގެންނެވެ.

މުޅި ޓީމުން އެ ކަމާ އެއްބަސްވިއެވެ. ބުއްދި ގަބޫލު ކުރެވޭ، އަދި ފުރިހަމަ ކުރެވުނު މިންވަރަކަށް ތަފުސީލުތައް ހިމަނާލައިގެން، ފެންވަރު މާ ރަނގަޅު ޕްރޮޑަކްޓެއް ތައްޔާރު ކުރާނެ ގޮތް ސިފަކޮށްލިއެވެ. އެ ޕްރޮޑަކްޓްގެ ފެންވަރު ރަނގަޅު ކަމުން ގޮސް ކަސްޓަމަރުން އޭތި ގަނެ، އޭގެ ބޭނުން ކުރުމުގެ އިތުރުން އޭގެ ވާހަކަ އެހެން މީހުންގެ ގާތުގައި ވެސް ދައްކާނެ ވަރުގެ ފެންވަރު ރަނގަޅު ޕްރޮޑަކްޓެކެވެ.

ޓީމުގެ މެންބަރުން އަމިއްލަ ސިކުނޑީގައި ސިފަކޮށްލީ ކަސްޓަމަރުންނާ ސުވާލުކޮށް، އެ މީހުންގެ ވާހަކަތައް އަޑުއަހައި، އެ މީހުން ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ ބެލުމެވެ. އަދި ކަސްޓަމަރުންގެ ކެކުޅުންތައް އަޑުއަހައިގެން އެ ވާހަކަތައް ކުންފުނީގެ އަނެއް ޑިޕާޓްމަންޓްތަކަށް ގެންދާނެ ގޮތެވެ.

ދެން ޓީމުން އެ ކަންތައް ހަމަ އެ ގޮތަށް ކުރިއެވެ! ކަސްޓަމަރުންގެ އިހުސާސްތައް ދެނެގަތެވެ. އަދި ރައްޔިތުން ބޭނުންވާނެ ކަންތައްތަކާއި ސިފަތައް އެ ޕްރޮޑަކްޓްގެ ފެންވަރު ރަނގަޅު ކުރުމުގައި ހިމެނިއެވެ. ވާދަވެރި އަނެއް ކުންފުނިން އެ މީހުންގެ މާކެޓިން ކެމްޕޭން ފެށިއިރު، ޒުވާނާގެ ކުންފުންޏަށް ވަނީ އެ މުދަލުގެ ފެންވަރު ވަރަށް ބޮޑު ތަން ރަނގަޅު ކުރެވިފައެވެ. އަދި އިތުރު ބައިވަރު ކަސްޓަމަރުންތައް ވެސް ވަނީ އެ ގަންނަން ފަށައިފައެވެ.

ޒުވާނާގެ ކުންފުނީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކަމުގެ ވާހަކަ މަޝްހޫރުވެ، މުޅި މުޖުތަމައުގައި އެ ކުންފުންޏަށް ރީތި ނަން ލިބުނެވެ. އަދި މި ގޮތަށް ކުންފުންޏާ ގުޅޭ ގޮތުން ރަނގަޅު އަޑުތައް ފެތުރެން ފެށުމުން، ކުންފުނީގެ އާމްދަނީ ވެސް އިތުރު ވާން ފެށިއެވެ.

މުވައްޒަފުންގެ ވަޒީފާތައް ގެރެންޓީ ވިއެވެ.

ކުންނުތަކާއި ވާދީތަކުގެ ފަލްސަފާ ޒުވާނާ އޭނާގެ ކުންފުނީގެ އެހެން މުވައްޒަފުންނާ ހިއްސާ ކުރަން ފެށިއެވެ. އަދި އެ ނަޒަރިއްޔާތު އާމެދު އެ މީހުން އެ މީހުންގެ މެދުގައި ވެސް މަޝްވަރާ ކުރަން ފެށިއެވެ. މިހެންވުމުން، ކުރިން އެ މީހުންގައި ހުރި ގޮތްދޫނުކުރުމާއި ބޯހަރުކަމުގެ ސަބަބުން ކުރިން އޮތް ކުންނުން ވެއްޓުނީކަން އެ މީހުންނަށް ރޭކާލިއެވެ. އަދި މީގެ ފަހުން ކަންތައްތަކާމެދު ދުވަހަކުވެސް ފަރުވާ ކުޑަ ނުކުރާނެ ކަމަށް ވައުދު ވިއެވެ.

ޒުވާނާ އާއި އޭނާގެ ޓީމްގެ މުސާރަ ބޮޑުވިއެވެ. އަދި ކުންފުންޏަށް ދެން ވެސް ގެނެވެން ހުރި އިތުރު ހެޔޮ ބަދަލުތަކަކީ ކޮބައިތޯ ދެނެގަތުމުގެ މަސައްކަތް އެ ޓީމުން ކުރިއަށް ގެންދިޔައެވެ. ކަންތައްތަކާ ބެހޭ ގޮތުން ސުވާލު އުފައްދައި، އެހެން މީހުންގެ ވާހަކަތައް އަޑުއެހިއެވެ. ހުރިހާ ކަމެއް އަމިއްލައަށް އެނގިގެން އުޅޭ ސިފަ ދޫކޮށްލިއެވެ.

ވަޒީފާ އަދާކުރަމުން ދިޔަ ކުންފުނި އަލުން ކުންނެއްގެ މައްޗަށް ގެނެވުމުން ޒުވާނާ އުފާވިއެވެ. ނަމަވެސް މި ރަނގަޅު ތަޖުރިބާ ރަނގަޅަށް މެނޭޖް ނުކުރެވިއްޖެ ނަމަ އިސާހިތަކު ވާދީއަކަށް ވެއްޓުމަކީ ކިހާ ފަސޭހަ ކަމެއްކަން ވެސް ޒުވާނާއަށް އެނގެއެވެ.

އޭނާއަށް ދަސްވި ފިލާވަޅު އޭނާގެ ހަނދާނަށް އައެވެ: “ކުންނެއްގައި ދެމިހުރުމަށް ހިތްތިރިކުރުމާއެކު ޝުކުރުވެރިވާށެވެ. އެ ކުންނަށް ދެވުމަށް މެދުވެރިވި ގިނަ ކަންތައްތައް ކުރުމުގައި ދެމިހުންނާށެވެ. އަދި ކަންތައްތައް އިތުރަށް ރަނގަޅަށް ކުރާށެވެ. އެހެން މީހުންނަށް ހިދުމަތް ކޮށްދިނުން އިތުރު ކުރާށެވެ. ކުރިމަގުގައި ކުރިމަތިވެދާނޭ ވާދީތަކާ ކުރިމަތިލުމަށް ވަސީލަތްތައް ގާއިމު ކުރާށެވެ.”

ޒުވާނާ ހިނިތުންވެލިއެވެ. ކުރެވޭ ރަނގަޅު ތަޖުރިބާތައް ރަނގަޅަށް މެނޭޖް ކުރަން އެންމެ ފަހުން އެނގެން ފަށައިފިކަން ރޭކާލުމުންނެވެ.

އޭނާ ނިންމާފައިވަނީ ކުރިމަގުގައި ކަންތައްތައް ތަފާތުކޮށް ކުރާށެވެ. އޭގެ ތެރޭގައި “ސޭވް” ކުރުން ނުވަތަ ފަހަށް ރައްކާ ކުރުމާއި ބޮޑުވި މުސާރައިގެ ތެރެއިން ބައެއް އިންވެސްޓް ކުރުން ހިމެނެއެވެ. ކުރިމަގުގައި ވެސް ހަމަކަށަވަރުން ކުރިމަތިވާނޭ ވާދީތައް ގިރާ ކުރުމަށް އެހީއެއްގެ ގޮތުންނެވެ.

އެއް ދުވަހަކު ޒުވާނާއަށް ހައިރާންކަން ލިބުނީ އަދި އުފާވީ އޭނާއަށް ޕްރޮމޯޝަނެއް ލިބުނުކަން އެނގުމުންނެވެ!

މި ހަބަރު އާއިލާ އާއި އެއްކަަލަ އަންހެންކުއްޖާ އާ ހިއްސާ ކޮށްލުމަށް ކެތްމަދުވިއެވެ.

އެކަމަކު ދެން އޭނާގެ ހިތަށް ހިތާމަވެރިކަން ވަދެގެން ދިޔައެވެ.

އެންމެ ފަހުން އޭނާއަށް ވަޒީފާގައި ލިބުނު ރަނގަޅު ކަންތައްތަކުގެ ވާހަކަތައް ހިއްސާ ކުރުމުން ހުރިހާ ކަމެއް ފަހުން ދިޔައީ ގޯހަށެވެ.

އޭނާ އަށް ހަނދާންވި ގޮތުގައި، އޭނާއަށް އެއިރު ކާމިޔާބީތައް ލިބެން ފެށުމުން، އޭނާގެ ގޮތްދޫނުކުރުމާއި ބޯހަރުކަން އިތުރުވިއެވެ. އަމިއްލަ ނަފުސަށް ވެސް އެކަން ރޭކާ ނުލާ ގޮތަކަށެވެ.

އޭނާ ހަނދާންވީ އެކަމުގެ ސަބަބުން އޭނާގެ ރަހްމަތްތެރިން އޭނާގެ ކިބައިން ރެކިގަތް ގޮތެވެ. އަދި އެ އަންހެންކުއްޖާ ވެސް ކަންތައް ކުރީ އެހެންނެވެ.

މިހާރު އޭނާ ދެރަވީ އޭނާގެ ދެއްކުންތެރިކަމުގެ ސަބަބުން އެ އަންހެންކުއްޖާ އާ އޮތް ގުޅުން ކެނޑުނީމައެވެ.

ނަމަަވެސް، އެ ކަމާ ގަތް ބިރުން ހިތްވަރު އެލުވާލުމުގެ ބަދަލުގައި، އޭނާ ނިންމީ ކުންނުތަކާއި ވާދީތަކުގެ ފަލްސަފާއިން މި ކަންތައްތައް ވެސް ހައްލު ކުރެވޭތޯ މަސައްކަތް ކުރުމަށެވެ. އެ ގޮތުން އޭނާ ނިންމީ ބަސް މަދުކޮށް އަމަލު ގިނަ ކުރާށެވެ.

“އަންހެންކުއްޖާއާއެކު އޮތް ގުޅުން ހަގީގަތުގައި ވެސް ގެއްލިފައިވީ ނަމަ، މި ވާދީގައި ވެސް ފޮރުވިފައިވާ ކޮންމެވެސް ހަގީގަތެއް އޮންނާނެ ކަމަށް އަހަރެން އިތުބާރު ކުރާނަން. ނޫނީ ފަހަރެއްގައި، އަހަރެންނަށް އިތުރަށް ހިތްތިރި ކުރަން ދަސްވެ، ލޯބި ދޭން ދަސްވެއްޖެ ނަމަ، އެ އަންހެންކުއްޖާ އާއެކު މާ ރަނގަޅު ގުޅުމެއް އުފެއްދިދާނެހެން ހީވަނީ،” ޒުވާނާ އަމިއްލަ ނަފުސަށް ބުނެލިއެވެ.

ދެން އޭނާ ބާރަށް ހީނގަތެވެ. “‘އިތުރަށް’ ހިތްތިރި ކުރާނިއްޔޭ؟” އޭނާ ބާރަށް ބުނެލިއެވެ.

ޒުވާނާ ނިންމީ މީހުން ދެކެ މާ ބޮޑަށް ލޯބިވާ މީހަކަށް ބަދަލުވުމަށެވެ. އަދި މީހުން މާ ޝައުގުވެރިވާނެ މީހަކަށް ވެސް ވުމަށެވެ.

ޒުވާނާ މިހާރު ގަބޫލު ކުރާ ގޮތުގައި އެހެން މީހުން ދެކެ ވާ ލޯބި އިތުރު ކުރެވިއްޖެ ނަމަ، މިސާލަކަށް ބިރުގެ ބަދަލުގައި ލޯބި އިހުތިޔާރު ކޮށްފި ނަމަ، އޭނާ ދެކެ އެހެން މީހުން ވެސް ލޯބި ވާނެ މިންވަރު އިތުރު ވާނެއެވެ. އަދި އެ އަންހެންކުއްޖާ އާއެކު އޮންނަ ގުޅުން ވެސް މާ ފުރިހަމަ ވާނެ ކަމަށެވެ.

ދެން އައި ދުވަސްތަކުގައި ޒުވާނާ އެހެން ‘ބުއްދިވެރި އަމާޒެއް’ ކަނޑައެޅިއެވެ. މި ފަހަރު އޭނާގެ ހިޔާލުގައި ކުރެހީ އެ ފަދަ އަންހެންކުއްޖަކު ބޭނުންވާނެ ސިފަތައް ހުންނާނެ ފިރިހެނަކަށް ވުމަށެވެ. އަދި ފަހަރުގައި، އެންމެ މުހިންމު ކަމަކީ، މިއީ ހުދު ޒުވާނާ އޭނާގެ އަމިއްލަ ނަފުސު ހުންނަން އެދޭ ގޮތަށް ވެސް ހުރުން ކަމެވެ.

އަމިއްލަ ނަފުސުގައި ހުންނަން އެދޭ ސިފަތައް އޭނާގެ ސިކުނޑީގައި ހިޔާލު ކޮށްލިއެވެ. ހުރިހާ ތަފުސީލު ތަކާއެކުއެވެ. އޭނާ މީގެ ފަހުން އަމިއްލަ ނަފުސު “މާ ސީރިއަސް”ކޮށެއް ނުނަގާނެއެވެ. ސަބަބަކީ އެއިރުން އޭނާ ވެގެންދާނީ އޭނާގެ އީގޯގެ ކިބައިން ސަލާމަތް ނުވެވިގެން އުޅޭ، އަދި އަމިއްލަ ނަފުސު ފިޔަވާ އެހެން މީހަކަށް ނުވަތަ އެހެން ކަމަކަށް އަޅާ ނުލާ، އަދި ހަމަޖެހިލައި، އަރާމުކޮށްލައި، ކަންތައްތަކަކާމެދު ހީލައި އުފާކޮށްލަން ނޭނގޭ “މާ ސީރިއަސް” މީހަކަށެވެ. އޭގެ ބަދަލުގައި އޭނާ ބޭނުންވީ ކަންތައްތަކާ މަޖާ ކުރަން ވެސް އެނގޭ، އަދި އެހާމެ މީހުންނާއި ކަންތައްތަކާމެދު އަޅާލާ ފަރުވާ ބަހައްޓާ މީހަކަށް ވާށެވެ. ދިރިއުޅުމާއި މަސައްކަތަށް ވެސް ފުރިހަމަކަން ގެނައުމާމެދު ވަރަށް ފަރުވާތެރި މީހަކަށް ވުމަށެވެ.

އޭނާ ބޭނުންވީ ދުނިޔެއަށް ބަދަލެއް ގެންނަން ބޭނުންވާ މީހަކަށް ބަދަލު ވުމަށެވެ. ކިތައްމެ ކުޑަ ބަދަލެއް ވިޔަސް ހެވެއެވެ. އެއީ މުހިންމު ބަދަލެއް ނަމައެވެ. އަދި މީގެ ފަހުން އޭނާގެ ވަށައިގެންވާ އޭނާގެ އެންމެ ގާތް މީހުންނާމެދު އޭނާ ބަހައްޓާ ސަމާލުކަން ކުޑަ ނުކޮށްލަން ނިންމިއެވެ.

ފުރަތަމަ ބަދަލެއްގެ ގޮތުން، ޒުވާނާ މިއިން އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ގާތުގައި ނުދައްކައެވެ. މި ހިޔާލާއި އިހުސާސް އޭނާގެ ސިކުނޑި އާއި ހިތުގައި ވަރަށް ސާފުކޮށް ހަރުކޮށްލާފައި ބޭންދީއެވެ.

ދެން އޭނާ ކުރި ކަމަކީ މި އަމާޒުތައް ހާސިލު ވާނެ ކަންތައްތައް ކުރީއެވެ. ފެށީ ކުޑަކޮންނެވެ. ނަމަވެސް ދުވަސްތައް ދިޔަވަރަކަށް އޭނާ ބޭނުންވި ކަހަލަ ފިރިހެނަކަށް އޭނާ ބަދަލުވިއެވެ.

ދުރު ހަނދާނެއް އޭނާގެ ސިކުނޑިއަށް އައެވެ. އެއީ އޭނާ ކުރި ސުވާލަކާމެދުއެވެ: “ވާދީއެއް ހަގީގަތުގައި މެނޭޖް ކުރާނީ ކިހިނެތް؟”

މި ފަހަރު އޭނާގެ ނޯޓް ފޮތުގައި އޭނާ ނޯޓް ކޮށްލިއެވެ:

–          އަމިއްލަ ނަފުސުގެ ބޭރުން ކަންތައްތައް ބަލަން ފެށެވުމުން ތިމާގެ ވާދީން ނުކުމެވޭލެއް އަވަހެވެ. އެއީ، މަސައްކަތު ދާއިރާގައި ނަމަ ތިމާ ދޭ ހިދުމަތް އިތުރު ކޮށްގެންނެވެ. އަދި ދިރިއުޅުމުގައި ނަމަ ލޯބި ދިނުން އިތުރުކޮށްގެންނެވެ.

އެއް ރެއަކު، ވަޒީފާގައި ލިބުނު އާ މަގާމާ ހަވާލު ވުމުގެ ކުރިން، އާއިލާއިން ކުޑަ ހަފުލާއެއް އޭނާއަށް ބާއްވާލަދިނެވެ. އެ ހަފުލާއަށް އޭނާގެ ގިނަ ރައްޓެހިން އައެވެ. އޭގެ ތެރޭގައި އެއްކަލަ އަންހެންކުއްޖާ ވެސް ހިމެނުނެވެ. އެ ކުއްޖާ މިހާރު އޭނާ އާމެދު ބަހައްޓާ ގާތްކަން އިތުރެވެ.

އެ ރޭ ފަހުން، ޒުވާނާ އޭނާގެ ބައްޕަ ގާތުގައި ސުވާލު ކޮށްލީ، ބައްޕަގެ ޒުވާން ދުވަސްވަރު ދިރިއުޅުން ހުރި ގޮތާ ބެހޭ ގޮތުންނެވެ. ބައްޕަ އޭނާގެ އަމިއްލަ ކުންނުތަކާއި ވާދީތަކުގެ ވާހަކަތައް ކިޔައިދޭން ފެށުމުން، ޒުވާނާއަށް ރޭކާލީ އޭނާގެ ބައްޕައަށް ވެސް ވަނީ އަމިއްލަ ބުއްދިވެރިކަމެއް ލިބިފައި ކަމެވެ.

ދެން ދުވަސްތައް ދިޔަ ވަރަކަށް ދެބަފައިންގެ ގުޅުން ގާތްވިއެވެ.

ޒުވާނާގެ ވަޒީފާ އާއި ކެރިއަރުގައި ކުރިއެރުންތައް ލިބެމުން ދިޔައެވެ. އަދި އޭނާއަށްޓަކައި އޭނާގެ މައިންބަފައިން އުފާކުރިއެވެ.

މިހާރު ވެސް ބައެއް ފަހަރު އޭނާ އެ މީހުންނާ ޒުވާބު ކުރެއެވެ. ނަމަވެސް މިހާރު އޭނާ އޭނާގެ އަމިއްލަ ނަފުސު ދިފާއު ކުރުން ކުރިއަށްވުރެ ދަށަށް ޖައްސާލިއެވެ. އަދި މިހެންވެ އެ ޒުވާބުތައް އެހާ ހޫނު ވެގެނެއް ނުދެއެވެ. އޭގެ ބަދަލުގައި އެ ފަދަ ޒުވާބުތައް ބަދަލު ވެގެން ދިޔައީ ވިސްނުންތެރި މަޝްވަރާތަކާއި ބަހުސްތަކަށެވެ.

ޒުވާނާއަށް އާ ކަންތައްތައް އަދިވެސް ހޯދެމުން ދިޔައެވެ. އެ ގޮތުން އޭނާއަށް ފައިދާ ކުރި އެންމެ މުހިންމު އެއް ކަންތައް ހައިރާން ވާހާ ސާދާއެވެ: ވާދީއަކުން ނުކުމެވޭނެ ގޮތަކާމެދު މާޔޫސް ވެއްޖެ ނަމަ، އޭނާ ހަނދާންވީ ކުންނުތަކާއި ވާދީތަކަކީ އެއީ ހަމަ އެ ދޭތީގެ “އިދިކޮޅު”ތައް ވެސް ކަމެވެ. މިހެންވެ، ވާދީއަކަށް ވެއްޓެން ދިމާވީ އޭނާ އަށް ކިހިނެތް ކަންތައް ކުރެވިގެންތޯ ބަލައި، އެއާ ދިމާ އިދިކޮޅަށް ކަންތައްތައް ކުރަން ފެށުމުން އޭގެ “އިދިކޮޅު” ނަތީޖާތައް ލިބުނެވެ!

މިއީ ކިހާ ސާފު ކަމެއް ކަން އެއީ ހައިރާން ވާވަރުގެ ކަމެއް ނަމަވެސް މި ގޮތަށް ނަތީޖާ ލިބޭ ކޮންމެ ފަހަރަކު ވެސް އެ ލިބޭ ހައިރާންކަން ކުޑައެއް ނުވިއެވެ.

އޭނާގެ އުމުރުން ދުވަސްވީ ވަރަކަށް، އޭނާގެ ވާދީތައް ހުރަސް ކުރުން އޮމާން ކަމަކަށް ވިއެވެ. އޭނާގެ ސިކުނޑިއަށް ނުތަނަވަސް ކަމެއް ނުގެނުވައެވެ.

ކިތައްމެ ބުރަ އަދި ބިޒީ ޝެޑިއުލެއްގައި އުޅުނު ނަމަވެސް، އޭނާގެ ވާދީގެ ހިޔާތަކުގެ ތެރެއިން ހިނގާލާ ހެދުމަށް އޭނާ ވަގުތު ހޯދައެވެ. ގިނަ ފަހަރަށް އޭނާގެ ހިތުގައި އަޅާލުން އުފެދިފައިވާ އެ އަންހެންކުއްޖާ އާ އެކުއެކީގައެވެ.

ދެން އެއް ދުވަހަކު، ކުރިން ނޫނީ ފަހުން ނަމަވެސް އަންނާނެކަން އޭނާއަށް އެނގޭ އެ ވޭނީ ހަބަރު އޭނާއަށް ލިބުނެވެ. ކުންނުގެ މުސްކުޅިޔާ މަރުވީއެވެ.

އެ މުސްކުޅިޔާ ދަންނަ ހުރިހާ އެންމެން ބުނި ގޮތުގައި އެ މީހުންނަށް އިހުސާސް ކުރެވުނީ އެ މުސްކުޅިޔާ އަދިވެސް އެ މީހުންގެ ގާތުގައި ވާހެންނެވެ. ވަކިން ހާއްސަކޮށް، އެ ކުންނަށް އެރުމުން އެކަން އިހުސާސް ވާލެއް ބޮޑު ކަމަށެވެ. ޒުވާނާއަށް އިހުސާސް ކުރެވުނީ ވަަރަށް ގިނަ ޒަމާންތަކަކަށް ދެމިގެން ދަންދެން ވެސް އޭނާ އެ މުސްކުޅިޔާ “މިސް”ވާނެ ކަމެވެ. އޭނާގެ ނެތުން އަބަދުވެސް އިހުސާސް ކުރެވޭނެ ކަމެވެ.

ޒުވާނާ އެ ވާދީއަށް ނަޒަރު ހިންގާލިއެވެ. އޭނާގެ ހަޔާތުގެ މުހިންމު ބައެއް މިހާރު ބީވެގެން ދިޔަ ކަހަލަ ބިރެއް އިހުސާސް ކުރެވުނެވެ. ދާއިމީކޮށެވެ. އެ މުސްކުޅިޔާ އާމެދު ޒުވާނާގެ ހިތުގައި ވަނީ ނުހަނު ބޮޑު ގާތްކަމެއް އުފެދިފައެވެ. އަދި މިހާރު މާ ބޮޑަށް އެކަނިވެރިކަމާއި ހިތާމަވެރިކަން އިހުސާސް ކުރެވެން ފެށިއެވެ.

އެ ވޭން އޭނާގެ ހިތުގައި އިހުސާސް ކުރެވުނެވެ. އަދި މި ކަމުގެ ފަހަތުގައިވާ ހަގީގަތަކީ ކޮބައިކަމާމެދު ވިސްނާލިއެވެ.

ދެން ޒުވާނާގެ ހިޔާލަށް “އިވުނީ” މުސްކުޅިޔާ ބުނި އަޑެވެ: “ވާދީއަކީ ތިމާގެ ހަޔާތުގައި ނެތް ކަމަށް އިހުސާސް ކުރެވޭ އެއްޗަކަށް އެދެވޭ އެދުމެވެ…”

އަދި ދެން ޒުވާނާ ހީނގަތެވެ. އަދި މުސްކުޅިޔާ ބުނި ޖުމްލަ އަމިއްލައަށް މަޑުމަޑުން ފުރިހަމަ ކޮށްލިއެވެ: “އަދި ކުންނަކީ ކުރެވޭ ރަނގަޅު ތަޖުރިބާ އާއި ލިބޭ ރަނގަޅު އެއްޗެއްސާމެދު އުފާ އަދި ޝުކުރު ކުރާ އަދި ކުރެވޭ ވަގުތެވެ.”

އޭނާ އުފާކޮށް ޝުކުރު ކުރަންވީ ކޮން ކަންތައްތަކާމެދުތޯ ވިސްނާލިއެވެ.

ކަމުގެ ‘ހަގީގަތަ’ކީ މިހާރު ޒުވާނާއަށް ތަޖުރިބާ ކުރެވޭ ރަނގަޅު ވަގުތުތަކާއި އަދި ނުބައި ވަގުތުތަކުގައި ވެސް މަސައްކަތާއި ދިރިއުޅުމުގައި ކުރިއަށް ދިއުމުގައި އަމާން އަދި ކާމިޔާބު މަގެއް ލިބިފައިވާ ކަމެވެ.

އަދި މި މަގު ކޮށައިދިނީ އެ މުސްކުޅި ރަހްމަތްތެރިޔާއެވެ.

ކުޑަ ހިނދުކޮޅަކަށް ނަމަވެސް ޒުވާނާއަށް ދެންމެ ހުރެވުނީ ޒާތީ ވާދީއެއްގައިކަން އެނގުނެވެ. ސަބަބަކީ، އެ މުސްކުޅިޔާ އަދިވެސް ހުންނަން ޖެހޭނީ ޒުވާނާގެ ގާތުގައި ކަމަށް ހީވެގެންނެވެ. ބުއްދިވެރިކަމާއި ދިރިއުޅުމަށް ހުރި ޝައުގުވެރިކަމާއި އާރޯކަން ހިއްސާ ކުރުން މަތީގައެވެ.

ނަމަވެސް މިހާރު ޒުވާނާ ފުން ނޭވާއެއް ލުމަށް ފަހު ‘ހަގީގަތާ’ ދިމާއަށް ބަލަން ފެށިއެވެ. އޭނާ އެދޭ އެދުމަކަށް ނޫނެވެ. ނުވަތަ ހަގީގަތެއް ކަމަށް ހީވެ، ގަންނަ ބިރަކާ ދިމާއަކަށް ވެސް ނޫނެވެ.

މި ކަމުގައި އޮތް ‘ހަގީގަތަ’ކީ މުސްކުޅިޔާ އެ ދިޔައީ ޒުވާނާއަށް ހަދިޔާތަކެއް ވެދުން ކޮށްފައެވެ. އެ “ހަދިޔާ”އިން އިބުރަތް ލިބިގަނެ، އެ ގޮތަށް އަމަލު ކޮށްފި ނަމަ، އެ ޒުވާނާ އާއި އޭނާގެ ވަށައިގެންވާ މީހުންނަށް އެތައް އަހަރުތަކަކަށް ދެމިގެންދާ ފައިދާ ކުރާނެ ފަލްސަފާއެކެވެ.

މިހެންވެ، ކޮންމެވެސް ސިފައެއްގައި، މުސްކުޅިޔާ އެއީ އެ ޒުވާނާގެ ނަފުސުގެ އެތެރޭގެ “ބައެކެވެ”. އަދި އެހެންކަމުން އެ މުސްކުޅިޔާ އަބަދުވެސް ހުންނާނީ އެ ޒުވާނާ އާއެކުއެވެ.

ޒުވާނާ ފެންކަޅިވިއެވެ. އެހާ ރަނގަޅު ރަހްމަތްތެރިޔަކު ހަޔާތަށް އައުމުގެ ސަބަބުންނެވެ.

ޒުވާނާއަށް ރޭކާލީ އޭނާގެ މަސައްކަތު ދާއިރާ އާއި ދިރިއުޅުމުގެ ދާއިރާ އަބަދުވެސް ވާނީ ކުންނުތަކާއި ވާދީތަކެއްގެ ސިލްސިލާއަކަށް ކަމެވެ.

މާލީ، ޖަޒުބާތީ އަދި ރޫހާނީ އުސްތަކާއި އަޑިގުޑަންތައް ފަދައިން ރަނގަޅު ސިއްހަތާއި ބަލިމަޑުކަމާއި އުފާވެރިކަމާއި އަދި ވޭންތަކުގެ ތެރެއިން ވެސް ދިރިއުޅުން ހަމަ ކުރިއަށް ދާނެކަމެވެ.

އޭނާ ގަބޫލު ކުރީ މި ތަކުރާރު ވާ ކުންނުތަކާއި ވާދީތަކުގެ “ބައްޓަމަކީ” ދިރިހުރުމުގެ “ތިޔާގި މުއްސަނދިކަމުގެ” ބައެއް ކަމެވެ.

ނަމަވެސް މިހާރު އޭނާ އަށް އެނގޭ ގޮތުގައި ކުންނު އާއި ވާދީގެ ނަޒަރިއްޔާތުގެ އެހީގައި ރަނގަޅު އަދި ނުރަނގަޅު މަރުހަލާތައް ގިރާކުރުމަށް ހަގީގަތުގައި ވެސް އޭނާއަށް އެހީއަކަށް ވާނެއެވެ.

އޭނާ ވިސްނާލީ މި ކަމުގެ ސަބަބުން އޭނާގެ މަސައްކަތާއި ދިރިއުޅުމަށް އައި ބޮޑު ބަދަލެވެ. އަދި މިހެންވެ އެ މުސްކުޅިޔާއަށް ޝުކުރުވެރިކަން އިހުސާސް ކުރެވޭ ބޮޑު މިންވަރެވެ. ދެން ޒުވާނާ ހަނދާންވީ އެންމެ ފުރަތަމަ މުސްކުޅިޔާ އާ ބައްދަލުވި ފުރަތަމަ ދުވަހު ވީ ވައުދެވެ.

މުސްކުޅިޔާ ބުނީ މިހެންނެވެ: “ކުންނާއި ވާދީގެ ވާހަކަ އަހަރެން ކިޔައިދޭނަން. ނަމަވެސް އެއީ ތިބާއަށް މި ވާހަކަ ބޭނުންތެރި އެއްޗަކަށް ވެއްޖެ ނަމަ، މި ވާހަކަ އެހެން މީހުންނާ ހިއްސާ ކުރާނެ ކަމުގެ ޝަރުތުގެ މަތިން. މި ވާހަކަ އަހަރެންނަށް ކިޔައިދިން މީހާ އަހަރެންނަށް ވެސް ޝަރުތު ކުރި ފަދައިން.”

ޒުވާނާއަށް ހީކުރެވުނީ އެ ކަން އޭނާއަށް އެންމެ ރަނގަޅަ ކުރެވުނު ކަމަށެވެ. ނަމަވެސް މިހާރު އިހުސާސް ކުރެވުނީ އަދި އިތުރަށް މި މޭރުމުން މަސައްކަތް ކުރަން ބޭނުން ކަމެވެ. މުސްކުޅި ރަހްމަތްތެރިޔާ ދިން ހަދިޔާތައް އެންމެ ރަނގަޅަށް އެހެން މީހުންނާ ހިއްސާ ކުރެވޭނީ ކޮން ގޮތަކަށްކަން ބަލަން ޒުވާނާ ބޭނުންވިއެވެ.

މިހެންވެ، ޒުވާނާ ދިޔައީ ކޯރު ކައިރީގައި ހުރި ރަހްމަތްތެރިއެއްގެ ޖިފުޓިއަކަށެވެ. އެ ތާނގައި އެކަނި އިނދެ ވިސްނާލުމަށެވެ.

ކުންނާއި ވާދީގެ ފަލްސަފާއިން އެނގުނު އެންމެ ބޭނުންތެރި ކަމަކީ ކޮބައިކަމާމެދު ޒުވާނާ އަމިއްލަ ނަފުސާ ސުވާލު ކޮށްލިއެވެ. އޭނާގެ އަމިއްލަ ތަޖުރިބާތަކާމެދު ވިސްނާލިއެވެ. އަދި ނޯޓު ކުރެވިފައި ހުރި ކަންތައްތައް އަލުން މުރާޖާ ކޮށްލިއެވެ. އޭނާއަށް ފައިދާ ކުރި ވަރަށް ގިނަ ކަންތައްތައް ހުއްޓެވެ.

އެންމެ ފަހުން އޭނާ ފެށީ އޭނާއަށް އެންމެ މުހިންމު ވީ ކަންތައްތަކުގެ ހުލާސާއެއް ލިޔެލާށެވެ. އެ ލިޔުންކޮޅު އޭނާ ވަރަށް ކުރުކޮށްލިއެވެ. ކުޑަކުޑަ ކާޑަކަށް ފެތޭނެ ވަރަށެވެ.

އޭނާ ރޭވީ މި ފަދަ ކަންތައްތައް ހަގީގަތުގައި ވެސް އެނގެން ބޭނުންވާ މީހުންނާ އެ ކާޑު ހިއްސާ ކޮށްލުމަށެވެ.

ދެން އޭނާ ހިނިތުންވެލިއެވެ. މި ކާޑަކީ ހުދު އޭނާގެ އަމިއްލަ ނަފުސަށް ވެސް ފައިދާ ކުރާނެ އެއްޗެއްކަން ރޭކާލުމުންނެވެ. ކުންނުތަކާއި ވާދީތަކުގެ އެ އާދަޔާހިލާފު ފަލްސަފާގެ އުސޫލުތަކާއި އުކުޅުތައް ގިނަގިނައިން ހަނދާން ކުރުމަށާއި އެ ކަންތައްތަކަށް އަމަލު ކުރުމަށް އޭނާއަށް ވެސް އެހީއަކަށް ވާނޭތީއެވެ.

ދެން އައި ދުވަސްތަކާއި މަސްތަކުގައި އެއްކަލަ ހުލާސާ ހިއްސާކޮށްލައި އެހެން މީހުންނަށް އެހީވުމަށް ގިނަގުނަ ފުރުސަތުތަކެއް ލިބުނެވެ.

އޭނާގެ ކުޑަ ކާޑުގައިވާ ހުލާސާއަކީ މިއެވެ:

މަސައްކަތާއި ދިރިއުޅުމުގައި ތިމާގެ ކުންނުތަކާއި ވާދީތަކުގެ ބޭނުން ހިފުން:

ތިމާގެ ރަނގަޅު އަދި ނުރަނގަޅު ތަޖުރިބާތައް މެނޭޖް ކުރުމަށްޓަކައި:

ހަގީގަތް އެއީ ތިމާގެ ރަހްމަތްތެރިޔާ ކަމުގައި ހަދާށެވެ.

ވަގުތީ ގޮތުން ތިމާއަށް ހުރެވެނީ ކުންނެއްގެ މަތީގައި ނުވަތަ ވާދީއެއްގެ ފުލުގައި ކަމަށް ވިޔަސް، އަމިއްލަ ނަފުސާ ސުވާލު ކޮށްލާށެވެ: “މި ކަމުގެ ފަހަތުގައިވާ ހަގީގަތަކީ ކޮބާ؟”

ވާދީއަކުން އަވަހަށް ނުކުތުމަށްޓަކައި:

ނުބައި ތަޖުރިބާއެއްގެ ފަހަތުގައި ފޮރުވިފައިވާ ރަނގަޅު ކަންތައްތަކުގެ ފައިދާ ނަގާށެވެ.

ހަމަޖެހިލާށެވެ. ސަބަބަކީ ވާދީތަކަށް ނިމުމެއް ވެސް ވާނޭކަން އެނގޭތީއެވެ. އެ ވާދީއަކަށް ވެއްޓުމަށް ތިމާއަށް އަމަލު ކުރެވުނު ގޮތުގެ ދިމާ އިކޮޅަށް އަމަލު ކުރަން ފަށާށެވެ. ތިމާގެ އަމިއްލަ ނަފުސުގެ ބޭރުން ކަންތައްތައް ބަލަން ފަށާށެވެ: މަސައްކަތުގައި އިތުރަށް ހިދުމަތްތެރިވާށެވެ، އަދި ދިރިއުޅުމުގައި އިތުރަށް ލޯބި ފަތުރާށެވެ. ކަންތައްތައް އަޅާބެލުން ހުއްޓާލާށެވެ. ނުބައި ތަޖުރިބާއެއްގެ ފަހަތުގައި ފޮރުވިފައިވާ ރަނގަޅު ކަމެއް ނުވަތަ ކަންތައްތަކެއް ހޯދައިގަންނާށެވެ. އަދި މިކަމުގެ ފައިދާ އަވަހަށް ނަގާށެވެ.

ކުންނެއްގައި ދެމިހުރުމަށްޓަކައި:

 ތިމާގެ ރަނގަޅު ވަގުތުތަކާއި ރަނގަޅު ތަޖުރިބާތައް ބަލައިގަނެ، އުފާ ކުރާށެވެ. ބުއްދިވެރިކަމާއެކުއެވެ.

ހިތްތިރި ކުރާށެވެ. އަދި ޝުކުރުވެރިވާށެވެ. އެ ކުންނަށް ދެވުމަށް ތިމާއަށް ކުރެވުނު ކަންތައްތައް އިތުރަށް ކުރާށެވެ. އަދި އެ ކަންތައްތައް އިތުރަށް ރަނގަޅު ކުރާށެެވެ. އެހެން މީހުންނަށް ގިނަގިނައިން ހިދުމަތްތެރިވާށެވެ. އަންނަން ހުރި ތިބާގެ ވާދީތަކުން އަރައިގަތުމަށް ވަސީލަތްތައް ޖަމާކޮށް އަބަދުވެސް ތައްޔާރުވެގެން ހުންނާށެވެ.

ދެން އޮތް ކުންނަށް ދިއުމަށްޓަކައި:

ތިމާގެ ‘ބުއްދިވެރި އަމާޒު’އާ ދިމާއަށް ހިނގާށެވެ.

މިހާރަށްވުރެ ރަނގަޅު ކުރިމަގެއްގެ ހިޔާލު އެންމެ ބޮޑު އަދި އެންމެ ކުދި އަދި ބުއްދި ގަބޫލު ކުރެވޭ ތަފުސީލުތަކާއެކު ހިތުގައި ސިފަކޮށްލާށެވެ. އޭގެ ސަބަބުން އެ ކުންނަށް ވާސިލު ވުމަށް ތިމާއަށް ކުރެވޭނެ ކަންތައްތަކަށް އަމަލު ކުރުމަށް ތިބާގެ ޝައުގުވެރިކަން އުފެދޭ މިންވަރަށެވެ.

އެހެން މީހުންނަށް އެހީވުމަށްޓަކައި:

 އެހެން މީހުންނާ އަބަދުވެސް ހިއްސާ ކުރާށެވެ!

އެހެން މީހުންނަށް ވެސް، އެ މީހުންގެ ރަނގަޅު އަދި ނުބައި ތަޖުުރިބާތައް ރަނގަޅަށް މެނޭޖް ކުރުމަށް އެހީވެދޭށެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.