ކުންނު އާއި ވާދީ – 9 ވަނަ ބާބު (ފަހު ބާބު)

11791724_10152974268235423_992826649_n

އަށްވަނަ ބާބު

ނުވަވަނަ ބާބު: ކުންނަކުން އުފާލިބިގަތުން

އެތައް އަހަރުތަކެއް ފަހުން އެއް އިރެއްގައި ޅަކޮށް ހުރި އެ ޒުވާނާ ވެސް މުސްކުޅި މީހަކަށް ބަދަލު ވެއްޖެއެވެ.

ވަކި ކުންނަކަށް އޭނާގެ ދިރިއުޅުން ވެސް އޭނާ ބަދަލު ކުރިތާ ކިތައްމެ ދުވަހެކެވެ. ނަމަވެސް ދޭތެރެއަކުން އޭނާ އެ ވާދީއަށް ޖައްސާލައެވެ.

އެއް ދުވަހަކު މެންދުރުގެ ކެއުމަށް ފަހު ގަހެއްގެ ދަށުގައި އޭނާ އިށީނެވެ. ހިތްގައިމު މަންޒަރު ބަލަން އިނެވެ. އަމިއްލަ ހަޔާތަށް ފަސްއެނބުރި ބަލައިލިއެވެ. އަދި ޒުވާން ދުވަސްވަރު، ނޭނގި ހުރެ ނަމަވެސް، ރަނގަޅު އަދި ނުބައި ތަޖުރިބާތަކުގެ ތެރެއިން ގިނަ ތަޖުރިބާތައް އޭނާއަށް އަމިއްލައަށް އުފެއްދުނު ގޮތުގެ ހަނދާންވިއެވެ.

ދިރިއުޅުމުގެ މަގުގައި ކުރިމަތިވާނެ ކުންނުތަކާއި ވާދީތަކާ ކުރިމަތިލެވިދާނެ އަގު ނުކުރެވޭ މަގުތަކެއް އޭނާއާ ހިއްސާ ކުރި އެއްކަލަ މުސްކުޅިޔާގެ މަތިން ނުހަނު ލޯތްބާއެކު ހަނދާން ކުރިއެވެ.

އެ ފަލްސަފާއިން އޭނާގެ ދިރިއުޅުމާއި މަސައްކަތަށް ހާދަ ބޮޑެތި ބަދަލުތަކެއް ގެނުވިއެވެ. ރަނގަޅު އަދި ނުރަނގަޅު ވަގުތާއި ރަނގަޅު އަދި ނުރަނގަޅު ތަޖުރިބާތަކުގެ ތެރެއިން ވެސް އޭނާއަށް ލިބުނު ހަމަޖެހުމާއި ކާމިޔާބީ އާދަޔާ ހިލާފަށް ބޮޑެވެ.

މުސްކުޅިޔާއަށް ހާދަ ބޮޑު “ދަރަންޏެއް ވެފައި” އޮތްކަމުގެ އިހުސާސެއް އޭނާއަށް ކުރެވުނެވެ.

ދެން އޭނާ ހިނިތުންވެލިއެވެ. ކުންނާއި ވާދީގެ ނަޒަރިއްޔާތުގެ އަސްލު ކްރެޑިޓް ދާނީ އެ ފަލްފަސާ ދަސްކޮށް އެއަށް އަމަލު ކުރާ މީހަކަށް ކަމަށް މުސްކުޅިޔާ ބުނި އަޑު ހިޔާލަށް އިހުސާސް ކުރެވިފައެވެ.

ދެން އޭނާއަށް އަޑެއް އިވުނެވެ. އަދި އަޑު އައި ދިމާއަށް އެނބުރި ބަލައިލިއެވެ.

ނަމަވެސް އެއްވެސް ހިލަމެއް ނުވުމުން އަނެއްކާވެސް ހިޔާލުތަކުގެ ތެރެއަށް ގެއްލުނެވެ.

އޭނާގެ ވާދީގައި ހޭދަ ކުރެވުނު ވަގުތުތަކަކީ އަގުހުރި އެއްޗެއްކަން އޭނާ ވަނީ ބަލައިގެންފައެވެ. ނަމަވެސް މިހާރު އޭނާ ބޮޑަށް އެދެނީ އެއްކަލަ މާ އުސްކޮށް ހުރި ކުންނުގެ މަތީގައި ގިނަ ވަގުތު ހޭދަ ކުރާށެވެ. އެ ތާނގައި އޭނާ ވަނީ ވަރުގަދަ ގެއެއް އަޅައިފައެވެ.

އެ ކުންނަށް އައުމަށް އާއިލާއަށާއި ރަހްމަތްތެރިންނަށް އޭނާ ދައުވަތު ދޭން އުފާކުރެއެވެ. އޭނާ މަޝްހޫރު ވެގެން ދިޔައީ އޯގާތެރިކޮށް މެހެމާންދާރީވާ މީހެއްގެ ގޮތުގައާއި ވިސްނުންތެރި ބުއްދިވެރި އަދި އަޅާލުން ބޮޑު ރަހްމަތްތެރިއެއްގެ ގޮތުގައެވެ.

އަދި އޭނާ މިހާރު އެއްކަލަ އަންހެންކުއްޖާއާ ކައިވެނިކޮށްގެން އުޅޭތާ ވެސް ވަރަށް ގިނަ ޒަމާން ވެއްޖެއެވެ. އޭނާ ވަރަށް ލޯބިވުން ބޮޑުވެފައިވާ އެ ހާއްސަ އަންހެންމީހާއެވެ.

އޭނާއަށް ރޭކާލީ މުހިންމީ ތިމާ އުޅެނީ ކޮން ތަނެއްގައި ކަމެއް ނޫން ކަމެވެ. މުހިންމީ ތިމާގެ އުޅުން ބައްޓަން ކުރާ ގޮތް ކަމެވެ.

އޭނާގެ މައިންބަފައިން ތިޔާގި ވާދީއެއްގައިތޯ ނުވަތަ އެ މުސްކުޅިޔާ ފަދައިން ތަނަވަސް ކުންނެއްގައިތޯ އެއީ މުހިންމު ކަމެއް ނޫނެވެ.

މިހާރު އޭނާ ދިރިއުޅެމުން ދަނީ އެ ދަސްވި ފިލާވަޅާ އެއްގޮތަށެވެ؛ އެއީ، ހަޔާތަކީ ގުދުރަތީ ގޮތުން ބަދަލުތައް އަންނަމުންދާ ކުންނުތަކާއި ވާދީތައް ހިމެނޭ ބިމެއް ކަމެވެ. އެންމެ ފަހުން އޭނާއަށް އިހުސާސް ކުރެވުނީ އޭނާއަށް އަމާންކަމުގެ ދަތުރެއްގެ މަތީގައި ހަމައެކަނި ހުރެވެނީ ނޫން ކަމެވެ. ނަމަވެސް، މަންޒިލަށް ދެވުމުގެ މާ ކުރިން ވެސް، އެ މަންޒިލަށް ފޯރައިފި ކަމެވެ.

އޭނާ ހިނިތުންވެލިއެވެ.

ކުރިން އިވުނުހެން ހީވި އަޑު ގަދަވާން ފެށިއެވެ. އަދި މާ ކައިރިވިއެވެ.

އޭނާ އިސް އުފުލާލައި ބަލައިލިއިރު ހުރީ ސިހިފައި ހުރި ޒުވާން އަންހެންކުއްޖެކެވެ. “މައާފު ކުރޭ. ތިބާގެ އިމުގެ ތެރެއަށް ގަސްދުގައެއް ނޫން އަހަރެންނަށް ވަދެވުނީ،” އެ ޒުވާނާ ބުނެލިއެވެ.

އޭނާ ކިޔައިދިން ގޮތުގައި އެ ކުންނަށް ދާދި ދެންމެއަކު އާދެވުނީ ވާދީގައި ހުރި އޭނާގެ ގެއިން ވަރަށް ދިގު ދަތުރެއް ކޮށްފައެވެ. ބަލާބެލުމަށް އެ ޒުވާނާ ހުރީ ވަރުބައްޔަށް ވުރެ ވެސް މާ ބޮޑުވަރު ވެފައެވެ.

ދެ މީހުން ވާހަކާގައި ކުރިއަށް ދިޔަވަރަކަށް ޒުވާނާގެ ވާދީގައި ކުރެވެމުން އައި ބައެއް ހިތި ތަޖުރިބާތައް މި ކުންނުމަތީގައި މިހާރު މި ހުރި ނުވެސްދަންނަ މުސްކުޅިޔަކަށް ކިޔައިދެވެމުން ދިޔައީތީ ޒުވާނާ ހައިރާންވިއެވެ.

ސަބަބު ނޭނގުނު ނަމަވެސް، އެ ޒުވާނާއަށް އިހުސާސް ކުރެވުނީ މި މުސްކުޅިޔާގެ ހާއްސަ ކަމެއް ހުރި ކަމެވެ. މުސްކުޅިޔާއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ އަމާން އަދި ކާމިޔާބު އެކަކު ކަމެއް އެނގޭނެ ގޮތެއް އެ ޒުވާނާއަށް މި ވަގުތަކު ނެތެވެ. ހަމައެކަނި ހީވި އެއްޗަކީ މިއީ ހިތްހެޔޮ މުސްކުޅި ފިރިހެނެއް ކަމެވެ.

ދުވަސް ކުރިއަށް ދިޔަވަރަކަށް ކުންނުތަކާއި ވާދީތަކުގެ ފަލްސަފާއޭ ކިޔާ ނަޒަރިއްޔާތެއްގެ ވާހަކަ ދައްކަން ފެށިއެވެ. އޭނާ ބުނީ އެއީ ހުނަރުތަކެއް އެކުލެވޭ ފަލްސަފާއެއް ކަމަށެވެ. ކަންތައްތަކާމެދު ދެކޭ ގޮތާއި އަމަލު ކުރާ ގޮތުގެ މައްޗަށް ބިނާވެފައިވާ ނަޒަރިއްޔާތެކެވެ. އޭގެ ސަބަބުން ތިމާގެ ރަނގަޅު އަދި ނުރަނގަޅު ތަޖުރިބާތަކުން ވެސް ތިމާއަށް އިތުރުކަން ބޮޑު ހަމަޖެހުމާއި ކާމިޔާބު ލިބޭނެ މަގެއް ކަމަށެވެ.

މުސްކުޅިޔާއަށް ފާހަގަ ކުރެވުނީ ޒުވާނާ ވަރަށް ރަނގަޅަށް އަޑު އަހަން އިން ކަމެވެ. އަދި މި ފަލްސަފާ މި ޒުވާނާއަށް މި ތައާރަފު ވީ މި މުސްކުޅިޔާއަށް މި ނަޒަރިއްޔާތު ކުރީގެ މަރްހޫމް މުސްކުޅިޔާގެ ފަރާތުން ތައާރަފުވި ވަރަށް ވުރެ ވެސް މި ޒުވާނާގެ މާ ހަގު އުމުރެއްގައި ކަމެވެ. އަދި މިހެންވެ، މި އަންހެން ކުއްޖާ ވެސް މި ފަލްސަފާގެ ބޭނުން ހިފާނެ ކަމަށް މުސްކުޅިޔާ އުއްމީދު ކުރިއެވެ.

މުސްކުޅިޔާގެ ހިތަށްއެރިއެވެ: “ރަނގަޅު އަދި ނުބައި ތަޖުރިބާތަކުން ފައިދާ ހޯދައިގަތުމަށް އަވަހެއް ލަހެއް ނޯންނާނެ.”

އިތުރު މައުލޫމާތު ބޭނުން ކަމަށް ޒުވާނާ ބުނުމުން މުސްކުޅިޔާ އެ ކަމަށް އެއްބަސްވިއެވެ. ނަމަވެސް އެއީ ޝަރުތެއްގެ މަތިންނެވެ.

ޒުވާން އަންހެންކުއްޖާ އެ ކަމަށް އެއްބަސްވީލެއް އަވަހެވެ: “އާނހ. ތިބާއަށް ތިޔަ ފަލްސަފާގެ ފައިދާ ކުރި ގޮތަށް އަހަރެންނަށް ވެސް އޭގެ ފައިދާ ކޮށްފިއްޔާ ތިޔަ ޝަރުތަށް އެއްބަސްވުމަކީ އަހަރެންނަށް ލިބޭ ފަހުރެއް…”

މުސްކުޅިޔާ ޖަވާބުގައި ބުނީ މިހެންނެވެ:

–          އެހެން މީހުންނާ ހިއްސާ ކުރަން ވާނެއެވެ.

އެޕިލޯގް: ނިމުން

އޭން ވާހަކަ ނިންމާލުމުން، އެއްބަސްވުމުގެ ގޮތުން މައިކަލް ބޯޖަހައިލިއެވެ. މައިކަލް އިނީ ހިޔާލުތަކެއްގެ ތެރެއަށް ގެއްލިފައިވާ ކަހަލަ ގޮތަކަށެވެ.

އެންމެ ފަހުން މައިކަލް ފެށިއެވެ: “ތިބާ އަހަރެންނަށް ތިޔަ ދިނީ އަހަރެން ވިސްނުން ހިންގަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް. އަހަރެންނަށް ހީވަނީ އަހަރެން މިހާރު މި ވިސްނަނީ ތިޔަ ވާހަކަ އަހަރެންގެ ހަގީގީ ދިރިއުޅުމުގެ ތެރެއަށް ވައްދާނީ ކިހިނަކުންކަން. އަހަރެންގެ ހަޔާތް ވަރަށް ކަންތައްބޮޑު.”

އެއްބަސްވުމުގެ ގޮތުން އޭން ބޯޖަހައިލިއެވެ: “އެ ވާހަކަ ފުރަތަމަ އަޑު އެހި ފަހަރު އަހަރެންނަށް ވެސް އިހުސާސް ކުރެވުނީ ތިޔަ ގޮތަށް. ނަމަވެސް އެއީ ހަޔާތް ކަންތައްގަނޑަކަށް ހަދަނީ ހުދު އަހަރެން އަމިއްލައަށްކަން އަހަރެންނަށް ރޭކަލި ވަގުތާ ހަމައަށް.”

“ތި ބުނީ ކިހިނެތް؟” މައިކަލް ސުވާލު ކޮށްލިއެވެ.

“މި ބުނީ، އެ ވާހަކަ އާމެދު އަހަރެން ވިސްނި ވަރަކަށް އެ ވާހަކަ އެއީ ވަރަށް ރަނގަޅު ‘ކޮމަން ސެންސް’އެއް ކަމަށް ފެންނަން ފެށި. އެންމެ އާދައިގެ ގޮތަށް ވިސްނާލިއަސް ބުއްދި ގަބޫލު ކުރެވޭ ވާހަކައެއްކަމަށް ފެނުނު.”

މައިކަލް ކުޑަ ކޮފީ ކޯވަރެއް މަޑުމަޑުން ބޯލިއެވެ. އަދި ބުންޏެވެ: “ތިޔަ ވާހަކައިގެ ފަހަތުގައި ވަރަށް ބޮޑެތި ކަންތައްތަކެއް އެބަހުރި.” ދެން އޭނާއަށް ހުއްޓުން އެރިއެވެ. އަދި އިތުރުކޮށްލިއެވެ: “އަހަރެން އުއްމީދު ކުރަން ތިޔަ ފަލްސަފާގެ ބޭނުންހިފަން އަހަރެން ހަނދާން ހުންނާނެ ކަމަށް.”

އޭންގެ އަތްދަބަހުން ކާޑެއް ނެގިއެވެ. އަދި މައިކަލްއަށް ދިއްކޮށްލިއެވެ. ދެން ބުންޏެވެ: “އަން! މީތި ތިބާ އަތުގައި ބާއްވާ. މީތި އެހީއަކަށް ވެދާނެ.”

އެ ކާޑަށް ބަލައިލުމުން މައިކަލްއަށް އެނގުނީ އެއީ އެއްކަލަ ކުންނާއި ވާދީގެ ފަލްސަފާގެ ހުލާސާ ކަމެވެ. އޭނާ ބުނެލިއެވެ: “ތިބާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!”

އޭން ހިނިތުންވެލިއެވެ: “މީ އަހަރެންގެ އުފަލެއް. އެހެން ނޫނަސް، އެ ފަލްސަފާ އަހަރެންނަށް ފުރަތަމަ ފަހަރަށް ކިޔައިދިން މީހާއަށް އަހަރެން ވައުދުވިން އަހަރެންނަށް ލިބޭ އެންމެ ފުރަތަމަ ފުރުސަތުގައި…”

“ހިއްސާ ކުރާނެ ކަމަށް؟” އޭން ބުނަމުން އައި ޖުމްލަ ނިންމާލަދިނީ މައިކަލްއެވެ.

އޭން ހީނގަތެވެ: “ކިހިނެތް ތިބާއަށް އެނގުނީ؟”

ޖެހިގެން އައި ދުވަސްތަކުގައި މައިކަލް ވިސްނީ އޭން ކިޔައިދިން ވާހަކައިން ދިރިއުޅުމުގައި ކުރިމަތިވެފައިވާ ހަގީގީ މައްސަލަތައް ހައްލު ކުރެވޭނީ ކިހިނަކުންކަމާމެދުއެވެ.

މައިކަލް މަސައްކަތް ކުރަމުން އަންނަ ކޮމްޕިއުޓަރުގެ ސޮފްޓްވެއާ އުފައްދާ ކުންފުނިން ވަނީ “އައުޓްސޯސް” ކުރަން ފަށައިފައެވެ. މާނައަކީ ކުންފުނީގެ މުވައްޒަފުން ބައިތިއްބައިގެން ނުވަތަ ކުންފުނީގެ މުވައްޒަފުންގެ ބަދަލުގައި އެހެން ގައުމުތަކުގެ މަސައްކަތްތެރިންނާ މަސައްކަތްތައް ހަވާލު ކުރަން ފަށައިފައެވެ. މައިކަލްއަށް އިހުސާސް ކުރެވެމުން ދިޔައީ ދެން ވަޒީފާ ގެއްލޭނީ އޭނާގެ ކަމެވެ.

“މި ނުރަގަނޅު ވަގުތުގެ ފަހަތުގައި ފޮރުވިފައިވާ ރަނގަޅު ކަމަކީ ކޮބާ؟” މައިކަލް އަމިއްލަ ނަފުސާ ސުވާލުކޮށްލިއެވެ. ނަމަވެސް އެއީ ކޮން ކަންތައްތަކެއް ކަމެއް އޭނާއަކަށް ހަގީގަތުގައި ނުފެނުނެވެ.

“މި ތަޖުރިބާގެ ހަގީގަތަކީ ކޮބާ؟” މައިކަލް ދެން އަމިއްލަ ނަފުސާ ސުވާލުކުރިއެވެ. ހަގީގަތަކީ، މައިކަލްއަކީ އޭނާގެ މަސައްކަތަށް ވަރަށް ގާބިލު މީހެއް ކަމެވެ. އެކަމަކު އަނެއް ހަގީގަތަކީ އޭނާގެ މަސައްކަތަށް މިހާރު އޮތް މާކެޓް ދިޔައީ ހުލިވަމުންނެވެ. ނޫން ނަމަ، ހަމަ އެހެން ހެއްޔެވެ؟

“އިތުރަށް ހިދުމަތްތެރިވާށެވެ،” މައިކަލް ދެން ވެސް އަމިއްލަ ނަފުސާ ދިމާއަށް ބުނެލިއެވެ. އެ ކަންތައް ކުރެވެން އަންނަނީ ކޮން މަގަކުން ހެއްޔެވެ؟

“ކުންނުތަކާއި ވާދީތަކަކީ ގުޅިފައިވާ ދެ އެއްޗެވެ. މާދަމާގެ ކުންނުތައް ބިނާކުރެވޭނީ މިއަދުގެ ވާދީތަކުގައި ތިމާ ކުރާ ބުއްދިވެރި އަމަލުތަކުންނެވެ.” މައިކަލް ދެން ކިޔާލިއެވެ.

އޭނާގެ ކުންފުނި އަދިވެސް މާޒީގައި ހިފަހައްޓައިގެން އުޅެނީ ހެއްޔެވެ؟ ފަހަރުގައި، އާ ބާވަތުގެ ކަސްޓަމަރުންނަށް ހިދުމަތް ދެވޭނެ ގޮތްތަކާމެދު ކުންފުނިން މުޅިން ތާޒާ ވިސްނުމެއް ގެންގުޅެންވީ ކަންނޭނގެއެވެ.

ފަހަރުގައި، ދެން އޮތް ކުންނު އޮންނާނެ ގޮތުގެ ‘ބުއްދިވެރި އަމާޒެ’އް ކަނޑައަޅައި، އެ ކަމުގެ ތަފުސީލުތައް ‘ކުރަހާލަންވީ’ ވަގުތަކީ މިއީ ކަންނޭނގެއެވެ.

ކުންފުނީގައި އުޅޭ އާ ހިޔާލުތަކަށް ލޯބި ކުރާ ބައެއް މުވައްޒަފުންނާ އޭނާގެ މި ހިޔާލު ހިއްސާ ކުރަން ފެށިއެވެ.

‘ވޯކިންގ ގްރޫޕެއް’ ނުވަތަ މި ގޮތަށް ކަންތައް ކުރިއަށް ގެންދާނެ ޓީމެއް އެ މީހުން ކަނޑައެޅިއެވެ. އަދި އިތުރު ކަސްޓަމަރުންނަށް ކުރިއަށްވުރެ ރަނގަޅު ގޮތުގައި ހިދުމަތް ފޯރުކޮށްދެވިދާނެ ގިނަ އާ ގޮތްތަކެއް ހޯދުނެވެ. މި ގޮތަށް އަމަލު ކުރުމާއެކު، ބޮޑު ބަދަލެއް އައެވެ!

އަދި މި ގޮތަށް އަމަލު ކުރުން ކުރިއަށް ގެންދިޔަ ވަރަކަށް ކަންތައްތައް ވީ އިތުރަށް ރަނގަޅެވެ.

ވަޒީފާގައި ކަންތައްތައް ރަނގަޅު ވާން ފެށުމާއެކު މައިކަލްގެ ހިޔާލުތައް ދެން އަނބުރާލީ ގޭތެރޭ މާހައުލަށެވެ.

އޭނާގެ އަންހެނުން ލިންޑާ އާއެކު އޮންނަ ގުޅުން މިހާރު އެހާ ރަނގަޅެއް ނޫނެވެ. ދެ މީހުންނަށް ވެސް ދެ މީހުންގެ ވަޒީފާގައި ކުރިމަތިވެފައިވާ ޕްރެޝަރުތަކާއި މާލީ ދަތިތަކުގެ ސަބަބުން އެ ދެ މީހުންގެ ޒަވާޖީ ހަޔާތަށް ވަނީ ވަރަށް ބޮޑަށް ހިޔަނި އެޅިފައެވެ.

ދެ މީހުން ކައިވެނި ކުރިއިރު ވީ އުފާ މައިކަލް ހަނދާންވިއެވެ.

“އެ މަންޒިލަށް ވާސިލު ވުމަށް މެދުވެރިވި އަމަލުތައް އިތުރަށް ކުރާށެވެ،” މައިކަލްއަށް ދެން އަމިއްލަ ނަފުސަށް ބުނެވުނެވެ.

އެ އުފާވެރި މަންޒިލަށް ދެމަފިރިންނަށް ދެވުނީ ކިހިނަކުން ހެއްޔެވެ؟ އެ ގޮތަށް އަމަލު ކުރުމަށް ދެމަފިރިން އިތުރަށް ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟

މައިކަލް ހަނދާންވީ ލިންޑާގައި ހުންނަ މައިކަލް ލޯބިވާ އަދި ޝުކުރުވެރިވާ ކަންތައްތަކާއި ޝަހުސިއްޔަތު ކުރިން މައިކަލްއަށް އަބަދުވެސް ފާހަގަ ކުރެވޭ ކަމެވެ. ނަމަވެސް މިހާރު މައިކަލްއަށް މި ކަންތައްތަކާމެދު އަޅާލުން ކުޑަކުރެވެނީ ހެއްޔެވެ؟

އަމިއްލަ ނަފުސުން ބޭރުވެ ހުރެ ކަންތައްތަކަށް ނަޒަރު ހިންގާނެ ގޮތަކާމެދު މައިކަލް ވިސްނަން ފެށިއެވެ. އިތުރަށް ލޯބި ފޯރުކޮށްދެވެނީ ކޮން ގޮތަކަށްތޯ މައިކަލް ހިޔާލު ކޮށްލިއެވެ. އޭނާ ފެށީ ކުދިކުދި ކަންތައް ކުރާށެވެ. މި ކަންތައްތައް ލިންޑާއަށް ފާހަގަ ކުރެވެން މާކަގިނައިރެއް ނުނަގައެވެ.

ފަހުން، ކުންނާއި ވާދީގެ އެ ވާހަކަތައް މައިކަލް ލިންޑާއަށް ކިޔައިދިނެވެ. އަދި އެ ވާހަކައިން މައިކަލްއަށް ލިބުނު ނަތީޖާގެ ވާހަކައެވެ.

“އަހަރެމެން ދެ މީހުންގެ ގުޅުން ވެސް ރަނގަޅު ވާން ފަށައިފި،” މައިކަލް ބުންޏެވެ. ދެން ހުއްޓުންއެރިއެވެ.

“ތިޔައީ ތެދެއް،” މައިކަލްގެ ވިސްނުން ލިންޑާ ފުރިހަމަކޮށްލަދިނެވެ. “އެކަމަކު ތިބާ އަދިވެސް ތިޔަ ހުރީ ކެވިން އާއެކު ވާދީއެއްގައި.”

އެއްބަސްވުމުގެ ގޮތުން މައިކަލް ބޯޖަހައިލިއެވެ. ދެމަފިރިންގެ ފުރާއުމުރުގެ ފިރިހެންދަރިފުޅާ އޮންނަ ގުޅުން ގޯސްވެގެން ދިޔަދިޔައިނުން މިހާރު ދެބަފައިން އަނގައިން ވެސް ބުނަނީ މަދު ފަހަރަކުއެވެ.

ކެވިން އޭނާގެ ކިޔެވުން ތަންކޮޅެއް ސީރިއަސްކޮށް ނެގުމަށް މައިކަލްއަށް އެދެވެއެވެ. ރައްޓެހިންނާއެކު މިއުޒިކް ކުޅޭ ވަގުތުތައް ކެވިން މަދުކޮށްލަން ވެސް މައިކަލްއަށް އެދެވެއެވެ.

މި ގޮތަށް މައިކަލް ވިސްނާތާ އެތައް ދުވަހެއް ވެއްޖެއެވެ. “މި ކަމުގެ ހަގީގަތަކީ ކޮބާ؟” މި ސުވާލު ކުރަމުންނެވެ.

ހަގީގަތަކީ އޭނާގެ ފިރިހެން ދަރިފުޅު މިއުޒިކަށް ހުންނަ ޝައުގުވެރިކަން މައިކަލްއަށް ކަމަކު ނުދެއެވެ. ނަމަވެސް އެ ދަރިފުޅު މިއުޒިކަށް ވަރަށް ލޯބިކުރެއެވެ.

“ހަމައެކަނި ކަމަކަށް އެދެވޭ އެދުމަކުން އަމަލީ ސިފައެއް ނާންނާނެ،” މައިކަލް ހިތަށްއެރިއެވެ. އެ ކަންތައް ހުއްޓާލާފައި އޭނާއަށް ޖެހޭނީ “ހަގީގަތަކީ ތިމާގެ ރަހްމަތްތެރިޔާ ކަމުގައި ހަދަން”ކަން އޭނާއަށް ވިސްނުނެވެ.

މައިކަލް ނިންމީ ދެބަފައިންނަށް ‘ބުއްދިވެރި އަމާޒެއް’ ކަނޑައެޅުމަށެވެ. މައިކަލް ހިޔާލަށް ގެނައީ އޭނާ ބޭނުން ވަނީ ކޮން ކަހަލަ ބައްޕައަކަށް ވުމަށް ކަމެވެ. އަދި ފިރިހެންދަރިފުޅާއެކު ބާއްވާނީ ކޮން ކަހަލަ ރަހްމަތްތެރިކަމެއް ކަމާމެދުއެވެ. ދަރިފުޅު ކުރާ ކަންތައްތަކެއް މައިކަލްއަކަށް ކޮންޓްރޯލެއް ނުކުރެވޭނެއެވެ. ނަމަވެސް މައިކަލްއަށް މައިކަލްގެ އަމިއްލަ އަމަލުތައް ކޮންޓްރޯލް ކުރެވިދާނެއެވެ.

މައިކަލްގެ ހިޔާލަށް ގެނެސްލީ ކެވިން އާއި އޭނާގެ މިއުޒިކް ބޭންޑުން ބާއްވާ ޝޯއަކަށް މައިކަލް ދާނެ ގޮތެވެ. ބެލުންތެރިން އަތްޖަހާއި ސަޕޯޓް ކުރާ އަޑާއި އަދި ކެވިންގެ މޫނުމަތިން ފެންނާނެ އުފާވެރިކަމާއި ފަހުރުވެރިކަމެވެ. ޝޯއަށް ފަހު ސްޓޭޖްގެ ފަހަތުގައި ހުރެ ކެވިން މައިކަލްގެ ގައިގައި އައިސް ބައްދާލާނެ ގޮތުގެ އިހުސާސެވެ.

އަދި ދެން މައިކަލް ފެށީ އޭނާގެ ސިކުނޑީގައި ކުރަހާލި މި ކުންނަށް ވާސިލު ވުމަށް ކުރެވޭނެ ކަންތައްތައް ކުރާށެވެ.

ދަރިފުޅަށް ފާޑު ކިޔުން ހުއްޓާލިއެވެ. ގޭގެ ބޭސްމަންޓްގައި ބޭންޑް ބައްދަލުކޮށް އެކުގައި ހުރިހާ މެންބަރުން ޕްރެކްޓިސް ކުރާތަން ބަލަން މައިކަލް ފައިބަން ފެށިއެވެ. މައިކަލް އެއްވެސް ވާހަކައެއް ނުދައްކައެވެ. އޭނާ ކުރި ހަމައެކަނި ކަމަކީ އަޑު އަހާލައި، ހިނިތުންވެލައި އަދި ދަމުން ޓާޓާ ކިޔާލުމެވެ.

އެހާ އަވަހަށް އެކަން ނުވިޔަސް މަޑުމަޑުން ކެވިންގެ ހިތް މައިކަލްގެ ހިތަށް މި އައި ބަދަލާ ދިމާއަށް އެނބުރެން ފެށިއެވެ.

ލިންޑާ އަށް ވެސް އެކަން ފާހަގަ ނުވެ ނުދެއެވެ. އަދި މައިކަލް ކުރިން ގަބޫލު ކުރަމުން ދިޔައީ ކޮންމެ އިންސާނަކީ ވެސް ހަމައެކަނި އަމިއްލަ އެދުމައިގެން އުޅޭ ‘ސިނިކު’ންތަކެއް ކަމަށް މައިކަލް ދެކޭ ދެކުމަށް ނިސްބަތްކޮށް މި ފަހަރު މައިކަލްގެ ޝަހުސިއްޔަތަށް އިޝާރާތްކޮށް މައިކަލްއާ ދިމާއަށް ލިންޑާ ބުނެލިއެވެ: “ކޮބާ މިހާރު އެއްކަލަ ‘ސިނިކަލް’ މީހާ؟”

މައިކަލް ހީނގަތެވެ.

މަސައްކަތު ދާއިރާގައި ކުންނާއި ވާދީގެ ފަލްސަފާ ހުދު ލިންޑާ އަށް ވެސް ބޭނުން ކުރެވިދާނެތޯ ލިންޑާ ވިސްނަން ފެށިއެވެ.

އޭނާ ވަޒީފާ އަދާކުރަމުން އަންނަ ސްކޫލްގެ ބަޖެޓް ދާދި ފަހުން އަނެއްކާވެސް އިތުރަށް ދަށަށް ޖައްސާލާފައިވެއެވެ. މިހެންވެ ހުރިހާ މުވައްޒަފުންނަށް އޮތް ޕްރެޝަރު އިތުރު ވެގެން ގޮސްފައިވެއެވެ.

އެއް ދުވަހަކު، ލިންޑާ އާއެކު އެއް ފެކަލްޓީއެއްގައި މަސައްކަތް ކުރާ ރަހްމަތްތެރިއަކާ ކުންނާއި ވާދީގެ ފަލްސަފާ ލިންޑާ ހިއްސާ ކުރިއެވެ. އެ ރަހްމަތްތެރިޔާއަށް ‘އައިޑިއާ’ ނުވަތަ ‘ހިޔާލެއް’ އައެވެ: “މި ފަލްސަފާ ދަރިވަރުންނަށް ވެސް ނުކިޔަވައިދޭންވީ ސަބަބެއް ނެތެއްނު!”

ދެ ރަހްމަތްތެރިން ފެށީ ކުންނާއި ވާދީގެ ފަލްސަފާ މުތާލިއާ ކުރުމަށް ‘ސްޓަޑީ ގްރޫޕް’ތަކެއް ހެދުމަށެވެ. އަދި ރަސްމީ ގަޑި ނިމުމުން ދަރިވަރުން އެ ކުދިންނަށް ދިމާވާ ނުރަނގަޅު މަރުހަލާތައް ކަޑައްތު ކުރާނޭ ގޮތާއި ރަނގަޅު ތަޖުރިބާތައް ދަމަހައްޓާނޭ މަގު ދައްކައިދޭން އެހީވާން ފެށިއެވެ.

އިސާހިތަކު ވަރަށް ގިނަ ދަރިވަރުންގެ ދިރިއުޅުމަށް ކުންނާއި ވާދީ ފަލްސަފާއިން ރަނގަޅު އަސަރު ކުރަން ފަށައިފިއެވެ. އަދި މުދައްރިސުންގެ ދިރިއުޅުމަށް ވެސް މެއެވެ. މި ކަން އެހެން ސްކޫލްތަކަށް ވެސް ފެތުރުނެވެ. އަދި މި ޕްރޮގްރާމް ހިންގަން އިސްމީހެއްގެ ގޮތުގައި ލިންޑާ ހަމަޖެއްސިއެވެ.

މައިކަލްއަށް މި ވާހަކަތައް ކިޔައިދޭން ލިންޑާ ލޯބިކުރެއެވެ. އެއް ރެއަކު، އުފާކޮށްލުމަށްޓަކައި ދެމަފިރިން ކާން ދިޔައީ ކުންނާއި ވާދީގެ ފަލްސަފާ މައިކަލްއަށް އޭން ކާރ ފުރަތަމަ ފަހަރަށް ކިޔައިދިން ކުޑަ ކަޑައަށެވެ.

ދެމަފިރިންގެ ދިރިއުޅުމާއި މަސައްކަތު ދާއިރާ ވެސް ރަނގަޅު ވެފައިވާ މިންވަރު ދެމަފިރިންނަށް އެނގެއެވެ. އެކަމަކު ކުރިމަގުގައި ވެސް ދަތި މަރުހަލާތަކާ ކުރިމަތިލާން ޖެހިދާނެކަން ދެ މީހުން ވެސް ގަބޫލު ކުރެއެވެ.

ނަމަވެސް މިހާރު ދެމަފިރިންނަށް ވެސް އެނގޭ ގޮތުގައި ރަނގަޅު އަދި ނުރަނގަޅު ތަޖުރިބާތަކުން ވެސް ފައިދާ ހޯދޭނެ އާދަޔާ ހިލާފު އުސޫލުތަކާއި އަމަލު ކުރާނެ ގޮތްތަކެއް ލިބިފައިވެއެވެ.

އަދި އެހެން މީހުންނާ އެ ކަން ހިއްސާ ކުރެވޭނެ އެތައް ގިނަ ފުރުސަތުތަކެއް ލިބޭނެތީ އެ މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް އިހުސާސް ކުރެވުނެވެ. (ނިމުނީ)  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.