ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[އޯގަސްޓް 9، 2015 ގެ ބަޔާ ގުޅޭ]

މިޝްކާ ވިހަން ކައިރިވެފައި އިނުމުން މިރޭ އޭނާއަށް ސަޕްރައިޒް ބޭބީ ޝަވަރ އެއް ދެނީ ކަމަށް ބުނެ އެކަމަށް ތައްޔާރުވުމަށް ޔާނީ ގޮވައިގެން ތާރާ ބިއުޓީ ސެލޫނަކަށް ގޮސް ރީތިކޮށްދިނެވެ. ތާރާ ހީކުރީ މިގިތަށް ކަނތައް ކުރުމުން ޔާނީ ސުވާލުކުރާނެކަމަށެވެ. ނަމަވެސް ކަންބޮޑުވެ ހާސްކަމުގެ ތެރޭގައި އިނުމުން ޔާނީ މީގެން އެއްވެސް ކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ތާރާ އެހާ ވަރަށް ވާހަކަ ދެއްކުމުންވެސް އާއެކޭ ބުނެ ހީލުން ފިޔަވައި އިތުރު އެއްވެސް އެއްޗެކޭ ޔާނީ ނުބުނެއެވެ. ތައްޔާރުވެ ނިމުނުއިރު ޔާނީ ލައިގެން ހުރީ ރިސޯޓުގައި ޑިނަރއަށް ދިއުމަށް ޒައިދް ދިން ފްލޯރަލް ހެދުމެވެ. އެހެދުން ލުމަށް ޔާނީ ދެކޮޅުހެދުމުންވެސް ތާރާ އެގޮތަށް ކަންތައް ކުރީ ޒައިދްގެ އެދުމުގެ މަތިންނެވެ. އާދައިގެ މޭކަޕެއް ކޮށްފައި ހުރި ނަމަވެސް ޔާނީ ހީވަނީ އަލަތު ކައިވެންޏަށް ތައްޔާރުވެފައި އިން އަންހެން ކުއްޖެއް ހެންނެވެ. އެހާވެސް ފުރިހަމަވެފައި ޗާލެވެ.

ވަގުތު ގުނަމުން ދިޔަ ވަރަކަށް ޒައިދްގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިޔައެވެ. މިހާ ގިނަ ދުވަސް ކޮށްފައި އޭނާގެ ހަޔާތަށް މިއައި އުފާވެރިކަމުގެ ސަބަބުން ޒައިދް ހުރީ ހިތްހަމަ ޖެހިފައެވެ. ގަޑީގެ ސިކުންތުކަށި ހިނގަމުންދިޔަ ބާރު މިނުގައި ޒައިދްގެ ހިތްވެސް ދިޔައީ ކޮންޓްރޯލު ނުކުރެވޭހާ ބާރަށް ތެޅެމުންނެވެ. މިވާހަކަތައް އަޑުއަހާފައި ޔާނީ އުފާވާނެ މިންވަރު ހިޔާލަށް އައުމުން ޒައިދްގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމާއެކު ފޯނަށް މެސެޖެއް އައުމުން ބަލާލިއެވެ. “ދޮންބޭ! އޯލް ސެޓް، އަވަހަށް އާދޭ. ތާ މިދަނީ އިރުކޮޅަކުން ދޮންބެދައްތަ ގޮވައިގެން. އޯލް ދި ބެސްޓް!” ހުރިހާ ކަމެއް ތައްޔާރު ވެއްޖެ ކަމަށް ތާރާ ބުނުމުން ހިތްބޭނުންވާ މަންޒިލަށް ވާސިލްވުމަށްޓަކައި ދިގު ފިޔަވަޅުތަކެއްގައި ޒައިދް ގެއިން ނުކުމެގެން ދިޔައީ ވަރަށް ފޮނި އުންމީދުތަކާއެކުގައެވެ. ތަޤުދީރުގައި ލިޔެވިފައި ދެން އޮތީ ކިހާ ހިތްދަތި ދުވަސްތަކެއްކަން ޒައިދަށް ނޭނގޭ ހާލުގައެވެ. ޒައިދްގެ ހިތްބުނަނީ މިހިސާބުން އޭނާގެ ހަޔާތް ފުރިހަމަވީ ކަމުގައެވެ. އެކަމަކު ހަޤީޤަތަކީ މުޅިން އެހެން އެއްޗެކެވެ. ޒައިދް އޭނާގެ ލޯބީގެ ހަޔާތް އާރާސްތު ކުރުމަށް ހުވަފެންތައް ދެކެމުން ދިޔައިރު ޔާނީ ދިޔައީ އޭނާގެ ދެއަތުން އެލޯބި ކަފުންކޮށް ވަޅުލަމުންނެވެ. ހަމައެންމެ ސަބަބަކަށްޓަކައެވެ. ޒައިދްގެ ސަލާމަތަށް ޓަކައެވެ. އޭނާއަށް ގެއްލުމެއް ލިބެން ނޭދޭތީއެވެ. އެހެން ނޫންނަމަ ޔާނީ މިފަދަ ބޮޑު ޤުރުބާނީއެއް ނުވާނެއެވެ.

ޖެހެމުންދިޔަ މަޑު ވައިރޯޅިތަކުން ލިބެމުން ދިޔަ ހިތްހަމަޖެހުމުގެ އެއްވެސް އަސަރެއް ޔާނީއަކަށް ނުކުރެއެވެ. ހަމަޖެހުމާއި އުފާވެރިކަމަކީ މިހާރު ޔާނީގެ ހަޔާތުގައި ނެތް އެއްޗެއް ފަދައެވެ. އާދައިގެ ދުވެއްޔެއްގައި ކާރު ދުއްވަމުން ދިޔައިރު ޔާނީ އިނީ ލޯގަނޑު ތިރިކޮށްގެން ބޭރުބަލާށެވެ. އޭނާގެ ބޮލުތެރޭ އެނބުރެމުން ދިޔައީ ވިކާޝްގެ ވިހަގަދަ ބަސްތަކާއި ނިމުމެއްނެތް ބިރުވެރި އިންޒާރުތަކެވެ. މިކަމުން މިންޖުވެވޭތޯ ކުރެވެން އޮތް ހުރިހާ ކަމެއް ޔާނީ ދިޔައީ ކުރަމުންނެވެ. އަލިމަގެއް ފެނޭތޯ ނުހިއްލާ އެންމެ ފަތެއްވެސް ނެތެވެ. އެކަމަކު ހުރިހާ ކަމެއްވެސްވީ ބޭކާރެވެ. ކޮންމެ ފަހަރަކުވެސް މާޔޫސްވެ ކަރު އެލުވާލަން ޖެހެއެވެ. ވޭނީ ދުނިޔޭގެ ތެރެއަށް ގެނބިފައި އިންދާ ހޭވެރިކަން އަނބުރާ ގެނުވީ ކާރު މަޑުކުރި އަޑަށެވެ. ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ހިނިތުންވުމުގެ ފަހަތުގައި ފޮރުވާލަމުން ޔާނީ ތާރާއާއެކު ކާރުން ފޭބިއެވެ. ގޭތެރެއަށް ވަދެގެން ދިޔައިރު އެތަނުން އެއްވެސް ކަހަލަ ތައްޔާރުވުމެއް ފެންނަން ނެތުމުން ޔާނީގެ ހިތުގައި ސުވާލު އުފެދުނެވެ. “ތާ! އެއްވެސް ޑެކަރޭޝަން އެއްވެސް ނެތެއްނު މިތާ. ޔަޤީނޭ މީ މީނަގެ ރޭވުމެއްކަން، ބުނޭ ކޮންކަމެއް މީ؟” އޮޅުންގަނޑެއްގެ ތެރޭގައި ހުރެ އެންމެފަހުން ޔާނީ އިސްވެ ވާހަކަ ދައްކަން ފެށިއެވެ. ޔާނީ ހީކުރީ ތާރާ އޭނާ އާއި ސަމާސާ ކުރަނީ ކަމަށެވެ. އެހެންވެ ޔާނީ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. “ރިލޭކްސް! ހުރިހާ ޑެކަރޭޝަނެއް ކޮށްފަ ހުންނާނެ އަހަރެންގެ ރޫމްގަ، މިތާނގަ ސަޕްރައިޒް ޕްލޭން ނުކުރީ މިޝްކާއަށް ފެންނާނެތީވެ. ޔާނީގެ ރޫމްގަ އިންނާނެ ކޭކު، ދޭބަލަ އަވަހަށް ހިފައިގެން އަންނަން” ތާރާ ގަސްތުގައި އޮޅުވާލާފައި ޔާނީ ކޮޓަރިއަށް ފޮނުވާލިއެވެ.

ދެކޮޅު ހެދުމެއްނެތި މިފަހަރު ޔާނީ ތާރާގެ ބަހަށް ކޮޓަރިއާ ދިމާލަށް ދިއުމުން ފިލާ ތިބި މިޝްކާ އާއި ޝިވަމްވެސް ނުކުމެ ތާރާ އާއި ބައިވެރިވެލިއެވެ. “ޔެސް! ފައިނަލީ ދޭ އާ ބެކް ޓުގެދާ. އައިމް ސޯ ހެޕީ ފޯރ ދެމް” ޒައިދް އާއި ޔާނީ އަލުން ކުރީގެ ގުޅުމަށް ބަދަލުވާތަން ދެކެން އިންތިހާއަށް ކެތްމަދުވެފައިވާ ތާރާ ކައިރީގައި ތިބި މިޝްކާއާއި ޝިވަމްއަށް ބަލާލަމުން ބުނެލިއެވެ. އާދައިގެ ހިނގުމެއްގައި އެއްވެސް ޝައުޤުވެރިކަމެއް ނެތި ގޮސް ޔާނީ ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ބޯމަތިން އޮހެންފެށި ފިނިފެންމަލުގެ ފިޔަތަކުން އޭނާއަށް މަރުހަބާ ކިއެވެ. ނޭނގިނަމަވެސް އެވަގުތު ޔާނީއަށް އުފަލުން ދެއަތް ދެފަރާތަށް ދަމާލާ އިސްއުފުލާލައި ދެލޯ މަރާލަމުން އެނބުރެން ފެށުނެވެ. ކުޑަ ހިނދުކޮޅަކަށް އޭނާގެ ހުރިހާ ހާސްކަމަކާއި ހިތާމައެއް ހަނދާންނެތި ޔާނީ އުޅެމުން ދިޔައީ ދޫންޏެއް ކޮށްޓަކުން ދޫކޮށްލުމުން މިނިވަންކަމާއެކު އުދުހެމުންދާ ފަދަ ގޮތަކަށެވެ. އޭރު މުޅި ކޮޓަރިތެެރެއަށް ވެރިވެފައިވާ އުއްބައްތީގެ އަލީގެ ސަބަބުން އެތަން ފެންނަލެއް ނިކަން ހިތްގައިމެވެ. ޔާނީ އުޅެމުން ދިޔަ ގޮތް ބަލަން އިރުކޮޅަކު ހުރެފައި ވަރަށް ސިއްރުން ޒައިދް ޔާނީގެ ފަހަތުން ދޮރާ ދިމާލަށް ދިޔައެވެ. ދޮރު ލެއްޕި އަޑަށް ހެމުން ދިޔަ ޔާނީ ފަހަތް ބަލާލާފައި ހިމޭންވީ އެވަގުތު އެތަނުން ޒައިދް ފެންނަން ހުރުމުންނެވެ. ޒައިދްގެ އަތުތެރޭ ވުމަށް ހިތް އެދުމުން އެވަގުތު ޔާނީއަށް ޒައިދްއާއި ދިމާލަށް ދިއުމަށްޓަކައި ކުރިއަށް ނެގި ފިޔަވަޅު މަޑު ޖައްސާލާފައި ފަހަތަށް ޖެހެވުނީ ވިކާޝް މަތިން ހަނދާންވުމުންނެވެ.

ފަސްދީފައި އެނބުރުނު އިރު ކުރިން ޔާނީގެ މޫނުމަތިން ފެނިގެން ދިޔަ އުފާވެރިކަމެއް ނެތެވެ. އެހިނިތުންވުން ގެއްލި މޫނުމަތި ވަނީ މިލާފައެވެ. “އައެއް ސޮރީ!” ޔާނީގެ ފަހަތުން އޭނާގެ އުނަގަނޑު ޒައިދްގެ ދެއަތުން ވަށާލައި ޔާނީގެ ކޮނޑުގައި ޒައިދް ދަތްދޮޅި އަޅުވާލިއެވެ. ޒައިދްގެ ހޫނު ނޭވާ ޔާނީގެ ކަނދުރާއަށް އެޅެން ފެށުމުން ދެލޯމަރާލާފައި ޔާނީ ޒައިދްގެ ދެއަތް ފޮޅުވާލަމުން ދުރަށް ޖެހުނެވެ. ޒައިދް ހީކުރީ އޭނާގެ ހަބަރެއް ނުވުމުން ޔާނީ ހިތްހަމަނުޖެހުނީ ކަމަށެވެ. ހަދާނެގޮތް ހުސްވެފައިވާ މީހެއް ފަދައިން އަތުގެ އިނގިލިތަކާ ކުޅެމުން ދިޔައިރު ޔާނީގެ ހިތް ހީވީ މޭ ފޫއަޅުވާލާފައި ނުކުމެދާނެ ހެންނެވެ. ޒައިދަށް ފުރަގަސްދޭން ޖެހުމުން ޔާނީގެ ހިތަށް ކުރި އަސަރު ބަޔާން ކުރެވޭހާ ފުނެވެ. މިހެން ހުއްޓައި ޔާނީގެ ކުރިމައްޗަށް ހުއްޓި ޒައިދް ކުރި ކުއްލި ހަރަކާތުން ޔާނީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ވިލް ޔޫ ބީ މައި ވައިފް؟” އެއްފައި މައްޗަށް ކޮޅަށް ހުރި ޒައިދްގެ އަތުގައި އޮތް ހުދު އަލިމަހެއް ޖަހާފައިވާ އަނގޮޓި ޔާނީ އާއި ދިމާލަށް ދިއްކޮށްލަމުން ޒައިދް ޔާނީގެ ފަރަތުން އެދެނީ އޭނާގެ އަންބަކަށް ވުމަށެވެ. އެދެމީހުންގެ ކައިވެނި ކުރިން ކުރެވިފައި ވީނަމަވެސް ޔާނީގެ ހަނދާނުގައި އެކަން ނެތުމުން ޒައިދް ބޭނުންވީ މަޑުމަޑުން ޔާނީއަށް އެކަން ހަނދާންވަމުން ދާ ވަރަކަށް ކުރިއަށް ދިއުމަށެވެ. ކުރިމަތީ ހިނިތުންވެފައި އިން ޒައިދް ފެނުމުން ޔާނީގެ ހިތް ފުރިގެން ބަނޑުންވި ނަމަވެސް އޭނާގެ އެހުށައެޅުން ޔާނީއަށް މިއަދު ޤަބޫލު ކުރެވޭކަށް ނެތެވެ.

އިންތިހާއަށް އުފާވިޔަސް އެކަން ޒައިދްގެ ކުރިމަތީ ފާޅުކުރެވެން ނެތް ހާލު ޔާނީއަށް ޖެހުނީ ޒައިދްގެ މި ހުށައެޅުމަށް ދެކޮޅު ހަދާށެވެ. “ނޯ، އައި ޑޯންޓް ވޯންޓް” ޖަޒުބާތުތައް ކޮންޓްރޯލް ކުރަމުން ޒައިދްގެ އަތުގައި އޮތް އަނގޮޓީގައި ޖަހާ ހޫރާލަމުން ޔާނީ އެހެން ބުނިއިރުވެސް އޭނާގެ ލޮލުގައި ކަރުނަތައް ވިދަމުން ދިޔައެވެ. ޔާނީގެ މިއަމަލުން ނަގަންވީ ކޮން މާނައެއްކަމެއް ޒައިދަކަށް ނުވިސްނުނެވެ. މިފެނުނީ ހުވަފެނެއްބާއޭ ހީވެ ހުރެ ޒައިދް އަދި އެއްފަހަރު ޔާނީ ގާތު އެހެން ބުންޏެވެ. ނަމަވެސް ޔާނީގެ ޖަވާބަކަށް ބަދަލެއް ނައެވެ. “ކީކޭ؟ އަހަންނަށް އިނގޭ ޔާނީ ސަމާސާ ކުރަނީކަން، ދެން މީ ކޮން ގަޑިއެއް ސަމާސާކުރަން. ދެން ރީތިކޮށް ބުނެބަލަ!” ޒައިދް ގާތް ވުމުން ޔާނީ އޭނާ ދުރަށް ކޮއްޕާލިއެވެ. “ކިހާ ދެރަކަމެއް! ކިތައް ފަހަރުތަ ބުނާނީ އަހަރެން ބޭނުމެއް ނޫނޭ.. ބޭނުމެއް ނޫނޭ! އަޑެއް ނީވޭތަ؟” ޔާނީގެ މިސިފަ ފެނިފައި ޒައިދަށް ހުރެވުނީ ބަސް ހުއްޓިފައެވެ. ހުރިތަނުން ގުޑިލާންވެސް ނޭގިފައި ހުރިއިރު ޒައިދަށް ހީވީ އޭނާގެ ބޮލުގައި މީހަކު ވަރުގަދަ އެތިފަހަރެއް ޖެހި ހެންނެވެ. “ތީ ހަމަ އަހަރެން ލޯބިވި ޔާނީތަ؟ ކީއްވެ ތިގޮތަށް އަހަރެންގެ ލޯބީގަ ތި ކޮޅުފައިން ޖަހަނީ؟ ކޮބާތަ މައްސަލައަކީ؟ އަހަންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟” ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކާއި ޔާނީގެ ދުލުން ބޭރުވަމުން ދިޔަ ބަސްތަކުން ޒައިދަށް ވަރަށް އަސަރު ކުރިއެވެ. ޔާނީ އެގޮތަށް ކަންތައް ކުރަންޖެހުނު ސަބަބަކީ ކޮބައިކަން އެނގެން ޒައިދް ބޭނުންވިއެވެ.

ޒައިދްއާއި ދޭތެރޭ މިފަދަ ގޮތަކަށް ކަންތައް ކުރަން ޖެހިދާނެ ކަމަކަށް ޔާނީ ދުވަހަކުވެސް ހިތަކަށް ނާރައެވެ. ޒައިދްގެ ލޯތްބަށް ފުރަގަސް ދިނުމަކީ އޭނާ ދުވަހަކުވެސް ކުރަން ބޭނުންވި އަދި ދެކެންވެސް ބޭނުންވި ދުވަހެއް ނޫނެވެ. މިގޮތަށް ކަންތައް ކުރުމުން ޒައިދްގެ ހިތަށް ކުރާނެ އަސަރާއި އޭނަ ދެރަވާނެ ވަރު ހިތަށް އަރުވާލިޔަސް ޔާނީގެ ހިތް ފަޅައިގެން ދާވަރު ވެއެވެ. އެކަމަކު ޔާނީ ހިތްވަރު ކުރަން އެބަ ޖެހެއެވެ. ޒައިދަށް ޓަކައެވެ. އެދމީހުންގެ ލޯތްބަށްޓަކައެވެ. ފުރާނަ އެދެނީ ހަމައެކަނި ޒައިދަށް ކަމަށް ވުމާއެކު އޭނާގެ ލޯބީގައި ޔާނީގެ ފުރާނަ ޤުރުބާން ކުރަން ޖެހުނަސް ފަރުވާލެއް ނެތެވެ. “މިއީ ސަމާސާއެއް ނޫން! ސަބަބު ދައްކަން ވީތަ؟ މަޑުކުރޭ!” ކަރުނަތައް ފޮރުވަމުން އަނެއްކާވެސް ޒައިދްއާއި ކުރިމަތިލަމުން ގޮސް އޭނާގެ އަތްދަބަސް ހާވާލުމަށް ފަހު އޭގެން ނެގި ފޮޓޯތަކެއް ޒައިދްގެ ކުރިމައްޗަށް އުކާލިއެވެ. މިއޮތީ ސަބަބު. ސާފުވެއްޖެ؟. ލޯބީގަ ހުވަޔާ ވައުދުތައް ވީއިރު ހީވީ އަހަރެން ނޫން އެހެން އަންހެނަކާ ދިމާލަށް ބަލާވެސް ނުލާނެއޭ! އެކަމަކު ބަލާބަލަ ހަޤީޤަތް، ނަސީބެއްނު ކައިވެންޏަށް އެއްބެސް ވުމުގެ ކުރިން އަހަންނަށް މިކަން އެނގުނުކަން. އަހަރެން ހިޔެއް ނުކުރަން ޒައިދް ތިހާ ދަށު ދަރަޖައަކަށް ވެއްޓިދާނެ ކަމަކަށް. އައި ޖަސްޓް ހޭޓް ޔޫ!” ބިންމަތީ ވެއްޓިފައި އޮތް ފޮޓޯގަނޑެއް ނަގާ އެއަށް ނަޒަރު ހިންގާލުމުން ޒައިދަށް އޭގެން ފެންނަމުން ދިޔައީ ޚުދު އޭނާއެވެ. އެެހެން އަންހެން ކުއްޖަކާ އެކުގައެވެ. އެކަމަކު އެއަންހެންކުއްޖަކީ ޔާނީ ހީކުރާ ކަހަލަ އަންހެންކުއްޖެއް ނޫނެވެ. އެއީ އޭނާގެ ކޮއްކޮ ތާރާއެވެ. އެއީ ޒައިދް ހޮސްޕިޓަލުން ދޫކޮށްލި ދުވަހު ނަގާފައިވާ ފޮޓޯއެކެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.