ކުޑައްޓޭ އަށް ގައުމީ ސްކޮޑުން ފުރުސަތު ގެއްލިއްޖެ

މުހައްމަދުޝިފާން (ކުޑައްޓޭ) – ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު
މުހައްމަދު ސިފާން (ކުޑައްޓޭ) – ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

 

ބަދަލުތަކަކާއެކު ސީނިއާ ގައުމީ ފުޓްބޯޅަ ޓީމްގެ ސްކޮޑް އަލުން އެކުލަވާލައިފި އެވެ.

އަލުން އެކުލަވާލި ސްކޮޑުން ފުރުޞަތު ގެއްލުނު ތަޖުރިބާކާރު މުޙިއްމު ދެ ކުޅުންތެރިންނަކީ ނިއު ރޭޑިއަންޓްގެ މިޑްފީލްޑަރު މުޙައްމަދު ސިފާން (ކުޑައްޓޭ) އާއި ރިލްވާން ވަހީދު (ރިލޭ) އެވެ.

ބ. އޭދަފުއްޓަށް އުފަން ކުޑައްޓޭ އަކީ ރަން މެޑަލް ހޯދި ޓީމްގައި ހިމެނޭ އަދި ޑިފެންސަށްވެސް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ނިއުރޭޑިއަންޓްގެ ރިލްވާން ވަހީދަކީ އަދި ޒުވާން ކުޅުންތެރިއެކެވެ. ނަމަވެސް ފާއިތުވި މުބާރާތްތަކުގައި ޤައުމީ ސްކޮޑްގައި އަދި ފުރަތަމަ އެގާރައިގައިވެސް ހިމެނިގެން ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ދާދި ފަހުން ރިޔުނިއަންގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ފުރަތަމަ މެޗުން ފުރުސަތު ދިން ނަމަވެސް ފަހު ދެ މެޗުން އޭނާ އަށް ފުރުޞަތު ދީފައެއްވެސް ނުވެ އެވެ.

ޓީމުން ފުރުޞަތު ހޯދި ދެކުޅުންތެރިންނަކީ ބީޖީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް މުއާޒު އާއި ޒުވާން ޓީމްގެ ކީޕަރު ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކްލަބްގެ މުހައްމަދު ޖަޒްލާން އެވެ. މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މުއާޒް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ ބައެއް މެޗުތަކުގައި މޮޅަށް ކުޅެފައެވެ.

ސްކޮޑްގައި އެންމެ ގިނައިން ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބްގެ ކުޅުންތެރިންނެވެ. އަނިޔާގައި ހުރި ކީޕަރު އިމްރާން މުޙައްމަދު ނުލައި މާޒިޔާގެ އަށް ކުޅުންތެރިން ސްކޮޑްގައި ހިމެނެއެވެ. އެއީ ސަމްދޫހު މުޙައްމަދު، މުޙައްމަދު އުމެއިރު، އަހުމަދު ނާޝިދު (ނާއްޓޭ)، މޫސާ ޔާމީން، މުޙައްމަދު އިރުފާން، އަމްދާން އަލީ (އަންޑި)، އަހުމަދު އިމާޒު (އާއްކޮ)، އަދި އަސަދުﷲ އަބުދުﷲއެވެ. އަނިޔާގެ ސަބަބުން މާޒިޔާގެ ހުސައިން ނިޔާޒް މުޙައްމަދަށް ވެސް ވަނީ ފުރުޞަތު ގެއްލިފައެވެ.

ދެން އެންމެ ގިނަ ކުޅުންތެރިން ހިމެނޭ ނިއު ރޭޑިއަންޓްގެ ހަ ކުޅުންތެރިން ސްކޮޑްގައި ހިމެނެއެވެ. އެއީ އަހުމަދު އަބުދުﷲ (ލިލީ)، އަލީ ފާސިރު (ސެންޓޭ)، އަސްހަދު އަލީ (އަޑުބަރޭ)، މުޙައްމަދު ރަޝީދު، ހަމްޒާ މުޙައްމަދު (ހަމްޕު) އަދި ޝާފިއު އަހުމަދެވެ.

މުއާޒްގެ އިތުރުން ބީޖީން ސްކޮޑްގައި ހިމެނެނީ ކީޕަރު އިބްރާހީމް އިފްރާހް އަރީފެވެ.

ޓީސީ (ޓްރަސްޓް އެންޑް ކެއާ) ސްޕޯޓްސް ކްލަބްގެ ކީޕަރު މުޙައްމަދު އިމްރާންގެ އިތުރުން އެ ޓީމުން ސްކޮޑްގައި ހިމެނެނީ އެންމެ ފަހުން އެކުލަވާލި ސްކޮޑްގައި ވެސް ހިމެނުނު ހަސަން ނާއިޒުއެވެ.

ކްލަބް އީގަލްސްއިން ސްކޮޑްގައި ހިމެނެނީ ދެ ކުޅުންތެރިންނެވެ. އެއީ އިސްމާއީލް އީސާއާއި މުހައްމަދު މުޖުތާޒުއެވެ.

މަހިބަދޫ ސްޕޯޓްސް ކްލަބްގެ އަލީ ސަމޫހު އަށް ވެސް ސްކޮޑުން ވަނީ ފުރުޞަތު ދީފައެވެ.

ސްކޮޑުން ޖާގަ ހޯދި ކްލަބް ވެލެންސިއާގެ ކުޅުންތެރިންނަކީ އަކްރަމް އަބުދުލްޣަނީއާއި ކީޕަރު އަހުމަދު އާތިފްއެވެ.

މީގެ އިތުރުން ސްކޮޑްގައި ހިމެނީ މެލޭޝިޔާގެ ޕޮލިސް ޑ-ރާޖާ މެލޭޝިއާ ފުޓްބޯލް އެސޯސިއޭޝަން (ޕީޑީއާރުއެމް އެފްއޭ) އަށް ކުޅޭ ކެޕްޓަން އަލީ އަޝްފާޤް (ދަގަނޑޭ) އާއި، މިޔަންމާގެ ކަންބަވްޒާ ފުޓްބޯލް ކްލަބް (ކޭބީޒެޑް އެފްސީ) އަށް ކުޅެމުން އަންނަ މުޙައްމަދު އާރިފް (ބަކާ) އެވެ.

އިސްމާއީލް މަހުފޫޒް (އިއްމަ)ގެ އިރުޝާދުގެ ދަށުން ޤައުމީ ޓީމް އެންމެ އަވަހަށް ނިކުންނާނީ ވަރލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ސެޕްޓެމްބަރު މަހު 8 ގައި ޗައިނާގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.