ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[އޯގަސްޓް 17، 2015 ގެ ބަޔާ ގުޅޭ]

 

ކަރުނަތައް ފޮރުވަމުން އަނެއްކާވެސް ޒައިދްއާއި ކުރިމަތިލަމުން ގޮސް އޭނާގެ އަތްދަބަސް ހާވާލުމަށް ފަހު އޭގެން ނެގި ފޮޓޯތަކެއް ޒައިދްގެ ކުރިމައްޗަށް އުކާލިއެވެ. މިއޮތީ ސަބަބު. ސާފުވެއްޖެ؟. ލޯބީގަ ހުވަޔާ ވައުދުތައް ވީއިރު ހީވީ އަހަރެން ނޫން އެހެން އަންހެނަކާ ދިމާލަށް ބަލާވެސް ނުލާނެއޭ! އެކަމަކު ބަލާބަލަ ހަޤީޤަތް، ނަސީބެއްނު ކައިވެންޏަށް އެއްބެސް ވުމުގެ ކުރިން އަހަންނަށް މިކަން އެނގުނުކަން. އަހަރެން ހިޔެއް ނުކުރަން ޒައިދް ތިހާ ދަށު ދަރަޖައަކަށް ވެއްޓިދާނެ ކަމަކަށް. އައި ޖަސްޓް ހޭޓް ޔޫ!” ބިންމަތީ ވެއްޓިފައި އޮތް ފޮޓޯގަނޑެއް ނަގާ އެއަށް ނަޒަރު ހިންގާލުމުން ޒައިދަށް އޭގެން ފެންނަމުން ދިޔައީ ޚުދު އޭނާއެވެ. އެެހެން އަންހެން ކުއްޖަކާ އެކުގައެވެ. އެކަމަކު އެއަންހެންކުއްޖަކީ ޔާނީ ހީކުރާ ކަހަލަ އަންހެންކުއްޖެއް ނޫނެވެ. އެއީ އޭނާގެ ކޮއްކޮ ތާރާއެވެ. އެއީ ޒައިދް ހޮސްޕިޓަލުން ދޫކޮށްލި ދުވަހު ނަގާފައިވާ ފޮޓޯއެކެވެ.

 

ވާނުވާ ނޭނގި ޒައިދް ޔާނީއާއި ދިމާލަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ މޫނުމަތިން ފާޅުވާން ހުރީ ހައިރާންކަމެވެ. “މިއީތަ ޔާނީ އަހަންނަށް އިތުބާރު ކުރާ މިންވަރަކީ؟ އަހަރެމެންގެ ދެމެދުގައިވާ ލޯބި ހަމަ އެހާ ބަލިކަށީތަ؟ ލޯމަތިން ފެންނަހާ ކަމެއް ޔާނީ އެހާ ފަސޭހައިން ޤަބޫލުކޮށްފާނެ ކަމަކަށް ޒައިދް ހިޔެއް ނުކުރެއެވެ. “ތިފޮޓޯތަކުން އަހަރެން ނަގަންވީ ދެން ކޮން މާނައެއްތަ؟ ތިފޮޓޯގަ ޒައިދްގެ ބަދަލުގަ އަހަރެން ހުރިނަމަވެސް ޒައިދް ބުނާނީ ހަމަ ތިހެންތަ؟ ބުނެބަލަ!” ލޮލުގައިވި ކަރުނަތައް ފޮރުވަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ޒައިދްގެ ކުރިމަތީ މިފަހަރު ޔާނީއަކަށް ކެތެއް ނުކުރެވުނެވެ. “ޔާނީ ޕްލީޒް، އިހަށް އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ. މިއީ ޔާނީ ތިހީކުރާ ކަހަލަ ކަމެއް ނޫނޭ!” އެތަށް ގޮތަކުން ޒައިދް މަސައްކަތް ކުރަމުން ދިޔައީ ޔާނީއަށް ވިސްނަދެވޭތޯއެވެ. އެކަމަކު ޔާނީ ދިޔައީ ޒައިދްގެ ކޮންމެ ބަހަކަށް ބަދަލުގައި ރައްދު ދެމުންނެވެ. “އިތުރަށް ދެން ކޮންއެއްޗެއްތަ ކިޔައިދޭން އޮތީ، އަދިވެސް ހަދާނެ އިތުރު ދޮގެއް އޮތީތަ؟ ޒައިދް ޕްލީޒް ދެން އިތުރަށް އަހަރެމެން ދެމީހުންނަށް މިގުޅުން ކުރިއަށް ގެންދެވޭކަށް ނެތް. މިހިސާބުން މިކަންތައް މި ނިމުނީ! ހެޔޮނުވާނެ އަހަރެން ކުރިމަތިން ދުރައްދޭ، އައި ޑޯންޓް އީވަން ވޯންޓް ޓު ސީ ޔޫ އެގެއިން. ގުޑް ބާއި!” އެންމެ ފަހުގެ ވަދާއީ ސަލާން ކޮށްލި އިރު ޔާނީގެ ލޮލުން ފައިބަމުން ދިޔަ ކަރުންތަކުން މުޅި ކޯތާފަތް ވަނީ ތެންމާލާފައެވެ. ދުޅަވެ ރަތްވެފައިވާ ޔާނީގެ ދެލޮލުން އޭނާއަށް ކޮށްފައިވާ އަސަރު ކިތަންމެހާވެސް ރަނގަޅަކަށް ފާޅުވާން ހުއްޓެވެ. ޒައިދް އިތުރަށް ވާހަކަ ދައްކަން މަސައްކަތް ކުރުމުން ޔާނީ އަތުގެ އިޝާރާތުން އޭނާ ހުއްޓުވިއެވެ. އިތުރަށް ޒައިދް ހިތުގަ ޖެހޭ ފަދަ އެއްޗެއް ބުނާކަށް ޔާނީ ބޭނުމެއް ނޫނެވެ. މިހާރުވެސް ކުށެއް ނެތި އެތައް ދޮގު ބަދުނާމެއް އޭނާގެ ބޮލުގައި އެޅުވިއްޖެއެވެ.

 

ޒައިދްގެ ކުރިމަތީގައި ހުންނަން އުނދަގޫވެގެން އެންމެ ފަހުން ޔާނީ ޒައިދްގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިން ބޭރަށް ނެރުނެވެ. ދެން ދުވަހަކުވެސް ބައްދަލު ނުވާނޭ ބުނާފަދަ އުސޫލަކުން ޔާނީ ވަރަށް ބާރަށް ދޮރު ޖެހިއެވެ. “ޔާނީ! އަހަންނަށް އިނގޭ ޔާނީ ތިތާ އެބަހުރިކަން އަދި އަހަރެން މިދައްކާ ވާހަކަ ޔާނީއަށް އަޑު އިވޭ ކަންވެސް. ޕްލީޒް ހަމައެންމެ ފަހަރަކު އަހަރެންނަށް ވާހަކަ ދައްކާނެ ފުރުސަތެއް ދީބަލަ! އެއަށް ފަހު ޔާނީގެ ކޮންމެ ނިންމުމެއް އަހަރެން ހެޔޮހިތުން ޤަބޫލު ކުރާނަން. މިޒައިދް ދެކެ ލޯބިވަންޏާ އެއްފަހަރު ނަމަވެސް ދޮރު ހުޅުވަބަލަ، ޕްލީޒް ޔާނީ، އައި ބެގް ޔޫ!” ދޮރުފަތުގައި ލެނގިލައިގެން ހުރިއިރު އަޑުން އަޑު ނަގާ ޔާނީއަށް ރޮވެން ފެށުމުން އަނގަމަތީ އަތްއަޅާ ބާރުކޮށްލީ އަޑު ބޭރަށް އިވިދާނެތީއެވެ. ޒައިދް ދޮރުގައި ތަޅަމުން ޔާނީއަށް ގޮވަމުން ދިޔަ އަޑަށް އެތެރޭގައި ތިބި ތާރާ، މިޝްކާ އަދި ޝިވަމްވެސް ބޭރަށް ނުކުތެވެ. ކަމެއް ގޯސްވެގެން އުޅޭކަން އެނގުމުން ޝިވަމް ޒައިދް އާއި ސުވާލު ކުރުމުން ޒައިދް އަނގައިންވެސް ނުބުނެ ވިއްޖެއްހެން ރާސްލާފައި ބޭރަށް ނުކުމެގެން ދިޔައެެވެ. އޭރު ޒައިދްވެސް ހުރީ ކޮންމެވެސް ވަރަކަށް ރޮވިފައެވެ. ނަމަވެސް އެކަން އެހެން މީހަކަށް ފެންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާ އަވަހަށް އެތަނުން ތިޔަނީވެސް އެހެންވެއެވެ.

 

ވޭން އަޅަމުން ދިޔަ ހިތަށް ލުޔެއް ލިބޭގޮތް ނުވުމުން ދުވެފައި ޔާނީ ނުކުތީ ބެލްކަންޏަށެވެ. ބޭނުންވީ ހިތްފުރެންދެން އެތާ ހުރެ ރޯލާށެވެ. އެވަގުތު ބޭރަށް ނުކުމެގެން ސައިކަލުގައި ޒައިދް ދާތަން ފެނުމުން ޔާނީއަށް އިހުނަށް ވުރެ ބާރަށް ރޮއެގަނެވުނެވެ. ހީވީ އޭނާގެ ހަށިގަނޑުން އެއްބައި އުނިވެގެން ދިޔަހެނެވެ. ހިތްކޮށައި ކުދިކުދި ކޮށްލި ހެނެވެ. “އަހަންނަށް މައާފް ކުރޭ ޒައިދް، ފަހަރެއްގައިވެސް އަހަރެން މިގޮތަށް ކަންތައް މިކުރީ ޒައިދް ހިތުގައި ޖައްސާކަށް ނޫން. އަހަންނަށް މަޖުބޫރު ވީ! އައި އިޝް އައި ކުޑް ޓެލް ޔޫ ވައި އައިމް ޑުއިން އޯލް ދިސް. އައެމް ސޮރީ، ބަޓް އައި ރިއަލީ ލަވް ޔޫ!” ރެއިލިންގައި ހިފަހައްޓަމުން މުށިތައް މައްޗަށް ތިރިވިއިރު ޔާނީ ހުރީ ރޮއެރޮއެ ހަލާކުވާ ވަރުވެފައެވެ. އޭނާގެ އަޑުވެސް ދިޔައީ ފަހަރަކަށް ފަހު ފަހަރެއް ބެދެމުންނެވެ. ރޮއެރޮއެ ދެލޯ ވަނީ ފާރުވެފައެވެ. އޭނާގެ އުފާވެރި ހަޔާތް އަމިއްލަ އަތުން ހަލާކުކޮށްލެވުނު ކަމުގެ އިހްސާސްވާ ކޮންމެ ފަހަރަކު ހިތްމަރާލައެވެ. ޒައިދްގެ އެއްވެސް ކުށެއް ނެތި އެފަދަ ބޮޑު އަނިޔާއެއް ދެވުނީތީ ޔާނީ އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރިއެވެ. ބާރު ސްޕީޑެއްގައި ސައިކަލް ދުއްވަމުން ދިޔައިރު ޒައިދްގެ ކުރިމަތީ ސިފަވަމުން ދިޔައީ މީގެ ކުޑައިރުކޮޅެއް ކުރިން ހިނގާދިޔަ ހާދިސާއެވެ. ޤަބޫލުކުރަން ކިތަންމެ ދަތި ވިޔަސް އެކަން ދެނެއް ބަދަލެއް ނުވާނެއެވެ. ހިތާމައަކީ ޔާނީ ޒައިދަށް އިތުބާރު ނުކުރުމެވެ. އެއްފަހަރުވެސް ޒައިދް ދެއްކިވާހަކަ އަޑު އެހިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟

 

ސުނާމީ ބިނާ ކައިރި ސައިކަލް ޕާކުކޮށްލުމަށް ފަހު ޒައިދް އެތަނުގައި މަޑުކޮށްލީ ހިތަށް ވިސްނަދެވޭތޯއެވެ. ޔާނީގެ ހިޔާލްތަކަށް ގެއްލިފައި ޒައިދަށް އިނދެވުނީ ޔާނީ އޭނާއާއި ދުރުގައި ވާތީ ހަނދާންވާލެއް ބޮޑުކަމުންނެވެ. ދެރަވެފައި ޔާނީ އާއި ދޭތެރޭ ޒައިދަށް ވިސްނެނީ އޭނާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ޒައިދްގެ ހުރިހާވެސް އުންމީދަކީ ޔާނީ ކަމަށް ވާއިރު ދިރިއުޅުމަށް ލިބޭ ފުރިހަމަކަމާއެކު ހިތް އެދެމުން ދިޔައީ އުމުރަށް އެކީ އުޅުމަށެވެ. ޔާނީގެ ފަރާތުން ލޯބިން ބަހެއް ބުނެލާއަޑު އިވޭތޯ ޒައިދްގެ ހިތް އެދި ކެތްމަދުވެފައި އެކަމަށް އިންތިޒާރުކުރެވެއެވެ. ޒައިދްގެ ހިތް ގޮވަމުން ދިޔައީ ޔާނީ އޭނާގެ ގާތަށް އެނބުރި އައުމަށެވެ. ޔާނީއާއި ވަކިވުން ޒައިދަށް މިވަނީ ކެތްކުރަން ދަތި ވޭނަކަށް ވެފައެވެ. އިރުއިރުކޮޅަކަ ހުއްޓިފައި ޒައިދަށް ބެލެނީ ފަހަތަށެވެ. ހީވަނީ ޔާނީ އޭނާގެ ފަހަތުން އަންނަ ހެންނެވެ. އެހެނަސް މާޔޫސްވެގެން ކޮންމެ ފަހަރަކުވެސް އިސްޖަހާލަން ޖެހެނީ އެތަނުން ޔާނީ ފެންނަށް ނެތުމުންނެވެ. މާޒީ ހަނދާންވެ ކަރުނަތައް ދެލޮލުން އޮހޮރުނެވެ. އެއުފާވެރި ދުވަސްތަކެވެ. އެކުގައި ވީހައި ވައުދެވެ. “ކީއްވެ؟ ޔާނީ އަހަންނަށް ކުޑަކޮށްވެސް އިތުބާރު ނުކުރަނީތަ؟ ކޮބާ އެކުގައި ވުމަށް ވީހައި ވައުދާ ހުވާތައް؟ ކޮބާ އަހަރެން ދެކެ އިންތިހާއަށް ވީ ލޯބި؟ ވައި ޔޫ ޑިޑް ދިސް ޔާނީ؟ ވައި؟” މިފަހަރު ހަމަ ރަނގަޅަށްވެސް ޒައިދަށް ރޮވިއްޖެއެވެ. އޭނަ ކުރިއެކޭ އެއްފަދައިން މިހާރުވެސް ޔާނީ ދެކެ ހަޤީޤީ ލޯބި ވެއެވެ. ހަނދާންތައް އެނބުރި އައުމުން ޒައިދް ހީކުރީ އޭނާގެ ދިރިއުޅުން އަނބުރާ ލިބުނީ ކަމަށެވެ. ނަމަވެސް މިހުރިހާ ކަމެއްވެސް މިވީ ކުށްހީއަކަށެވެ. މިއަދު ހުރިހާ ކަމެއްވެސް މިވަނީ ބަދަލުވެފައެވެ. ޔާނީ ޒައިދްގެ ލޯބީގައި ކޮޅުފައިން ޖެހީ އޭނާގެ އެއްވެސް ކުށެއް އޮވެގެންނެވެ. ޒައިދް ޔާނީއަކަށް ބޭވަފާތެރިއެއް ނުވެއެވެ. އަދި ޔާނީވެސް ޒައިދަކަށް ބޭވަފާތެރިއެއް ނުވެއެވެ. އަސްލު ހަޤީޤަތް ޒައިދަށް އެނގޭނެނަމައެވެ. އެކަމަކު އާހް…
ތަރިތަކާއި ފުރިހަމަ ހަނދު ރަސްކަން ކުރަމުން ދިޔަ އުޑުމަތި އެއްކޮށްހެން ބަނަކޮށްލައި ކަޅުވިލާތަކުން ފުރާލައިފިއެވެ. ހީވީ ދެލޯބިވެރިންގެ ހިތާމައިގައި މުޅި ދުނިޔެވެސް ބައިވެރިވާ ހެންނެވެ. މާގިނައިރުތަކެއް ނުވެ ވާރޭގެ ބޮޑެތި ތިކިތައް ބިމަށް ދަތުރު ފަށައި މުޅި ހިސާބުގަނޑު ފެންބޮޑުކޮށްލައިފިއެވެ. ކަރުނައާއި ވާރޭގެ ތިކިތައް އެކުވެގެން ފައިބަމުން ދިޔައިރު ޒައިދް އިނީ އިންތަނުން ގުޑިލާންވެސް ހަނދާން ނެތިފައެވެ. ވިއްސާރައާއި ތެމި ފޯވިއިރުވެސް އޭނާއަށް އެކަމުގެ މާބޮޑު އިހުސާސެއް ކުރެވޭ ހެނެއް ހިޔެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް އޭނާ އިނީ ހިތުގައި ޖެހިފައެވެ. އެވަގުތު ޔާނީގެ ހާލަކީވެސް ހަމަ އެފަދައެވެ. ރެއިލިންގައި ބޯޖައްސާލައިގެން އިންއިރު ޔާނީއެކޭ މަރުވެފައި އިން މައްޔިތެކޭ އެއްވެސް ތަފާތެއް ނެތެވެ. އަނދިރިކަން ވަށާލައި ޖައްވު ނާމާން ކުރި ފަދައިން ޔާނީގެ ހަޔާތްވެސް މި މިސާލުގައި ބީވެދާ ކަމުގެ އިހްސާސް އޭނާއަށް ކުރެވެމުން ދިޔައެވެ. ލޯތްބަކީ ފަރަޤެއްނުވާ ދެހިތުގެ ގުޅުމަކަށް ވިޔަސް، ލޯތްބަކީ އޯގާވުމާ އަދި އަޅާލުން ކަމުގައި ވިޔަސް މޫސުމާއެކުގައި ބަދަލްވެ މުށު ތެރެއިން ދެމި އެލޯބި މިއަދު ފަސްދީ ހިނގައްޖެއެވެ. މިއައި ކުއްލި ބަދަލާއެކީ މޭގައި ކޫރުއެޅި މިހާލުގައި މާޔޫސްވުމުން ޒައިދްގެ ހިތް އެދުނީ ލޯމަރާލުމަށެވެ. ހިތް މޮޅިވެ މާޔޫސްވިޔަސް އަދިވެސް ޒައިދް ޔާނީދެކެ އިންތިހާއަށް ލޯބިވެއެވެ.

 

ޖެހިގެން އައި ދުވަހެވެ. ގޭތެރޭގެ އެއްވެސް މީހަކާ ޔާނީ ވާހަކައެއް ނުދައްކައެވެ. ރޭގަ ކަންތައްވީ ގޮތް ދެމީހުންކުރެ އެކެއްގެ ފަރަތުންވެސް ސާފުވާ ގޮތް ނުވުމުން ޝިވަމްމެން ތިބީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ. ޒައިދްވެސް ގުޅާ ގުޅާ ފޯނު ނުނެގުމުން ތާރާ ނިންމީ އޭނާ އާއި ބައްދަލުކުރުމަށް ގެއަށް ދިއުމަށެވެ. އެހެންވެ ސައިވެސް ނުބޮއެ ފެންވަރާލައިގެން ތާރާ ދިޔައީ ހ.ބްލޫމިން ކަމަށްވާ އޭނާގެ ގެއަށެވެ. އޭގެ ކުޑައިރުކޮޅެއްފަހުން ވިކާޝްގެ ފޯނު ކޯލަކާއެކު އޭނާއާއި ބައްދަލު ކުރުމަށް ޔާނީ ގެއިން ނުކުތެވެ. ރޭގެ ހާދިސާއަށްފަހު ޔާނީ އަދިވެސް ހަމައަކށް ނޭޅެއެވެ. ހިތާ ދެކޮޅަށް ނަމަވެސް ވިކާޝް ބުނި ކޮންމެ ގޮތެއް ހަދައި އޭނާގެ ހުރިހާ އަމުރަކަށް ކިޔަމަންވާން މިއަދު ޔާނީއަށް މަޖުބޫރެވެ. އެގޮތަށް ކަންތައް ނުކޮށްފިނަމަ އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. [ނުނިމޭ]

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.