ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[އޯގަސްޓް 20، 2015 ގެ ބަޔާ ގުޅޭ]

ޖެހިގެން އައި ދުވަހެވެ. ގޭތެރޭގެ އެއްވެސް މީހަކާ ޔާނީ ވާހަކައެއް ނުދައްކައެވެ. ރޭގަ ކަންތައްވީ ގޮތް ދެމީހުންކުރެ އެކެއްގެ ފަރަތުންވެސް ސާފުވާ ގޮތް ނުވުމުން ޝިވަމްމެން ތިބީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ. ޒައިދްވެސް ގުޅާ ގުޅާ ފޯނު ނުނެގުމުން ތާރާ ނިންމީ އޭނާ އާއި ބައްދަލުކުރުމަށް ގެއަށް ދިއުމަށެވެ. އެހެންވެ ސައިވެސް ނުބޮއެ ފެންވަރާލައިގެން ތާރާ ދިޔައީ ހ.ބްލޫމިން ކަމަށްވާ އޭނާގެ ގެއަށެވެ. އޭގެ ކުޑައިރުކޮޅެއްފަހުން ވިކާޝްގެ ފޯނު ކޯލަކާއެކު އޭނާއާއި ބައްދަލު ކުރުމަށް ޔާނީ ގެއިން ނުކުތެވެ. ރޭގެ ހާދިސާއަށްފަހު ޔާނީ އަދިވެސް ހަމައަކށް ނޭޅެއެވެ. ހިތާ ދެކޮޅަށް ނަމަވެސް ވިކާޝް ބުނި ކޮންމެ ގޮތެއް ހަދައި އޭނާގެ ހުރިހާ އަމުރަކަށް ކިޔަމަންވާން މިއަދު ޔާނީއަށް މަޖުބޫރެވެ. އެގޮތަށް ކަންތައް ނުކޮށްފިނަމަ އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ވިކާޝްއާއި ބައްދަލުކުރުމަށް ޔާނީ ދިޔައީ ސަލްޓަންޕާކަށެވެ. ހެނދުނުގެ ވަގުތަށް ވުމުން އެތަނުގައި ދެތިން ފަތުރުވެރިން ފިޔަވައި މާގިނަ ބަޔަކު ނޫޅެއެވެ. ހިކި އަނަރޫފަ ހަށިގަނޑެއްގައި ހުރި ފިރިހެނެއް ތަންކޮޅެއް ދުރުން ޔާނީ އާއި ދިމާލަށް ހަނައަޅާލިތަން ފެނުނެވެ. އަންހެން ކުއްޖެއް ފަދައިން އިސްތަށިގަނޑު ދިގުކޮށްފައި ހުރިއިރު ދިގު ވެފައިވާ ތުނބުޅިއާއި މަތިމަހާއެކު އެމީހާ ފެންނަލެއް ވަރަށް ނުތާހިރެވެ. ދުވަހަކުވެސް ވިކާޝްއާއި ދިމާވެފައި ނުވުމުން ޔާނީއަށް އޭނާ ފާހަގަ ކުރަން ކުޑަކޮށް އުނދަގޫވި ނަމަވެސް ދެވަނަ ފަހަރަށް އޭނާ ޔާނީ އޭ ކިޔައި ގޮވާލުމުން ޔާނީއާއި ބައްދަލުކުރަން އައި މީހަކީ އެއީ ކަން އެނގުނެވެ. ވިކާޝް ހުރި ސިފަ ފެނިފައި އެއީ މީގެ ކުރިން އޭނާ ދެކުނު މީހެއް ފާޑު ޖެހިއެވެ.

ފުން ވިސްނުމެއްގައި ޔާނީ ހުއްޓައި ވިކާޝް އައިސް ޔާނީގެ ކުރިމައްޗަށް ހުއްޓި ބަލަން ފެށިއެވެ. ބޮލުން ފެށިގެން ފަޔާ ހަމައަށް ބަލަމުން ދިޔަ އިރު އޭނާގެ ނިޔަތް ރަނގަޅު ނޫންކަން ޔާނީއަށް ވިސްނުނެވެ. “އަދިވެސް ހަމަ އެހާ ފުރިހަމަ، އެއްވެސް ބަދަލެއް ނާދޭ! މަށަށް އިނގޭ ޔާނީ އަންނާނެކަން، އެހެން ނޫނަސް މިތަނަށް ނައިނަމަވެސް ގެއްލުންވާނީ ހަމަ ޔާނީއަށް” ވިހަ ހިނިތުންވުމަކުން ވިކާޝް ޔާނީއަށް ބަލަމުން ދިޔައިރު އޭނާގެ ހިތުތެރޭ އެނބުރެމުން ދިޔައީ ނުބައި ހިޔާލްތަކެވެ. “ކީއްކުރަން އަހަރެން މިތަނަށް ތިގެނައީ؟ ކަލޭ ބުނިހާ ގޮތަކަށް އަހަރެން ކަންތައް ކޮށްފިން، އަދިވެސް ހިތް ފުރޭވަރު ނުވަނީތަ؟” ވިކާޝް އާއި ބައްދަލު ކުރަން ޖެހުމުން ޔާނީ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އޭނާ އަށް ވެގެން ވަންޏާ ވިކާޝް ފެންނަ ހިސާބަށްވެސް އޭނާ ނާންނާނެއެވެ. “އޯހް.. މަންޖެގެ ތިމިޒާޖް މަށަށް ހާދަ ކަމުދޭ! ދެޓްސް ވައި އައި ލަވް ޔޫ. މަށާ ރައްޓެހިވާން ވީނު” ވިކާޝްގެ މި ޖުމްލައާއިއެކު ޔާނީގެ އަތް އިސްވެ ވިކާޝްގެ މޫނު މައްޗަށް އެރީ ހޫނު އެތިފަހަރެކެވެ. “ހަބަރުދާރު! ތިކަހަލަ ހިޔާލެއް ހިތަށްވެސް ނުގެންނާތި!” ރުޅިގަދަވެފައި ހުރިއިރުވެސް ޔާނީގެ ލޮލުން ކަރުނަ ފާޅުވާން ހުއްޓެވެ. “މަގޭ ކުރިމަތީ ގަދަ ހަދަން ނޫޅެއްޗޭ އިނގޭ” ދެވަނަ ފަހަރަށް އެކަން ތަކުރާރުވުމުން ވކާޝް އިންތިހާއަށް ރުޅިގަދަވެ ކޮންޓްރޯލުން ނައްޓައި ޔާނީގެ އަތް ފަހަތަށް ލައި އޭނާގެ އިސްތަށިގަނޑުގައި ހިފާ ވާން ކޮށްލިއެވެ. ވީތަދުން ޔާނީއަށް ތަދުވެއޭ ކިޔައި ރޯން ފެށުނެވެ.

ވިކާޝްގެ ރަހުމް ކުޑަކަން ފެނި އެފަދަ މީހެއްގެ އަތްދަށުވުމުން ޔާނީގެ ހިތަށް ކުރުވި ފުން އަސަރު ބާޔާން ކުރަންވެސް ދައްޗެވެ. “އަތްދޯއި! ތަދުވެއޭ، ހެޔޮނުވާނެ އަހަންނަށް ތިހެން ނުހަދާ އަހަންނާ ދޭތެރޭ ތިހާ ރަހުމް ކުޑަ ނުވޭ!” ގިސްލެވެމުން ދިޔައިރު ޔާނީގެ އަޑުގައިވެސް ރިހުމެއް އެކުލެވިގެން ވިއެވެ. “ކީކޭ! ތަދުވެއޭ؟ ބަލަ ކަލޭ މަގޭ މޫނުމަތީ ޖެހި އިރު ހިތަކަށް ނާރާތަ އަހަންނަށް ތަދުވާނެއެކޭ! އެންމެންގެ ތެރޭ އަހަރެން ބަދުނާމުކޮށްލިއިރު ކަލޭގެ ހިތަށް އެކައްޗެއްވެސް ނާރައެއްނު، ދެން މަ ކީއްކުރަން ކަލެއާ ދޭތެރޭ ވިސްނަންވީ” ވިކާޝްގެ ހިލަ ހިތުގައި ހަމްދަރުދީގެ ޒައްރެއްގެ މިންވަރުވެސް ނުވާކަން އެވަގުތު ސާފުވިއެވެ. މަންޒިލެއް ނެތި ސައިކަލް ދުއްވަމުން ދަނިކޮށް ޔާނީ ފެނުނުހެން ހީވެގެން ޒައިދް ސައިކަލް މަޑުކޮށްލީ ސަލްޓަންޕާކު ކުރިމަތީގައެވެ. އެތެރެއަށް ވަނުމާއެކު ފެނުނު މަންޒަރުން ޒައިދްގެ ލޭކެކިގެން ދިޔައެވެ. ބަލާކަށް ނުހުރެ އެދިމާލަށް ދިޔައީ ޝިކާރަވެރިއެއް ފަދައިންނެވެ. “އޭތް! ކިހިނެއް ވެގެން ތިއުޅެނީ، ކޮން އަނިޔާވެރިއެއް ތިވަނީ؟ ބަލައެއީ އަންހެނެކޭ” ޒައިދް އައިސް ވިކާޝްގެ ގަޔަށް އަރައިގަތީ ބަނޑުހައިވެފައި އޮތް ސިންގާއެއް ފަދައިންނެވެ. އެކަކު އަނެކަކަށް ހޫނު ހަމަލަތައް ދެމުން ދިިޔައިރު ދެމީހުންގެ މޫނުމަތިންވެސް ލޭގެ އަސަރު ފެންނަން ހުއްޓެވެ. މަންޒަރުބަލަން ހުރި ޔާނީއަށް ކެތްނުވެގެން ދެމީހުން ދުރު ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައީ ރޮއެ އާދޭސް ކުރަމުންނެވެ. ޔާނީގެ ބަހަށް ދެމީހުން ކުރެ އެކަކުވެސް ސަމާލުކަމެއް ނުދިނުމުން އޭނާ ހަދާނެގޮތް ހުސްވިއެވެ. “ކަލޭއަށް ކާކު ހުއްދަދިނީ އޭނާގެ ގައިގަ އަތްލާތް. ކަލޭތީ ކާކު އޭނައަށް އަނިޔާކުރަން” ޒައިދްގެ ދެލޮލުން އެކަނިވެސް އޭނާ ރުޅިއައިސްފައި ހުރި މިންވަރު ދޭހަކޮށްދެއެެވެ.

ބިންމަތީ ވެއްޓިފައި އޮތް ވިކާޝް ލައިގެން ހުރި ޓީޝާޓްގެ ކަރުގައި ހިފާ ނަގަމުން ޒައިދް ސުވާލުކުރަން ފެށިއެވެ. “އެއީ އަހަރެންގެ ވާން އުޅޭ ފިރިމީހާ! އެއީ އަހަރެންގެ ވާން އުޅޭ ފިރިމީހާއޭ..އިވިއްޖެތަ؟”  ޔާނީގެ މިޖުމްލައާއެކު ޒައިދަށް ހީވީ އޭނާގެ ބޮލުގައި މީހަކު ވަރުގަދަ އެތިފަހަރެއް އަޅާލިހެންނެވެ. ވިކާޝްގެ ގައިގައި ހިފަހައްޓައިގެން ހުރެފައި ދޫކޮށްލެވުނީ ދިރޭ ސޫތްޕެއް ކަށިޖެހުމުން އަތް ފޮޅާލާ ފަދަ އުސޫލުންނެވެ. މިވާހަކަތައް ޤަބޫލުކުރުމަކީ ޒައިދަށް ފަސޭހަ ކަމަކަށް ނުވިއެވެ. މިއީ ހުވަފެނަކަށް ވާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ޒައިދަށް ޔާނީއާއި ދިމާލަށް ދެވެން ފެށުނެވެ. ޔާނީގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން ފުން ލޮލުގެ ތެރެއަށް ބަލަން ޒައިދަށް ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ. ޔާނީގެ ދެލޮލުން ޒައިދަށް ފެންނަމުން ދިޔައީ ހިތާމައާއި ހިތްދަތިކަމެވެ. ޔާނީއަށް ބޭއިޚްތިޔާރުގައި ޒައިދްގެ ދެއަތުގައި ހިފާލެވުނެވެ. ސަލާމަތް ކޮށްދޭށެ ބުނާ ފަދަ ގޮތަކަށެވެ. “ބުނޭ ތީ ދޮގެކޭ..ބުނޭ! ޔާނީ ލޯބިވަނީ ހަމައެކަނި އަހަރެންދެކެ، ތީ ހަމައެކަނި އަހަރެންގެ ހައްޤެއް. އަހަންނާ ތިކަހަލަ ސަމާސާ ނުކުރޭ، އަހަރެން ކިހިނެއް ޔާނީއާއި ނުލާ އުޅޭނީ” ޒައިދްގެ ލޮލުން ފާއްދާލި ކަރުނަތިކިން ޔާނީގެ ހިތް ކުދިކުދި ވިއެވެ. ހިތްއެދުނީ ޒައިދްގެ މޭގައި ބޯއަޅާލައި މިފެންނަނީ ހުވަފެނޭ ބުނެލާށެވެ. ދުވަހަކުވެސް ވަކިނުވެ ލޯބިން ހިތް ފުރާާށެެވެ. “މިއީ ދޮގެއް ނޫން، މިއީ ހަޤީޤަތް. ވީހާ އަވަހަކަށް ޒައިދްވެސް މިހަޤީޤަތް ޤަބޫލުކުރުން އެއީ އަހަރެމެން ދެމީހުނަށްވެސް އޮތް އެންމެ ރަނގަޅުގޮތް. ދެން އަހަންނާ ބައްދަލުކުރަން މަސައްކަތް ނުކުރާތި! ވިކާޝް، ހިނގާ ދާން” ދުލުން ބޭރުވި ފަހު ޖުމްލައާއެކު ޔާނީ ޒައިދްގެ އަތް ފޮޅުވާލާފައި ގޮސް ވިކާޝްގެ އަތުގައި ހިފައިގެން އެދިޔަ ގޮތަށްގޮސް ބޭރަށް ނުކުތެވެ.

ޔާނީ ގޮސް ގެއްލެންދެން ޒައިދް ލަޅިޖަހާނުލާ އެދިމާލަށް ބަލަހހައްޓައިގެން ހުއްޓެވެ. ޔާނީ ފަހަތް ބަލާލާތޯއެވެ. އެކަމަކު އެންމެ ފަހަރަކުވެސް ޔާނީ ފަސްއެނބުރި ބަލައެއް ނުލައެވެ. ކުއްލިއަކަށް ޔާނީ އެހާ ބޮޑަށް އެބަދަލްވީ ކީއްވެ ބާއެވެ. ކުރިން އަބަދުމެ އަބަދު ޒައިދްގެ ގާތުގައި ހުންނަން ބޭނުންވާ ޔާނީއަށް މިއަދު އޭނާ ފެންނަ ހިސާބުގައި ހުރުންވެސް ވަނީ ބޮޑު ވޭނަކަށެވެ. ޔާނީ މިގޮތަށް ކަންތައް ކުރުމުން ވިކާޝް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އޭނާ ބޭނުންވާ ގޮތަށް ކަންތައް ވަމުން ދާތީ ކާމީޔާބީގެ ކޮޅުމަތި ފެންނަން ދެން މާގިނަ ދުވަހެއް ނުނަގާނެކަން ވިކާޝްއަށް ޔަޤީން ވުމުން ހަމަޖެހުމުގެ ނޭވާއެެއް ދޫކޮށްލިއެވެ. ތާރާ ޒައިދް ހޯދަން ގެއަށް ގޮސް އެތަށް އިރެއް ވީއިރުވެސް އޭނާގެ ހަބަރެއް ނުވިއެވެ. އެތައް ފަހަރަކު ގުޅުމުންވެސް ފޯނަކަށް ޖަވާބެއް ނުދިނެވެ. ޒައިދްގެ އިންތިޒާރުގައި ތާރާ ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ޒައިދް ގޭތެރެއިން ވަދެގެން އައިތަން ފެނުމުން އޭނާ ގާތަށް ދިޔައެވެ. ރޭގެ ހާދިސާއާއި ބެހޭގޮތުން ސުވާލުކުރުމުން މިވަގުތު އެވާހަކަ ދައްކަން ބޭނުން ނުވާ ކަމަށްބުނެ ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އެވަގުތު ޒައިދްގެ މޫޑު ރަނގަޅު ނޫންކަން އެނގުމުން އިތިރަށް އުނދަގޫނުކޮށް ތާރާ އެތަނުން ދިޔައެވެ. “ދަރިފުޅާ! ކިހިނެއް ވެފަ؟ ބަލީތަ؟” ސިޓިންރޫމުގައި މާ މަޑުމަޑުން ތާރާ އިނުމުން ބަދިގެ ތެރެއިން ނުކުތް ނާޒް އަހާލިއެވެ. “މަންމާ! ދޮންބެ އެއްވެސް އެއްޗެކޭ ބުނިތަ؟ ރޭގަ އެއްވެސް ކަމެއްވި ވާހަކަ ބުނިތަ؟” ޒައިދްގެ ފަރާތުން އެއްވެސް ކަމެއް އޮޅުންފިލާގޮތް ނުވުމުން ތާރާ ބޭނުންވީ އޭނާގެ މަންމައަށް އެއްކަމެއް އެނގޭތޯ ބަލާށެވެ. “ނޫން. ރޭގަ ކަމެއް ވީތަ؟ މަންމައަށް ވެސް ފާހަގަ ކުރެވުން ދޮންބެ މިއަދު ފާޑަކަށް ހުރިކަން، އެހާ ވާހަކައެއްވެސް ނުދައްކާ” ޒައިދްގެ އަމަލްތައް މިއަދު ތަފާތުކަމުން ނާޒްވެސް ހުރީ އެކަމާ ސުވާލު އުފެދިފައެވެ. “އަސްލު ވެގެން މިއުޅޭ ގޮތަކީ ރޭގަ ދޮންބެ މިޝްކާމެން ގޭގަ ދޮންބެ ދައްތައަށް ސަޕްރައިޒެއް ދިނީ، އަލުން ކައިވެންޏަށް އެދެންވެގެން. އެކަމަކު އެދެމީހުންގެ ދެމެދުގަ ކޮންމެވެސް ހަމަނުޖެހުމެއް ހިނގައިގެން އުޅެނީ. އެހެންވެ ވެެގެންއުޅޭގޮތެއް ނޭނގިގެން މިއުޅެނީ” ތާރާގެ ވާހަކައިން ނާޒްއަށް ލިބުނީ އިތުރު ހާސްކަމެކެވެ. އެހާ ގިނަ ދުވަސްތަކަކަށް ފަހު ޒައިދް އާއި ޔާނީ އެކުގައި އުޅެން އާ ފުރުސަތެއް ލިބިފައި ވަނިކޮށް މިފަދަކަމެއް ދިމާވުމުންނެވެ.

ނާޒް ހާސްވެފައި އިން މިންވަރު ފެނުމުން ތާރާ އޭނާގެ މަންމައަށް ވިސްނައިދިނީ އެކަމާ އެހާ ކަންބޮޑު ނުވުމަށެވެ. އަދި ހުރިހާ ކަމެއްވެސް ވަރަށް އަވަހަށް ރަނގަޅުވާނެ ކަމަށެވެ. “މަންމާ! އުފާވެރި ހަބަރެއް ދެންތަ؟ އަހަރެން އަލުން ގެއަށް ބަދަލްވާން ވިސްނައިފިން. މިހާރު ދެން ދޮންބެ ވެސް އެއްކޮށް ރަނގަޅުވީނު” ތާރާ ގެއަށް އައުމަށް އެއްބަސްވުމާއެކު ނާޒްގެ ހުރިހާ ހާސްކަމެއް ފިލައިގެން ގޮސް މޫނުމަތި އުޖާލާވިއެވެ. މިދުވަހަށް ނާޒް އިންތިޒާރުކުރާތަ މިހާރު ކިތަންމެ ދުވަހެކެވެ. ނަމަވެސް ކޮންމެ ފަހަރަކު ތާރާ އެކަމާ ދެކޮޅު ހަދާތީ ނާޒް އެވާހަކަ ނުދައްކާ މަޑުޖައްސާލީ ތާރާ އަމިއްލައަށް އެކަމަށް އެއްބަސް ވަންދެނެވެ. ކޮޓަރި ތެރެއަށް ވަނުމާއެކު ޒައިދްގެ ލޮލުގައި އަޅައިގަތީ އެނދުގެ ބޯލާ ކޮޅުގައި ބަހައްޓާފައި ހުރި ޔާނީގެ ފޮޓޯއެކެވެ. މަޑުމަޑުން ގޮސް އެނދުގައި އިށީންނަމުން ފޮޓޯގަނޑު ނަގައި އެއަށް ނަޒަރު ހިންގައިލިއެވެ. “އަހަންނަށް ބޭވަފާތެރިވީ ކީއްވެ؟ އަހަރެންގެ ލޯބިން ޔާނީއަށް އުނިވީ ކޮންއެއްޗެއް؟ ޖަވާބު ދީބަލަ! އަހަރެން ބޭނުން ޔާނީ ތިގޮތަށް ތި ކަންތައް ކުރަނީ ކީއްވެތޯ ބަލަން” ފޮޓޯގައި އިން ޔާނީ އާއި ވާހަކަ ދައްކަމުން އޭނާގެ ހިތުގައިވާ ހުރިހާ ޝަކުވާތަކެއް އެއްފަހަރާ ބޭރުކޮށްލިއެވެ. އެހިތަށް ކޮށްފައިވާ އަސަރުން އޭނާ ޔާނީ ދެކެ ވާލޯބި އެމަންޒަރު ފެނުނު ކޮންމެ މީހަކަށްވެސް އިހުސާސް ކުރެވޭނެއެވެ. ޒައިދް އަދިވެސް ބޭނުންވަނީ ޔާނީއާއި ބައްދަލުކޮށް މިކަން އޮޅުން ފިލުވާށެވެ. އަދި އެދުވަހު ޔާނީ ދެއްކި ފޮޓޯގެ ހަޤީޤަތް އޭނާ ކުރިމަތީ ހާމަކުރަން ޒައިދް ބޭނުންވިއެވެ.

ފޯނު ނަގައި ޔާނީގެ ނަންބަރަށް ޒައިދް ގުޅާލިއެވެ. ދެތިން ފަހަރު ގުޅުމުންވެސް ޔާނީ ފޯނަށް ޖަވާބު ނުދިނުމުން ޒައިދް ނިންމީ ޔާނީއާއި ބައްދަލު ކުރަން ދިއުމަށެވެ. ޔާނީ މިގަޑިގައި އުޅޭނީ ޓެއިލަރ ޝޮޕްގައިކަން އެނގޭތީ ޒައިދް ސައިކަލުގައި މިސްރާބުޖެހީ އެދިމާލަށެވެ. ޒައިދްގެ ނަސީބު ރަނގަޅުކަމުން އެތަނަށް ދިޔައިރު އެތަން ހުރީ ހުޅުވާފައެވެ. އަދި އެތެރޭގައި ޔާނީ އުޅޭތަން ފެނުމުން އެތަނަށް ވަދެ ދޮރު ލައްޕައި ފަރުދާ ކައިރިކޮށްލިއެވެ. އެއަޑަށް މަސައްކަތުގައި އިން ޔާނީ ސިހިފައި އެދިމާލަށް ބަލައިލި ވަގުތުވީ ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތަށެވެ. ޒައިދް ފެނުމާއެކު މަސައްކަތް ހުއްޓާލާފައި ޔާނީ ފުންމައިގެން ތެދުވިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ޒައިދް އައިސް ޔާނީ އޭނާއާ ގާތްކޮށްލިއެވެ. އެދެމެދުގައިވާ ހުރިހާ ދުރުމިނެއް ހަނިކޮށްލަމުންނެވެ. ބޮޑުކޮށްލެވިފައިވާ ދެލޮލުން ކަޅި ޖަހާނުލާ ޒައިދް އާއި ދިމާލަށް ޔާނީ ބަލަން ހުއްޓާ ވެއްޓުނު ކަރުނަތިއްކެއް ކޯތާފަތް މަތިން ރޮނގުދަމާލައިފައި ފައިބައިގެން ދިޔައެވެ. އެހިސާބުން ޒައިދްގެ ހިތްވެސް މަޑުވެ ޔާނީގެ ދެކޮނޑުގައި އޮތް އަތް ވަކިކޮށްލާފައި ޔާނީގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ނިކަން މަޑުމަޑުން އެނިތުގައި ޒައިދް ބޮސްދިނެވެ. މޭ ފިނިވެ އެއްވެސް އިޚުތިޔާރެއްނެތި ޔާނީއަށް ލޯމަރައިލެވުނެވެ. ދެއަތްތިލަ މުށްކަވާލެވި ނޭވާ ހިފަހައްޓާލެވުނެވެ. އެވަގުތުކޮޅު ދެމިގެން ދިއުމަށް ދެމީހުންގެ ހިތުންވެސް އެދެވުނެވެ. ލޯ ހުޅުވައިލަން ބޭނުން ނުވެފައި ހުއްޓާ ސިކުންތުކޮޅެއް ފަހުން ޒައިދް މޫނު ދުރަށް ޖައްސާލިކަން އިހްސާސްވުމުން ލޯ ހުޅުވައިލިއިރު ހީވީ ހުވަފެނަކުން ހޭލެވުނު ހެންނެވެ. ޔަޤީންކުރަން އުޅޭ މީހަކު ފަދައިން ޒައިދްގެ އަތުގައި ޔާނީ ހިފަހައްޓާލުމުން ޒައިދް ޔާނީއަށް ގޮވައިލީ ހިތް ފުރިގެން ބަންޑުންވާހާ ލޯބިންނެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.