ދިރާގުން އާބާދީގެ 98 ޕަސެންޓަށް 3ޖީ އިންޓަނެޓް ދީފި

ދިރާގުން އާބާދީގެ 98 ޕަސެންޓަށް މޯބައިލް 3ޖީ އިންޓަނެޓްގެ ހިދުމަތްދީ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އުމަރު ވާހަކަފުޅު ދައްކަވަނީ. ހަވީރު ފޮޓޯ
ދިރާގުން އާބާދީގެ 98 ޕަސެންޓަށް މޯބައިލް 3ޖީ އިންޓަނެޓްގެ ހިދުމަތްދީ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އުމަރު ވާހަކަފުޅު ދައްކަވަނީ. ހަވީރު ފޮޓޯ

ރާއްޖޭގެ އާބާދީގެ 98 އިންސައްތައަށް 3ޖީ މޯބައިލް ބްރޯޑްބޭންޑްގެ ހިދުމަތް ދިރާގުން ދީފިއެވެ.

މިއަދު ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އިސްމާއިލް ރަޝީދު ވިދާޅުވީ ސަރުކާރުން މިދިޔަ އަހަރު އިއުލާންކުރި ހުރިހާ ރަށަކަށް މޮބައިލް އިންޓަނެޓް ހިދުމަތް ދިނުމަށް އިއުލާންކުރި ސިޔާސަތުގެ ދަށުން ދިރާގާ ހަވާލުކުރީ މި މަހުގެ ނިޔަލަށް 40 ރަށަކަށް އެ ހިދުމަތް ދިނުމަށް ކަމަށާއި އެ މަސައްކަތް ސަރުކާރުން ކަނޑައެޅި ވަގުތަށް ނިންމާލެވިފައިވާ ކަމަށެވެ.

“އަބަދުވެސް ސަރުކާރުގެ ޕޮލިސީތަކާ އެއްގޮތަށް ތަރައްގީގެ މަސައްކަތްކޮށް ދެވޭތޯ ބަލަން، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، މި ޕްރޮޖެކްޓް ވެސް އެ ލަނޑުދަނޑި އާއި އެއްގޮތަށް ކަނޑައެޅި ވަގުތަށް ވުރެ ކުރިން ނިންމާލެވުމުން،” އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ އިންޓަނެޓްގެ ހިދުމަތް ދިނުމުގެ މަސައްކަތް މި އަހަރު ކުޅީކޮޅުގައި ދިރާގުން ފަށާފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

“ދިރާގުން މުޅި ރާއްޖެއަށް ބްރޯޑްބޭންޑްގެ ހިދުމަތް ދިނުމަށް 2012 ވަނަ އަހަރު ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ސަބްމެރިން ކޭބަލެއް އަޅައި ވަނީ ނިންމާފަ، އެ ޕްރޮޖެކްޓްގެ ބޭނުމަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އެދެވޭ ފެންވަރެއްގައި ބްރޯޑްބޭންގެ ހިދުމަތް ފޯރުކޮށްދިނުން.”އިސްމާއިލް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ބްރޯޑްބޭންޑްގެ ހިދުމަތްދިނުމުގެ މަޝްރޫއު އިއުލާންކުރި ފަހުން މިހާތަނަށް 77 ރަށަކަށް ހިދުމަތްދީފައި ވާނެ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ ޕްރޮކެޓް ނިންމާލެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

މިއަދު ދިރާގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ދިރާގުން ހޯދި ކާމިޔާބުގައި ޝާމިލްވުމަށް ބައިވެރިވަޑައިގަންނަވާފައެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ދިރާގުން މިކޮށްދިނީ ސަރުކާރުގެ ކޮމިއުނިކޭޝަން ސިޔާސަތުގެ ވަރަށް މުހިންމު ބައެއް ކަމަށާއި އެކަމަށްޓަކައި ދިރާގުގެ ބޯޑު މެމްބަރުންނަށާއި އިސްވެރިންނަށާއި މުވައްޒަފުންނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

“މިހާރު އަންނަނީ ދިރާގާ ގުޅިގެން ސަރުކާރުގެ ހުރިހާ އޮފީސްތަކަށް އެއް ނަންބަރަކުން ގުޅޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން، އެކަމާ ގުޅޭ ދިރާސާއެއް ހެދުމަށް ދިރާގުގައި ވާނީ އެދިފައި،” އުމަރު ވިދާޅުވިއެވެ.

އެއް ނަންބަރަކުން ސަރުކާރުގެ ކޮންމެ އޮފީހަކާ ވަކިން ގުޅައިދޭ ހިދުމަތް ތައާރަފްވުމުން، ހިދުމަތް ހޯދާ މީހުންނަށް ވަރަށް ބޮޑު ފަސޭހަ ވާނެ ކަމަށާއި އަންނަ އަހަރު މި މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖެގައި އެންމެ ބޮޑު ކޯލް ސެންޓަރެއް ހިންގާ ފަރާތަކީ ދިރާގު ކަމަށްވުމުން މި މަސައްކަތަކީ ދިރާގަށް ފަސޭހަ މަސައްކަތެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

” މިކަމުގެ އެންމެ ބޮޑު ތަޖުރިބާ ހުންނާނީ ދިރާގުގައި. އަޅުގަނޑު ދެކޭ ގޮތުގައި މިކަހަލަ ޕްރޮޖެކްޓެއް ހިންގަން އެންމެ އެކަށީގެންވާ ފަރާތަކީ ދިރާގު،” އުމަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.