ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[އޯގަސްޓް 23، 2015 ގެ ބަޔާ ގުޅޭ]

ބޮޑުކޮށްލެވިފައިވާ ދެލޮލުން ކަޅި ޖަހާނުލާ ޒައިދް އާއި ދިމާލަށް ޔާނީ ބަލަން ހުއްޓާ ވެއްޓުނު ކަރުނަތިއްކެއް ކޯތާފަތް މަތިން ރޮނގުދަމާލައިފައި ފައިބައިގެން ދިޔައެވެ. އެހިސާބުން ޒައިދްގެ ހިތްވެސް މަޑުވެ ޔާނީގެ ދެކޮނޑުގައި އޮތް އަތް ވަކިކޮށްލާފައި ޔާނީގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ނިކަން މަޑުމަޑުން އެނިތުގައި ޒައިދް ބޮސްދިނެވެ. މޭ ފިނިވެ އެއްވެސް އިޚުތިޔާރެއްނެތި ޔާނީއަށް ލޯމަރައިލެވުނެވެ. ދެއަތްތިލަ މުށްކަވާލެވި ނޭވާ ހިފަހައްޓާލެވުނެވެ. އެވަގުތުކޮޅު ދެމިގެން ދިއުމަށް ދެމީހުންގެ ހިތުންވެސް އެދެވުނެވެ. ލޯ ހުޅުވައިލަން ބޭނުން ނުވެފައި ހުއްޓާ ސިކުންތުކޮޅެއް ފަހުން ޒައިދް މޫނު ދުރަށް ޖައްސާލިކަން އިހްސާސްވުމުން ލޯ ހުޅުވައިލިއިރު ހީވީ ހުވަފެނަކުން ހޭލެވުނު ހެންނެވެ. ޔަޤީންކުރަން އުޅޭ މީހަކު ފަދައިން ޒައިދްގެ އަތުގައި ޔާނީ ހިފަހައްޓާލުމުން ޒައިދް ޔާނީއަށް ގޮވައިލީ ހިތް ފުރިގެން ބަންޑުންވާހާ ލޯބިންނެވެ.

ހައިރާންވެފައިވާ ދެލޮލުން ކަޅި ޖަހާލަން ނޭނގި ހުރެ ޔާނީ މަސައްކަތް ކުރީ ޒައިދްގެ މޫނުގައިވާ އެއްޗެއް ދެނެގަންނާށެވެ. އޭނާއަށް ފާހަގަވީއެދެލޯ ފެންކަޅިވެފައި ހުރުމުން އިހުނަށްވުރެ ކަޅުކުލަ ގަދަވެފައި ތޫނުކަމެވެ. ސަމާލުނުވެއްޖެނަމަ ހިތް ބެހިގެންގޮސް ހުރިހާ ކަމެއް ހަނދާން ނެތިދާނެކަމެވެ. “އަހަންނަށް މާފުކުރޭ ޒައިދް، ހިތާ ދެކޮޅަށް ނަމަވެސް އަހަރެންނަށް ޒައިދް ރޮއްވިއްޖެ. ހިތް ހަލާކު ކޮށްލެވިއްޖެ. އެވަރުން ނުވެގެން ޒައިދްގެ ލޯތްބަށް ފަސްދީފައި އެހެން މީހަކާ ގުޅެން އެއްބަސްވެސް ވެވިއްޖެ” ތެމިފައިވާ އެސްފިޔަތަކާއެކު ޔާނީ ޒައިދަށް ބަލަން ހުރެ އޭނާގެ އަމިއްލަ ނަފްސާ ހިތާހިތުން ވާހަކަ ދައްކަމުން ދިޔައެވެ. “އަހަރެންނަށް ޔާނީ ދޫކޮށެއް ނުލެވޭނެ. އަދި އެހެން މީހެއްގެ ހައްޤަކަށް ވާތަން ބަލާކަށްވެސް ނުހުރެވޭނެ. އޭރުން އަހަރެންނަށް ހަމަޖެހުމުގެ ނޭވައެއް ނުލެވޭނެ. ޔާނީ ތީ އަހަރެންގެ ހައްޤެއް، ހަމައެކަނި އަހަރެންގެ ހައްޤެއް” ޒައިދް އަސަރާއެކު ދައްކަން ފެށި ވާހަކަތަކުން ޔާނީގެ ގައިގައި ހުރިއްޔާ ހުރި ލޯއްޔެއް ކޮޅަށް ހިއްލިގެން ދިޔައެވެ. ފެންނަމުން މިދަނީ ހުވަފެނެއް ނޫންކަން ޔަޤީން ކުރުމުގެ ގޮތުން ކުރިއަށްވުރެ ބާރަށް ޒައިދްގެ އަތުގައި ހިފާ ބާރުކޮށްލާފައި އަވަސްއަވަހަށް އެސްފިޔަ ޖަހައިލި ނަމަވެސް މަންޒަރެއް ނުގެއްލުނެވެ. އެވަގުތު ލޮލުން އިތުރު ކަރުނަތައް ފައިބަން ފެށީ ޔާނީ ބޭނުންވިއަސް ނުހުއްޓުވޭނެހާ ގިނައިންނެވެ. އެކަރުނަތައް ފޮރުވަން ކުރެވޭނެ ކަމެއް ނެތުމުން ޔާނީއަށް އިސްޖަހައިލެވުނެވެ.

ވިކާޝްގެ އަތްދަށުވެ މަޖުބޫރީ ހާލަތުގައި ހުރި ޔާނީ ހިމޭންވީ ގޮތްހުސްވެ އިތުރަށް ބުނާނެ އެއްޗެއްް ނެތުމުންނެވެ. “ޔާނީ ޕްލީޒް ބުނޭ އަހަރެންދެކެ ލޯބިވެޔޭ! ބުނޭ މިހުރިހާ ކަމަކީ ސަމާސާއެކޭ، ބުނޭ އަހަރެންގެ ދިރިއުޅުމަށް އެނބުރި އަންނާނަމޭ، ބުނޭ!” ޒައިދްގެ ފަހު ޖުމްލައާއެކު ޔާނީ ސިހިފައި ބަލައިލީ ޔާނީގެ އަތުގައި ހިފައިގެން ހުރި ޒައިދް އޭނާގެ ފައިބުޑަށް ތިރިވެ އާދޭސް ކުރަން ފެށުމުންނެވެ. ޒައިދް އިސްއުފުލާލުމުން އެރީތި ދެލޮލުންފައިބަން ތައްޔާރުވެފައިހުރި ކަރުނަތައް ފެނުމުން ޔާނީގެ ހިތް އެފުށް މިފުށަށް ޖެހިގެން ދިޔައެވެ. ހިތަށް ކިތަންމެ އަސަރެއް ކުރިނަމަވެސް ނުރޯންވެގެން ދެތުންފަތް ޖައްސާ ބާރުކޮށްލަމުން ތިރިވެ ޒައިދްގެ ކޮނޑުގައި ދެއަތުން ހިފާ މަޑުމަޑުން ކޮޅަށް ނެގިއެވެ. ޔާނީގެ ލޯތްބަށް އެދި ޒައިދް އެގޮތަށް ސަލާންޖަހާކަށް ޔާނީ ބޭނުމެއް ނޫނެވެ. އެމަންޒަރު ދެކޭކަށް ޔާނީގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ. އެއަށްވުރެ މާބޮޑަށް ޔާނީ ޒައިދް ދެކެ ލޯބިވެއެވެ. ޔާނީ ވާހަކަ ދައްކަން މަސައްކަތްކުރި ވަގުތު ބޭރުން މީހަކު އައިސް ދޮރުގައި ޓަކި ދިން އަޑު އިވުނެވެ. ތަނަށް ވެރިވެފައިވި ހިމޭންކަން ގެއްލި ދެމީހުންނަށް އެއްފަހަރާ އެދިމާލަށް ބަލާލެވުނެވެ. ރުޅިގަދަވެފައިވާ ދެލޮލުން ބަލަހައްޓައިގެން ދޮރުމަތީގައި ހުރި ވިކާޝް ފެނުމުން ޔާނީގެ ދެލޯ ބޮޑުވެ ބިރުން ތުރުތުރު އަޅައިގަތެވެ. ވަގުތުން ޒައިދްގެ ގައިން އަތް ދޫކޮށްލާފައި ދުރަށް ޖެހުނުއިރު ހީވީ ވިހަގަދަ ސޫތްޕެއް ކަށިޖެހި ހެންނެވެ. އެވަގުތު ޒައިދްގެ ގާތުގައި ހުރެ ހިމާޔަތް ހޯދަން ބޭނުންވި ނަމަވެސް އެގޮތަށް ކަންތައް ކުރެވޭކަށް ނެތެވެ.

ހުރިތަނުން އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅާލަން ނުކެރިފައި ޔާނީ ހުއްޓައި ދެން ފެނުނީ ދޮރުމަތީގައި ހުރި ވިކާޝް އައިސް އޭނާގެ ކުރިމައްޗަށް ހުއްޓުނު ތަނެވެ. “ކަލޭ މިތާ ކީއްކުރަނީ؟ ކަލޭ ކައިރި މަށަށް ބުނެވިއްޖެ ދޯ ޔާނީ އާއި ދުރުގަ ހުންނާށޭ. މީނަ އަދި ކޯއްޗެއް ބަލަންތަ މިތާ މިހުންނަނީ، ޔާނީ ހަމަ މިހާރު މިތަނުން ހިނގާ!” ވިކާޝްގެ އަޑު އިވޭ ކޮންމެ ފަހަރަކު ޔާނީގެ ހަށިގަނޑުގަ ހުރިއްޔާ ހުރި އިސްތައްޓެއް ކޮޅަށް ޖެހި މުޅިގައިން ހީބިހި ނަގައިގެން ދެއެވެ. “ބަލަ އޭތް އަޑެއް ނީވޭތަ؟ ރީތިގޮތުގަ ދާނީތަ ނޫނީ ގަދަކަމުން ގެންދަންވީތަ؟” އެތައް ފަހަރަކު އެތަނުން ދިއުމަށް ވިކާޝް ބުނުމުންވެސް ޔާނީ އެތަނުން ނުދިއުމުން އޭނާ އިތުރަށް ރުޅީގަދަވެ ލޭކެކެން ފެށިއެެވެ. އެއްވެސް ބެލުމެއް ނެތި ވިކާޝް ގައިގައި ހުރި ބާރެއްލާފައި ޔާނީގެ އަތުގައި ހިފައިގެން އެތަނުން ނުކުންނަން ހިނގައިގަތެވެ. ފެންކަޅުވެފައިވާ ދެލޮލުން ޒައިދް އާއި ދިމާލަށް ބަލަމުން ދިޔައީ އޭނާ ހިފަހައްޓާށޭ ބުނާ ފަދަ ގޮތަކަށެވެ. ޔާނީ ގޮސް ގެއްލެންދެން ބަލަހައްޓައިގެން ޒައިދަށް ހަމަ ހުރެވުނީއެވެ. އޭނާ ހުއްޓުވާކަށް ޒައިދް އެއްވެސް ކަމެއް ނުކުރެއެވެ. ފަހަރުގައި ޒައިދްގެ ހިތްވަރެއް ނެތުނީ ކަންނޭގެއެވެ. ހަށިގަނޑުން ހުރިހާ ބާރެއް ހުސްވެގެން ތިރިވި މީހެއް ފަދައިން ޒައިދް ކުޑަކަކޫ މައްޗަށް ތިރިވެ ރޯން ފެށިއެވެ. “އަހަރެން ބަލިވެއްޖެ، ޔޭސް އައިމް އަ ލޫޒަރ” ކަންތައް ވެގެން ދިޔަ ގޮތުން ޒައިދް ކުށްވެރިކުރަމުން ދިޔައީ އޭނާގެ އަމިއްލަ ނަފްސެވެ. ޒައިދް ހިތުގައި ޖެހިފައި ހުރިވަރުން އޭނާއަށް ކިޔޭ ނުކިޔޭ އެއްޗެއް ސާފުވާހެނެއް ހިޔެއް ނުވެއެވެ.

ބޭރަށް ނުކުތްގޮތަށް ޕާކުކޮށްފައި އޮތް ކާރެއް ހުޅުވާފައި ވިކާޝް އޭގެ ތެރެއަށް ޔާނީ ކޮށްޕައިލިއެވެ. ޖެހުނުލެއް ބާރުކަމުން ޔާނީގެ ގަޔަށް ވަރަށް ތަދުވެ ލޮލުން ކަރުނަ ހިލުނެވެ. މަގުމަތީގެ އެއްވެސް ޤަވާއިދަކަށް ބެލުމެއް ނެތި ވިކާޝް ވަރަށް ބާރު ސްޕީޑެއްގައި ކާރު ދުއްވަމުން ދިޔައިރު ޔާނީ އިނީ ބިރުން އަނގައިން ބަހެއްވެސް ބުނެލަން ނުކެރިފައެވެ. ދުއްވަމުން ދިޔަ ކާރު ގެއެއްގެ ކުރިމައްޗަށް މަޑުކޮށްފައި ޔާނީގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް އެގެއަށް ވެއްދިއެވެ. ހިތަށް ވެރިވެފައިވި ބިރުވެރިކަމުން ވިކާޝް ދެން ކުރަން އެއުޅެނީ ކިހާވަރެއްގެ ކަމެއްކަން ވަޒަންކޮށްލެވޭހާ ބާރެއްވެސް ޔާނީގެ ނެތެވެ. ގޭތެރެއަށް ވަދެ ވިކާޝް އަތުކޮޅަށް ޔާނީ ހޫރާލިއެވެ. އެނބުރެމުންގޮސް ޔާނީގެ ބޯ ވަރަށް ބާރަށް ފާރުގައި ޖެހި ބިންމައްޗަށް ވެއްޓުނެވެ. ވީތަދުން ޔާނީއަށް ވަރަށް ބާރަށް ރޮއެގަނެވުނެވެ. “ކަލޭ ކައިރި ކިތައް ފަހަރު ބުނެފިން އެ ޒައިދް އާ ވާހަކަ ނުދައްކާށޭ. ދެން ކީއްވެ އަހަރެން ބުނާ އެއްޗެއް ކަލެއަށް އަޑު ނީވެނީ. މަގޭ ހުއްދައަކާ ނުލާ ކީއްވެ އޭނައަށް ކަލޭއާ އެހާ ގާތްވެވުނީ. އޭތް މަމިކިޔާ އެއްޗެއް އަޑެއް ނީވޭތަ، މަގޭ ސުވާލަށް ޖަވާބު ދީ” ވިކާޝްގެ ރުޅިވަނީ އިންތިހާ ދަރަޖައަށް ގޮސްފައިކަމުން އެހުރިހާ ރުޅިއެއް އޭނާ ދިޔައީ އެކި ގޮތްގޮތުން ޔާނީއަށް ބާލަމުންނެވެ. “މަށެއް ނޫން، އޭނަ އައީ އަހަރެން ޝޮޕްގަ އިންދާ. ހުވާ ކޮށްފަ މިބުނީ” ވިކާޝް ހަދާފާނެ ގޮތަކުން ޖަވާބެއް ދޭންވެސް ޔާނީ ޖެހިލުންވެއެވެ. އޭނާ ހިތްހަމަ ނުޖެހޭ ފަދަ ބަހެއް ބުނެވިއްޖެ ނަމަ ވިކާޝް ޔާނީ މަރާވެސް ލާފާނެއެވެ.

ޔާނީގެ ދުލުން ތެދު ބަޔާންކުރި ނަމަވެސް އެވަގުތު ވިކާޝް ހުރީ އެކަން ޤަބޫލުކުރަން ބޭނުންވާ ފަދަ ހާލަތެއްގައެއް ނޫނެވެ. ޔާނީގެ ދުލުން ބޭރުވާ ކޮންމެ ލަފްޒެއް އޭނާއަށް ސިފަވަނީ ދޮގެއްގެ ގޮތުގައެވެ. “އެހެންތަ؟ ދެން ކީއްވެ އޭނައަށް ގާތްވާނެ ފުރުސަތު ދިނީ. މިއަތުގަ ދޯ ހިފީ، ހުރޭ ދެން ދުވަހަކުވެސ މީހަކު މިއަތުގަ ނުހިފާ ވަރުކޮށްލާނަން” ވިކާޝްގެ މިއިންޒާރުން ޔާނީ ބިރުން ރޫރޫ އަޅައިގަތެވެ. ވިކާޝް އެއުޅެނީ އަނެއްކާ ކީއްކުރަން ބާވައޭ ހިތަށް އަރާ ޔާނީގެ ނޭވާ ކުރުވާން ފެށިއެވެ. ދެން ވާން މިއުޅެނީ ކިހިނެއްކަން ނޭނގޭ ހާލު ތަފާތު އެކި ބިރުވެރި ހިޔާލުތަައް ހިތުތެރޭ އެނބުރެން ފެށުމުން އިތުރަށް ހާސްވިއެވެ. ގިސްލަ ގިސްލާ އިންދާ ވިކާޝް އެނބުރި ޔާނީ ގާތަށް އައިއިރު އޭނާގެ އަތުގައި ހެޔޮވަރުގެ ކަޓަރެއް އޮތެވެ. އެފެނުމާއެކު ޔާނީގެ ހިތް ހީވީ މޭ ފަޅާފަ ނުކުމެދާނެ ހެންނެވެ. ހިތް ނެގި ނެގިފައި ޖެހެނީއެވެ. “ނޫން ނޫން.. އަހަންނަށް ތިހެން ނުހަދާ، އަހަރެން ދޫކޮށްލާ. ދެން ދުވަހަކުވެސް ޒައިދްއަކާ ވާހަކައެއް ނުދައްކާނަން. އޭނަ ފެންނަ ހިސާބަކަށްވެސް ނުދާނަން..” ޔާނީ ދައްކާ ވާހަކައަކަށް އެއްވެސް ސަމާލުކަމެއް ނުދީ ޔާނީ ދުރަށް ޖެހެން ފެށުމުން ދެފައިގައި ހިފާ ދަމައިގަތެވެ. “ބުނާ ގޮތް ނުހެދެންޏާ އެކަމުގެ އަދަބު ލިބޭނެ، އެހެންވީމަ މިއީ މިއަދު އަހަރެންގެ ބަހަށް ނުކިޔަމަންތެރިވުމުން ލިބޭ ސަޒާ!” މިޖުމްލައާއެކު ޔާނީގެ އަތުގެ މުލައްދަނޑިއަށް އެރީ ވިކާޝްގެ އަތުގައި އޮތް ކަޓަރުގެ ތޫނު އެތިފަހަރެކެވެ. ޔާނީ އެހެން ނުހެދުމަށް ރޮއެ އާދޭސް ކުރިނަމަވެސް މިއަދު ވިކާޝް އަކަށް އެއަޑެއް ނީވެއެވެ. އެވަގުތު މުޅިތަން ގުގުމާލީގެ ޔާނީގެ ހަޅޭކާއި ރުއިމުގެ އަޑުންނެވެ. ވޭނާއި ކެކުޅުމުން ފުރިގެންވާ އަޑެކެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.