
އަޟްހާ އީދުގެ މުނާސަބަތުގައި ދިރާގުން ބާއްވާ އީދު ޝޯ މާދަމާ ރޭ މާލޭގައި އޮންނާނެ ކަމަށް ދިރާގުން ބުނެފި އެވެ.
މި އަހަރު ވެސް ދިރާގު ޝޯ ބާއްވަނީ ރާޅުގަނޑު ސަރަހައްދުގަ އެވެ.
ދިރާގުން ބުނީ މި އަހަރުގެ ޝޯ މާދަމާ ރޭ 9.30 ފަށާއިރު އެ ޝޯގައި އާ ފަންނާނުންތަކެއް ފެނިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ލަވަކިޔުންތެރިޔާ މޫޝާން މުބާރަކާއި ހަބޭސް ބޮޑުބެރު ގުރޫޕާއި ޑެޓިއުން ބޭންޑް ހިމެނެ އެވެ.
މި އަހަރުގެ އީދު ޝޯ އަކީ ދިރާގުން ބާއްވާ މީގެ ފަސް ވަނަ ޝޯ އެވެ.
މި އަހަރުގެ ޝޯ ޕީއެސްއެމުން ވަގުތުން ދައްކާނެ ކަމަށާއި “މިއީ ޒުވާނުން ފަންނާނުންނަށާއި ދިވެހިންނަށް ހަދިޔާކުރާ އީދު ހަދިޔާއެއް،” ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން އީދު ފާހަގަކުރުމަށް ޝޯ ބާއްވަނީ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. އެއީ ގިނަ ބަޔަކަށް ޒުވާން ފަންނާނުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމަށް ބާއްވަން ފެށި ޝޯއެއް ކަމަށް ދިރާގުން ބުންޏެވެ.