ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[ސެޕްޓެމްބަރު 20، 2015 ގެ ބަޔާ ގުޅޭ]

މިހާރު ޔާނީއާއެކު ޒައިދްގެ ދަރިއެއްވާކަން އެނގުމުން ޔާނީއަށް ކަމެއް ވެދާނެތީ އޭނާ ވަރަށް ހާސްވެއެވެ. ޔާނީ ހޯދުމުގެ މަސައްކަތުގައި އެންމެން އުޅެނިކޮށް ޒައިދްގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަން ފެށިއެވެ. ޒައިދް ފޯނުނެގުމާއެކު އެކޮޅުން އިވެންފެށީ ފިރިހެނެއްގެ ހުނުމުގެ އަޑެވެ. “ޔާނީ މިހިރީ އަހަރެންގެ އަތްދަށުގަ. ކުރިމަތިން ލާފަ އައިރުވެސް ކަލެއަކަށް ނޭނގުނެއްނު، ދެން ސަލާމަތްކުރެވެންޏާ ކުރޭ! ކަލޭއަށް އަހަރެން ދޭނަން ދެގަޑިއިރު، އެދެގަޑިއިރުތެރޭ ކަލޭގެ އަނބިމީހާ ހުރިތަނެއް ހޯދާ! ހަނދާންކުރާތި ޕޮލިހުންނަށް ގުޅަން ހިތަށް ވެސް ނާރުވާތި، އެހެންނޫނީ ކަލޭގެ އަނބިމީހާއާ އެއްކޮށް ކަލޭގެ ދަރިވެސް އަނބުރައެއް ނުލިބޭނެ” ވިކާޝް އޭނާގެ އެންމެ ފަހުގެ ރޭވުން ކާމިޔާބުކޮށް ޔާނީ އޭނާގެ އަތްދަށަށް ގެނައީ ޒައިދްގެ ކުރިމަތިންލާފައެވެ. ޝިވަމްމެން ގޭތެރެއިން ޒައިދްގެ ކުރިމަތިން ލާފައި އޭރު ނުުކުމެގެން ދިޔައީ ވިކާޝްގެ ކާރެވެ. އޭރު ކާރުތެރޭގައި ހޭނައްތާލާފައި ޔާނީ އޮތްނަމަވެސް ޒައިދަކަށް ފެންނަވަރެއް ނުވިއެވެ. “ޒައިދް.. ޒައިދް އަހަރެން ސަލާމަތްކުރޭ، މި ވިކާޝް އަހަރެން މަރާލާނެ” ރޮމުން ރޮމުން އާދޭސް ކުރަމުން ދިޔަ ޔާނީގެ އަޑު އިވުމުން ޒައިދްގެ ހިތުގައި ކޫރު އެޅުނެވެ. “އޭތް، ހަބަރުދާރު އަހަރެންގެ އަންހެނުންނާ ދަރިފުޅަށް ކަމެއް ވެއްޖެއްޔާ ކަލޭގެ ދުވަސް ދުއްވާލާނަން. އޭނަ ގައިގަ އަތްނުލާތި!” ރުޅިގަދަވުމުން ޒައިދްއަށް ކިޔޭ އެއްޗެއްވެސް ނޭނގުނެވެ. ޒައިދްއަށް މިވަގުތު މުހިންމީ ޔާނީއާއި އޭނާގެ ދަރިފުޅުގެ ފުރާނައެވެ. އެދެމީހުން ސަލާމަތް ކުރުމަށް ޒައިދް ކޮންމެފަދަ ޤުރުބާނީއެއްވެސް ވެދާނެއެވެ.

ކަންފަތުގައި ޖަހައިގެން ހުރި ފޯނު ޒައިދްގެ އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނީ އެކޮޅުން ދިން ފަހުގެ އިންޒާރާއެކު ފޯނު ކަނޑާލުމުންނެވެ. “ޒައިދް ކިހިނެއްވީ؟ ކޮބާ ޔާނީ؟ ކާކުތަ ގުޅީ؟” ޒައިދަށް އައި ކޯލާއެކު އެންމެންވެސް ތިބީ ހާސްކަމެއްގެ ތެރޭގައި ނޭވާ ހިފަހައްޓާލައިގެންނެވެ. “ވިކާޝް ޔާނީ ކިޑްނެޕްކޮށްފި. އޭނާއަށް ހުރިހާ ކަމެއް އެނގުނީ، ޔާނީގެ ބަނޑުބޮޑުކަމާ ހުރިހާ ހަނދާންތަކެއް އަނބުރާ އައިކަން” ބޮލުގައި އަތްއަޅާލައިގެން ސޯފާބުޑަށް ވެއްޓެމުން ޒައިދްގެ އަނގައިން ބުނެވުނީ މިވަރަށެވެ. އަނބިމީހާ އާއި އަދި މިދުނިޔެއަށް އުފަންވެސް ނުވާ ދަރިފުޅު އަތުން ބީވެގެން ދާން އުޅޭކަމުގެ އިހުސާސްތައް ޒައިދްގެ ހިތުގައި އާލާވަމުން ދިޔަ ވަރަކަށް ޒައިދްގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ” ކިޑްނެޕްކުރީއޭ؟ ކިހިނެއް؟ ކޮންއިރަކު؟ ޒައިދް ޕްލީޒް ޔާނީ ސަލާމަތްކޮށްދީ، ޝިވަމް އައި ވޯންޓް ޔާނީ ބެކް.. ޕްލީޒް” ކުޑަކުޑަ ޔޫވީ އުރާލައިގެން ހުރި މިޝްކާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަން ފެށީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. “އެކަމަކު އަދިވެސް އަހަރެންނަކަށް ނުވިސްނުނު ވިކާޝް ޔާނީގެ ކިބައިން ބަދަލު ހިފަންވީ ސަބަބެއް. ވިކާޝްއާ ޔާނީއާ ދިމާވީ އަދި އެހަކަށް ދުވަހު، ދެން ކިހިނެއް؟ އައިމް ޝުއަރ ދެއަރ އިޒް ސަމްތިން ވީ ޑޯންޓް ނޯ” ޔާނީއާއި ވިކާޝްއާ ދެމެދު ކޮންމެވެސް ސިއްރެއް ވާކަމަށް ޝިވަމްއަށް ހީވަނީއެވެ.

އެންމެންނަށްވެސް އެނގޭ ކަމަކީ ޔާނީގެ ހަޔާތަށް ވިކާޝްއައީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންކަމެވެ. “ޔޭސް ދެއަރ އިޒް ސަމްތިން ވިޗް ޔޫ އޯލް ޑޯންޓް ނޯ. އިންފެކްޓް އަ ވެރީ ބިގް ސީކްރެޓް” އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެދެމީހުންގެ މެދުގައި ހިނގީ ކޮންކަމެއްކަން އެއްވެސް މީކަކަށް ނޭނގި ތިއްބާ ސިހުންގެނުވީ ދޮރުމަތީގައި ހުރި ތާރާގެ ޖަވަބާއެކުގައެވެ. ރަޔާންއާކު ތަރާ އެގެއަށް އައީ ޔާނީއާއި ބައްދަލުކޮށް އެވާހަކަ ދެއްކުމަށްކަމަށް ވީނަމަވެސް އެގެއަށް އައިސް ވަނުމާއެކު އިވިގެން ދިޔަ ވާހަކައިން މިއޮއް ހުރިހާ ދުވަހު ސިއްރުކޮށްގެން ހުރި ވާހަކަ ހާމަކުރަން ތާރާ އަށް މަޖުބޫރުވިއެވެ. “ތާ! ވަޓް ޑޫ ޔޫ މީން؟ ތާއަށް އިނގޭ އެކަމަކު އަހަރެމެންނަށް ނޭނގޭ ސިއްރަކީ ކޮބާ؟ ޖަސްޓް ޓެލް މީ، އައި ވޯންޓް ޓު ނޯ. ތާ ޓެލް މީ” ތާރާގެ ފަރާތުން އިވިގެންދިޔަ މިވާހަކައާއެކު ކޮންމެ މީހަކުވެސް އެކަކު އަނެކަކުގެ މޫނަށް ބަލަން ތިބެވުނެވެ. ތާރާގެ މޫނުގައި ހިފަހައްޓާލަމުން ފެންކަޅިވެފައިވާ ދެލޮލުން ޒައިދް އާދޭސްކުރަމުން ދިޔައީ އޭނާގެ އަންހެނުންނާއި ދަރިފުޅުގެ ހައްޤުގައެވެ. “ދޮންބޭ އައެމް ސޮރީ، އަހަންނަށް މައާފް ކުރޭ. އަހަންނަށް އިނގޭ މިވާހަކަތައް ބުނަން މިހާރު މާލަސްވެއްޖެކަންވެސް. އެކަމަކު މިވާހަކަ އިތުރަށް ފޮރުވައިގެން ހުންނާކަށް އަހަރެންގެ ޒަމީރު އެއްބަހެއް ނުވި، އެހެންވެ އަހަރެން މިއަދު މިގެއަށް މިއައީ ޔާނީއަށް އެކަން އަންގަންވެގެން. އެއީ މީގެ އެތަށް ދުވަހެއް ކުރީގެ ވާހަކައެއް” ޒައިދް އާއި ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް ނެތިގެން ތާރާ އޭނާގެ ބޭބެއަށް ފުރަގަސްދިނެވެ.

ތާރާގެ ލޮލުން ކަރުނަ ފެނުމުން ރަޔާންގެ ހިތުގައި ރިހުމެއް އުފެދުނެވެ. ތާރާއަށް ނޭނގުނަސް ރަޔާންގެ ހިތުގައި ތާރާއަށް ދެވިފައިވަނީ ހަޤީޤީ ލޯބި ކަމުގައި ވިޔަސް އެކަން ހާމަކުރަން ރަޔާން ބޭނުންވަނީ ތާރާގެ ދުލުން އޭނާ ދެކެ ލޯބިވާކަން ހާމަކުރާ ދުވަހަކުންނެވެ. ތާރާގެ ގާތަށް ހުއްޓި ރަޔާން އޭނާގެ އަތުން ތާރާގެ ދަތްދޅީގައި ހިފަ އުފުލާމަށް ފަހު ކަރުނަތައް ފޮހެދެމުން ހިތްވަރު ދިނެވެ. “އަދިވެސް ނުބުނަމެއްނު ވީގޮތެއް” ތާރާގެ ވާހަކަ މެދުކެނޑުމުން ޒައިދް އަނެއްކާވެސް ހަނދާންކޮށްދިނެވެ. “ހަނދާންވޭތަ ދޮންބެ ބުނެގެން ޔާނީ ގޮވައިގެން ތާ ބޭރަށް ދިޔަ ރޭގެ މަތިން. ދޮންބެދައްތަ އަށް ސަޕްރައިޒެއް ދޭންވެގެން. ވިކާޝްއާ ދޮންބެދައްތައާ ފުރަތަމަ ދިމާވީ އެރޭ. ވިކާޝް ދޮންބެދައްތަގެ ގައިގަ އައިސް އަޅައިގަތީ، އޭނަގެ އަމަލުތައް ހުރިގޮތުން އަހަރެންވެސް ވަރަށް ރުޅިއައި ހަޅޭވެސް ލެވިން އެންމެފަހުން ދޮންބެދައްތައަށް ކެތްނުވެގެން ވިކާޝްގެ މޫނުމަތީ ޖެހީ. އެރޭ ބުނިގޮތަށް އޭނާ މިއަދު ހިފަމުން އެދަނީ އެކަމުގެ ބަދަލު. އަހަންނަށް މިވާހަތައް ސިއްރުކުރަން މަޖުބޫރުވީ ދޮންބެދައްތައަށްޓަކައި އޭނާގެ އެދުމުގެ މަތިން. ސޮރީ ދޮންބޭ، ދޮންބެގެ ތާއަކަށް މައާފެއް ނުކުރާނަންތަ؟” ތާރާއަށް މައާފު ކުރަމުން ޒައިދް އޭނާގެ ކޮއްކޮގެ ގައިގައި ބައްދާލިއެވެ.

ތާރާގެ ވާހަކައާއެކު އެންމެންގެ ކުރިމައްޗަށް ހަޤީޤަތް އައުމުން ދެން އިތުރަށް ލަސްނުކޮށް ޒައިދް އަވަސްވެގަތީ އެ އަނިޔާވެރިޔާގެ ކިބައިން ޔާނީ ސަލާމަތްކުރުމަށެވެ. “ޝިވަމް، އަހަރެން މިދަނީ ޔާނީ ހޯދަން ދެން އެންމެ ސިކުންތެއްވެސް ބޭކާރުވެގެން ދާކަށް އަހަރެން ބޭނުމެއް ނޫން” ޒައިދް ބޭނުންވީ އޭނާ އެކަނި ނަމަވެސް ޔާނީ ހޯދަން ނުކުތުމަށެވެ. އެކަމަކު ޔާނީ ވީތަނެއްގެ އެއްވެސް ވަރަކަށް ހިޔާލަށް ގެންނާކަށްވެސް ޒައިދަކަށް ނޭނގުނެވެ. “ޒައިދް ރިލޭކްސް، މިއޮއް ބޮޑު މާލޭގަ ކޮންތާކަށްތަ ޔާނީ ހޯދަން ދާނީ. ތިހެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ދެގަޑިއިރުތެރޭ ޔާނީ ހޯދުމަކީ ވާނެކަމެއް ނޫން. ވީ ނީޑް ޓު ކޯލް ދަ ޕޮލިސް، ނޯ އަދަރ ޗޮއިސް” ޒައިދް ޔާނީ ހޯދަން ދާން އުޅުމުން ޝިވަމް އޭނާއަށް ވިސްނަދޭން މަސައްކަތް ކުރިއެވެ. “ނޫން ޝިވަމް. ޕޮލިހުންނަށް ނުގުޅާތި! އަހަރެން ބޭނުމެއް ނޫން ޔާނީއަށް އެއްވެސް ގެއްލުމެއް ވާކަށް. އަހަރެމެން މިކަން ކުރަން ޖެހޭނީ ވަރަށް ވިސްނައިގެން” ވިކާޝްގެ އިންޒާރު ހަނދާންވުމުން ޕޮލިހުންނަށް ގުޅައިގެން އެއްވެސް ރިސްކެއް ނަގާކަށް ޒައިދް ބޭނުމެއް ނުވިއެވެ. “އަހަރެންވެސް ޝިވަމްގެ ވާހަކަތަކަށް ތާއީދު ކުރަން. ޕޮލިހުންގެ އެހީއާ ނުލާ ޔާނީ ހޯދުމަކީ ވަރަށް އުނދަގޫވާނެ ކަމެއް. އެހެންވީމަ ޔާނީ ސަލާމަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީ އެއީ” ޒައިދްގެ ކޮނޑުގައި އަތް އަޅުވާލަމުން ރަޔާންވެސް ލަފާދިނީ ޝިވަމްގެ ހިޔާލާ އެއްގޮތަށް އަމަލު ކުރުމަށެވެ. “ޒައިދް ޕްލީޒް ދެއަރ އިޒް ނޯ ޓައިމް ޓު ތިންކް، ވީ ނީޑް ޓު ސޭވް ޔާނީ” އެވަރަށް ވިސްނަދިނުމުންވެސް ޒައިދް އެއްބަސްނުވުމުން ޝިވަމް ގާތަށް ރުޅިއައެވެ.
އެންމެންގެ އެހީތެރިކަމާއެކު އެގޮތް މިގޮތުން ޒައިދަށް ވިސްނައިދީގެން ޕޮލިހުންގެ އެހީ ހޯދުމަށް އޭނާ އެއްބަސްވިއެވެ. ޝިވަމް ޕޮލިހުންނަށް ގުޅައި ކަން ވީގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދިނުމުން އެމީހުން ޔާނީ ހޯދުމަށްޓަކައި ބޮޑު ޓީމަކާއެކު މަސައްކަތް ފެށިއެވެ. ޝިވަމް އާއި ރަޔާން ޕޮލިހުންނާއެކު ދިޔައިރު ޒައިދް ދިޔައީ އެކަންޏެވެ. ޒައިދަށް ކުރިން ގުޅި ނަންބަރުގެ ވެރިފަރާތް ހޯދައި ޕޮލިހުން ދިޔައީ ވިކާޝް ވީތަނެއްގެ މައުލޫމާތުތައް ހޯދަމުންނެވެ. ވިކާޝް ޒައިދަށް ގުޅި ނަންބަރަކީ މީގެ ދެދުވަސް ކުރިން އޭނާ ވަގަށް ނަގައިފައިވާ ނަންބަރެއްކަން ތަހުގީގަށް އެނގުނީ އޭގެ ވެރިފަރާތް ގެނެސް ސުވާލުކުރުމުންނެވެ. އަނދިރިކަމުން ފުރިފައިވާ ކޮޓަރިއެއްގެ ތެރޭގައި ދެއަތާއި ދެފަޔާއެކު ގޮނޑިއެއްގައި އައްސާފައި އިން ޔާނީގެ ހޭވެރިކަންވީއިރު އެތަނުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ސަލާމަތްވާނެ ގޮތެއް ހޯދަމުން ދަނިކޮށް ބިންމަތީގައި އޮތް ކުޑަ ވަޅިއެއް ފެނުމުން ގޮނޑި ކޮއްޕަމުން އެހިސާބަށް ދިޔައެވެ. ވަރަށް މަސައްކަތުން ވަޅިނަގައިގެން އައްސާފައި ހުރި ވާތައް ކަފަމުން ދިޔައިރު އަތުގެ އެކި ތަންތަނުން ލޭއައިސް ޒަހަމްވަމުން ދިއުމުން ޔާނީއަށް ރޮވެން ފެށުނެވެ. ވާތައް ކަނޑާލާފައި ތެދުވިތަނާ އެތަނުގައި ހުރި ފީފާއެއްގެ މަތީގައި އޮތް ވިކާޝްގެ ފޯނު ފެނުމުން ހިތުގައި އުއްމީދުގެ ހުޅުކޮޅު ރޯވިއެވެ. ފޯނުނަގައި ފުރަތަމަވެސް ޔާނީ ގުޅާލީ ޒައިދްގެ ނަންބަރަށެވެ.

ފުރަތަމަ ފަހަރަށް ގުޅުމުން ޒައިދް ފޯނެއް ނުނެގިއެވެ. “ޒައިދް ޕޮލީޒް ފޯނު ނަގާބަލަ! ޕްލީޒް!” ގިސްލަމުން ހުރެ ޔާނީ ދެވަނަ ފަހަރަށް ޒައިދްގެ ނަންބަރަށް ގުޅުމުންވެސް ޒައިދް ފޯނަކަށް ޖަވާބެއް ނުދިނެވެ. ޔާނީ ހަދާނެ ގޮތް ހުސްވެ ފާރު ބުޑަށް ތިރިވެ އަމިއްލާ ހާލާ މެދު ވިސްނަން ފެށުމުން ހޯސްލާފައި ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. މާލޭގެ އެކި ހިސާބުތައް ބަލަމުން ދަނިކޮށް ޒައިދްގެ ފޯނަށް ޕޮލިހުން ގުޅައި ތަހުގީގަށް އެނގުނު މައުލޫމާތު ހިއްސާ ކުރިއެވެ. ޒައިދް ފޯނުގައި ހުއްޓައި އޭނާގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަމުން ދިއުމުން ފޯނު ބާއްވާފައި ޒައިދް ބަލާލިއިރު އެނަންބަރުން އެތައް މިސްކޯލްތަކެއް އައިސްފައި އޮތެވެ. ލަސްނުކޮށް ޒައިދް އެނަންބަރަށް ޑައިލްކޮށްލީ އެގުޅެނީ ޔާނީއާއި ކަން ނޭނގޭ ހާލުގައެވެ. ދެކަކޫމަތީ ބޯއަޅާލައިގެން އިންދާ ޔާނީ ސިހިގެންދިޔައި ކުއްލިއަކަށް ފޯނު ރިންގް ވާން ފެށުމުންނެވެ. އެހެން މީހަކަށް އަޑުއިވިދާނެތީ ޔާނީ އަވަހަށް އެދިމާލަސް ގޮސް ބަލައިލިއިރު ފޯނުގެ ސްކްރީނުން ޒައިދްގެ ނަންބަރު ފެނުމުން އުފަލުން ދެލޯފޮހެލަމުން ފޯނުނެގިއެވެ. “ހަ..ހަލޯ ޒައިދް! ޒައިދް އަހަރެން ސަލާމަތްކޮށްދީ ހެޔޮނުވާނެ. ވިކާޝް އަހަންނަށް ވަރަށް އަނިޔާ ކުރޭ، ޒައިދް އަހަރެން މިތަނުން ގެންދޭ” ރޮމުން ދިޔަ ޔާނީގެ އަޑު ކަންފަތުގައި ޖެހުމާއެކު ޒައިދަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ޔާނީއަށް ކޮށްފައި ހުރި އަސަރުން ޒައިދްގެ ހިތް ނުހުއްޓުނީވެސް ހަމަ ކިރިޔާއެވެ. “ޔާނީ! ކޮންތާކު ތިހުރީ؟ އަހަންނަށް ތިތަން ކިޔައިދީ އޭރުން ހަމަމިހާރު ތިތަނަށް މިދަނީ. ހާސް ނުވާތި ޔާނީއަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން، އަހަރެން ޔާނީ ސަލާމަތްކުރާނަން”
އަނދިރިކަމުގެ ތެރެއިން އެއީ ކޮންތަނެއްކަން ފާހަގަކުރަން ޔާނީއަށް ދަތިވިއެވެ. “ޒައިދް އަހަންނަކަށް ނޭނގެ މީކޮންތަނެއް ކަމެއް. މިތަނުން ބޭރެއްވެސް ނުފެނޭ، މުޅިތަން އޮތީ އަނދިރިކޮށް. ޒައިދް އަހަރެން ވަރަށް ބިރުގަނޭ” ބޭރު ފެންނާނެފަދަ ކުޑަދޮރެއް ކަހަލަ ތަނެއްވެސް ނެތުމުން އެތަން ހުރީ ކޮން ހިސާބެއްގައިކަން ޒައިދަށް ބުނެދޭނެ ގޮތެއް ޔާނީއަކަށް ނުވިސްނުނެވެ. “އެންމެ ރަނގަޅު، އަހަރެން ތިތަން އެބަ ހޯދަން، ޔާނީ ފޯނު ކަނޑާނުލާތި” ޕޮލިހުންނަށް ގުޅައި ޒައިދް އެނަންބަރު ޓްރޭސްކޮށްގެން ޔާނީ ހުރިތަން ވަރަށް ފަސޭހަކަމާއެކު ހޯދިއެވެ. ވިކާޝް އޭނާއަށް ދީފައި އޮތް ވަގުތުގައި ބާކީ އޮތީ ވިއްސަކަށް މިނެޓްކަމުން ޔާނީ ގާތު މިދަނީއޭ ބުނެ ޒައިދް އެދިމާލަށް މިސްރާބުޖެހީ އެކަންޏެވެ. އެހެން މީހުންނަށް އިންތިޒާރުކުރަން ހުރެއްޖެނަމަ ވަގުތު ފާއިތުވެދާނެކަމުގެ ބިރު ހިތުގައި އާލާވުމުންނެވެ. ޒައިދަށް ވަކި ހިސާބަކަށް ދެވުނުތަނާ ފޯނު ނިވި ޔާނީގެ ކޯލުވެސް ކެނޑުނެވެ. އެހެނަސް ހިތްވަރު ދޫކޮށްލުމެއްނެތި ޒައިދް މަސައްކަތް ކުރަމުން ދިޔައީ މަންޒިލަށް ވާސިލްވުމަށްޓަކައެވެ. “ވާއު! ވަރަށް ގަދަ އިނގޭ، މަ ބޭނުންވި ގޮތަށް ޔާނީ ހުރިހާ ކަމެއްވެސް ތި ކޮށްދިނީ. މަގޭ ދުޝްމަނަކީ ޔާނީ ކަމަށްވިޔަސް ޝިކާރައަކަށް ހަދަން ބޭނުންވަނީ ޒައިދް. އެއީ އޭނައަށް ލިބޭ ކޮންމެ އަނިޔާއަކުން އަސަރުކުރާނީ ޔާނީއަށްކަމަށް ވާތީ! އެނގޭތަ މަގޭ ޕްލޭންއަކީ ކޮބާކަން، މަ ބޭނުންވީ ޔާނީ ޒައިދަށް ގުޅައިގެން އޭނަ މިތަނަށް ގެންނަން. އެހެންވެ ހަމަ ގަސްދުގަ މިތާގަ ފޯނު ބާއްވާފަ ދިޔައީ” ވިކާޝް ވަރަށް ހުޝިޔާރުވެފައި އޭނާގެ ރޭވުންތެރިކަންވެސް ކާމިޔާބެވެ.

ޕްލޭންއާ އެއްގޮތަށް ކަންތައްތައް ދާތީ ވިކާޝް ހުރީ ވަރަށް ހަމަޖެހިފައެވެ. އޭނާ ބޭނުންވީ ޒައިދް އެތަނަށް ގެނެސް ޔާނީގެ ކުރިމަތީގައި ޒައިދަށް އަނިޔާކޮށް އޭނާ މަރާލާށެވެ. އޭރުން އޭނާއަށް ޔާނީގެ ކިބައިން ހިފަން ބޭނުންވާ ބަދަލް ހިފުނީއެވެ. ވިކާޝްގެ ހަޔާތުގައި އޭނާއަށް ލޯބި ނުލިބުމުން އެހެން އެއްވެސް މީހަކަށް ލޯބި ލިބޭކަށް އޭނާ ނޭދެއެވެ. މިހާތަނާ ޖެހެންދެންވެސް ވިކާޝްގެ މަގަސް ހުރަސް އަޅަމުން ދިޔަ ކޮންމެ މީހެއްގެ ފުރާނަވެސް އޭނާ ވަނީ ދުއްވާލާފައެވެ. ނަމަވެސް އެކަށިގެންވާ ހެއްކެއް ނުލިބުމުގެ ސަބަބުން އޭނާ ކޮންމެ ފަހަރަކުވެސް ސަލާމަތްވަނީއެވެ.

ޕްލޭންއާ އެއްގޮތަށް ކަންތައްތައް ދާތީ ވިކާޝް ހުރީ ވަރަށް ހަމަޖެހިފައެވެ. އޭނާ ބޭނުންވީ ޒައިދް އެތަނަށް ގެނެސް ޔާނީގެ ކުރިމަތީގައި ޒައިދަށް އަނިޔާކޮށް އޭނާ މަރާލާށެވެ. އޭރުން އޭނާއަށް ޔާނީގެ ކިބައިން ހިފަން ބޭނުންވާ ބަދަލް ހިފުނީއެވެ. ވިކާޝްގެ ހަޔާތުގައި އޭނާއަށް ލޯބި ނުލިބުމުން އެހެން އެއްވެސް މީހަކަށް ލޯބި ލިބޭކަށް އޭނާ ނޭދެއެވެ. މިހާތަނާ ޖެހެންދެންވެސް ވިކާޝްގެ މަގަށް ހުރަސް އަޅަމުން ދިޔަ ކޮންމެ މީހެއްގެ ފުރާނަވެސް އޭނާ ވަނީ ދުއްވާލާފައެވެ. ނަމަވެސް އެކަށިގެންވާ ހެއްކެއް ނުލިބުމުގެ ސަބަބުން އޭނާ ކޮންމެ ފަހަރަކުވެސް ސަލާމަތްވަނީއެވެ. “ތިއީ ހާދަ ރަހުމް ކުޑަ މީހެކޭ، ތީ އިންސާނެކޭ ކިޔަން ހެޔޮވާވަރުގެ މީހެއް ނޫން. ވިކާޝް ހިފަން ތިބޭނުންވާ ބަދަލެއް އަހަރެންގެ ކިބައިން ހިފާބަލަ، މިކަމުގެ ތެރެއަށް ޒައިދް ވެއްދުމުގެ ބޭނުމަކީ ކޮބާ. އޭނަ ވިކާޝްއަށް ދިނީ ކޮން ގެއްލުމެއް؟ އާދޭސްކޮށްފަ މިބުނީ ތިހެން ނުހަދާ، އަހަރެންގެ މި ކުޑަކުޑަ އާއިލާ ހަލާކުކޮށް ނުލާ، މިދަރިފުޅު ދުނިޔެއަށް އުފަންވުމުގެ ކުރިން އޭނަގެ ބައްޕަގެ ލޯބިން މަހުރޫމްކޮށް ނުލާ!” ހިތްހަމަނުޖެހިފައި ހުރެ ވިކާޝް ޔާނީއާއި ދިމާލަށް ގޮސް އޭނާގެ އިސްތަށިގަނޑުގައި ހިފައި ވާންކޮށްލުމުން ޔާނީއަށް ރޮއެގަނެވުނީ ވީތަދަށް ކެތްނުވެގެންނެވެ. “ދެން އަހަރެން ބޭނުންވަނީ ތި ދަރި މަރާލަން” ޔާނީގެ އިސްތަށިގަނޑުން ދޫކޮށްލަމުން އޭނާގެ ބުރަކަށީގައި އަތް ވިއްދާލާފައި ވިކާޝް ޔާނީ ވަރަށް ބާރަށް ކޮއްޕައިލީ އެހެން ނުހަދާށޭ ކިޔައި ރޮއެ އާދޭސް ކުރަމުން ދަނިކޮށެވެ. ޔާނީގެ ނަސީބު ރަނގަޅުކަމުން ވެއްޓުމުގެ ކުރިން ޒައިދް ޔާނީ ސަލާމަތްކުރިއެވެ.

އެވަގުތު ކުރިމަތީގައި ހުރި ޒައިދް ފެނުމުން ޔާނީއަށް ވަރަށް ބާރަށް ޒައިދްގެ ގައިގައި ބައްދާލާ ސަލާމަތްކުރުމަށް އެދި ރޯންފެށިއެވެ. “އޯހް، މިއޮއް އައީނު ހީރޯ. އައި ވީޒް ވެއިޓިންގް ފޯ ޔޫ މޭން. އަދި ކިރިޔާ މި ގޭމް ފެށުނީ، ސޯ އިޓްސް ދަ ޓައިމް ފޯ އެކްޝަން” ޒައިދަށް ހަމަލާ ދޭން ވިކާޝް ކުރީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ވިކާޝް ލައިގެން ހުރީ ޖީންސްގެ ފަހަތު ޖީބުގައި ހެޔޮވަރުގެ ކުޑަ ވަޅިއެއް އޮތެވެ. އޭނާ ހުރީ ޒައިދް އޭނާ އާއި ދިމާލަށް އަންނާނެ ވަގުތަކަށް ސަމާލުވެގެންނެވެ. ” ހައު ޑެއަރ ޔޫ ޓަޗް މައި ވައިފް. އޭނައަށް ގެއްލުމެއް ދެވޭނީ ފުރަތަމަ އަހަންނާ ކުރިމަތި ލައިގެން، މިހިރީ ކުރިމައްޗަށް އައިސް ދެން ހަދާނެ ގޮތެއް ހަދާ” ދެލޯ ބޮޑުކޮށްލައި ދެބުމަ ގޮށްޖަހާލަމުން ޒައިދް އައިސް ވިކާޝް ލައިގެން ހުރި ޓީޝާޓްގެ ކަރުގައި ހިފިއެވެ. “ކާމް ޑައުން ބްރޯ. އެހާ ރުޅިގަދަވުމަކީ ސިއްހަތަށް އެހާ ފައިދާ ހުރި ކަމެއް ނޫން. އެހެންނޫނަސް މާ އަވަސް އަރުވާލައިގެން ކަލޭ މަރާލާކަށް މަ ބޭނުމެއް ނޫން. މަ ބޭނުންވަނީ ކަލޭ މަރަށް ތެޅޭތަން ބަލަން ކަލޭގެ އަންހެނުން ބަލަން ބަހައްޓަން. އޭރުން އޭނައަށް އިނގޭނެ ލޯބި ބީވުމުން ކުރާނެ އަސަރު” ވިކާޝްގެ ވާހަކަ ނިމުމާއެކު ޖީބުގައި އޮތް ވަޅިނަގައި ޒައިދްގެ ބުރަކަށްޓަށް ހަމަލަ ދިނެވެ. އިސާހިތަކު ޒައިދް ލައިގެންހުރި މަޑު ނޫކުލައިގެ ޓީޝާޓް ލެއިން ފޯވެގެން ދިޔައެެވެ. މިމަންޒަރު ފެނިފައި ޔާނީއަށް ހަޅޭލަވައިގަނެވުނީ ކަރުގައި ހުރިއްޔާ ހުރި ނާރެއް ބުރިބުރިވާހާ ބާރަށެވެ. ޔާނީ ދުވެފައި ޒައިދްގެ ގާތަށް ދާން އުޅުމުން ވިކާޝް ޔާނީ ހިފެހެއްޓިއެވެ.

ބިންމަތީގައި ވެއްޓިފައި އޮތް ޒައިދް ފިރުކެމުން ކަހަލަ ގޮތަކަށް ޔާނީއާ ދިމާލަށް އަތް ދިމާކުރަމުން ދިޔަ ވަރަކަށް ވިކާޝް ދިޔައީ ޔާނީގެ އަތުގައި ހިފައި ދުރައް ޖައްސަމުންނެވެ. “އަހަރެން އެންމެ ފުރަތަމަ މަސައްކަތްކުރީ ކަލޭމެންގެ ގެއަށް ވަދެގެން ޔާނީ މަރާލަން. އެކަން ކާމިޔާބު ނުވީމަ ދެން އަހަރެން ބެލީ ތިދެމީހުން އެކްސިޑެންޓްކޮށްލައިގެން މަރާލަން. އެކަމަކު އެކްސިޑެންޓުންވެސް ކަލޭމެން ސަލާމަތްވީ. ދެން އަހަރެން މަސައްކަތްކުރީ ޒައިދްގެ އޮފީހަށް ވަދެ ހަމަލާ ދޭން. އެރޭވެސް އެތަނަށް ޕޮލިހުން އައިސްގެން ކަލޭ ސަލާމަތްވީ. އެހެންވީމަ ދެން އަހަރެން ޔާނީ ކިޑްނެޕްކުރީ އެއީ ކޮންމެ ގޮތެއްވިޔަސް ޔާނީ ސަލާމަތްކުރަން ޒައިދް މިތަނަށް އަންނާނެކަން މަށަށް ޔަޤީން ވާތީ. މިފަހަރު އަހަންނަށް އެކަން ކާމިޔާބުވެސް ވެއްޖެ. އެހެންވީމަ ދެން ކަލޭއަށް ޖެހޭނީ މަރުވާން” ވިކާޝްގެ ދެވަނަ ހަމާލާ ޒައިދްއާ ހަމައަށް ފޯރުމުގެ ކުރިން ޕޮލިހުން އެތަނަށް އައިސް އޭނާ ހައްޔަރުކޮށް އަތުގައި ބިޑިއެޅުވިއެވެ. ވިކާޝްގެ ޕްލޭން ކާމިޔާބު ނުވުމުން އޭނާ ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. އަދި އެތަނުން ދަމުންވެސް ވިކާޝް ދިޔައި އަދި އަންނާނެކަމަށް ބުނެ އިންޒާރުދެމުންނެވެ. ބިންމަތީގައި ވެއްޓިފައި އޮތް ޒައިދް ގާތުގައި އިށީނދެ ޒަހަމްވެފައި ހރުތަނުގައި ފޮތިގަނޑެއް އައްސައި ބާރުކޮށްލަމުން ކަންތައް ކުރެވުނު ގޮތާއިމެދު ޔާނީ ޒައިދް ގާތުން މައާފަށް އެދުނެވެ. އެހިނދު ޔާނީގެ ބޮލުގައި ފިރުމާލަމުން ވެދިޔަ ކަންތައް ހަނދާން ނައްތާލައި މިދަރިފުޅާއެކު އާފެށުމަކުން ފެށުމަށް އެދުނެވެ.

*** އެއް އަހަރު ފަސް ****

މ.ބްލޫމިން ތައްޔާރުވަމުން ދިޔައީ ޒައިދާއި ޔާނީގެ އަލަތު ދަރިފުޅު ކިޔާރާއަށް އެއް އަހަރު ފުރުމުން ބާއްވާ ޕާޓީއަށެވެ. އެތަށް ދުވަހަކަށްފަހު ޒައިދް އަދި ޔާނީ އަލުން ގުޅި އުފާވެރި ހަޔާތެއްގެ މިއީ ފެށުމެވެ. ކިޔާރާ ވީ އެދެމީހުންގެ ހަޔާތް އުޖާލާކޮށްލަދިން ޖަވާހިރަކަށެވެ. އެންމެންގެ އުފަލާއި ހިތްހަމަޖެހުން ގުޅިފައިވަނީ މިއަދު މިލޯބި ލޯބި ފުރާނައާއެވެ. ދިގު އިންތިޒާރަކަށްފަހު މާމަކާފަ ކިޔާލާނެ ދަރިއަކު ލިބުމުން ނާޒްއާއި ޝިޔާޒް ތިބީ ވަރަށް އުފަލުންނެވެ. މުޅި ގޯތިތެރެ ތައްޔާރު ވުރެވިފައިވަނީ ފިޔާތޮށި ކުލައާއި ހުދު ކުލައިގެ ފޮތިތަކާއި ފުއްޕާހަންތަކުންނެވެ. އަދި ކުދިންނާއެކު މަޖާކޮށްލަން މިކާރޓޫން ކެރެކްޓަރއަށް ވެގެން މީހަކު ހަރަކާތްތެރިވަމުން ދިޔައެވެ. ތުއްތު ތުއްތު ކިޔާރާ އޭނާގެ މަންމަގެ އުނގުގައި އޮވެގެން ހިނިތުންވެލަމުން އޭނާގެ ފުރަތަމަ އުފަންދުވަސް ފާހަގަ ކުރަމުން ދިޔައެވެ. މިޝްކާއާއި ޝިވަމްވެސް އެދެމީހުންގެ ކުޑަކުޑަ ޔޫވީގެ އަތުގައި ހިފާލައިގެން ޕާޓީ ތެރޭ މަޖާކުރަމުން ދިޔައިރު ތާރާއަށް ނަޒަރު ހުއްޓިފައި އެތަށް އިރަކު ރަޔާން ހުއްޓެވެ. އެއް އަހަރު ފާއިތުވެގެން ދިޔައިރުވެސް ރަޔާން އަދިވެސް ތާރާއަކަށް ލޯބި ހުށައެއް ނާޅައެވެ. ރަޔާން އެކޭ އެއްގޮތަށް ތާރާވެސް އިންތިޒާރުކުރަމުން ދިޔައީ ރަޔާން އެކަން ހާމަކުރާނެ ވަގުތަކަށެވެ. އެންމެފަހުން ރަޔާން ނިންމީ ތާރާއަށް ލޯބި ހުށައެޅުމަށެވެ. އަދި ޕާޓީ ނިމުމުގެ ކުރިން އޭނާ އެގޮތަށް ކަންތައްވެސް ކުރިއެވެ. ރަޔާން ކުޑަކޮށް ތަޅުވާލަންވެގެން ތާރާ ފުރަތަމަ ނޫނެކޭ ބުނިނަމަވެސް ރަޔާން ދެރަވެގެން ދާން އުޅުމުން އާއެކޭ ބުނެ ލޯބި ޤަބޫލުކުރިއެވެ.

ކޮންމެ މީހަކަށްވެސް އެމީހެއްގެ ލޯބި ކާމިޔާބުވެ ބާއްޖަވެރި ހަޔާތެއް ވޭތުކުރަމުން ދިޔައިރު މިކަމާ އެންމެ އުފާވެފައި ތިބީ ޔާނީއާއި ޒައިދެވެ. އޭރު ވިކާޝް ދިޔައީ ޖަލުގައި މުޅި އުމުރު ހޭދަކުރަމުންނެވެ. ކުރިމަތިވި އެތަކެއް ގޮންޖެހުމަކަށް ކުރިމަތިލަމުން ދިޔައީ ފުރާނަ ފަދައިން ލޯބިވާ ބައިވެރިޔާގެ ހައްޤުގައެވެ. ހަޔާތަށް ދެވަނަ މީހަކު އައިކަމުގައި ވިޔަސް ހަޤީޤީ ލޯބި ވެވޭނީ އެންމެ މީހަކު ދެކެކަން ޒައިދާއި ޔާނީ މިވަނީ ސާބިތުކޮށްދީފައެވެ. ހަމަ އެގޮތަށް ޒައިދްގެ ފުރާނަ އެދެނީ އަދި މުޅި އުމުރަށްވެސް އެދޭނީ ހަމައެކަނި ޔާނީއަށްޓަކައެވެ. މެދު އުޑުގައި ފިޔަޖަހަމުން ދިޔަ ތަރިތަކަށް ބަލަން ބެލްކަނީގައި ހުރެފައި ޔާނީގެ އަތުގައި ހިފާލަމުން ޒައިދް ނުހަނު ލޯތްބާއެކު ބުނެލިއެވެ. “ފުރާނަ އެދެނީ ހަމައެކަނި ކަލާއަށްޓަކައި…” (ނިމުނީ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.