މިހާރު އަމަލުކުރަމުންގެންދާ ސްކޫލް ބޯޑަށް އަމަލުކުރުމުގެ އުސޫލް އިސްލާހު ކުރެއްވުމާގުޅިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްކޫލް ބޯޑު އުވާލައި އާ އުސޫލާ އެއްގޮތަށް ބޯޑު އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް އެ ސްކޫލުން ބުނެފި އެވެ.
އެ ސްކޫލުން ބުނީ ކުރިއަށްއޮތް ދެ އަހަރަށް އަލަށް އިންތިހާބުކުރާ ސްކޫލް ބޯޑަށް ބެލެނިވެރިންގެ ތެރެއިން ހޮވާ 5 މެންބަރުން ހޮވުމަށް ބޭނުންވާތީ، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ބޯޑުގެ މެންބަރުކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ބެލެނިވެރިން ސްކޫލް އޮފީހަށް ދުރުވެ “ސްކޫލް ބޯޑަށް ކުރިމަތިލުމަށް އެދޭފޯމް” ނަންގަވާ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ސްކޫލަށް ހުށަހެޅުމަށްވެސް އެ ސްކޫލުން އެދެއެވެ.
ސްކޫލް ބޯޑަކީ ސްކޫލްގެ ތަރައްޤީއަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ބޯޑަކަށްވާތީ މިކަމުގައި ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލެއްވުން ލިބުން އެދޭ ކަމަށްވެސް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެއެވެ.