
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގައި ބިޒްނަސް ސްޓަޑީޒު ކިޔަވާ 18 ދަރިވަރަކު އަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން ރޯޔަލް އައިލެންޑް ރިސޯޓަށް ކުރި ދަތުރުގައި، މުހިއްމު މައުލޫމާތުތަކެއް ލިބި، ދަރިވަރުންނަށް ވަރަށް ގިނަ އެއްޗެހި ދަސްވެފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.
އެ ސްކޫލުގެ ކޮމާސް ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބިޒްނަސް ސްޓަޑީޒް ހަދާ ދަރިވަރުން އަންނަ މޭ/ޖޫން މަހު އޭ ލެވެލް އިމްތިހާނުގައި ބައިވެރިވާ އިރު އެ ދަތުރުގެ މައިގަނޑު މަގްސަދަކީ އިމްތިހާނު ހެދުމުގެ ކުރިން ދަރިވަރުންނަށް އަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި އެ ދަތުރުގެ ސަބަބުން ދަރިވަރުންނަށް ވަރަށް ގިނަ އެއްޗެހި ދަސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކުން ބުނި ގޮތުގައި އެ ސްކޫލުގެ ބިޒްނަސް ސްޓަޑީޒް ހަދާ ދަރިވަރުން، މިދިޔަ ބުރާސްފަތި ދުވަހު ރޯޔަލް އައިލެންޑް ރިސޯޓަށް ކުރި ދަތުރުގައި އެ ރިސޯޓްގެ ހިއުމަން ރިސޯސް، ހައުސްކީޕިން، އެކައުންޓިން އަދި މާކެޓިން ޑިޕޓްމަންޓްތަކަށް ޒިޔާރަތްކޮށް އެތަންތަނުން ވަނީ މާއްދާއާގުޅޭ މައުލޫމާތު ހޯދާފަ އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ރޯޔަލް އައިލެންޑް ރިސޯޓަށް ކުރި މިދަތުރުން އެ ރިސޯޓުން ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމެއް ދީފައިވާ ކަމަށެވެ. އަދި ކުރިއަށް ތާނގައި އިތުރު މާއްދާތަކުގެ އަމަލީ ތަޖުރިބާ ދަތުރުތައްވެސް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.