
ބ. އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމުކޮށްގެން، އޭދަފުށީގައި މަގުމަތީ ބާޒާރެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެ ކޮމިޓީގެ ރައީސާ އައިޝަތު ހުސައިން ވިދާޅުވީ މިމަހު 15 ވަނަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00ގެ ނިޔަލަށް އޭދަފުށީ ސްޓޭޖް ސަރަހައްދުގައި ބޭއްވުމަށް ހަމަޖައްސައިފައިވާ މަގުމަތީ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ރަށުގެ ހުރިހާ ވިޔަފާރި ވެރިންނަށާއި މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.
މި ބާޒާރުގައި ބަހައްޓާ ކޮންމެ މޭޒަކަށް 50ރ. ގެ ފީއެއް ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ.
“އަޅުގަނޑުމެން ނިންމާފައި އޮތީ ބަހައްޓާ ކޮންމެ މޭޒަކަށް 50ރ ގެ ފީއެއް ނަގާގޮތަށް. އެގޮތުން އެ މޭޒަކުން އެއްޗެތި ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއްވެސް ލިބޭނީ ހަމަ އެފަރާތަކަށް،” އޭނާ ވިދާޅުވި އެވެ. “މިކަން ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ވިޔަފާރިވެރިންނަށް ނުވިކި ހުރި އެއްޗެތި ހެޔޮ އަގެއްގައި ވިއްކާލުމުގެ ފުރުސަތު ހޯދައިދިނުން” އޭނާ ވިދާޅުވި އެވެ.
މި ބާޒާރުގައި ބައިވެރިވާން ބޭނުންވާ ބޭނުންވާ ފަރާތްތަކުން އޭދަފުށީ ކައުންސިލް އިދާރާގެ 6608308 ނަންބަރު ފޯނާ ގުޅުއްވައި މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ނަންނޯޓް ކުރުމަށް އޭދަފުށީ އަންހެނުންގެ ކޮމެޓީން އެދެއެވެ.