ބީއެމްއެލް އިން އިތުރު ދެ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ގއ. މާމެންދޫ އަދި ގއ. ނިލަންދޫގައި ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

މި ދެ ރަށާ އެކު، ގއ. އަތޮޅުގެ ހަ ރަށެއްގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ވަނީ ގާއިމްކޮށްފަ އެވެ. އެއީ މާމެންދޫ އާއި ނިލަންދޫގެ އިތުރުން ކޮލަމާފުށި، ދާންދޫ، ގެމަނަފުށި، އަދި ކޫއްޑޫ އެވެ. މީގެ އިތުރުން ގއ. އަތޮޅު ވިލިނގިލީގައި ބީއެމްއެލް ބްރާންޗާއި ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް ދެ އެވެ. އަދި ގއ.ގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ބީއެމްއެލުން ދަނީ ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ޚިދުމަތް ދެމުންނެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ހާލަތުގައި ވެސް މުޅި ރާއްޖެ އަށް ބޭންކިން ހިދުމަތް ފުޅާކުރައްވާނެ ކަމަށެެވެ.

“މި ގޮތުން ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް އަތޮޅު ކަމަށްވާ ހުވަދު އަތޮޅުގެ އިތުރު ދެ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ދެރަށުގެ ވެސް އާންމު ފަރުދުންނަށާއި، ވިޔަފާރިތަކަށް ބޭންކިން ޚިދުމަތް ހޯދުމަށް މި އޭޓީއެމް ސެންޓަރތަކުގެ ސަބަބުން އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ،” އޭނާ ވިދާޅުވި އެވެ.

ބީއެމްއެލުން ބުނީ ޚިދުމަތް ހޯއްދެވުމަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން ބޭނުންކުރުން މުހިއްމު ކަމަށެވެ. އަދި ފައިސާ ދެއްކެވުމަށް މޮބައިލްޕޭ ފަދަ ފަސޭހަ އޮންލައިން ހިދުމަތްތައް ބޭނުންކުރުމަށް ބީއެމްއެލުން އެދެ އެވެ.

މިހާރު ވެސް ރާއްޖޭގެ 20 އަތޮޅުގައި ބީއެމްއެލްގެ 38 ބްރާންޗް، 55 ސެލްފް ސަވިސް ބޭންކިން ސެންޓަރުގެ އިތުރުން 116 އޭޓީއެމް އާއި 277 ކޭޝް އޭޖެންޓް މެދުވެރިކޮށް އަންނަނީ ޚިދުމަތް ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.