މޯބައިލް މަނީގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިރާގުން ދައްކާލައިފި

 

ދިރާގުން މޯބައިލް މަނީގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދައްކާލަ - ފޮޓޯ: ދިރާގު
ދިރާގުން މޯބައިލް މަނީގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދައްކާލަ – ފޮޓޯ: ދިރާގު

 

 

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ފައިނޭންޝަލް އެކްސްޕޯގައި، ދިރާގުން މޯބައިލް މަނީގެ ހިދުމަތް ކާމިޔާބު ކަމާއިއެކު ޑެމޯކޮށް ރަސްމީކޮށް ދައްކާލައިފިއެވެ.

އެމްއެމްއޭ އިން ވަނީ ދިރާގަށް މޯބައިލް މަނީގެ ހިދުމަތް ރާއްޖެއަށް ތައާރަފްކުރުމަށް މިހާރު ލައިސަންސްދެއްވާ މިހިދުމަތް ރަސްމީކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ހުއްދަ ދީފައެވެ.

މިހިދުމަތް ކުރިއަށް ގެންދިއުމުގައި އެމްއެމްއޭ އިން ނެރުއްވާފައިވާ ޤަވާއިދުތަކާއި، ރެގިއުލޭޓަރީ މިންގަނޑުތަކާއި އެއްގޮތަށް ދިރާގުން ވަރަށް ބާރު ސްޕީޑުގައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން ރާއްޖޭގައިވާ ކޮމާޝަލް ބޭންކުތަކާއިވެސް ދިރާގުން ދަނީ ވާހަކަ ދައްކަމުންދާ ކަމަށާއި ދިރާގުން މިހިދުމަތް ރަސްމީކޮށް ކަސްޓަމަރުންނަށް 6މަސް ދުވަހުގެ ތެރޭގައި ފޯރުކޮށްދޭން ފަށާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

މި ހިދުމަތް ތައާރަފް ވުމަކީ ރާއްޖޭގެ ކުދި ބޮޑު ވިޔާފާރިތަކަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މިހިދުމަތް ވެގެންދާނީ ދިވެހިންގެ އައު މޯބައިލް ވޮލެޓެއް އަދި އިލެކްޓްރޯނިކް ވޮލެޓަކަށް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. މި ހިދުމަތަކީ އެކަކު އަނެކަކަށް ފައިސާ ބަދަލުކޮށްލެވޭނެ ރައްކާތެރި ވަސީލަތެއް ކަމަށް ވެސް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ މޯބައިލް މަނީގެ ހިދުމަތަކީ މޯބައިލް ފޯނުގެ ޒަރިއްޔާއިން ފައިސާގެ މުއާމަލާތް ކުރުމަށް ހުޅުވާލެވޭ ދޮރެއް ކަމަށާއި ދިރާގު ނަންބަރެއް ގެންގުޅުއްވާ ކޮންމެ ފަރާތަކަށްވެސް މިހިދުމަތް ވަގުތުން ލިބިގެންދާނެ ކަމަށެވެ.

މި ހިދުމަތް ހޯދުމަށް މޯބައިލް ފޯނަކީ ސްމާޓްފޯނަކަށް ވާކަށް ވެސް ނުޖެހޭނެ ކަމަށާއި ޔޫ.އެސް.އެސް.ޑީ ހިދުމަތް ލިބޭ ކޮންމެ ފޯނަކަށްވެސް (ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް) ކަސްޓަމަރުންނަށް ފަސޭހަ ކަމާއި އެކު މިހިދުމަތް ލިބިގެން ދާނެ ކަމަށް ދިރާގުން ހާމަކުރެއެވެ. ކަސްޓަމަރުން ބޭނުންވާ ފައިސާގެ އަދަދު އެފަރާތެއްގެ މޯބައިލް މަނީ އެކައުންޓަށް ޖަމާކުރުމަށްފަހު (އަމިއްލަ ވޮލެޓުގައި ފައިސާ ގެންގުޅުއްވާ އުސޫލުން) ފައިސާގެ މުއާމަލާތް ކުރެއްވޭނެ ކަމަށް ދިރާގުން ހާމަކުރެއެވެ.

މިހިދުމަތަކީ ފައިސާ ގެންގުޅުމަށް ވުރެން މާ ސަލާމަތީގޮތުން ރައްކާތެރިގޮތެއް ކަމަށާއި ދިރާގަކީ ރާއްޖޭގައި ޤާއިމް ކުރެވިފައިވާ އެންމެ ބޮޑު އެއް ޑިސްޓްރިބިއުޝަން ނެޓްވާކް ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިރާގުގެ ހިދުމަތްތައް މިހާރުވެސް ތަފާތު އެޖެންޓުން މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށާއި އެގޮތުން މޯބައިލް މަނީގެ ހިދުމަތް ފޯރުކޮށް ދިނުމަށް (އަމިއްލަ މޯބައިލް އެކައުންޓަށް ފައިސާ ޖަމާކުރުމަށާއި، އެކައުންޓުގައިވާ ފައިސާ ނަގައިދިނުމަށް) އޭޖެންޓުން ބޭތިއްބުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ މިހިދުމަތް ދިރާގުގެ ކަސްޓަމަރ ފްރަންޓު އޮފީހުންނާއި، ޕާޓްނަރ ފިހާރަ ތަކުންނާއި އަދިވެސް މީހުން ދިރިއުޅޭ ރައްރަށުގެ އެކި އެކި އޭޖެންޓުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށެވެ.

ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުގައި މިހާރު މިހިދުމަތްތައް ދަނީ ބޭނުން ކުރަމުންނެވެ. މިއީ ކްރެޑިޓް ކާޑާއި، އަދިވެސް ބޭންކުތަކުން ދޫކުރާ އިލެކްޓްރޯނިކް ކާޑުތަކަށް ފަހު ތައާރަފްކުރެވޭ އެންމެ ޒަމާނީ ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ވަސީލަތެވެ.

ދިރާގުން މޯބައިލް މަނީގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދައްކާލަނީ – ފޮޓޯ: ދިރާގު

ދިރާގު މޯބައިލް މަނީ ބޭނުން ކޮށްގެން ވަރަށް ގިނަ ކަންކަން ކުރެވެއެވެ. އެގޮތުން ކުރެވޭނެ ކަންކަމުގެ ތެރޭގައި:

  • – ދިރާގާއި އަދިވެސް އެހެނިހެން ހިދުމަތްތައް ދޫކުރާ ކުންފުނިތަކުގެ މަހު ބިލުތައް ވަގުތުން ދައްކާލުން
    – މޯބައިލް މަނީ ނުވަތަ އަމިއްލަ މޯބައިލް އެކައުންޓުގައިވާ ބެލަންސް ފައިސާ ދެއްކުމުގެ ހިދުމަތް
    – ދިރާގާއި އަދިވެސް އެހެނިހެން ހިދުމަތްތައް ދޫކުރާ ކުންފުނިތަކުގެ މަހު ބިލުތައް ވަގުތުން ދައްކާލުން
    – މޯބައިލް މަނީ ނުވަތަ އަމިއްލަ މޯބައިލް އެކައުންޓުގައިވާ ބެލަންސް ފައިސާއަށް ބަދަލުކުރުން

މިހިދުމަތާއި ބެހޭ ގޮތުން ދިރާގު އެސިސްޓަންޓް މެނޭޖަރ ޕަބްލިކްރިލޭޝަންސް އިމްޖާދް ޖަލީލު ވިދާޅުވީ، މިހިދުމަތަކީ އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން އަމިއްލަ ބޭންކް އެކައުންޓެއް ނެތް މީހުނަށްވެސް ފައިސާގެ މުއާމަލާތް އެއްވެސް ތަކުލީފަކާއި ނުލައި ބޭނުން ކުރެވޭނެ އެންމެ ޒަމާނީ ނިޒާމް ކަމަށެވެ

“ދިރާގުގެ 370،000މޯބައިލް ކަސްޓަމަރުންނަށް އެއްވެސް ދަތިކަމެއްނެތި ބޭނުންކޮށްލެވޭނެ ހިދުމަތެއް، ދުނިޔޭގެ ތަރައްޤީގެ މެޕުގައި ދިވެހިރާއްޖެ ފާހަގަކޮށްލެވިގެންދާނެ މުހިއްމު ކަމެއް، އެކަކު އަނެކަކު ކުރާ ފައިސާގެ ހުރިހާ މުއާމަލާތެއް މޯބައިލް ވޮލެޓަކުން ކޮށްލުމަކީ ކޮންމެ ކަސްޓަމަރަކަށް ލިބިގެން ދާނެ ވަރަށް ބޮޑު ލުޔެއް. ދިރާގު މޯބައިލް މަނީގެ ހިދުމަތް ކަސްޓަމަރުންގެ އެންމެ ރައްޓެހި އަދި އެންމެ ބޭނުންތެރި އަހުލުވެރިއާއަށް ވެގެންދާނެ،” އިމްޖާދް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.