ބާރަ އަހަރު ވީއިރުވެސް ސިއްރުތަކެއްގެ ތެރޭގައި

2003 ވަނަ އަހަރު އޭދަފުށީ އިންޖީނުގޭގައި ހިނގި އަލިފާޏުގެ ހާދިސާގެ ތެރެއިން -- އީޓީ ފައިލް ފޮޓޯ
2003 ވަނަ އަހަރު އޭދަފުށީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން — އީޓީ ފައިލް ފޮޓޯ

 

2003ވަނަ އަހަރުގެ ނޮވެމްބަރުން 7 ވީ ހުކުރުދުވަހަށް އިރުއެރީ އުޑުމަތި ސާފު އުފާވެރިދުވަހަކަށެވެ. އިރުފެނުން ތޮޅެލިތާ މަދުވަގުތު ކޮޅެއްގެ ތެރޭގައި މުޅިރަށުން ކަރަންޓް ދިޔަނަމަވެސް އޭދަފުށީގެ އެކަކުވެސް އެއީ މާބޮޑުކަމެއްއްކަމަކަށް ފުރަތަމަ ނުހަދައެވެ. އެހެންނަމަވެސް އިންޖީނުގެއިން ބޯދުންގަނޑެއް ޖައްވައް އަރައިގެންދާ މަންޒަރުން މަދު ރައްޔިތަކު ބިރުވެރިކުރުވިއެވެ. ހަގީގަތް ހާމަވާންފެށީދެނެވެ. އެހެންނަމަވެސް ހަގީގަތް އެނގުނު އިރު އޭދަފުށީ އިންޖީނުގޭގައި ކަރަންޓް ދޭންބޭނުންކުރި އިންޖީނުތައް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަނދައި ހުލިވެއްޖެއެވެ.

މީގެ 12 އަހަރު ކުރިން، ސްޓެލްކޯގެ ބ. އޭދަފުށީ ބްރާންޗުގެ އިންޖީނުގެ ތިން އިންޖީނެއް އަނދައި ހުލިވި ހާދިސާ އަކީ އޭދަފުށީގައި ހިނގައިދިޔަ އަލިފާނުގެ އެންމެ ބޮޑު ހާދިސާ އެވެ؛ ގެއްލުން ވެސް ބޮޑު ހާދިސާ އެވެ. ހާދިސާ ހިނގި ގޮތަށް ބަލާއިރު، މިއީ، ކޮންމެވެސް މީހެއްގެ އިހުމާލުން ނޫނީ ހިނގައިގެން ވާނެ ހާދިސާއެއް ނޫނެވެ.

2003 ވަނަ އަހަރު އޭދަފުށީ އިންޖީނުގޭގައި ހިނގި އަލިފާޏުގެ ހާދިސާގެ ތެރެއިން -- އީޓީ ފައިލް ފޮޓޯ
2003 ވަނަ އަހަރު އޭދަފުށީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން — އީޓީ ފައިލް ފޮޓޯ

ނޮވެމްބަރު، 2003 ގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އިންޖީނު ގޭގައި އެވަގުތު ހުރި ހުރިހާ ޖަނަރޭޓަރެއް އަނދައި ހުލިވި އެވެ. އޭގެތެރޭގައި 75 ކިލޯވޯޓުގެ ތިން ޖަނަރޭޓަރާއި ވަރަށް ފަހުން ރަށަށް ގެންދިޔަ 300 ކިލޯވޯޓުގެ ޖަނަރޭޓަރެއް ހިމެނެ އެވެ. މީގެ އިތުރުން، މި ހާދިސާގައި އިންޖީނުގެ އަށް ވެސް ވަރަށް ބޮޑަށް ގެއްލުން ލިބުނެވެ.

“ހެނދުނު 6:03ހާއިރު އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން ، އިންޖީނު ގޭގައި އެވަގުތު ހުރި ޑިއުޓީ އޮފިސަރު އިނޖީން ރޫމް ޗެކްކުރަން ވަނެވެ،” ނޮވެމްބަރު 7، 2008 ގެ ހަވީރު ނޫހުގައި ވެ އެވެ.

ހާދިސާ ހިނގިތާ ބާރަ އަހަރު ވީ އެވެ. އެހެން ނަމަވެސް، އެ ހާދިސާގެ ސިއްރުތަކަށް އަދިވެސް ޖަވާބެއް ނުލިބެ އެވެ. އިހުމާލުވީ ކާކުތޯ، ކޮން ބަޔެއްތޯ ނުވަތަ އެންމެ ކުޑަވެގެން މި ހާދިސާގައި އެއްވެސް މީހެއްގެ އިހުމާލެއް ވޭތޯ ވެސް އެއީ ނޭންގުމެއްގެ ތެރޭގައި އޮތް ކަމެކެވެ. މި ހާދިސާއާ ބެހޭ އެއްވެސް ފުރިހަމަ ތަހުގީގެއް ވެސް ކޮށްފައެއް ނެތެވެ. އެހެން ނަމަވެސް، އިންތިހާ އަށް ގެއްލުން ބޮޑު މި ހާދިސާ އަކީ ވަޅުޖެހިގެންވާނެ ހާދިސާއެއް ނޫންކަން ކަށަވަރެވެ.

މި ހާދިސާ އާ ބެހޭ ގޮތުން ސްޓެލްކޯގެ އިސް ބޭފުޅަކު އީޓީ އަށް މައުލޫމާތު ދެއްވަމުން ކުރިން ވިދާޅުވެފައިވަނީ އެކަމާ ބެހޭ ފުރިހަމަ ތަހުގީގެއް އަދި ކޮށްފައި ނުވާ ކަމަށެވެ.

“އަޅުގަނޑުމެންނަށް ފެންނަން އޮތީ އޭރު ސިފައިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް އެކަނި،” އޭނާ ވިދާޅުވި އެވެ.

އެއީ ކީއްވެ ހެއްޔެވެ؟ އެހެން ވާން ޖެހޭ ސަބަބަކީ ކޮބައިބާ އެވެ؟

“އަޅުގަނޑަކަށް ވެސް ތިކަމެއް ނޭނގެ. އަޅުގަނޑަށް ވެސް އެނގޭ ޖަވާބު ހޯދަން ބޭނުންވާ ވަރަށް ގިނަ ސުވާލުތަކެއް އެބަހުރިކަން،” އޭނާ ވިދާޅުވި އެވެ.

2003 ވަނަ އަހަރު އޭދަފުށީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން -- އީޓީ ފައިލް ފޮޓޯ
2003 ވަނަ އަހަރު އޭދަފުށީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން — އީޓީ ފައިލް ފޮޓޯ

 

އޭރު މިފަދަ ހާދިސާތައް ތަހުގީގު ކުރަނީ ސިފައިން ކަމަށް ވާތީ، ސިފައިން ތަހުގީގުކޮށް ސްޓެލްކޯ އަށް ފޮނުވާފައިވާ ރިޕޯޓްގައި ވެސް ވަނީ ހަމައެކަނި އެ ހާދިސާ ހިނގި ގޮތް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

“މިކަން ހިނގާފައިވާ ގޮތް ކަމަށް ރިޕޯޓްގައި އޮތީ އެތާނގެ މައި ޓޭންކުން ޑޭ ޓޭންކަށް ތެޔޮ ހުސްކޮށްފައި ހަތަރު ނަންބަރު އިންޖީނަށް ތެޔޮ އެޅުމުގެ ތެރޭގައި. މިކަން ކުރިއިރު ތިން ނަންބަރު އިންޖީނު ހުރީ ހިންގައިފައި. ތެޔޮ އެޅުމުގެ ތެރޭގައި އޯވަފްލޯވެގެން ތިން ނަންބަރު އިންޖީނުގެ މެޓަކަށް ތެޔޮ އެޅި ހުޅުގަނޑު ހިފީ. މިއީ މިކަން ހިނގާދިޔަ ގޮތަކީ،” ސްޓެލްކޯގެ އޮފިޝަލު ވިދާޅުވި އެވެ.

މީގައި މުވައްޒަފަކު އިހުމާލުވާން ޖެހޭ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސްޓެލްކޯ އިން ނުބުނެ އެވެ. އޮފިޝަލު ވިދާޅުވީ، އެވަގުތެއްގައި އިންޖީނުގޭގައި ހުންނަ މުވައްޒަފަކީ ޓެކްނިކަލް ގޮތުން އެ ކަންތައްތަކުގެ ޒިންމާ ނަގަން ޖެހޭނެ މީހެއް ކަމަށެވެ.

ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ހިނގިނަމަވެސް އޭދަފުށީގައި ހިނގި މިލިޔަނުން ގެއްލުންވި ބޮޑު މިހުޅުގެ ވާހަކަ ތާރީހްގެ ތެރެއަށް ގޮސް އޮބާލަނީއެވެ. އެކަމުން އިބްރަތް ހާސިލްކުރަންތިބި ދަރިންނަށް ހަގީގަތް ހާމަނުވެއެވެ. އޭދަފުށީގެ ކަރަންޓްގެ ހިދްމަތް 36 ގަޑިއިރަށް މެދުކެނޑުނު މިހާދިސާއަކީ ރައްޔިތުންނަށް ދިން ވަރުގަދަ މެސެޖެކެވެ. ސަލާމަތީގޮތުން އިންޖީނުގޭގެ ހާލަތު މިހާރު ހުރީ ކިހާފެންވަރެއްގައިތޯ މިފަދަ ކޮންމެ އަހަރީ ދުވަހަކު އަޅުގަނޑުމެން ވިސްނާ ބަލަންޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.