އޭދަފުށީގައި އެއްވެ އުޅުން މަނާކޮށް ފިޔަވަޅުތައް ވަރުގަދަ ކޮށްފި

ބ. އޭދަފުށި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ޕޮޒިޓިވް ވަމުން އަންނާތީ ރޯގާ އިތުރަށް ފެތުރުނަނުދިނުމުގެ ގޮތުން އޭދަފުށީ ކައުންސިލުން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަން ނިންމައިފި އެވެ.

އޭދަފުށީގައި ކޮވިޑް-19 އާ ގުޅިގެން ގާއިމްކޮށްފައިވާ ޓާސްކްފޯހުގެ ނިންމުމާއެކު ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވާ ކަންކަން މިއަދު ހަވީރު ހަޔަކުން ފެށިގެން ތަންފީޒުކުރަން ފަށާނެ ކަމަށް ވަނީ ބުނެފަ އެވެ.  

ކައުންސިލުގެ ނިންމުމުގައި ބުނެފައިވަނީ މިއަދު ހަވީރު 6 އިން ފެށިގެން ގިނަބަޔަކު އެއްވެ އުޅޭގޮތަށް މަގުފަހިވާ ކަންކަން މުޅިން ހުއްޓާލަން ނިންމާފައިވާކަމަށެވެ. އޭގެތެރޭގައި ސައިހޮޓާ / ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ވަކި މުއްދަތެއް ނެތްގޮތަށް ޚިދުމަތް ދިނުން މެދުކަނޑާލަން ވަނީ ނިންމައިފަ އެވެ. ކައުންސިލުން ބުނީ ޑެލިވަރީ ކުރުން ނޫން ގޮތަކަށް ހޮޓާ ރެސްޓޯރެންޓް ތަކުން މިއަދު ހަވީރުން ފެށިގެން ޚިދުމަތް ނުދެވޭނެ ކަމަށެވެ.

މީގެ އިތުރުން ބޯކޮށާ ތަންތަނުގެ ހިދުމަތް ވަކި މުއްދަތެއް ނެތްގޮތަށް މެދުކަނޑާލުމާއި އާއްމުން ތިބުމަށް ބޭރުގައި ބަހައްޓާފައި ހުންނަ ޖޯލިފަތިތަކާއި އެނޫންވެސް ގޮތަކަށް އެއްވެ އުޅުމަށް މަގުފަހިވާ ހުރިހާ ކަމެއް ހުއްޓާލުމަށް ވަނީ އަންގައިފަ އެވެ. ކައުންސިލުން ބުނީ އާއްމުން ބޭރަށް ނުކުތުމުގައިވެސް ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެކަން ނުކުރުމަށާއި، އަދި ބޭރަށް ނުކުންނަން ވާނީ ޒަރޫރީ ބޭނުމެއް އޮވެގެން ނުކުންނަން ޖެހޭ މީހާ އެކަނި ކަމަށެވެ.

މުޅި ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައިވީނަމަވެސް މަސްވެރިކަމަށް ފުރާ އުޅަނދުތަކަށް ހާއްސަ ހުއްދައެއްގެ ދަށުން އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ކައުންސިލުން މިއަދު ކުރި އިއުލާންގައި ބުނެފައިވަނީ އޭދަފުށިން މަހަށް ފުރާ އުޅަނދުތައް ފުރުމުގެ ކުރިން ސޯޝަލް ސަޕޯޓް ޑެސްކާ އެ މައުލޫމާތު ހިއްސާކުރުމަށެވެ. އެނޫން ގޮތަކަށް މަސްވެރިކަމުގައި ރަށުން ފުރައިގެން ނުދެވޭނެކަމަށް ވަނީ އަންގައިފަ އެވެ. ވިޔަފާރީގެ މުޢާމަލާތްތައް ކުރުމުގައި ފިހާރަތަކަށް ދިއުމުގެ ބަދަލުގައި ޑެލިވަރީގެ ހިދުމަތް ހޯދައި ބޭރުގަ އުޅޭ ވަގުތު މަދުކުރުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި މިހާރު ފުލޫ ކްލިނިކެއް ގާއިމުކޮށްފައިވާއިރު ކައުންސިލުން އެދެނީ ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެންނަނަމަ ފުލޫ ކްލިނިކާ އެ މައުލޫމާތު ހިއްސާކުރުމަށެވެ. ފުލޫ ކްލިނިކާ ގުޅޭނެ ނަންބަރަކީ 6608309  އެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 މިހާރު ރާއްޖޭގައި އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އިއްޔެގެ ނިޔަލަށް 52 މީހަކަށް މި ބަލި ރާއްޖޭން ޖެހިފައިވާއިރު މި އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް އިތުރުވާނެކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ބަލި ޖެހުނު 52 މީހުންގެ ތެރެއިން މާލެ ނޫން ރަށަކުން ކޮވިޑް-19 ފެނިފައިވަނީ ހއ. އުލިގަމުންނެވެ. ކަނޑުމަގުން ދިޔަ ބޯޓެއްގައި އުލިގަމަށް އެތެރެވި މީހާއަށް އިއްޔެ ކޮވިޑް-19 ޖެހުމުން އެ ސަރަހައްދުގެ ގިނަ ރަށްތަކެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.