
ބ. ގޮއިދޫގައި ހުރި ތަކުރާރީ ދަނޑަކަށް ބަޔަކު ގެއްލުންތަކެއް ދީފި އެވެ.
ފުލުހުން ބުނީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގިނަ ސަރަހައްދުތައް ލޮކްޑައުން ކޮށްފައިވާ ދަނޑިވަޅެއްގައި އަދި ބަރަކާތްތެރި ރަމަޟާން މަސް ވެސް ގާތްވެފައި ވަނިކޮށް މީހަކު ނުވަތަ ބަޔަކު ގޮސް ގޮއިދޫގައި ހުންނަ ތަކުރާރީ ދަނޑަކަށް ގެއްލުން ދީފައިވާ ކަމަށާއި ހައްދާފައިވާ ތަކުރާރީތައް ދެފަޅިކޮށް ކުދިކުދި ކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މި ތަދު ދަނޑިވަޅުގައި ތަކުރާރީ ދަނޑުތަކަށް ގެއްލުން ދޭނަމަ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.
އާބާދީގައި 800 އެއްހާ މީހުން ދިރިއުޅޭ މިއަތޮޅު ގޮއިދޫ އަކީ ދަނޑުވެރި ރަށެކެވެ. އެ ރަށުގައި ހައްދާ މޭވާއާ ތަރުކާރީގެ ބޮޑުބައެއް ވިއްކަނީ މާލެއަށެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖެ ލޮޮކްޑައުންކޮށްފައިވާއިރު އެ ރަށުން ވެސް ތަކެތި ބޭރުކުރުވޭ ގޮތް އަދި ވަނީ ނުވެފަ އެވެ.
