އޭދަފުށީގައި ފްލޫ ކްލިނިކެއް ގާއިމްކޮށް ހިދުމަތްދޭން ފަށައިފި

ބ. އަތޮޅު ހޮސްޕިޓަލުގައި ގާއިމުކުރި ފްލޫ ކްލިނިކް—ފޮޓޯ/ބ. އަތޮޅު ހޮސްޕިޓަލް

ބ. އަތޮޅު ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ގާއިމްކޮށް ހިދުމަތްދޭން މިއަދު ފަށައިފި އެވެ. މިއީ ކޮވިޑް-19 އާއި ގުޅިގެން ފަރުވާ ދިނުމަށް އޭދަފުށީގައި ގާއިމްކުރެވުނު ފުރަތަމަ ފްލޫ ކްލިނިކެވެ.

ހޮސްޕިޓަލުގައި ފްލޫ ކްލިނިކް ގާއިމްކޮށްފައިވަނީ އެކަމަޑޭޝަން ބައިގައެވެ. ފްލޫ ކްލިނިކްގެ ހިދުމަތް ފެށުމަށްފަހު އެ ހޮސްޕިޓަލުން އާއްމުންނާ ހިއްސާކުރި މެސެޖުގައި ބުނެފައިވަނީ ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ އެ ކްލިނިކުން ފަރުވާ ހޯދޭނެ ކަމަށެވެ. ހޮސްޕިޓަލުން ވަނީ މިއަދުން ފެށިގެން ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށް ދާ މީހުން ބެލުމުގައި އަމަލުކުރާ އާ އުސޫލު ވެސް އާއްމުކޮށްފަ އެވެ. މިގޮތުން ރޯގާގެ އަލާމާތެއް ފެންނަން ހުރިނަމަ  ފްލޫ ކްލިނިކްގެ ނަންބަރު 6608309 އަށް ގުޅައި ހޮސްޕިޓަލުން އަންގަވާ ގޮތަކަށް އަމަލުކުރުމަށް ވަނީ އެދިފަ އެވެ.

މިއަދު ޕީއެސްއެމް އަށް ދެއްވި ބަސްދީގަތުމެއްގައި ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ އޭދަފުށީގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކުގެ މީހުންނަށް ވެސް ފްލޫ ކްލިނިކަށް ދެއްކުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ. އެ އިންތިޒާމުތައް ހޮސްޕިޓަލުން ހަމަޖައްސަނީ ރަށްތަކުގައި ގާއިމުކޮށްފައިވާ ރެޕިޑް ރެސްޕޯންސް ޓީމުތަކާ ގުޅިގެންނެވެ.

“އަޅުގަނޑުމެންގެ އެއްވެސް ހެލްތު ސެންޓަރަކަށް އަދި ހޮސްޕިޓަލަށް ވެސް ނާންނާނެ މިހާރު ޑޮކްޓަރަށް ދައްކާކަށް. ފުރަތަމަ ޖެހޭނީ ހޮސްޕިޓަލަށް ނޫނީ ހެލްތު ސެންޓަރަށް ގުޅަން. އަޅުގަނޑުމެން އެ ބަލި މީހާ ކުރިއަށް ގެންދާނެ ގޮތުގެ ކަންކަން ހަމަޖައްސާނަން. މިހާރުވެސް ރެޕިޑް ރެސްޕޯންސް ޓީމުތައް މެދުވެރިކޮށް ހޮސްޕިޓަލަށް މީހުން ދެއްކުމުގެ އިންތިޒާމުތައް ވާނީ ހަމަޖެހިފަ. ރެޕިޑް ރެސްޕޯންސް ޓީމުން ގުޅައިގެން ޑޮކްޓަރުގެ އެޕްރޫވަލްއާ އެއްކޮށް ރަށުގެ ކައުންސިލަށް ލިޔުން ދިޔައީމާ ހޮސްޕިޓަލަށް ދެއްކުމުގެ އިންތިޒާމު ހަމަޖެހޭނެ” މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

މެނޭޖަރު ވިދާޅޫވީ އެއްވެސް ރަށަކުން އަދި ފްލޫ ކްލިނިކްގެ ހިދުމަތް ހޯދާފައި ނުވާކަމަށާއި އެހެންނަމަވެސް އެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓުތައް ހައްދަމުންގެންދާ ކަމަށެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ރާއްޖޭގައި ފެތުރެން ފަށާފައިވާއިރު އޭދަފުށީ ކައުންސިލުން މިރެއިން ފެށިގެން ވަނީ ހަރުކަށި ގަވާއިދުތަކެއް ތަންފީޒުކުރަން ފަށާފައެވެ. މިގޮތުން ހޮޓާ ރެސްޓޯރެންޓްތަކުން ޑެލިވަރީ ނޫން ހިދުމަތްތައް ހުއްޓާލުމާއި ބޯކޮށާ ތަންތަން ވަކި މުއްދަތެއް ނެތްގޮތަށް ބަންދުކުރުމާއި މަގުމަތީގައި މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ.

ރާއްޖޭން މިއަދު އަލަށް ވަނީ 15 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްފެފަ އެވެ. އަދި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 67 އަށް އަރައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.