
ހޮލީވުޑްގެ މަޝްހޫރު ސީރީޒް “ޕައިރެޓްސް އޮފް ދަ ކެރީބިއަން”ގައި އުޅޭ އިނގިރޭސި ވިލާތުގެ ބަތަލާ ނައޯމީ ހެރިސް ވެސް މިހާރު ހުރީ މި އަތޮޅު ސޮނެވާފުށި ރިސޯޓުގައި ކަމަށް ހަވީރުގައި މިއަދު ރިޕޯޓް ކޮށްފިއެވެ.
އުމުރުން 39 އަހަރުގެ ބަތަލާއާ ވަނީ، ސޮނެވާފުށީގައި އާއިލާއާއެކު މިހާރު ޗުއްޓީ ހޭދަކުރަމުން އަންނަ، ހަނދަށް ދިޔަ ކަމަށް ރިޕޯޓް ކުރެވިފައިވާ ދެވަނަ އިންސާނާ، އެމެރިކާގެ އެސްޓްރޮނޯޓް ބަޒް އޯލްޑްރިން އާ އެ ރަށުގެ ބީޗަކުން ދިމާވެފައި ކަމަށް، ހަވީރުގައި ވެއެވެ.
“ޝައުގުން ފުރިފައިވާ އިންސާނުންނާ ދިވެހި ރާއްޖެއިން ދިމާވޭ،” ފޮޓޯ ހިއްސާ ކުރަމުން ބަޒްގެ ފޭސްބުކް ސަފުހާގައި ލިޔެފައިވާ ކަމަށް އެ ނޫހުން ރިޕޯޓް ކުރިއެވެ.
ބަޒް އާއި ނައޯމީގެ އިތުރުން އެމެރިކާގެ އަންހެން މިއުޒިކް ބޭންޑް ޕުސީކެޓް ޑޯލްސްގެ ކުރީގެ ލަވަކިޔުންތެރިޔާ ނިކޯލް ޝާޒިންގާ ވެސް މިހާރު ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ކަމަށާއި، ނަމަވެސް އޭނާ ހުރީ ކޮން ރިސޯޓެއްގައިކަން އިނގިރޭސި ވިލާތުގެ ނޫސްތަކުން ހާމަ ނުކުރާ ކަމަށް ހަވީރުގެ ރިޕޯޓްގައިވެއެވެ.
އޮސްކާ ހަތް އެވޯޑު ލިބުނު ހޮލީވުޑް ފިލްމް “ސްލަމްޑޯގް މިލިއަނަޔަ”އިން އޮސްކާ އެވޯޑު ގެންދިޔަ އިންޑިއާގެ މިއުޒިކް ކޮމްޕޯސަރު އޭ. އާރް. ރަހްމާން އެ ފިލްމަށް ތައްޔާރު ކުރި “ޖައެ ހޯ” ލަވައިގެ އިނގިރޭސި ވާޝަން ކިއި އުމުރުން 37 އަހަރުގެ ޝާޒިންގާ އިންސްޓްގްރާމް ކޮށްފައިވާ ސެލްފީތަކަކާއި ސްވިމިން ޕޫލަކަށް ފުންމާލައިގެން ސަކަރާތް ޖަހާ މަންޒަރު ސޯޝަލް މީޑިއާގައި މިހާރު ވަނީ ވަރަށް މަގުބޫލުވެފައި ކަމަށް ވެސް ހަވީރުގައި ބުނެފައިވެއެވެ.
ބަޒްގެ ފޭސްބުކް އާއި ނިކޯލްގެ ސޯޝަލް ވިއުގާގައި ކޮމެންޓް ކޮށްފައި ހުރި މީހުން ބުނެފައިވަނީ މި ތަރިންގެ ފޮޓޯތަކުން ވެސް “ދިވެހި ރާއްޖެ އަކީ ދުނިޔެ މަތީގެ ސުވަރުގެއެއްކަން މިހާރު ކަށަވަރުވެފައިވާ” ކަމަށާއި “މަރުުވުމުގެ ކުރިން އުމުރުގެ ކޮންމެވެސް ހިސާބެއްގައި ރާއްޖެއަށް ޒިޔާރަތް ކުރާނެކަން ކަށަވަރު” ކަމަށް ހަވީރުގައި ވެއެވެ.
އިންޑިއާގެ ބޮމްބޭގައި އެތައް މިލިއަން ފޭނުން ތިބި ސަނަމް މިއުޒިކް ބޭންޑުން ދާދި ފަހުން ދިވެހި ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު އާއެކު އައްޑޫ ސިޓީގެ ހެރަތެރަ ރިސޯޓްގައި ނަގާފައިވާ “ޔެ ވާދާ ރަހާ”ގެ ކަވަރު ލަވަ ބެލި ގިނަ މީހުން ވެސް ސޯޝަލް މީޑިއާގައި ކޮމެންޓް ކޮށްފައިވަނީ “ދުރު ކުރިމަގަކަށް ވިސްނައިގެން ފައިސާ ފަހަށް ރައްކާ ކޮށްގެން ވެސް ރާއްޖެ ބަލައިލުމަށް އައުމަކީ މިހާރު އެ މީހުންގެ ދިރިއުޅުމުގެ އެންމެ ފޮނި މަގުސަދުތަކުގެ ތެރެއިން އެއްމެ މުހިންމު އެއް މަގުސަދު” ކަމަށް، ހަވީރުގެ ރިޕޯޓްގައި ވެއެވެ.