ބ. އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން ބާއްވާ މަގުމަތީ ބާޒާރު މާދަމާ ހަވީރު ހުޅުވަން ހަމަޖައްސައިފައިވާ ކަމަށް އެ ކޮމެޓީން ބުނެފި އެވެ.
އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ އައިޝަތު ހުސެއިން ވިދާޅުވީ ހުކުރު ދުވަހު ހަވީރު 4:30 އިން ރޭގަނޑު 11:00 ގެ ނިޔަލަށް ބާއްވާ މި ބާޒާރަށް އޭދަފުށީ ވިޔަފާރިވެރިންގެ ފަރާތުންނާއި އާއްމުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
“30 ސްޓޯލާއެކު މާދަމާ ހަވީރު 4:30 ގައި މަގުމަތީ ބާޒާރު ހުޅުވިގެންދާނެ. ބާޒާރު ހިނގަމުންދާ ވަގުތު އެ ސަރަހަދުން ތަފާތު ވައްތަރުގެ ހެދިކާ އާއި ރޭގަޑު ފަރިއްކުޅުމަށް ބޭނުންވާ ތަކެތިވެސް ގަންނަން ލިބެން ހުންނާނެ”
ވިޔަފާރިވެރިންނަށް ނުވިކި ހުރި އެއްޗެތި ހެޔޮ އަގެއްގައި ވިއްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ މި ބާޒާރު އޮންނާނީ އޭދަފުށީ އުތުރު ފަރާތު ސްޓޭޖް ސަރަހައްދުގައެވެ.