
އުތުރު ޕްރޮވިންސްގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއާޒް، އެޕްރޮވިންސްގެ ބައެއް އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއްގައި މިއަދު ބ. އަތޮޅުގެ އުތުރުބިތުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވައިފިއެވެ.
މިއަދު ހެނދުނު އޭދަފުށިން ފެށި މިދަތުރުފުޅުގައި ސްޓޭޓް މިނިސްޓަރ ތިލްމީޒާ ހުސައިން އުތުރުބިތުން ދަތުރުކުރެއްވި ރަށްރަށަކީ އޭދަފުށި، މާޅޮސް، ދަރަވަންދޫ، ދޮންފަން، ކިހާދޫ، ކަމަދޫ އަދި ކުޑަރިކިލުގެ އިތުރުން ކެންދޫއެވެ. ބ. އަތޮޅު އޮފީހުން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ރަށްރަށުގެ ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލުން ހޯއްދެވުމުގެ ގޮތުން މިނިސްޓަރ ކުރައްވާ މިދަތުރުފުޅުގައި ރަށްރަށުގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާ، ރަށްރަށުގެ ސަރުކާރު ދާއިރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވަމުންގެންދަވާފައިވާކަމުގައެވެ.
މިނިސްޓަރގެ މިދަތުރުފުޅުގައި މިރޭ މިއަތޮޅު ތުޅާދޫގައި ރޭކުރެއްވުމަށްފަހު މާދަމާ ހެނދުނު ހިތާދުއަށް ވަޑައިގަންނަވަގޮތަށްވެސް ހަމަޖެހިފައިވެއެވެ. އެކަމަނާގެ ދަތުރުފުޅުގައި ފަޅުތެރެއަށް ވަޑައިގަންނަވާގޮތަށް އަދި ހަމަޖެހިފައިނެތްކަމަށް އަތޮޅު އޮފީހުން ވިދާޅުވެއެވެ.
— ބ. އޭދަފުށިން އަބްދުލްގައްޔޫމް