ސެންޓޭ ޓީސީ އަށް ސޮއިކޮށްފި

ސެންޓޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ – ފޮޓޯ: މޯލްޑިވްސޮކާ / އިސްމާއީލް އައްފާން
ސެންޓޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ – ފޮޓޯ: މޯލްޑިވްސޮކާ / އިސްމާއީލް އައްފާން

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ފާއިތުވި ތިން އަހަރު ކުޅުނު ގައުމީ ޓީމުގެ ފޯވާޑް އޭދަފުއްޓަށަ އުފަން އަލީ ފާސިރު (ސެންޓޭ) ޓީސީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.

ސެންޓޭ ޓީސީ އަށް ސޮއިކުރީ އެއް އަހަރު ދުވަހަށެވެ. ނިއުއާ އެކު މިދިޔަ ތިން އަހަރު ގިނަ ކާމިޔާބީތައް ހޯދުމަށް ފަހު ސެންޓޭ ޓީސީ އަށް ބަދަލުވިއިރު، އޭނާ ހޯދަން ފުރަތަމަ ޑިވިޝަންގެ އިތުރު ކްލަބްތަކުން ވެސް މަސައްކަތްކުރި ކަމަށް ހަވީރު ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ.

ޓީސީގެ ރައީސް އަހުމަދު ނަޝީދު (ޑޭވް) ހަވީރަށް ވިދާޅުވީ ސެންޓޭ އެޓީމަށް ސޮއިކޮށްފައިވާ ކަމަށާއި އަންނަ އަހަރަށް ޓީމު ވަރުގަދަ ކުރުމަށް އިތުރު ކުޅުންތެރިންނަށް ފާރަލަމުން އަންނަ ކަމަށެވެ. އަދި މި އަހަރު އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން އަންނަ ސީޒަނުގައި ވެސް އެޓީމުން ފެންނާނެ ކަމަށް ވިދާޅުވި އެވެ.

ސެންޓޭ އަކީ މި ސީޒަނަށް ފަހު ނިއު ދޫކޮށްލަން ނިންމި ދެ ވަނަ ކުޅުންތެރިއާ އެވެ. އެޓީމުގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ ކްލަބް ދޫކޮށްލަން ނިންމައިފަ އެވެ.

ފުރަތަމަ ޑިވިޝަންގައި ސެންޓޭ އެންމެ ފުރަތަމަ ފެނުނީ 2009 ވަނަ އަހަރު އޯލްޔޫތު ލިންކްއޭޖް (އޭވައިއެލް) އިންނެވެ. އެއަށް ފަހު 2010 ވަނަ އަހަރު އޭނާ ކްލަބް ވެލެންސިއާ އަށް ކުޅުނެވެ. އަދި ޖެހިގެން އައި ސީޒަނުގައި ނިއު އަށް ބަދަލުވި އެވެ. އެހެން ނަމަވެސް 2012 ވަނަ އަހަރު ސެންޓޭ ފެނުނީ ވިކްޓަރީންނެވެ. އޭނާ އަލުން ނިއު އަށް ބަދަލުވީ 2013 ވަނަ އަހަރުގެ ސީޒަނުގަ އެވެ.

މިދިޔަ އަހަރު ސެންޓޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާ ވަނީ މުޅި ސީޒަނުގައި 26 ލަނޑު ޖަހައިފަ އެވެ. މި ސީޒަން ފެށިއިރު ސެންޓޭ ހުރީ އަނިޔާގަ އެވެ. އެހެން ނަމަވެސް އަނިޔާއިން ރަނގަޅުވެ އެނބުރި ޓީމަށް އައިސް މޮޅު ކުޅުމެއް ދެއްކި އެވެ.

މި ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމާއި ޕްރެޒިޑެންޓްސް ކަޕްގެ ދެ ވަނަ ނިއު އިން ހޯދިއިރު ސެންޓޭ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. / ހަވީރު އޮންލައިން

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. The Ventiez

    ޓީސީ އަކީ މުސްތަޤުބަލުގައި ރާއްޖޭގެ އެއްވަނަ ކްލަބް ކަމުގައި ވެގެންދާނެ…. ޓީސީގެ ކޯޗު ނިޒާމްބެ ހަމަ ހަބޭސް….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.