ރިވައިވަލް ސްޕޯޓްސް ކުލަބުން މުޅި ރާއްޖެއަށް ހުޅުވާލައިގެ އޭދަފުށީގައި ބެޑްމިންޓަންގެ ބޮޑު މުބާރާތެއް ބާއްވަން އިއުލާންކޮށްފި އެވެ.
“ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް 2024” ގެ ނަމުގައި މިމަހު 20-24 އަށް އޭދަފުށީ ބެޑްމިންޓަން ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ދާނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ.
އެއީ ޖޫނިއާ އަދި މާސްޓާސް އެވެ. ޖޫނިއާ ބައިގައި ކުރިއަށް ދާނީ އަންޑާ 10, 12, 14, 16 އަދި އަންޑާ 18 ކުޅުންތެރިންގެ އަންހެން އަދި ފިރިހެން ޑަބަލްސް އަދި ސިންގަލްސްގެ މެޗުތަކެވެ.
މާސްޓާސް ޑިވިޝަނުގައި ކުރިއަށް ދާނީ 35 އަދި 45 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން އަންހެން އަދި ފިރިހެން ސިންގަލްސް އަދި ޑަބަލްސްގެ މެޗުތަކެވެ.
މި މުބާރާތުގެ ޗެމްޕިއަން އަދި ރަނައަޕް ޓީމަށް ފައިސާގެ އިނާމު ދިނުމަށް ނިންމާފަ އެވެ. އެގޮތުން އިނާމު ފައިސާގެ ގޮތުގައި 60,000 ރުފިޔާ ދިނުމަށް އެ ކުލަބުން ވަނީ ނިންމާފަ އެވެ.
މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ރަޖިސްތްރީވުމަށް ދީފައިވާ އެންމެ ފަހުގެ މުއްދަތަކީ މި މަހުގެ 9 ވަނަ ދުވަހެވެ.
މިއީ ރިވައިވަލް ސްޕޯޓްސް ކުލަބުން އޭދަފުށީގައި މިއަހަރު ބާއްވާ ތިންވަނަ މުބާރާތެވެ. މީގެ ކުރިން ރިވައިވަލް އިން ވަނީ މި އަހަރު އޭދަފުށީގައި, “އޭދަފުށި އޯޕަން ޖޫނިއާ” ނަމުގައި ޖޫނިއާ އުމުރުފުރާގެ ކުދިންނަށް މުބާރާތެއް ބާއްވާފަ އެވެ. އަދި މިދިޔަ ހަފްތާ އޭދަފުށީގައި “ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕް” ގެ ނަމުގައި ރިސޯޓު މުވައްޒަފުންނަށް އަމާޒުކޮށް ވެސް ފޯރިގަދަ މުބާރާޓެއް ވަނީ ބާއްވައިފަ އެވެ.