ނިޔާމަ ބޯޓުގައި ރޯވުމުން ތިން މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް

ރޭ ދަންވަރު އަލިފާނުގެ ހާދިސާ ހިނގި "ނިޔާމަ" ދޯނީގެ ވެރިޔާ ނައީމް، އެ ދޯނިމަތީގައި މިއަދު ހަރަކާތްތެރިވަނީ.---ފޮޓޯ: އޭދަފުށި ޓައިމް
ރޭ ދަންވަރު އަލިފާނުގެ ހާދިސާ ހިނގި “ނިޔާމަ” ދޯނީގެ ވެރިޔާ ނައީމް، އެ ދޯނިމަތީގައި މިއަދު ހަރަކާތްތެރިވަނީ.—ފޮޓޯ: ރާއިފް ޔޫސުފް

ބ. އަތޮޅާއި މާލެއާ ދެމެދު ދަތުރުކުރާ “ނިޔާމަ” ބޯޓުގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ތިން މިލިއަން ރުފިޔާ އަށް އަރާނެ ކަމަށާއި މިއީ މުޅި ރަށަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް އެ ބޯޓުގެ ވެރިޔާ މުހައްމަދު ނައީމް މިއަދު ބުނެފި އެވެ.

އޭދަފުއްޓަށް ނިސްބަތްވާ އެ ބޯޓުގައި ރޭ ދަންވަރު 2:30 ވާން އުޅެނިކޮށް ރޯވީ ތުޅާދޫ ބަނދަރުގައި އޮއްވަ އެވެ. ބޯޓުގައި ރޯވެ އެއްކޮށް އަނދައި ހުލިވެފައިވާއިރު ނައީމް ތުހުމަތު ކުރާ ގޮތުގައި ބޯޓުގައި ބަޔަކު ރޯކޮށްލީ އެވެ.

ނައީމު ބުނިގޮތުގައި ދެން އެ ބޯޓު ބޭނުން ކުރެވޭނީ ވަރަށް ބޮޑު މަރާމާތަކަށް ފަހު އެވެ.

ބޯޓުގައި ރޯވިއިރު އޭގައި ބަންގްލަދޭޝްގެ ފަސް މީހަކު ތިއްބެވެ. އެކަމަކު އެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުވެ ވަނީ ސަލާމަތްވެފަ އެވެ.

ބޯޓުގައި ތިބި ބިދޭސީންނާ ހަވާލާދީ ނައީމް ބުނި ގޮތުގައި ފުރަތަމަ ރޯވީ، އޭގެ މަތީބައިގައި ހުންނަ ގެ ގަނޑުގަ އެވެ.

އޭދަފުށި "ނިޔާމަ" ބޯޓުގައި ރޭ ދަންވަރު އަނދައި ހުލިވެފައި.---ފޮޓޯ: ކިޔުންތެރިއެއް
އޭދަފުށި “ނިޔާމަ” ބޯޓުގައި ރޭ ދަންވަރު އަނދައި ހުލިވެފައި.—ފޮޓޯ: ކިޔުންތެރިއެއް

“ބޭރު މީހުން ބުނަނީ އެ މީހުން ބޯޓުގައި ތިރީގައި ތިއްބާ ކުއްލިއަކަށް އިވުނު އަޑަކާ އެކުއޭ އަލިފާންގަނޑު ރޯވީ. އެމީހުން މައްޗަށް ދިޔައިރު ހުރީ އަލިފާންގަނޑު ހިފާފައި ކަމަށް ބުނަނީ،” ބަންގްލަދޭޝްގެ މީހުންނާ ހަވާލާދީ ނައީމް 59، ބުންޏެވެ.

“މި ބޯޓުގެ އިންޖީނުގެ އަގަށް އެކަނި ބެލިޔަސް ބައި މިލިއަން ރުފިޔާ އަށް އަރާނެ އާ އިންޖީނެއް ބޯޓުގައި އެޅިތާ އަދި ވާނީ އަހަރެއެ. މުޅި ޖުމްލަ ގެއްލުމަށް ބަލާއިރު ތިން މިލިއަނަށް އަރާނެ. ރޯވިއިރު ބޯޓުގައި އެއްވެސް މުދަލެއް ނެތްކަން އެއީ ހަމަ ނަސީބު،”

“ނިޔާމަ” ބޯޓު ތުޅާދު އަށް ދިޔައީ މުދާ ބޭލުމަށެވެ. މުދާ ހުސްކުރުމަށް ފަހު ނައީމް ރާވާފައި އޮތީ މާދަމާ އޭދަފުއްޓަށް އައިސް މާލެ ފުރާށެވެ.

ރޭ ދަންވަރު އަލިފާން ރޯވި "ނިޔާމަ" ބޯޓު އޭދަފުށި ބަނދަރަށް ވައްދާފައި—ފޮޓޯ / ރާއިފް ޔޫސުފް
ރޭ ދަންވަރު އަލިފާން ރޯވި “ނިޔާމަ” ބޯޓު އޭދަފުށި ބަނދަރަށް ވައްދާފައި—ފޮޓޯ / ރާއިފް ޔޫސުފް

ދުއްވާތާ ހަތް އަހަރު ވެފައިވާ 80 ފޫޓުގެ މި ބޯޓުގައި ރޯވުމަކީ ހަމައެކަނި ނައީމަށް ވީ ގެއްލުމެއް ނޫނެވެ.

މުދާ އުފުލާ އެހެން އުޅަނދެއް އޭދަފުށީގައި ނެތުމަކީ ވެސް މުޅި ރަށަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ނައީމް ވިދާޅުވި އެވެ.

“ދެން އޭދަފުއްޓަށް މުދާ އުފުލާނެ އެހެން ގޮތެއް މިވަގުތަކު ނެތް. މިއީ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ވެސް ވި ބޮޑު ގެއްލުމެއް،”

“ނިޔާމަ” ބޯޓު ދަތުރުކުރަނީ އޭދަފުއްޓާއި ތުޅާދޫ، ހިތާދޫ އަދި މާލެއާ ދެމެދުގަ އެވެ.

ބޯޓު މިހާރު ވަނީ އޭދަފުއްޓަށް ގެނަސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Pingback: Niyaama cargo vessel burning a great loss to Eydhafushi economy | Eydhafushi Times

  2. ހުސަައިން

    ނައީމު ތުޅާދޫގަ ހުރެފަަ ބުނީ މީހަކު ކުރިކަމަކާ ވައްތަރެއްނޫނޭ، އޭދަފުއްޓަށް ގޮއްސަ ވާހަކަ ބަދަލުވީ، ހެހެހެހެހެ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.