އަތޮޅުތަކުގެ ޚަބަރުތައް ގެނެސްދިނުމަށް ޕީއެސްއެމުން ހާއްސަ މަޝްރޫއެއް

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް / ފޮޓޯ: ޕީއެސްއެމް ފައިލް
ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް / ފޮޓޯ: ޕީއެސްއެމް ފައިލް

އަތޮޅުތަކުގައި ހިނގާ ރައްޔިތުންނާ ގުޅުންހުރި ކަންމުގެ ޚަބަރާއި މައުލޫމާތު ގެނެސްދެވޭނެ އިންތިޒާމު ހަރުދަނާކުރުމަށްޓަކައި ޚާއްސަ މަޝްރޫއެއް އެކުލަވާލުމުގެ މަސައްކަތް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމު) އިން ފަށައިފިއެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޚަލީލް ވިދާޅުވި ގޮތުގައި، މިފަދަ މަސައްކަތެއް ފަށަން ޖެހުނީ، އަތޮޅުތަކުގައި ހިންގާ ކަންތައްތައް އެތަންތާނގައި ބަޔަކު ބައިތިއްބައިގެން ގެނެސްދިނުމާއި އެ ތަންތާނގައި މީހުންނެތި މިކަން ކުރުމުގައި، ކަމުގެ މަޤްޞަދު ޙާޞިލްވުމުގެ މިންވަރުގައި ހުރި ތަފާތުގެ ބޮޑުކަމުންނެވެ.

އިބްރާހީމް ޚަލީލް ވިދާޅުވީ މީޑިއާ ޕްރޮޑަކްޝަން ސެންޓަރުންތައް ހުއްޓާލުމާއި އަތޮޅުތަކުގެ ޚަބަރު ކަވަރަކުރާނެ މީހުން އަތޮޅުތަކުގައި ނެތުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.

ބްރޯޑްކާސްޓިން ދާއިރާގައި 50 އަށް ވުރެ ގިނަ އަހަރުގެ ދިގު ތާރީހެއް އޮތް ދިވެހިރާއްޖޭގެ އަޑުގެ ހިދުމަތްތައް މީގެ ކުރިން ބައެއް ރަށްރަށުގައި ވަރަށް ފުޅާކޮށް ދެމުން އައެވެ. ހާއްސަކޮށް ބޮޑެތި އަތޮޅުތަކުގައި އަޑުގެ މީޑީއާ ސެންޓަރުތައް ގާއިމުކޮށް، އެތަންތަން މެދުވެރިކޮށް ރަށްރަށުގެ އަޑު ވަރަށް ބޮޑަށް މީގެ ކުރިން ގެންދިޔައީ އިއްވަމުންނެވެ. އެ މަސައްކަތުގައި އިސް ރޯލެއް އަދާ ކުރި އެއް ތަނަކަށް ހަމަގައިމު ވެސް އޭދަފުށީގައި ގާއިމުކޮށްފައި ހުރި އަޑުގެ މިޑީއާ ސެންޓަރު ވެސް ވާނެ އެވެ.

ބ. އަތޮޅުގެ ތާރީހާއި ސަގާފަތާއި އާދަކާދަ އަދި ފާހަގޮށްލެވޭ މުހިއްމު ޝަހުސިއްޔަތުންނާ ބެހޭ ވަރަށް ގިނަ ޕްރޮގްރާމްތައް އޭދަފުށީގެ މީޑީއާ ސެންޓަރުން މުޅި ރާއްޖެ އަށް އިއްވަމުން ދިޔަ އެވެ. ރާއްޖޭގެ އެހެން ހިސާބުތަކުގެ މީޑިއާ ސެންޓަރުތަކުން ވެސް ހަމަ
ވަރަށް ފުޅާކޮށް، އެ މަސައްކަތް ކުރަމުން ދިޔަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަރަދު ކުޑަކުރުމުގެ ގޮތުން އެންމެ ފުރަތަމަ ވެސް އެއް ހަމަލާ އައީ ރަށްރަށުގައި ހުރި މީޑިއާ ސެންޓަރުތަކަށެވެ. އެއީ 2010 ވަނަ އަހަރުގެ ތެރޭގަ އެވެ. ރަށްރަށުގައި ހުރި ހުރިހާ މީޑިއާ ސެންޓަރުތައް ވަނީ އެ ސަރުކާރުން އުވާލި އެވެ. މީޑިއާ ސެންޓަރުތަކުގައި “ތަޅު އެޅުވުމުން” ތަންތަނުގައި މަސައްކަތް ކުރަމުން ދިޔަ އެތައް މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލިގެން ދިޔަ އެވެ.

އޭދަފުށީ މީޑިއާ ސެންޓަރު-- އީޓީ ފޮޓޯ / ރާއިފް ޔުސުފް
އޭދަފުށީ މީޑިއާ ސެންޓަރު– އީޓީ ފޮޓޯ / ރާއިފް ޔުސުފް

މީޑީއާ ސެންޓަރުތައް އުވައިލުމާ އެކު، އެތަންތަން ވީރާވަމުން ދިޔަ އެވެ. ބޮޑެތި ހަރަދުތަކެއްކޮށްގެން ގާއިމުކޮށްފައި ހުރި ވަސީލަތްތަކުގެ ތެރެއިން ގިނަ ތަކެތި ވަނީ އަނބުރާ މާލެ ގެންގޮސްފަ އެވެ. ހަމަ މިއާ އެކު ބައެއް މިޑީއާ ސެންޓަރުތަކުގައި ހުރި ބައެއް މުދަލަށް ވަނީ “ވީނުވީއެއް ނޭނގި” އެވެ. ބަރާބަރަށް ހިނގަމުން ދިޔަ އެ ތަން ދަނީ ވީރާނާވެ، ވީރާނާވާން ވެސް ދޫކޮށްލައިފަ އެވެ.

މިވަގުތު އަތޮޅުތަކުގައި ހިންގާ ތަރައްޤީގެ ޙަރަކާތްތަކާއި އިޖްތިމާޢީ ތަރައްޤީގެ މަސައްކަތްތަކާއި ރަށްރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތައް، ޕީއެސްއެމުން ގެނެސްދެމުން ގެންދަނީ، އެކަމެއް ހިނގާ ތަނަކަށް އެވަގުތަކު މުވައްޒަފުން ފޮނުވެން އޮތް ޙާލަތެއްގައި ފޮނުވައިގެންނެވެ. ނަމަވެސް މިއީ ތަޖުރިބާއާއި ނަތީޖާއަށް ބަލާއިރު މިކަން ކުރަން އެންމެ ރަނގަޅު ގޮތްކަމަކަށް ޕީއެސްއެމުން ގަބޫލެއް ނުކުރެ އެވެ.

އެހެންވެ ޕީއެސްއެމް މީޑިއާއިން އަތޮޅުތަކުގެ ޚަބަރާއި ޕްރޮގްރާމްތައް ގެނެސްދިނުން ދެ ގޮތަކަށް ކުރިޔަށް ގެންދިއުމުގެ ވިސްނުން ގެންގުޅެއެވެ.

“އެއްގޮތަކީ އަތޮޅުތަކުގައި މީޑިއާ ޕްރޮޑަކްޝަން ސެންޓަރުތައް އަލުން ހިންގަން ފަށައި، އެ ސެންޓަރުތައް މެދުވެރިކޮށް އަތޮޅުތަކުގެ ކަންކަން ގެނެސްދިނުމެވެ. އަނެއް ގޮތަކީ ޢާންމު ފަރާތްތަކަށް، ޚާއްޞަކޮށް ޒުވާނުންނަށް ޚަބަރާއި މަޢުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ތަމްރީންދީ، އެ ފަރާތްތަކާ ކޮންޓްރެކްޓް ހަދައި އައުޓްސޯސްކުރުމުގެ އުޞޫލުން ކޮންޓެންޓް އުފެއްދުމެވެ.”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.