
ބ. އޭދަފުށީ ހިއްކި ސަރަހައްދު ވަށައިގެން ބޮޑު ހިލަ ޖަހައި ހިމާޔަތް ކުރުމަށް ސަރުކާރުން ހިންގާ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މާދަމާ އޭދަފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިނިސްޓަރުގެ އަރިހުގައި މި ދަތުރުފުޅުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ހއ. ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުވެސް ބައިވެރިވަޑައިގަންނަވާނެކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މިނިސްޓަރު އަދި މެންބަރު ސަލީމް ރިވެޓްމަންޓް ޖަހާގޮތުގެ މަސައްކަތް ބައްލަވާލެއްވުމަށް މި ވަޑައިގަންނަވަނީ ރިވެޓްމެންޓް ޖަހަމުންދާގޮތާމެދު އޭދަފުށީ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީ ހޯގާޑުން ބުނީ، އޭދަފުށީ ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ޖަހަމުންދަނީ ހައުސިން މިނިސްޓްރީން އެޕްރޫވްކޮށްފައިވާ ކުރެހުމާއި އަދި މިންގަނޑުތަކާވެސް އެއްގޮތަށް ކަމަށެވެ.
ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން މިކަން ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން އެ މިނިސްޓްރީގެ އިންޖިނޭރުންގެ ޓީމަކުން މަސައްކަތް ހިނގާގޮތް ބެއްލެވުމަށްފަހު ހިލަޖެހުމުގައި މައްސަލަތައް ހުރިކަން ފާހަގަކޮށްފައިވާ ކަމަށް ރަށު ކައުންސިލުންވަނީ ބުނެފަ އެވެ.
އޭދަފުށީ ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ހިންގާ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީ ހޯގާޑާއި ހަވާލުކޮށްފައިވަނީ 22.8 މިލިޔަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ ދަށުން ރަށުގެ އިރު ދެކުނުން ހުޅަނގަށް 1300 މީޓަރުގައި ބޮޑުހިލަ ޖަހަންޖެހެ އެވެ. މި މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފަ އެވެ.