ދުވާފަރު – އޭދަފުށި މެޗު ޗެނަލް 13 އިން ލައިވް ކުރާނެ

އޭދަފުއްޓާ ދުވާފަރު ބައްދަލުކުރި މެޗުގެ ތެރެއިން
އޭދަފުއްޓާ ދުވާފަރު ބައްދަލުކުރި މެޗުގެ ތެރެއިން

މިނިވަން ފަންސާސް ޗެމްޕިއަންޝިޕް ޒޯން 3 ގައި ހިމެނޭ ދުވާފަރާއި އޭދަފުށި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ދެވަނަ މެޗު ޗެނަލް 13 އިން ލައިވް ކުރާގޮތަށް ހަމަޖައްސައިފި އެވެ.

މާދަމާ ހަވީރު މާފަންނު ޓާފްގައި ކުޅޭ މި މެޗު ލައިވް ކުރަނީ ގިނަ ބައެއްގެ އެދުމުގެ މަތިން އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ހެޔޮއެދުންތަކާ އެކު އެވެ.

މީގެ ކުރިން ތިންފަހަރެއްގެ މަތީން ފަސްކުރި މިމެޗު މާލޭގައި ކުޅޭގޮތަށް ހަމަޖެއްސީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އޭދަފުއްޓާއި ދުވާފަރު ބައްދަލުކުރި މެޗު ނިމުމުން ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ. އެ މެޗު ނިމުމުން ދުވާފަރު ޓީމުގެ ބައެއް ކުޅުންތެރިންނާއި ފުލުހުންނާއި ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. އަދި މެޗު ނިމުމުން ދުވާފަރު ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރާފައެވެ.

ހަމަނުޖެހުންތަކާއި ގުޅިގެން އެފް. އޭ. އެމް ގެ ޑިސިޕްލިނަރީ ކޮމިޓީއިން އެ މައްސަލަ ބެލުމަށްފަހު ދުވާފަރު ޓީމުގެ ދެކުޅުންތެރިއަކު ވަނީ ސަސްޕެންޑް ކޮށްފައެވެ. ސަސްޕެންޑް ކުރީ އެޓީމުގެ ޖޯޒީ ނަންބަރު 10 ޙަސަން ސުޖާޢު އާއި ޖޯޒީ ނަންބަރު 20 މުރުތާޒު މުޙައްމަދެވެ. ސުޖާޢު 7 މެޗަށް ސަސްޕެންޑް ކޮށްފައިވާއިރު މުރުތާޒު ސަސްޕެންޑް ކުރީ 6 މެޗަށެވެ. މި ދެކުޅުންތެރިންވެސް ސަސްޕެންޑް ކުރީ މެޗު ނިމުމުން ހިނގާދިޔަ ހަމަނުޖެހުންތަކުގައި ފުލުހުންނަށް ހަމަލާދިނުމުންނެވެ. އެ ނިންމުމުގައި ބުނެފައިވަނީ، އެ މެޗުގައި ދުވާފަރު ޓީމް އަދި ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔަ ޢަމަލާއި ގުޅިގެން ޓީމުތަކުގެ ސަލާމަތަށްޓަކައި، ރައުންޑް 2 ގައި ދުވާފަރުގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް ކުޅޭނީ “ނިއުޓްރަލް” ދަނޑެއްގައިކަމަށެވެ. އެހެންކަމުން އެފް. އޭ. އެމް އިން ވަނީ މީގެ ކުރިން މި މެޗުވަނީ ހިންނަވަރަށްވެސް ބަދަލުކޮށްފައެވެ. ނަމަވެސް އެފަހަރު މެޗު ކެންސަލް ވީ ދުވާފަރު ޓީމުން އެފް. އޭ. އެމް ގެ ނިންމުން އެޕީލް ކޮމިޓީއަށް ހުށަހެޅުމުންނެވެ.

ބުރާސްފަތި ދުވަހުގެ މެޗަށް ނިކުންނައިރު 7 ޕޮއިންޓާއި އެކު ތާވަލުގެ ކުރީގައި އޮތީ އޭދަފުއްޓެވެ. 3 ޕޮއިންޓާއިއެކު ދުވާފަރަށް ދެވަނަ ލިބޭއިރު ހިންނަވަރަށް ތިންވަނަ ލިބެނީ 1 ޕޮއިންޓާ އެކުއެވެ. ދުވާފަރަށް ބާކީ ދެމެޗު އޮތް އިރު ބުރާސްފަތި ދުވަހުގެ މެޗު އެއްވަރުކޮށްލިޔަސް ޒޯން ޗެމްޕިއަންކަން އޭދަފުއްޓަށް ލިބޭނެއެވެ. ދެކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑް ވެފައިވާ ޢަބްދުލް މަޖީދު އިބްރާހީމް ނޫން ހުރިހާ ކުޅުންތެރިންވެސް މެޗަށް ފިޓުކަމަށް އޭދަފުށީ ޓީމުން ބުނެއެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ މެޗު 2-0 އިން ކާމިޔާބު ކުރީ އޭދަފުއްޓެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.