14 އަހަރުން ދަށުގެ ޓެނިސް ޓީމުގެ މެއިން ޕާޓްނަރަކަށް ދިރާގު

IMG_4923

މިމަހުގެ 17 އިން 30 ވަނަދުވަހުގެ ނިޔަލަށް ތައިލެންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޓެނިސް ފެޑަރޭޝަން (އައިޓީއެފް) އޭޝިޔާ އަންޑަ-14 ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕްގެ ޑިވިޝަން 2 ގައި، ދިވެހިރާއްޖެ ތަމްސީލުކުރާ 14 އަހަރުން ދަށުގެ ޓީމުގެ މެއިން ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
މިއީ ދިވެހިރާއްޖޭގައި ޓެނިސް ކުރިއަރުވާ އާލާކުރުމުގެ ގޮތުން، ހުނަރުވެރި ކުޅުންތެރިން ތަމްރީން ކުރުމަށްޓަކައި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދިވެހިރާއްޖޭގެ 3 އަންހެން ކުޅުންތެރިންނާއި 3 ފިރިހެން ކުޅުންތެރިޔަކަށް ލިބިފައިވާ ފުރުސަތެކެވެ.
އެގޮތުން މި ކޭމްޕުގައި، އެއް ދުވަހުގެ ޓްރެއިނިންގ ކޭމްޕެއްގެ އިތުރުން 5 ދުވަހުގެ ދެ މުބާރާތެއްގައި މި ކުދިން ވާދަކުރާނެ އެވެ.

 

މި ކޭމްޕްގައި ބަންގްލަދޭޝް، ކެމްބޯޑިޔާ، ސިންގަޕޯރ، ދެކުނު ކޮރެއާ، ތުރުކްމެނިސްތާން ފަދަ ޤައުމުތައް ހިމެނޭ ގޮތަށް 16 ޤައުމެއް ބައިވެރިވާނެ އެވެ.
މި މުބާރާތަކީ، ހުނަރުވެރި ކުޅުންތެރިން ދުނިޔޭގައި އުފެއްދުމުގެ މަޤްސަދުގައި ޤާއިމްކުރެވިފައިވާ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ ގްރޭންޑް ސްލޭމް ޑިވެލޮޕްމަންޓް ފަންޑުން ސަޕޯރޓްކުރާ އިވެންޓެކެވެ. އަދި މިފަދަ މުބާރާތްތަކުގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ސާބިތުކަމާއިއެކު ވާދަކުރުމުގެ ތަމްރީނާ ހުނަރު ލިބިގެންދާނެ އެވެ.

 

ދިރާގަކީ ޒުވާނުން ތަރައްޤީކޮށް ކުޅިވަރުތައް ދިރުވައި އާލާކުރުމަށް އެސޯސިއޭޝަންތަކަށް އެއްބާރުލުން ދިނުމަށް ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއްދޭ ކުންފުންޏަކަށްވާއިރު، މިއީވެސް އެފަދަ ވިސްނުމެއްގެ ތެރެއިން ވެވުނު އެއްބަސްވުމެއް ކަމަށް ދިރާގުން ބުނެ އެވެ.
އެގޮތުން މި އެއްބަސްވުމާއި ބެހޭގޮތުން ދިރާގުގެ މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހަންމަދު މިރުޝާން ހަސަން ވިދާޅުވީ، ކުޅިވަރުތައް އިތުރަށް ތަރައްޤީކޮށް އެފަދަ ކަންކަމުގައި ޒުވާނުންނަށް ހުރި ފުރުސަތުތައް ތަނަވަސް ކޮށްދިނުމަކީ ދިރާގުގެ ވަރަށް މުހިންމު އެއް އަމާޒު ކަމަށެވެ.

“އެގޮތުން މި އެއްބަސްވުމަކީވެސް ޓެނިސް ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ދިރާގުން ވާ ބައިވެރިވުމެއް. އަދި ދިރާގުގެ އުންމީދަކީ މިފަދަ ކޭމްޕްތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ޓެނިހުގެ ކުރިމަގު ރާއްޖޭގައި އުޖާލާވެގެންދިޔުން،” މިރުޝާން ވިދާޅުވި އެވެ.

 

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އުންމީދު ކުރަނީ މި ކޭމްޕަކީ، ކޭމްޕްގެ ބައިވެރިންނަށް ވާދަވެރި މާހައުލެއްގައި އަގުހުރި ތަޖުރިބާ ތަކެއްލިބި، އިތުރު ކުރިއެރުންތަކެއް އެކުދިންނަށް ލިއްބައިދޭނެ މުބާރާތެއް ކަމުގައި ވެގެން ދިޔުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.