800 އަށް ވުރެ ގިނަ ކުދިންނާއެކު ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް އެސެމްބްލީގައި: އާ އަހަރުގެ ކިޔެވުން މިއަދު ވަނީ ފަށާފައި
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް އެސެމްބްލީގައި: އާ އަހަރުގެ ކިޔެވުން މިއަދު ވަނީ ފަށާފައި

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި 800 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު މިއަދު ދިރާސީ އާ އަހަރުގެ ކިޔަވަން ފަށައިފި އެވެ.

މި އަހަރު ތައުލީމީ މަރުކަޒުގައި ކިޔެވުން ފެށިފައި މިވަނީ ޕްރަމަރީ ދެ ގްރޭޑް ކަމަށްވާ އެލްކޭޖީ އަދި ޔޫކޭޖީއާއި ވެސް އެކުއެވެ. އެ ސްކޫލުން ބުނިގޮތުގައި މިއަހަރު އަލަށް ގުޅުނު 135 ދަރިވަރުންނާއެކު ޖުމުލަ 816 ދަރިވަރުން އެ ސްކޫލުގައި ކިޔަވަމުން ގެންދާނެ އެވެ.

އަހަރުގެ ކިޔެވުން ފެށުނު އިރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެކްޓިވިޓީ ޔުނީފޯމަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ކުރިން ބޭނުންކުރި އެކްޓިވިޓީ ޔުނިފޯމާއެކު މިއަހަރުވަނީ ޓެރެކް ޝޫޓް ތައާރަފުކޮށްފަ އެވެ. ނަމަވެސް ކުރީގެ އެކްޓިވިޓީ ޔުނިފޯމުވެސް ބޭނުންކުރެވޭނެ ކަމަށް އެ ސްކޫލުން ބުންޏެވެ.

ތައުލީމީ މަރުކަޒުގައި މިއަދު ބޭއްވި އެސެމްބްލީގައި ވާހަކަ ދައްކަވަމުން އެ ސްކޫލުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވީ މިއަހަރަކީ ވަރަށް ކާމިޔާބު އަހަރެއް ކަމުގައި ހެދުމަށްޓަކައި ހުރިހާ ދަރިވަރުންވެސް ކަންތައްތަކާ ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން މިއަހަަރު އެ ސްކޫލުގައި މިހާރު އެންމެ ތުއްތު ކުދިން ފެށިގެން ގްރޭޑް 12 އާ ހަމައަށް ދަރިވަރުން އުޅޭއިރު ތަފާތު އެކިއެކި ކަންތައްތަކާ ދިމާވާނެ ކަމަށާއި އެކުދިންނަށް އޯގާތެރިކަމާ ހިތްހެޔޮ ކަމާއެކު މުއާމަލާތް ކުރުމަށް ޕްރިންސިޕަލް ނަސޭހަތްތެރިވި އެވެ.

ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި
ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި

“ވަރަށް އޯގާތެރި މާހައުލެއް ތިޔަކުދިން މިތަނުގައި އުފައްދައިދޭން ވާނެ. ޓީޗަރުންވެސް މިއަހަރު ކުދިންގެ އަހުލާގު ރަނގަޅުކުރުމަށް ތަފާތު ގޮތްތަކެއް ވިސްނަވާފަ މަސައްކަތްކޮށްދެއްވާ ސްކޫލުގެ މާހައުލު އެކުވެރިކަމާއި އެއްބައިވަންތަކަމާއި ހަމަޖެހުމާއި އެކަންކަމަށް ވިސްނުމަށްފަހު ކުރިއަށް ގެންދިއުމަށް ދަންނަަވަން،”

ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން މިނިސްޓަރު ދެއްވި ހިތޯބުގައި ވިދާޅުވީ މިއަހަރު ތައުލީމީ ދާއިރާ އަށް ހެޔޮ ބަދަލުތަކެއް ގެނެސް، ދަރިވަރުންނަށް އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދޭނެ ކަމަށެވެ. އަދި ޒަމާނީ ހެޔޮ ބަދަލުތަކާ ދިމާލަށް ތައުލީމީ ދާއިރާ މިސްރާބު ޖަހާފައިވާ ކަމަށާއި އިލްމީ، މަސައްކަތްތެރި ދަރިވަރުން ބިނާ ކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކޮށް ތަރައްގީކޮށްފައިވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

baec-kids

މިނިސްޓަރުގެ ވާހަކައިގައި، ނަތީޖާ ހާސިލް ކުރުމަށް މަސައްކަތް ކުރުމަށާއި އެކަކު އަނެކަކަށް މަދަދުވެރިވެ، އެކުވެރިކަމުގެ ސިފަތައް ކުރިއަށް ނެރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެލެއްވި އެވެ. އަދި މި ފުރުސަތަކީ ތަކުރާރު ކުރެވެން ނެތް ފުރުސަތެއް ކަން ގަބޫލުކޮށް، ދިރިއުޅުން ބާއްޖަވެރި ކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި މިއަދު ކިޔެވުން ފެށިއިރު ތައުލީމީ ދާއިރާ އަށް އައި އެންމެ ބޮޑު އެއް ބަދަލަކީ އާ މުގައްރަރުގެ ކީ ދޭއްގެ ކިޔެވުން ގްރޭޑް 4-6 އާ ދެމެދު ކިޔަވައިދޭން ފެށުމެވެ. މިދިޔަ އަހަރުން ފެށިގެން ހުރިހާ ސްކޫލުތަކެއްގައި ވެސް ގްރޭޑް 1-3 އަށް އަމަލުކުރަމުން އަންނަނީ މުޅިން އަލަށް ތައާރަފް ކުރި މަންހަޖުގެ ދަށުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.