
ބ. އަތޮޅު ފެމިލީ އެންޑް ޗިލްރަން ސާވިސް ސެންޓަރު ހުޅުވިތާ މިއަދަށް އަހަރެއްވީއިރު އެ ތަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައްކަމަށް އެ ސެންޓަރުން ބުރާސްފަތި ދުވަހު ބުނެފިއެވެ.
އެ ސެންޓަރަށް އެއްއަހަރު ފުރުމާ ގުޅިގެން ބުރާސްފަތިދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައި އެސެންޓަރު ހިންގެވުމާ ހަވާލުވެހުންނެވި ސޯޝަލް ސާވިސް އޮފިސަރ އަބްދުﷲ އަޝްރަފް ވިދާޅުވީ، މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މިއަހަރުގެ މިހާތަނަށް 42 މައްސަލަ ހުށަހެޅިފައިވާއިރު އޭގެ ތެރެއިން 30 މައްސަލައަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ކަމަށެވެ.
ވޭތުވެދިޔަ އަހަރު ދުވަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކުއްޖާގެ އުޅުމާއި ގުޅުންހުރި 9 މައްސަލައެއް ހުށަހަޅާފައިވާއިރު އަނިޔާތަކުގެ 15 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ކުދިންނަށް ޚަރަދު ނުދިނުމުގެ 2 މައްސަލައަކާއި ގާނޫނާ ގަވައިދާ ޚިލާފުވެގެން ހުށަހެޅުނު 2 މައްސަލައިގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާގުޅޭ 2 މައްސަލައެއްވެސް ހުށަހަޅާފައިވާކަމަށް އެ ސެންޓަރުން ބުންޏެވެ.
ކުޑަކުދިންނާގުޅޭ މައްސަލަތަކުގެ އިތުރުން ބޮޑެތިމީހުންނާ ގުޅުންހުރި 12 މައްސަލައެއްވެސް ހުށަހަޅާފައިވާކަމަށް އެ ސެންޓަރުން ބުންޏެވެ. އެގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ދެމަފިރިންގެ ދެމެދު އުފެދޭ ހަމަނުޖެމުހުމުގެ މައްސަލަތަކާއި، އަންހެނުންނަށްކުރާ އަނިޔާތަކުގެ މައްސަލައިގެ އިތުރުން ބެލެހެއްޓުމާއި އާއިލާގެ އެހެން މެންބަރުންނާ ޖެހޭ މައްސަލަތައް ހިމެނެއެވެ.
އެސެންޓަރުން ބުނީ އަހަރުދުވަހުގެތެރޭ ޖުމުލަ 42 މައްސަލަ ހުށަހެޅިފައިވާއިރު މިއަހަރު މިހާތަނަށް 29 މައްސަލައެއް ނިމިފައިވާ ކަމަށެވެ.
މިއީ އޭދަފުށީގެ ސަރުކާރު އޮފީހެއްގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިހާތަނަށް ބޭއްވި މިފަދަ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުގައި ދިވެހިރާއްޖޭގެއަޑު، ޓެލެވިޒަން މޯލްޑިވްސް، އޭދަފުށީ މީޑިޔާ ސެންޓަރު، ހަވީރުނޫހުގެ އިތުރުން އޭދަފުށީ ޓައިމްސް (އީޓީ)ގެ ފަރާތުން ނޫސްވެރިން ބައިވެރިވި އެވެ.
— އަހުމަދު ނާސިރު