ބީއެމްއެލް އޭދަފުށީ ބްރާންޗުގެ މުވައްޒަފުން ފުޓްބޯޅަ ޓީމަށް ފަރިއްކޮޅެއް ދީފި

V

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ބުރުގެ ސެމީ ފައިނަލުން ޖާގަ ހޯދި އޭދަފުށީ ފުޓްބޯޅަ ޓީމަށް ބޭންކް އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗުގެ މުވައްޒަފުންގެ ފަރާތުން ރޭ ފަރިއްކޮޅެއް ދެއްވައިފި އެވެ.

އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ބޭއްވި ފަރިއްކޮޅުގައި، އޭދަފުށީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ބީއެމްއެލް އޭދަފުށީ ބްރާންޗުގެ މުވައްޒަފުން ބައިވެރިވެފައިވެ އެވެ.

ބީއެމްއެލް އޭދަފުށީ ބްރާންޗުން ބުނި ގޮތުގައި ޓީމުގެ ޝަރަފުގައި ރޭ ބޭއްވި ފަރިއްކަޅަކީ އޭދަފުށީ ފުޓްބޯޅަ ޓީމުން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދިން ފަރިއްކޮޅެކެވެ.

އޭދަފުށީ ޓީމަށް މީގެ ކުރިން އަތޮޅު ކައުންސިލުންނާއި ދާއިރާގެ މެންބަރު އަހްމަދު ސަލީމުވެސް ވަނީ ފަރިއްކޮޅެއް ދެއްވައިފަ އެވެ.

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ބުރުގެ ސެމީ ފައިނަލުން އޭދަފުށި ޖާގަ ހޯދީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ކުޅޭނީ އޭދަފުއްޓާއި ފަރެސްމާތޮޑާ ޓީމެވެ. ދެވަނަ ސެމީގައި ފޭދޫ ޓީމާއި ބައްދަލުކުރާނީ ފޯކައިދޫއެވެ. ތިންވަނަ ހޮވާ މެޗު މިމަހުގެ 25 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު ފައިނަލް މެޗު ކުޅޭނީ 26 ވަނަ ދުވަހުއެވެ. މި ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ސްޓޭޑިއަމްގަ އެވެ. މި މެޗުތައް ޕަބްލިކް ސާވިސް މީޑިޔާގެ ޓީވީއެމް އިން ވަގުތުން ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އެފް.އޭ.އެމް އިން ކުރިއަށް ގެންދާ މުބާރާތެެކެވެ. މި މުބާރާތުގެ ދެ ބުރު މިހާރު ވަނީ ނިމިފައެވެ. ތިންވަނަ ބުރު ނިމޭއިރު ޗެމްޕިއަންކަން ހޯދާ ޓީމަކަށް މި އަހަރުގެ ޤައުމީ ފުޓްބޯޅަ މުބާރާތުން ފުރުޞަތު ދޭނެކަމަށް އެފް.އޭ.އެމް އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.