
މިމަހުގެ 15 ވަނަ ދުވަހު މާލެއިން އުތުރުގެ ބައެއް ރަށްތަކަށް ދަތުރުކޮށްފައިވާ ށ. ނަރުދޫ “އަމާޒު” ބޯޓުން ދަތުރުކުރި މީހަކު ކެންދޫގައި ކަރަންޓީނު ކޮށްފިއެވެ.
އަމާޒު ބޯޓްގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވުމުން ގިނަ ރަށްތަކެއްގައި ބަލި ފެތުރުމުގެ ބިރު ބޮޑުވުމާއި ގުޅިގެން، އެޗްޕީއޭ އިން ރޭ ވަނީ މި މަހުގެ 15 ވަނަ ދުވަހު އެ ބޯޓުން ދަތުރުކުރި މީހުން އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައި އެންގުމަށް އެދިފައެވެ.
ކެންދޫ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަމާޒު ބޯޓުން ދަތުރުކުރި މީހަކު އެރަށޫގައ ހުރި ޚަބަރު ލިބުމާއެކު އެ ފަރާތުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރެވިފައިވާ ކަމަށެވެ. އަދި އެ މީހާ މިވަގުތު އެރަށު ކަރަންޓީނު ފެސިލިޓީގައި އެކަހެރި ކުރެވިފައިވާ ކަމަށް ވެސް އެރަށު ކައުންސިލުން ބުންޏެވެ.
“މިކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް މިކަން އިތުރަށްބަލާ މޮނިޓަރ ކުރެވެމުންދާ ވާހަކަ ދަންނަވަން،” ކެންދޫ ކައުންސިލުގެ ނޫސް ބަޔާނުގައިވެ އެވެ.
މި ބޯޓުން 98 މީހަކު ދަތުރުކޮށްފައިވާއިރު މި ބޯޓަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރި ބޯޓެކެވެ. މި ބޯޓު ވަނީ ނ. މާފަރާއި ހެނބަދޫ، މިލަދޫ، ވެލިދޫ، ކެނދިކުޅުދޫ، ހޮޅުދޫ އަދި ށ. ނަރުދޫ، ފުނަދޫ، މާއުނގޫދޫ އަދި ފީވައްގެ އިތުރުން ހއ. އުތީމާއި ދިއްދޫ އަށް ދަތުރުކޮށްފައިވައެވެ.
މި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ފަސް މީހެއްގެ ފަރާތުން ވަނީ ބަލީގެ އަލާމާތްތަކެއް ފެނިފައެވެ.
އަމާޒު ބޯޓުގެ ކެޕްޓަން ޕޮޒިޓިވްވުމުން އެ ބޯޓު ދަތުރުކުރި ބައެއް ރަށްތައް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި ޓާސްކްފޯސް އިން އާއްމުކުރާ އެންގުންތަކަށް ބޯ ލަނބައި ހުރިހާ އެންމެންވެސް ފަރުދީ ޒިންމާ އަދާކޮށް، ކޮންމެހެން ބޭނުންވާ ޒަރޫރީ ބޭނުންމެއްގައި ނޫނީ ގެއިން ބޭރަށް ނުކުމެ ނޫޅޫމަށް ކެންދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
