
އިލްކެޝަން ކޮމިޝަނުން އިއްޔެ ފެށި ޑިމޮކްރަސީ ވީކްގެ ޓެލެކޮމް ޕާޓްނަރަކަށް މުއާސަލާތީ ކުންފުނި ދިރާގު ހަމަޖައްސައިފި އެވެ.
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގައި ޑިމޮކްރަސީއާ ބެހޭގޮތުން އާންމުން ހޭލުންތެރިކޮށް ސްކޫލްތަކުގެ ދަރިވަރުންނާއި އެކި އުމުރުފުރާގެ މީހުންނަށް މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އެގޮތުން ބަހުސް މުބާރާތް ފަދަ ހަރަކާތްތައް މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ޕްރޮގްރާމްގެ ޓެލެކޮމް ޕާޓްނަރުގެ ގޮތުގައި ދިރާގު ހަމަޖައްސައި، އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ މާލެ އާއި ހއ. ހޯރަފުުށީގައި ބާއްވި މި ޕްރޮގްރާމަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވަ މިފަދަ ޕްރޮގްރާމް ކަމަށެވެ.
“ޑިމޮކްރަސީ ވީކް”ގެ ޓެލެކޮމް ޕާޓްނަރުގެ ގޮތުގައި ދިރާގު ހަމަޖައްސާފައިވާ އިރު މި ޕްރޮގްރާމްގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ. އަދި މި ޕްރޮގްރާމްގެ ބައެއް ހަރަކާތްތައް ޓީވީއެމް އިން ވަގުުތުން ދައްކާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވިި ގޮތުގައި ގައުމީ ފެންވަރުގައި ބާއްވާ މިފަދަ ބޮޑެތި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދެ އެވެ..