
ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ހުރެގެން މޮނީޓަރިން ހާލަތަށް ގެނައި ބ. ފުޅަދޫ މޮނީޓާ ލިސްޓުން ނަގައިފި އެވެ.
މިމަހުގެ 20 ވަނަ ދުވަހު ފުޅަދޫ މޮނިޓަރިން ހާލަތަށް ގެނައީ އެރަށުގައި ހުރި މީހެއްގެ ގައިން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށެވެ. ނަމަވެސް ޓެސްޓްކުރި މީހާ ނެގަޓިވް ވުމުން އެ ރަށް މޮނިޓަރިން ހާލަތުން އިއްޔެ ވަނީ ނަގައިފަ އެވެ.
ފުޅަދޫގެ އިތުރުން މޮނިޓަރިންގެ ހާލަތުގައި އޮތް ނ. ވެލިދޫ އާއި ކ. މާފުށި ވެސް ވަނީ މޮނިޓަރިން ހާލަތުން ނަގައިފަ އެވެ.
މިއަތޮޅުން މޮނިޓަރިން ހާލަތުގައި މިވަގުތު އޮތީ ކެންދޫ އެކަންޏެވެ. މިދިޔަ އާދީއްތަ ދުވަހު އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މާލެ އިން ފުރައިގެން އުތުރުގެ ތިން އަތޮޅަކަށް ދަތުރުކުރި “އަމާޒު” ބޯޓުން ދަތުރުކުރި މީހަކު އެރަށުގައި ހުރުމުންނެވެ.
ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވާ ބައްޔަށް ރާއްޖެއިން މިހާތަނަށް 250 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 17 މީހަކު ރަނގަޅުވެ، މިހާރު ފަރުވާ ދެމުން އަންނަނީ 233 މީހުންނަށެވެ.
