ދިރާގުން މިހާރު ބޭނުން ކުރަމުން ގެންދާ އިނގިރޭސި ވެބްސައިޓްގެ ދިވެހި ސެކްޝަން ލޯންޗް ކޮށްފި އެވެ.
ދިރާގު މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ވެބްސައިޓް ދިވެހި ސެކްޝަން ލޯންޗް ކޮށްދެއްވީ ދިވެހި ބަހުގެ އުސްތާޒެއް ކަމަށްވާ އަބްދުﷲ ސާދިގު (ސޯދުބެ) އެވެ.
ވެބްސައިޓް އިފްތިތާހް ކޮށްދެއްވުމަށްފަހު ވާާހަކަ ދައްކަވަމުން ސޯދުބެ ވިދާޅުވީ މިއަދަކީ ދިރާގުގެ ކަސްޓަމަރުންނަށް އަދި ހާއްސަކޮށް ދިވެހި ބަހަށް ލޯބިކުރަށްވާ ކަސްޓަމަރުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ކަސްޓަމަރުންނަށް ބޭނުންވާ މައުލޫމާތު ދިވެހި ބަހުން ލިބޭނޭ މަގު މިއަދު މިއޮތީ ވަރަށްބޮޑަށް ފަހިވެފައި ކަމަށެވެ. ހަމައެއާއެކު ދިވެހިބަހުން ދިރާގުގެ ހިދްމަތްތަކުގެ މައުލޫމާތު ލިބޭނޭ މިފަދަ ނިޒާމެއް ގާއިމްވެގެން ދިއުމުގެ ސަބަބުން ދިރާގުގެ ހިދްމަތްތައް ބޭނުން ކުރައްވާ ފަރާތްތަކާއި ދިރާގާ ދެމެދު ވަރުގަދަ އަދި ބަދަހި ގުޅުމެއް އުފެދިގެން ދާނޭ ކަމަށެވެ.
މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަށްވަމުން އަންނަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ވީހާ ވެސް ފަސޭހައިން ކުންފުނީގެ ހިދްމަތްތައް ލިބޭނޭ މަގުތަނަވަސް ކޮށްދެއްވަން ކަމަށާއި އެގޮތުން ހުސްވި އަހަރުގެ އޯގަސްޓް މަހު ކަސްޓަމަރުންގެ ވަރަށް ގިނަ ހިޔާލުތަކާ އެކު ދިރާގުގެ އާވެބްސައިޓެއް ތަފާތު ހިދުމަތްތަކަކާ އެކު އިފްތިތާހުކުރުމާ އެކު ކަސްޓަމަރުންގެ ފަރާތުން ވަރަށް ރަނގަޅު ފީޑްބެކްތަކެއް ލިބިގެން ދިޔަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދިރާގުން ބުނީ ދިވެހި ބަހުގެ ވެބްސައިޓް ލޯންޗް ކުރުމުގައި ގިނަ ފަރާތްތަކަކުން އެހީތެރިކަން ލިބިފައިވާ ކަމަށެވެ.