
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން، އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފައި ވަނިކޮށް މިއަދު ބ. ގޮއިދޫ އިން، އެ ރަށާ ޖެހިގެން އޮންނަ ފެހެންދުއަށް ފަތާފައި ދިޔަ މީހަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނިގޮތުގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ އެނބުރި ގޮއިދުއަށް ދަނިކޮށް ފަޅުތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހަލުއިކަމާ އެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލްކުރަން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ހުއްދަ ނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ މަނާކަމެކެވެ. މި އެންގުމާ ހިލާފުވާ މީހުން މީގެ ކުރިން ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
