ރާއްޖޭގައި ދޭ ކުޅިވަރުގެ އެންމެ އަގުބޮޑު އަދި އެންމެ ޝަރަފްވެރި އެވޯޑްސް ކަމަށްވާ “ހަވީރު ސްޕޯޓްސް އެވޯޑްސް”ގެ 21 އަހަރުން ދަށުގެ އެންމެ އުއްމިދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ބ. އޭދަފުއްޓަށް އުފަން ހަމްޒާ މުހައްމަދު (ހަމްޕު) ހޯދައިފި އެވެ.
ނިއުރޭޑީއަންޓްގެ ހަމްޕު މި ވަގުތު ރާއްޖޭގައި ނެތުމުން މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފްލާގައި އެވޯޑާ ހަވާލުވީ ނިއުގެ ބޯޑު މެންބަރު އައިޝަތު ނާޒިމާ އެވެ. ހަމްޕު މިވަގުތު ހުރީ އޭފްސީ ކަޕަށް ހޮންކޮންގަ އެވެ.
އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަސަދުﷲ އެވެ. މިއީ ހަވީރު ސްޕޯޓްސް އެވޯޑްގެ ތާރީހުގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ކުޅުންތެރިޔަކު ދިފާއުކުރި ފުރަތަމަ ފަހަރު އެވެ. ދެ ވަނަ އަށް އަސްހަދު އަލީ (އަޑުބަރޭ) ދިޔައިރު ތިން ވަނަ ލިބުނީ އަހުމަދު ނާޝިދު (ނާއްޓޭ) އަށެވެ. މި އެވޯޑަށް އޭދަފުއްޓަށް އުފަން ޝާފީ އަހުމަދުވެސް ވާދަކުރި އެވެ.