އަންނަ ހަފްތާގައި ވެސް ބޭންކްގެ ހިދުމަތްތައް ދޭނީ ހޯމަ އާއި ބުދަ ދުވަހު

މާލެ ލޮކްޑައުންގައި އޮތުމުގެ ސަބަބުން އަންނަ ހަފްތާގައި ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތްދޭނީ ހޯމަ އާއި ބުދައިގައި ކަމަށް ބީއެމްއެލުން ބުނެފި އެވެ.

ބީއެމްއެލުން ބުނިގޮތުގައި އެ ދެ ދުވަހު ބޭންކްގެ ހިދުމަތްތައް ދޭނީ ހެނދުނު 9:30 ން 12:00 އަށެވެ.

ބޭންކްގެ ހިދުމަތް ދޭ މި ވަގުތުތަކުގައި ބީއެމްއެލްގެ އޮފީސްތައް ބަންދުކޮށްފައި ހުރި ނަމަވެސް އޮންލައިންކޮށް ހިދުމަތް ލިބޭނެ އެވެ. މީގެ ތެރޭގައި ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމާއި މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމާއި އޭޓީއެމް މެދުވެރިކޮށް ޖަމާ ކުރާ ޗެކްތަކަށް ފައިސާ ޖަމާ ކުރުމާއި ބޭންކް ޓްރާންސްފާ ފަދަ ހިދުމަތްތައް ހިމެނެ އެވެ.

ބީއެމްއެލުން ބުނީ މި ހިދުމަތްތަކުގެ ތެރެއިން ކުންފުނިތަކާއި އޮފީސްތަކުގެ މުސާރަތައް ޖަމާކޮށްދޭން އެދި ހެނދުނު 10:00 ގެ ކުރިން ހުށަހަޅާ ފޯމުތައް އެ ދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ. އަދި ބޭރަށް ފައިސާ ފޮނުވަން ހެނދުނު 11:00 ކުރިން ފޯމު ހުށަހެޅުމުން އެއް ދުވަހުން ޕްރޮސެސް ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލުން ދޭ ހިދުމަތްތަކުގެ ތެރެއިން ނަގުދު ފައިސާގެ މުއާމަލާތް ކުރަން ބޭނުންވާ ކަސްޓަމަރުން އޭޓީއެމް މެދުވެރިކޮށް، އެ މުއާމަލާތް ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އޭޓީއެމް މެދުވެރިކޮށް، ފައިސާ ޖަމާ ކުރެވޭ އަދަދު ވެސް ބީއެމްއެލުން އިއްޔެ ވަނީ އިތުރުކޮށްފަ އެވެ. މިހާރު އަމިއްލަ ފަރާތްތަކަށް 100،000ރ. އާ ހަމައަށް ފައިސާ ޖަމާ ކުރެވޭއިރު ވިޔަފާރިތަކަށް 500،000ރ. އާ ހަމައަށް ފައިސާ ޖަމާ ކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.