ގެސްޓްހައުސް ވިޔަފާރި: 100 މިލިއަން ޑޮލަރުގެ 100 އިގެ ވިޔަފާރިއެއް

IMG_6167

ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅު، ޓޫރިޒަމް ރާއްޖެއަށް ތައާރަފުވެގެން އައި ދުވަސްވަރު، ރާއްޖޭގައި ޓޫރިސްޓް ރިސޯޓްތަކާއެކު ގެސްޓްހައުސް ވިޔަފާރި ކުރިއަރައި ތަރައްޤީވަމުން އައީ ހަލުވި ސްޕީޑެއްގައެވެ. މިގޮތުން ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން އިތުރުވެ، ރިސޯޓްތަކުގެ ވިޔަފާރި މިކަމުގެ ނޭދެވޭ އަަސަރުކުރި ކަންބޮޑުވާ މިންވަރަށް ކުރިއެވެ. ވާނެ އެއްޗެއް ވާނޭ ބުނާ އުސޫލުން، 1984 ވަނަ އަހަރުގެ މެއި މަހު ސަރުކާރުން ވަރަށް ކުއްލިގޮތަކަށް ގެސްޓްހައުސް ވިޔަފާރިކުރުން މާލެ ފިޔަވައި އެހެން ރަށްތަކުގައި މަނާކުރިއެވެ. ސަރުކާރުން ބުނަމުންގެންދިޔައީ، މިކަމަކީ ރިސޯޓުތަކުގެ ނުފޫޒެއްނެތި، ރާއްޖެތެރޭގެ ރަށްތަކުގައި އިސްލާމްދީން ހިމާޔަތްކުރުމަށް، ދީނާއި ޤައުމަށްޓަކައި ނިންމެވި ވަރަށް ފުރިހަމަ ނިންމެވުމެއް ކަމަށެވެ.

މިކަމުގެ ސަަބަބުން، ރާއްޖޭތެރޭގެ ރަށްތަކުގައި އާމްދަނީ ހޯދުމުގެ ހަމައެކަނި ދޮރަކީ މަސްވެރިކަމާއި، ސަރުކާރު ވަޒީފާ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ލިބޭ ހަދިޔާ އެކަނި ކަމުގައި ވެގެން ދިޔައެވެ. ކޮންމެ އަކަސް އާންމު އުސޫލުން މިކަމާދެކޮޅަށް ބަސްބުނާނެ ދިވެއްސަކު ނެތި، ދީނުގެ ހިމާޔަތުގައި ދިވެހިން 25 އަހަރު ހޭދަކުރުމަށްފަހު، ސަރުކާރާ އިދިކޮޅު ފަރާތްތަކުން ގުޅިގެން 2008 ވަނަ އަހަރު ގެސްޓްހައުސް ވިޔަފާރި ހުއްދަކުރާ ޤާނޫނެއް މަޖިލީހަށް ހުށަހަޅައި، ފާސްކުރިއެވެ. ނަމަވެސް މިޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް ހެދިގެން ދިޔައީ 2009 ވަނަ އަހަރު ކަމަށްވެފައި، ރާއްޖޭގެ ފުރަތަމަ ގެސްޓްހައުސް 2010 ވަނަ އަހަރު މާފުށީގައި ހުޅުވިގެން ދިޔައެވެ.

IMG_6472

ބައެއް ދީނީ ޝެއިހުން މިކަމާ ދެކޮޅަށް ފަތުވާދީ ހަދައި، މިކަމުގެ ސަބަބުން އިސްލާމްދީން ނެތިގެންދާނެ ކަމުގައި ބުނެހެދިއެވެ. އަދި މުޅި ރާއްޖޭގައި ރާލާއި އޫރުމަސް އާންމުވެ، ޤައުމުގެ އިޖްތިމާއީ ފޭރާން ވީދި ހަފުސްވާނެކަމުގެ ބިރުވެރި އިންޒާރު ދިނެވެ. އަދި މިކަމުގެ ސަަބަބުން ރާއްޖޭގެ ޓޫރިޒަމް ހަލާކުވެގެންދާނެކަމަށް ބައެއް ފަރާތްތަކުން ބުނެހެދިއެވެ. ނަމަވެސް، ދިވެހީންގެ ވިޔާނުދާގޮތުގައި އަބަދަށް ދެމިތިބޭން ބޭނުންނުވި ބަޔަކު، ފާޑުކިޔުންތަކަށް ބެލުމެއްނެތި، ގެސްޓްހައުސް ވިޔަފާރިއާއިގެ ކުރިއަށް ދިޔުމުގެ ނަތީޖާއަކީ، 5 އަހަރުގެ ތެރޭގައި ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމާ އެއްހަމައެއްގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރައިގެން ދިއުމެވެ. ރަލާ އޫރުމަހާނުލާވެސް ރާއްޖެ އަންނާނެ ފަތުރުވެރިން ތިބިކަން ސާބިތުވެގެން ދިއުމެވެ.

ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން، ރާއްޖެތެރޭ ފަސްކުޅަނދު މަދު ރައްޔިތުންގެ އާމްދަނީ އިތުރުވެ، ހޭލުންތެރިކަން އިތުރުވެގެން ދިޔައެވެ. ތިމާވެއްޓަށްދޭ ސަމާލުކަން އިތުރުވެ، އެންމެން ގުޅިގެން ރަށުތެރެ ސާފުތާހިރުކޮށް ބަލަހައްޓަން ފެށިއެވެ. އަދި ކުށްމަދު ވެއްޓެއް ޤާއިމްކޮށް، މަސްތުވެ ވަޒީފާނެތް ޒުވާނުން، މަސްތުން ފިލައި، ހަރުދަނާ ވަޒީފާ ތަކުގައި “ބިޒީ” ވެއްޖެއެވެ. ހަލާލު މަސައްކަތުން އަމިއްލަ ރަށުގައި، އާއިލާއާއި އެކުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދޭނެ މަގުތަނަވަސްވެ، ކުނިއަޅަން ގެންގުޅުނު ގޮނޑުދޮށްް، މިލިއަން ޑޮލަރު ނަގާ “ބީޗް” އަކަށް ވެއްޖެއެވެ.

ރާއްޖޭގައި މިހާރު 500 އަށް ވުރެ ގިނަ ގެސްޓްހައުސް 80 އަށް ވުރެ ގިނަރަށުގައި އެބަހުއްޓެވެ. އަދި 5000 އަށް ވުރެ ގިނަ އެނދުގައި 200،000 ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ވަސީލަތްތައް އެބަހުއްޓެވެ. އަދި ވަޒީފާތައް އިންތިހާއަށްގިނަވެ، އެންމެ އާދައިގެ މީހާއަށްވެސް ނަފާލިބޭ ވިޔަފާރިއަކަށް ގެސްޓްހައުސް ޓޫރިޒަމް މިއޮތީ ވެފައެވެ. މިއީ 100 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ 100 އިގެ ވިޔަފާރިއެެކެވެ. ކުރަމާ ހިނގާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.