
ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައި އޮތުމުގެ ސަބަބުން މާލެ އިން ރަށަށް ނާދެވި މާލޭގައި ތާށިވެފައި ތިބި ކަމަދޫ ރައްޔިތުން ރަށަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ކަމަދޫ ކައުންސިލުގެ ރައީސް އަޙްމަދު ސާޖިދު ވިދާޅުވީ ބޭސް ފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް ގޮސް ތިބި އެރަށުގެ ބައެއް މީހުން އެނބުރި ރަށަށް ނާދެވި މާލޭގައި ތާށިވެފައިވާ ކަމަށެވެ
ސާޖިދު ވިދާޅުވީ މާލެއިން ގެނެވޭ މީހުން 14 ދުވަސް ވަންދެން ބައިތިއްބާނީ ގެސްޓުހައުސްތަކުގައި ކަމަށެވެ. އެގޮތުން ކައުންސިލުން އެރަށު ގެސްޓްހައުސްތަކާ މަޝްވަރާ ކޮށްގެން މިހާރު ބައެއް ގެސްޓްހައުސްތައް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
“ގެތަކުގައި ކައްކާ އެއްޗެހި ޓާސްކްފޯސް މެދުވެރިކޮށް ފޯރުކޮށްދޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވަނީ،”
ކޮވިޑް-19 ޖެހިފައިވާ މީހަކު މާލެއިން ފެނުމުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މިދިޔަ މަހުގެ ނިޔަލަށް މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވަނިކޮށް، އެ މުއްދަތަށް 14 ދުވަސް ވަނީ އިތުރުކޮށްފަ އެވެ. ކުއްލިއަކަށް މާލެ ލޮކްޑައުން ކުރުމާ އެކު މާލެ އެރުން ވެސް މަނާވެ، ގިނަ ބަޔަކު ތާށިވި އެވެ.
