
ކޮވިޑް-19 ކޮންޓްރޯލްކުރަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހުއްދަ ނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް ކެނޯއެއްގައި ދަރަވަންދޫއަށް ދިޔަ މީހަކު ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ބ. މާޅޮހު ޓާސްކް ފޯސްގެ ހުއްދަނެތި ކެނޯއެއްގައި ރޭ އިރާކޮޅު، އެ ރަށުން ދަރަވަންދޫއަށް ގޮސް ފިލައިގެން އުޅުނު 29 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ރޭ ދަންވަރު ދަރަވަންދޫ އިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ވަނީ، ކޮވިޑް-19 ކޮންޓްރޯލްކުރަން ރަށުގެ ޓާސްކްފޯސްތަކުން އަންގާ އެންގުންތަކަށް ތަބާވުމަށް އިލްތިމާސްކޮށްފަ އެވެ.
ފުރުން މަނާކޮށްފައިވަނިކޮށް، އެއް ރަށުން އަނެއް ރަށަށް ދަތުރުކޮށްގެން މީގެ ކުރިން ވެސް ބަޔަކު ހައްޔަރުކޮށްފައި ވެ އެވެ. އެގޮތުން މިދިޔަ ހަފްތާ ބ. ގޮއިދޫ އިން، އެ ރަށާ ޖެހިގެން އޮންނަ ފެހެންދުއަށް ފަތާފައި ދިޔަ 40 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ އެނބުރި ގޮއިދުއަށް ދަނިކޮށް ފަޅުތެރެއިންނެވެ.
ފުލުހުން ދަނީ އެ މައްސަލަތައް ތަހުގީގުކުރަމުންނެވެ.
