ކޮވިޑް19: ސާމްޕަލް ނަގަން ދިރާގުން 15 ކިއޮސްކު ހަދިޔާ ކޮށްފި

ދިރާގުން ހަދިޔާ ކުރި ކިއޮސްކު ބޭނުންކޮށްގެން ސާމްޕަލް ނަގަނީ– ފޮޓޯ: ދިރާގު

ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނަގަން 15 ކިއޮސްކު ދިރާގުން ހެލްތު މިނިސްޓްރީއަށް ހަދިޔާ ކޮށްފި އެވެ.

ސާމްޕަލް ނަގާ ކިއޮސްކުތަކަކީ ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ކިޓުތަކުގެ ބަދަލުގައި، ސާމްޕަލް ނެގުމަށް ސިއްހީ ހިދުމަތްތެރިން ބޭނުން ކުރާ ބޫތެކެވެ. މީގެ ސަބަބުން ޕީޕީއީ ކިޓު ބޭނުން ކުރާ މިންވަރު މަދުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މި ކިއޯސްކްތަކަކީ ކުރީ ސަފުގައި މަސައްކަތްކުރަމުންދާ ސިއްޙީ މާހިރުންނަށް ކޮވިޑް19 އަށް ބަލި މީހުން ޓެސްޓު ކުރުމަށް ބޭނުން ކުރެވޭނެ ރައްކާތެރި ވަސީލަތެކެވެ.

ދިރާގުން ވަނީ، ހެލްތް މިނިސްޓްރީގެ ބޭނުންތަކަށް 15 ސާމްޕްލިންގ ކިއޯސްކް ހަދިޔާ ކުރަން ނިންމާފައެވެ މި ކިއޯސްކްތައް އެ މިނިސްޓްރީން ވަނީ ގްރޭޓާ މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބެހެޓުމަށް ހަމަޖައްސާފައިއެވެ.

މި ސާމްޕްލިންގ ކިއޯސްކްތައް ކުރީސަފުގައި މަސައްކަތް ކުރާ ސިއްޙީ މާހިރުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑު އެހީއަކަށް ވެެގެންދާނެއެވެ. ސަބަބަކީ މި ކިއޯސްކްތަކުގެ އެތެރޭގައި ހުރެގެން ބަލި މީހުން ނުވަތަ ބައްޔަށް ޝައްކުރެވޭ މީހުންގެ ސާންޕަލް ނެގުމުން އެފަދަ ފަރާތްތަކާ ޑައިރެކްޓް ކޮންޓެކްޓް އެއްގޮތަކަށްވެސް ނުވާނެތީއެވެ. މީގެ އިތުރުން، މި ކިއޯސްކްތައް ބޭނުން ކުރުމުން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް ނުވަތަ ޕީ.ޕީ.އީ ބޭނުން ކުރަންޖެހޭ މިންވަރު މަދުވެގެންދާނެއެވެ. މުޅި ދުނިޔޭގައިވެސް ޕީ.ޕީ.އީ ލިބުމުގައި ދަތިތަކެއް އުޅޭ މި ފަދަ ދަނޑިވަޅެއްގައި، މި ކިއޯސްކްތަށް މެދުވެރިކޮށް، ރައްކާތެރިކަމާއެކު ގިނަ ބައެއްގެ ސާމްޕަލް ނެގުމަށް މަގުފަހިވެގެން ދާނެއެވެ.

މި އީޖާދީ ކޮވިޑް-19 ސާމްޕްލިންގ ކިއޯސްކްތަކުގެ މޮޑެލް އެންމެ ފުރަތަ އުފައްދާފައިވަނީ ސައުތު ކޮރެއާގައި އެވެ. އޭގެ ފަހުން ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިފަދަ ކިއޯސްކްތައް ވަނީ އުފައްދާ، ބޭނުންކުރަން ފަށާފައިއެވެ. މީގައި އެކުލެވިގެންވާ ޝީލްޑިންގ ސްކްރީން މަސައްކަތްކުރާނީ ޕޭޝަންޓުންގެ ކިބައިން އަންނަ ޑްރޮޕްލެޓްސް ސިއްޙީ އެހީތެރިންނާއި ކޮންޓެކްޓް ނުވާނެ ފަދަ އައްޑަނައެއްގެ ގޮތުގައިއެވެ. އެހެން ކަމުން ޕީ.ޕީ.އީ ގިނަގިނައިން ބަދަލު ކުރަން ޖެހުން ކުޑަވެގެން ދާނެއެވެ. މިއީ ރާއްޖޭގައި މިފަދަ ކިއޯސްކެއް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.

މި ކިއޯސްކްތަކުގެ އެންމެ ފުރަތަމަ ޕްރޮޓޮޓައިޕް އާއި ޕްރްޑަކްޓް ރާއްޖޭގައި ފަރުމާކޮށްފައިވަނީ އެމް.އެން.ޑީ.އެފް ސެނަހިޔާއާ ގުޅިގެން ޕްރިންޓް ލެބް ކްރިއޭޓިވްސްއިންނެވެ. އަދި ތައްޔާރުކޮށްފައިވަނީ ހެލްތް މިނިސްޓްރީ އަދި ނެޝެނަލް އެމަޖެންސީ އެޕަރޭޝަން ސެންޓަރުގެ ލަފަޔާ އިރުޝާދާ އެއްގޮތަށެވެ.

ދިރާގުން ބުނީ، އެ ކުންފުނިން އުންމީދު ކުރަނީ މި ސާމްޕްލިންގ ކިއޯސްކް ތަކުގެ ސަބަބުން ކޮވިޑް-19 އަށް ރައްކާތެރިކަމާއެކު ޓެސްޓް ކުރުން އިތުރު ވެގެންދާނެކަމަށެވެ.

އަދި މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް، އަމިއްލަ ފުރާނަ އަތް މައްޗަށްލައިގެން ކުރީސަފުގައި މަސައްކަތްކުރާ ސިއްޙީ އެހީތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅަކަށް ވެގެންދާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.