މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ އިންޖީނުގޭގައި ބޭނުންކުރަމުންދިޔަ އެންމެބޮޑު ޖަނަރޭޓަރު މައްސަލަޖެހި އެރަށުގެ ގޭގެއަށް ކަރަންޓް ދިނުމުގައި ވަރަށްބޮޑަށް ދަތިވަމުންދާކަމަށް ކިހާދޫ އޮފީހުން ވިދާޅުވެއްޖެއެވެ.
ކިހާދޫ އޮފީހުން މިހެން ވިދާޅުވެފައިމިވަނީ މިދިޔަ މަހު މިއަތޮޅު ކެންދޫގެއިންޖީނުގޭގައި ބޭނުންކުރި މައިޖަނަރޭޓަރުވެސް މައްސަލަޖެހި ރަށުގެ ގޭގެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވުމަށްފަހު އެކަންހައްލުކުރެވުނުތާ ދެހަފްތާވެސް ނުވަނީހެވެ.
ކިހާދޫ އޮފީހުން ވިދާޅުވީ ކުރިން އެރަށު އިންޖީނުގޭގައި ބޭނުންކުރި ސާޅީސް ކިލޯވޮޓްގެ މައިޖަނަރޭޓަރު މައްސަލަޖެހުނީ މިދިޔަ ހަފްތާގައިކަމަށާ، މިހާރު ރަށުގެގޭގެއަށް ކަރަންޓް ފޯރުކޮށްދެމުންދަނީ ، ވިހިކިލޯވޮޓްގެ އެންމެ ޖަނަރޭޓަރަކުންކަމުގައެވެ. ތިންވަނައަށްހުރި 18 ކިލޯވޮޓްގެޖަނަރޭޓަރުވެސް މީގެ އެތަށްމަހެއްކުރިންވަނީ މައްސަލަޖެހި ހިންގޭގޮތްނުވެފައެވެ. ކިހާދޫ ބޮޑުކަތީބު އަބްދުﷲ ނަސީމް ވިދާޅުވީ މިހާރު ކަރަންޓް ދެމުންގެންދާ ހަމައެކަނި ޖަނަރޭޓަރުވެސް ބައެއްވަގުތުތަކުގައި ނިއްވާލަންޖެހޭކަމަށާ، ރޭގަނޑުވަގުތުތަކުގައި މުޅިރަށުގެ މަގުތަކާ ބަނދަރު ބައްތިތައް އެއްގޮތަކަށްވެސް ނުދިއްލޭކަމުގައެވެ.
“މިޖަނަރޭޓަރުން މިހާރު އެއްގޮތަކަށްވެސް ކެއްވާވަރެއްނޫން. އަނެއްކޮޅުން ދެދުވަހުން އެއްދުވަހުޖަނަރޭޓަރުގެ ހޫނުކަން ފިލުވާލާ، ފެނާ، ތެޔޮއަޅާކަންތައްކުރަން ނިއްވާލަންވެސް ޖެހޭ. ރޭގަނޑު މުޅި ރަށުގެ މަގުތަކާ، ބަނދަރުގެ ބައްތިތައް ނިއްވާލައިގެންނާ، އާންމުންވެސް ކިރިޔާ ކަރަންޓް ފުދޭވަރަށް ބޭނުންކުރާތީ މިހާވަރުވެސް މިވަނީ.” ބ. އަތޮޅުގައި ކައުންސެލަރަކު މިހާތަނަށް ނުލައްވައި ހުރި ކިހާދޫގެ ބޮޑުކަތީބު ނަސީމު ވިދާޅުވިއެވެ.
ކިހާދޫ އޮފީހުން ވިދާޅުވީ މިހާރު ކައްތައް ހުރިގޮތުން ބޭނުންކުރަމުންދާ 20 ކިލޯވޮޓްގެ ޖަނަރޭޓަރު މައްސަލަޖެހިއްޖެނަމަ، ކިހާދޫން ކަރަންޓްގެ ހިދްމަތް މުޅިންކެނޑޭނަކަމަށެވެ. ނަމަވެސް ނަސީމް ވިދާޅުވީ މައްސަލަޖެހުނު ޖަނަރޭޓަރު ރައްޔިތުންގެ ހަރަދުގައި މަރާމާތުކުރެވޭތޯ ބަލަމުންދާކަމަށާ، އުއްމީދަކީ ވީހާ އަވަހަކަށް މައްސަލަ ހައްލުކުރެވި އާދައގެ ހާލަކަށް އެޅުންކަމަށެވެ.
420 މީހުންގެ އާބާދީއެއްއޮތް ކިހާދޫގައި ކަރަންޓްގެ ހިދްމަތް ފޯރުކޮށްދެމުންދަނީ އެރަށު ރައްޔިތުންގެ ނަމުގައި ހަދާފައިވާ އިންޖީނުގެއިންނެވެ.
— ބ. އޭދަފުށިން އަބްދުލްގައްޔޫމް