ގިނަ އަދަދެއްގެ ނޫސްވެރިން ސޮއިކޮށް ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅައިފި

image-1eba97343c9a4add3407d5e62ad4ff69aaf6e5d42f65efd087e5b5faddab100e-V

 

ނޫސްވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ނޫސްވެރިކަމަށް ހުރި ކަންބޮޑުވުންތައް ހިމަނައިގެން ގިނަ ނޫސްވެރިންތަކެއް ސޮއިކޮށްފައިވާ ޕެޓިޝަނެއް ދައުލަތުގެ ތިން މުއައްސަސާއަކަށް ހުށަހަޅައިފި އެވެ.
ރާއްޖޭގެ 11 މީޑިއާ ގްރޫޕްކުން 183 ނޫސްވެރިން ސޮއެކޮށްފައިވާ އެ ޕެޓިޝަން ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ސުޕްރީމް ކޯޓު އަދި ރައްޔިތުންގެ މަޖިލީހަށެވެ.

 

ޕެޓިޝަން ހުށަހެޅުމަށް ފަހު ރައްޔިތުން މަޖިލީހުގެ ބޭރުގައި މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ނޫސްވެރިން އިއްޔެ ބޭއްވި ޕްރެސްގައި ވާހަކަދައްކަވަމުން މިނިވަން ނޫހުގެ އެޑިޓަރު ޒަހީނާ ރަޝީދު ވިދާޅުވީ ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ފާޅުކޮށް ޕެޓިޝަނެއް ތައްޔާރު ކުރުމަށް މިދިޔަ ހަފްތާތެރޭގައި މަސައްކަތް ކުރި ކަމަށާއި އެގޮތުން މިހާތަނަށް ރާއްޖޭގެ 11 މީޑިއާއެއްގެ 183 ނޫސްވެރިންގެ ޕެޓިޝަނުގައި ސޮއިކޮށްފައިވާ ކަމަށެވެ.

 

މި ޕެޓިޝަންގައި ނޫސްވެރިން ގޮވާލާފައިވާ ކަންތައްތައް؛

      1- ވަގަށް ނަގާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުاللهގެ މައްސަލައިގެ ފުރިހަމަ އަދި މިނިވަން ތަހުގީގެއްކޮށް، އެ މައްސަލާގައި ކުށްވެރިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުން.

 

      2- މީޑިއާއަށް ކުރިމަތިވެފައިވާ ބިރުދެއްކުމުގެ ޢަމަލުތަކާއި ހަމަލާތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެކަމުގެ ފަހަތުގައިވާ ފަރާތްތަކާ ދެކޮޅަށް ދަޢުވާކޮށް، އިންސާފުގެ ކުރިމައްޗަށް ގެންނަން ގޮވާލުން.

 

      3- ބްރޯޑްކާސްޓަރުން ރެގިއުލޭޓްކުރާ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނަށް ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓުން އައްޔަނުކޮށްފައި ތިބުމަކީ، އެކޮމިޝަންގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭނެ ކަމެއްކަމަށް ގަބޫލުކުރެވޭތީ އާއި، އެކަމާ މެދު މިހާރު ވެސް ރައްޔިތުންގެ މެދުގަ އާއި ނޫސްވެރީންގެ މެދުގައި ނުހަނު ކަންބޮޑުވުން އުފެދިފައި އޮތުމުން، އެ މުއައްސަސާގެ މުސްތަގިއްލުކަމާ މެދު ސުވާލު ނުއުފެދޭނެ ގޮތަކަށް އެކަން އިސްލާހުކުރަން އަވަސް ހައްލެއް ގެނައުން.

 

      4- މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ރާއްޖެޓީވީ އަދި ސަންގުޓީވީއާ ދެކޮޅަށް ބަލަމުންދާ މައްސަލަތައް މިނިވަންކަމާ އެކު ވަކި ފަރާތަކަށް ނުޖެހި، ކަމުގެ ހަގީގަތަށް ބުރަވެ ތަހުގީގުކޮށް ނިންމުން.

 

      5- މީޑިއާތަކާއި ނޫސްވެރިންނަށް ހުރަސް އަޅާ، ބިރުދެއްކުމަށް ގޭންގްތަކާއި، ދީނީ އަދި ސިޔާސީ ގޮތުން ހައްދުފަހަނައަޅާފައިވާ ފަރާތްތަކުން ދެމުންދާ ނަފްސާނީ އަދި ޖިސްމާނީ ހަމަލާތައް، ހުއްޓުވަން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅުތައް ނާޅާ މައްސަލަ.

 

      6- ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ “އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް” އަކީ އޭގެ ސަބަބުން ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ހަނިކޮށްފައިވާ ބިލެއް ކަމުން، އެބިލް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލަން ގޮވާލުން.

 

      7- ރާއްޖޭގައި ނެރެމުން އަންނަ އެންމެ ދުވަސްވީ ދުވަހު ނޫސް އަދި އޮންލައިން ކަމަށްވާ “ހަވީރު”ގެ މިލްކިއްޔާތާ މެދު އުފެދިފައިވާ މައްސަލައިގެ ސަބަބުން އެ މީޑިއާ ހުއްޓިފައި އޮންނަން ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސްދޭން މެދުވެރިއެއްގެ ދައުރު ދައުލަތުން އަދާކުރުމަށް ގޮވާލުން.

 

      8- ނޫސްވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން މި ސަރުކާރުގެ ވެރިކަމުގައި މިހާތަނަށް ހައްޔަރުކޮށްފައިވާ 24 ނޫސްވެރިންނާ ދެކޮޅަށް ބަލަމުންދާ މައްސަލަތައް ހުއްޓާލައި އެނޫސްވެރިންނާ ދެކޮޅަށް ދަޢުވާނުކުރުމަށް ގޮވާލުން.

 

      9- ކޯޓުތަކުގެ އަޑުއެހުންތަކަށް ބައެއް މީޑިއާތަކަށް ނުވަދެވޭ ގޮތަށް ހެދުމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިވެންޓްތަކަށް އަމިއްލަ މީޑިއާތަކުގެ ނޫސްވެރިންނަށް ފުރުސަތު ނުދިނުމާއި، ވަކިވަކި މީޑިއާތައް އެކަހެރިކުރުމަށް ކުރެވޭ ކަންކަން އަދި ޖުމްލަކޮށް މިނިވަން ނޫސްވެރިކަމަށް ދައުލަތުގެ މުއައްސަސާތަކުން އަޅަމުންދާ ހުރިހާ ހުރަހެއް ނައްތާލަން ގޮވާލުން.

މީގެ އިތުރުން ނޫސްވެރިންނަށް އެފަދަ ނުރައްކާތެރި މާހައުލަކާ ކުރިމަތިލާން ޖެހިފައި ވަނިކޮށް، އެކަން ހުއްޓުވަން ދައުލަތުގެ މުއައްސަސާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ކޯޓުތަކާއި ޤާނޫނު ހަދާ މަޖިލީސް ފަދަ ދަޢުލަތުގެ މުއައްސަސާތަކުގެ ތެރެއިން ނޫސްވެރިންގެ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިކުރުވަން މަސައްކަތްކުރަމުން ދާ މަންޒަރު ފެންނަމުންދާކަން މި ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.

 

12932593_10153943232886206_2876004033926888372_n
ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާ ދަރަޖައަށް ދަށަށް ގޮސްފައިވާ ކަމަށާއި އެ މިނިވަންކަން ރައްކާތެރިކުރަން އަވަސް ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ގޮވާލާ ނޫސްވެރިން ވަނީ ހިމޭންކަމުގެ ހިނގާލުމެއް ވެސް މިދިޔަ ހުކުރު ދުވަހު މާލޭގައި ކުރިއަށް ގެންގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.