
އޭދަފުށީގައި ހުރި ސަރުކާރު އޮފީސް/ކުންފުނިތަކަށް ހުޅުވާލައިގެން އަންނަ ހޯމަ ދުވަހު ފަށާ “އިންޓަރ އޮފީސް ފުޓްސަލް ޗެލެންޓް 2013″ ގެ ގުރުލުން މާދަމާ ރޭ ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
މުބާރާތް އިންތިޒާމުކުރާ އޭދަފުށީ ޕޮލިސް ސްޓޭޝަނުން ބުނީ، އަންނަ މަހުގެ 6 ގެ ނިޔަލަށް ބާއްވާ މި މުބާރާތުގެ ގުރުލުން އޮންނާނީ ޕޮލިސް ސްޓޭޝަންގައި ބާއްވާ ހާއްސަ ހަފްލާއެއްގައި ކަމަށެވެ.
ކުރީ އަހަރެކޭ އެއްގޮތަށް މި ފަހަރުގެ މުބާރާތުގެ މެޗުތައްވެސް ކުރިއަށްދާނީ އުތުރުފަރާތު ސްޓޭޖް ސަރަހައްދުގަ އެވެ.
އޮފީސްތަކުގެ މެދުގައި ފޯރިއާއެކު ކުރިއަށްދާ މި މުބާރާތުގައި މިއަހަރު 15 އޮފީހަކުން 6 ޓީމު ވަނީ ބައިވެރިވެފައެވެ. އެއީ ވޭތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަން ބ. އަތޮޅު ތައުލީމީ މަރުކަޒާއި، އޭދަފުށީ ޕޮލިސް ސްޓޭޝަން އާއި ބެންކް/ހޮސްޕިޓަލް/ޖެންޑާ/ރަށު ކައުންސިލް ގުޅިގެން ނަގާފައިވާ ފޭސް ބެޗް ޓީމު އާއި ދިރާގު/ވިލާ ކޮލެޖް/ބައޮސްފިއާ ގުޅިގެން ނަގާފައިވާ (ޓީމު ޔުނައިޓެޑް) އާއި ޔުޓިލިޓީ/އެސްޓީއޯ/ކޯޓް ގުޅިގެން ނަގާފައިވާ (އީ-ކަތާ) ގެ އިތުރުން ވަތަނިއްޔާ/އެޓޯލް ކައުންސިލް/މީޑިޔާ ސެންޓަރުން އެކަލަވާލާފައިވާ ޓީމް ޑަބްލިޔު.އޭސީ މެވެ.
މި މުބާރާތަށް ޓީމުތަކުން މިހާރުދަނީ ފޯރިއާއެކު ތައްޔާރުވަމުންނެވެ.